ބާޒާރުގައި އަގު އުފުލެނީ ތަކެތި ނެތިގެނެއް ނޫން، ނުގެންނާތީ: ވިޔަފާރިވެރިން

މި ރޯދަ މަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި ގިނަ ބާވަތްތަކުގެ އަގު އުފުލިފައި ވަނީ ރަށްރަށުގައި ހައްދާ ތަކެތި މަދުވެގެން ނޫން ކަމަށާއި އެ ބާވަތްތައް މާލެއަށް ގެންނަ މިންވަރު ދަށްވެގެން ކަމަށް ގޮޅިތަކުގައި ވިޔަފާރިކުރާ މީހުން މިއަދު ބުނެފި އެވެ.


ރޯދަމަސް ފެށޭއިރު ބާޒާރުގައި ކަރަ އާއި ދޮންކެޔޮ އަދި މިރުސް ފަދަ ބާވަތްތައް ގިނަ އަދަދަކަށް ހުރެ އެވެ. ނަމަވެސް މިފަހަރު ފެންނަނީ އެއާ މުޅިން ހިލާފަށެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ވެސް ފެންނަނީ އެއް މަންޒަރެކެވެ. ރޯދަމަސް ފެށުއިރު އާއްމުކޮށް ވިއްކާ ގިނަ ބާވަތްތައް ވަރަށް ބޮޑަށް މަދުވެ، އަގުތައް ވެސް ވަރަށް ބޮޑަށް އުފުލިފައިވެ އެވެ.

ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 35ރ. އަށް އުފުލިފައިވާ މައިގަނޑު ސަބަބާ ބެހޭ ގޮތުން ވާހަކަދެއްކި މީހަކު ބުނީ، ކަރަލުގެ އަގު އުފުލިފައި ވަނީ ހަމައެކަނި ތޮއްޑު އާއި އެހެން ބައެއް ރަށްތަކުގެ ދަނޑުތަކަށް ގެއްލުން ލިބިގެން ކަމަށް ބުނާ ވާހަކަ ގަބޫލުކުރަން ދަތި ކަމަށެވެ.

ލޯކަލް މާރުކޭޓުގައި މިރުސް: ރޯދައާ ދިމާކޮށް މިރުހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި.

"ކަރާ ހައްދާ ރަށްރަށުގެ މީހުންނާ ވާހަކަދެއްކުމުން އެނގޭ ބޭނުންވާ ވަރަށް އެ ރަށްރަށުގައި ކަރާ އެބަހުރިކަން. އެކަމަކު ގެނެވޭނެ ގޮތެއް ނެތް ކަމަށް ބުނަނީ،" ދަތުރުވެރިންގެ މާރުކޭޓުގެ ގޮނޑިއެއްގައި ހުރި މީހަކު ބުންޏެވެ.

"އެ މީހުން ބަލަނީ ކަރަލުގެ އަގު އުފުލޭ މިންވަރަށް. ދެން މިތަނަށް ގެންނަނީ ކިރިޔަކިރިޔާ ހިފަހައްޓާލެވޭ ވަރަށް. އެއީ ކޮންމެ އަހަރަކު ވެސް ކަރާ ގެންނަ ރަށްރަށުން ހަދާ ގޮތެއް."

އޭނާ ބުނީ ކަރަލުގެ އިތުރުން މިރުހާއި ދޮންކޭލުގެ އަގު ވެސް އުފުލިފައި ވަނީ މާލެއަށް ގެންނަ އަދަދު މަދުވުމުން ކަމަށެވެ.

ގޮޅިއެއްގައި އިން އެހެން މީހަކު ބުނި ގޮތުގައި ވިއްސާރަވުމުން ދަތުރުފަތުރަށް މިހާރު އައިސްފައިވާ އުނދަގޫތަކާ ހެދި ވެސް ބާޒާރަށް އެއްޗެހި ގެނައުން ލަހެވެ.

ދޮންކެޔޮ ވަކެއްގެ އަގު 10ރ. އުފުލިފައިވެ އެވެ. ހެޔޮވަރު ސައިޒުގެ ދޮންކެޔޮގަނޑެއް މިހާރު ލިބެނީ 400ރ. އާއި 700ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި މިހާރު އެވްރެޖްކޮށް މިރުހުގެ އަގު އުޅެނީ ކިލޯއެއް 150 އާއި 450ރ. އަށެވެ.

"ކުރިޔަށް އޮތް ތަނުގައި މިރުހުގެ އަގުތައް ވެސް އުފުލޭނެ ކަމަށް ބެލެވެނީ. މިފަހަރު ރޯދަމަސް ފެށުނުއިރު ވެސް މިރުސް ލިބުނު މިންވަރު މަދު،" ގޮޅިއެއްގައި އިން މީހަކު ބުންޏެވެ.

ރޯދަމަހު އާއްމުކޮށް ފަނި ގިރަން ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގުތައް ވެސް ބޮޑެވެ. އެގޮތުން އަނބެއްގެ އެވްރެޖް އަގަކީ 20ރ. އެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި އަނބުތަކެއް

"އަނބު މޫސުން ނިމި މިހާރު ފުވައްމުލަކުން އަނބު ލިބުން ވަރަށް މަދުވެއްޖެ. އެކަމަކު މި މަސް ނިމެންދެން އަނބު ލިބޭނެ ކަމަށް އެ ރަށުން އަނބު ގެންނަ ބައެއް މީހުން ބުނޭ،" ގޮޅިއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ވެސް ބުނީ ރަށްރަށުން ތަކެތި ގެންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި ތަކެތީގެ އަގުތައް ކުރިޔަށް އޮތް ދިހަ ވަރަކަށް ދުވަހާ ހަމަޔަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.

"އާއްމުކޮށް ރޯދަމަހުގެ ފުރަތަމަ ދިހަ ދުވަހު ތަކެތީގެ އަގުތައް ދާނީ މައްޗަށް. ނަމަވެސް ފަހު ދިހައިން ފެށިގެން އަގުތައް ތިރިވާން ފަށާނެ،" އޭނާ ބުންޏެވެ.