ކުރުނބާ އެބަހުރި، އެކަމަކު އަގު ވަރަށް ބޮޑު

މި ރޯދަމަސް ފެށުމުގެ ކުރިން އާއްމުކޮށް ކުރުނބާއެއް 15ރ. އަށް ގަންނަން ލިބެ އެވެ. އެކަމަކު ރޯދަމަސް ފެށުމާއެކު ކުރުނބާގެ އަގު ވަނީ 20ރ. އާއި 50ރ. އާ ދެމެދުގެ އަގަކަށް އުފުލިފަ އެވެ. އެއީ ރޯދަމަހާއެކު ކުރުނބާގެ ޑިމާންޑް އިންތިހާއަށް ބޮޑުވުމުން ކަމަށް ލަފާކުރެ އެވެ. ކުރުނބާއަކީ އާއްމުކޮށް ރޯދަމަހު ގޭގެއަށާއި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކަށް ވެސް ގިނަ އަދަދަކަށް ގަންނަ ބާވަތެކެވެ.


މިފަހަރު ކުރުނބާގެ އަގު ބޮޑުވެފައި ވަނީ ބާޒާރުގައި ނެތިގެނެއް ނޫނެވެ. މާލޭގެ މާރުކޭޓުގައި ކުރުނބާ ގިނަ އަދަކަށް ވިއްކަން ބަހައްޓާފައި އެބަހުއްޓެވެ. ބައެއް ގޮޅިތަކުގައި ތިބި މީހުން ކައިރީ އަގު އަހާލުމުން ބުނަނީ "ބޭނުންވަނީ ކިހާވަރެއް" ކަމަށެވެ. އޭނާ އޮޅުންފިލުވަން ބޭނުން ވަނީ ގަންނަން ބޭނުންވާ އަދަދެވެ. އެހާ ވެސް ގިނަ އަދަދަކަށް ކުރުނބާ މާރުކޭޓުގައި އެބަ އޮތެވެ. އެކަމަކު ކުރުނބާ ވިއްކާ އަގަށް ބަދަލެއް ގެންނާކަށް ބޭނުމެއް ނުވެ އެވެ.

މާރުކޭޓުގެ ގޮޅިއެއްގައި މީހަކު ކުރުނބައެއް ކެނޑުމަށްފަހު ފުޅިއަކަށް އަޅަނީ.

މާރުކޭޓުގައި ކުރުނބާގެ އަގު އުފުލިފައިވާ ސަބަބާ ބެހޭ ގޮތުން ވާހަކަދެއްކި ބައެއް މީހުން ބުނީ ރޯދަމަހު ރަށްރަށުން ގެންނަ އަދަދު މަދުވުމުން ކަމަށެވެ.

"މި ހަފުތާގައި ވަރަށް މަދު ރަށަކުން ކުރުނބާ ލިބުނީ. މޫސުން ގޯސްވުމުން ރަށްރަށުން ކުރުނބާ ހިފައިގެން އަންނަނީ ވަރަށް މަދުން،" މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު މިއަދު ބުންޏެވެ.

މާރުކޭޓުގައި ކުރުނބާގެ އަގު އުފުލިފައިވާއިރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގިނަ އަދަދަކަށް ކުރުނބާ ގެނެސް އަންނަނީ ވިއްކަމުންނެވެ. މާރުކޭޓުގައި ކުރުނބާއެއްގެ އަގު 20ރ. އިން މަތީގައި އުޅޭއިރު ވެމްކޯ އިން ވިއްކަނީ 12ރ. އަށެވެ.

މާރުކޭޓުގައި ބާޒާރުކުރަން ގޮސް ހުރި މީހަކު ބުނީ ކަރަލާއި ކުރުނބާ ގަނެގެން ބޮވޭ ވަރަށް ވުރެ އަގު އަދިވެސް ބޮޑު ކަމަށެވެ.

"އަހަރެމެންނާ ހަމަޔަށް އަގު ތިރިވީމަ ކަރަ އާއި ކުރުނބާ ގަނެވޭނީ. މިހާރު ތިރިހީ އަތްލާން ކެރޭ ވަރަށް ވުރެ ބޮޑު އަގުގައި،" އެ މީހާ ބުންޏެވެ.