ފަތިސް · 04:37

ކަރާ ކިލޯއެއްގެ އަގު 25ރ. އަށް ވެއްޓިއްޖެ

އއ. ތޮއްޑޫން ގިނަ އަދަދެއްގެ ކަރާ މިއަދު މާލެ ގެނައުމާ ގުޅިގެން، މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 25ރ. އަށް ވެއްޓިއްޖެ އެވެ.


ކަރާ ހެއްދުމަށް މަޝްހޫރު ތޮއްޑޫން ކަރާ ގެނައުމުގެ ކުރިން މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އެރި އެވެ. ނަމަވެސް ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 25ރ. އާއި 30ރ. އާ ދެމެދު އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު ބުނީ ތޮއްޑޫގެ އިތުރުން އެހެން ރަށްރަށުން ވެސް ކަރާ މަދުމަދުން ގެންނަ ކަމަށެވެ. އެހެންވެ މި ރޯދަ މަހުގައި ކަރަލުގެ އަގު އިތުރަށް ހެޔޮވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއަދު ތޮއްޑޫން ކަރާ ގެނައުމުން މިހާ ބޮޑަށް ދަށްވީ. ފުދޭ ވަރަކަށް ގިނަ އަދަދަކަށް ކަރާ މިހާރު މުޅި ބާޒާރުން ވެސް ލިބެން އެބަހުރި،" އެ މީހާ ބުންޏެވެ.

ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 30ރ. ގަ އެވެ. އެކަމަކު ހުކުރު ދުވަހު ވަނީ 40ރ. އަށް އަގު އުފުލިފަ އެވެ. މާލޭގެ ބާޒާރުގައި 40ރ. އަށް ކަރާ ކިލޯއެއް ވިއްކިއިރު ހުޅުމާލޭގައި ކަރާ ކިލޯއެއް ވިއްކީ 45ރ. އަށެވެ.