ފަތިސް · 04:36

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


ޒޫނާއާ ދާދި ގާތުގައި ޖެނީ ހުއްޓެވެ. ފެންކަޅިވެފައެވެ. އެންމެންގެ ލޯތަކަށް ފަރުދާވެގެން ހުރި ޖެނީގެ ލޮލުން ފޭދުނު ކަރުނަ، ކޯތާފަތް ދޫކޮށް ބިމާ ދިމާއަށް މިސްރާބުޖެހިއެވެ.

"މަންމާ!" ޖެނީގެ ހަރަކާތްކުރީ ހަމައެކަނި ދެ ތުންފަތެވެ.

ކުއްލިއަކަށް ޒޫނާގެ ސަމާލުކަން ލިބުނެވެ. ޒޫނާ މަޑުމަޑުން ތެދުވިއެވެ. ދެ ފަޔަށް ބާރުލައިފައި ހިނގައިގަތެވެ. ޖެނީ ވަރަށް އުފާވެފައި މަންމަ ގައިގައި ބައްދައިލަން ދެ އަތް ދިއްކޮށްލިއެވެ. ދުވަސްތަކަކަށް ފަހު މަންމަ ފެނުމުން ޖެނީ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒޫނާ އައިގޮތަށް އައިސް ޖެނީ ފަސްދިނެވެ. ޒޫނާއަށް ފެނުނީ ޖެނީއެއް ނޫނެވެ. ސާޖިދެވެ. ޒޫނާ އެންމެ ލޯބިވި ދަރިފުޅެވެ. އިހުސާނާއި ޒޫނާއަށް ލިބުނު ހަމައެކަނި ދަރިއެވެ. ޒޫނާއަށް ފެންނަނީ، އެ ތަނަށް ޒިޔާރަތްކުރި މީހެއްގެ އިނގިލި ކުރީގައި ހިފައިލައިގެން ސާޖިދު ހުއްޓައެވެ. އެ ދިމާއަށް އަވަހަށް ދާން ބޭނުންވެފައި ހުރި ވަރުން ޒޫނާ ބިންމައްޗަކަށް ނުބަލައެވެ. ގަހެއްގެ މުލުގައި އަޅައިގެންފައި ޒޫނާ ވެއްޓުނެވެ. މަންމަ ހިފަހައްޓަން ޖެނީއަށް ހަރަކާތް ކުރެވުނެވެ. އެކަމަކު ޖެނީއަށް ހުރެވުނީ މާ ދުރުގައެވެ. ޒޫނާ ތެދުވިއިރު ނިތްކުރިން ތަންކޮޅެއް މަށައިގެން ގޮސްފައި ހުއްޓެވެ. ކުރިޔަށް ވުރެ ބާރަށް ޒޫނާ ހިނގައިގަތެވެ. ސާޖިދު ކަމަށް ހީވި ކުއްޖާގެ ގައިގައި ބައްދައިގަތެވެ. އެ ކުއްޖާ ހަޅޭއްލަވައިގަތެވެ. އޭނަގެ މަންމަ ވެސް ހަޅޭއްލަވައިގެންފައި ދަރިފުޅު ދަމައިގަތެވެ. "ސާޖިދު" ގެނައުމަށް ޓަކައި ޒޫނާ ކުރިޔަށް ޖެހިލިއެވެ. ކުއްޖާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.

"ދޫކުރޭ!" ޒޫނާ އަމުރުކުރިއެވެ.

"ދޫކުރޭ!" ކުއްޖާގެ މަންމަ ވެސް ބުނީ އެހެންނެވެ.

އަޑުގަދަވެގެން ސަމަދު ނުކުތެވެ. ސަމަދަކީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެގެން ހުރި މީހާއެވެ. އޭރު، އަންހެނުން ބެލެހެއްޓުމާ ހަވާލުވެގެން ހުންނަ ފާޒިރާ ދުވެފައި އައިސް ޒޫނާ ދުރުކޮށްފިއެވެ. ޒޫނާ ގަދަހެދި ނަމަވެސް ފާޒިރާ އަތްދަށުން މިނިވަނެއް ނުވެވުނެވެ.

"ކީއްވެ އެ ކަހަލަ މީހުން ދޫކޮށްލާފަ ބައިތިއްބަނީ؟" ކުޑަކުއްޖާ ގައިގައި ފިރުމަމުން އެ ކުއްޖާގެ މަންމަ ޝަކުވާކުރިއެވެ. "ތަދުވިތަ ދަރިފުޅަށް؟ ކޮންތާކަށް ތަދުވީ؟"

"ޒޫނާއަކީ އާންމުގޮތެއްގަ ވަރަށް ރަނގަޅަށް އުޅޭ ކުއްޖެއް،" ސަމަދު ބުންޏެވެ. "އެހެންވެ ދޫކޮށްލައިފަ އެ ހުންނަނީ."

"ސާޖިދު! ސާޖިދު!" ޒޫނާ ގޮވިއެވެ. "އަޅޭ މަގޭ ދަރިފުޅު ގެނޭ!"

ހުރިހައި ގޮތަކުން ވެސް ޖެނީއަށް އެ މަންޒަރު ބަލަން އުނދަގޫވިއެވެ. ފުރަތަމަ ކަމަކީ މަންމައަށް ކުރިމަތިވެފައިވާ ބަލިހާލެވެ. ދެވަނަ ކަމަކީ ސާޖިދުކޮއްކޮ މަތިން މަންމަ ހަނދާން ނުނެތޭކަމެވެ. ތިންވަނަ ކަމަކީ ޖެނީ މަތިން މަންމަ ހަނދާން ނުވާކަމެވެ. އެކަމަކު ޖެނީއަކަށް މަންމަ ހަނދާން ނައްތައެއް ނުލެވުނެވެ.

ރޭގަނޑުގެ އަނދިރިކަން ވެރިވެފައި ވިޔަސް، މަޖީދީ މަގުގެ މެދަކާ ހަމައަށް އިރުއަރައިފައިވާ ކަހަލައެވެ. ގަލުޅޮ ދަނޑަށް އަލިކުރަން ދިއްލައިފައިވާ ބޮކިތަކުގެ ސަބަބުންނެވެ. އިންޖީނުލީ އުޅަނދުތައް ވަރަށް ގިނައެވެ. ހިނގާބިނގާވާ މީހުންގެ އަދަދު ގިނައެވެ. ބަދިގެއަށް ބޭނުންވި ސާމާނުތައް ގަނެގެން، ދެ އަތުން ކޮތަޅުތައް ހިފައިގެން ގާދިރު ނުކުތްއިރު ރަނގަޅަށް ހިނގައިނުގަނެވެއެވެ. ދެ އަތް ކައިރި ނުކުރެވެއެވެ. ގާދިރު އައީ، ދަނޑުގައި ދިއްލައިފައިވާ ބޮކިތަކަށް ބަލަމުންނެވެ. ކުރިމަތީގައި މީހަކު ހުއްޓިގެން ހުރިކަމެއް ގާދިރަކަށް ނޭނގެއެވެ. އެ މީހާ ހުރީ މުންޑެއް އަނދެގެން ކޮނޑުކެނޑިއެއް ލައިގެންނެވެ. މުންޑު ހުރީ އަރުވައިޖަހައިފައެވެ. އަތުގައި ޅާނބެއް އޮތެވެ. ކޮނޑުކެނޑި ދަށަށްޖަހައިފައި ހުރިއިރު ބޮލުގައި ފޮށައެއް އޮޅައިފައި ހުއްޓެވެ. މޫނުމަތީގައި ރައްޓެހިކަމެއް ނެތެވެ. އަތުގައި ރާބައްޖެއް އޮތް ނަމަ އެންމެ ވައްތަރުވީހީ ރާވެރިޔަކާއެވެ. ގާދިރު އައި ގޮތަށް އައިސް އޭނަގެ ގައިގައި ލައިގަތެވެ.

"މާފުކުރައްވާ!" ގާދިރަށް ބުނެވުނެވެ.

"ރާވެރިޔާ" އެއްޗެއް ނުބުނެއެވެ. އެއްފަރާތަކަށް ނުޖެހުނެވެ. ގާދިރަށް ބަލަހައްޓައިގެން ހުރީއެވެ. ގާދިރު ކުޑަކޮށް ހައިރާންވިއެވެ. އެ މީހާ ގައިން ނެއްޓިގެން ހިނގައިގަތެވެ. ފަސްއެނބުރި ބަލައިލިއިރު އެ މީހާ ވެސް ހުރީ އެނބުރިގެން ގާދިރަށް ބަލަހައްޓައިގެންނެވެ.

"އަޅެ އެއްފަރާތަކަށް ޖެހިލިއްޔާ އޭނަގެ އަނގައިން ދަތެއް ވެއްޓެނީތަ؟" ގާދިރު މަޑުމަޑުން ކުދިކިޔެވެ. "މަށަށް އޭނަ ނުފެނުނަސް އޭނައަށް މަ ފެންނާނެތާ!"

މަޖީދީމަގުން ނުކުމެގެން އެހެން މަގަކަށް އެޅުމަށް ފަހު، އެ މަގުން ގޮސް ގާދިރު ވަނީ އަނދިރި ގޯޅިއަކަށެވެ. ފަޅުކަން ވެރިވެފައިވާ ގޯޅީގައި ދިއްލައިފައި ހުރީ އެންމެ ހޮޅިބުރިއެކެވެ. މީހެއްގެ ހިލަމެއް ނެތެވެ. ދެ ފަހަރަކު ފަހަތް ބަލައިލައިފައި ދެން ކުރިޔަށް ބަލައިލިއިރު، ކުރިން ނުފެންނަ މަންޒަރެއް ގާދިރުގެ ލޮލުގައި އަޅައިގަތެވެ. އެއީ ހޮޅިބުރީގެ އަލި އެޅޭ ހިސާބުގައި، މަގު މެދުގައި ހުއްޓިހުރި "ރާވެރިޔާއެވެ." އޭނަ ހުރީ ގާދިރަށް ބަލަހައްޓައިގެންނެވެ. ގާދިރުގެ ހިނގުމަކަށް ބަދަލެއް ނާދެއެވެ. ކުރިޔަށް ހިނގިއެވެ. ރާވެރިޔާ ހައްތާ ގާތްވިއެވެ. ދެމެދުގައި ވިއްސަކަށް ފޫޓު ހުންނަ ހިސާބަށް ގާތްވެވުމުން ރާވެރިޔާގެ އަތުގައި އޮތް ބަޅުވަޅި ގާދިރަށް ފެނުނެވެ. އޭނަ އަތުގައި ކުރިން އޮތީ ޅާނބެކެވެ. ގާދިރު ހުއްޓުނެވެ. އެއީ ގާދިރަށް ފާރަލާ މީހެއްހެން ގާދިރަށް ހީވިއެވެ. ސަބަބެއް ނޭނގެއެވެ. ގާދިރު ދެކޮޅު ހޯދައިލިއެވެ. އެ ހިނދު ބިރުވެރިކަން އިތުރުވިއެވެ. ގާދިރު ހަޅޭއްލަވައިގަތަސް އެ އަޑު އިވޭނެ މީހަކު އެތާކު ނެތެވެ. އެ ދަނޑިވަޅުގައި، ގާދިރާ ދިމާއަށް ރާވެރިޔާ ހިނގައިގަތެވެ. ގާދިރު ފަސްއެނބުރިފައި އައިކޮޅަށް ހިނގައިގަތެވެ. ރާވެރިޔާގެ ހިނގުން ބާރުކޮށްލިއެވެ. ގާދިރު ވެސް ހިނގުން ބާރުކޮށްލިއެވެ. އެންމެ ކައިރިއަށް އޮތް ގޯޅިއަށް ގާދިރު ވަނެވެ. އެއީ އަދި މާ ހަނި، މާ އަނދިރި ގޯޅިއެކެވެ. ގޯޅީގެ އެއް ފަރާތް އޮތީ ކޮނެފައެވެ. އެ ކަން އަންގަން ބޮތްކެއް ދިއްލައިފައި ހުއްޓެވެ. އެ ބޮކި ހުރަސްކުރާއިރު މީހާގެ ހިޔަނި ހުންނަނީ ފާރަށް އެޅިފައެވެ. ގާދިރަށް ފަހު އެ ބޮކި ހުރަސްކުރީ ރާވެރިޔާއެވެ. އޭނަގެ ހިޔަނި ފާރަށް އެޅިފައި ހުއްޓައި އެ ހިޔަނި ކުޑަވެގެން ގޮސް ބުޅަލެއްގެ ސޫރަޔަށް ބަދަލުވި ތަން ގާދިރަށް ފެނުނެވެ. ގަބޫލެއް ނުކުރެވުނެވެ. އެކަމަކު އެއީ ކުށްހީއެއް ނޫނެވެ. ނިކަން ބާރަށް ބުޅަލެއް ގޮވައިލި އަޑު ވެސް އިވުނެވެ. ގާދިރު ފަހަތް ބަލައިލިއިރު ރާވެރިޔާއެއް ނެތެވެ. ފެނުނީ ކަޅު ބުޅަލެއް ދުވެފައި އަންނަ ތަނެވެ. ގާދިރު ދުއްވައިގަތެވެ. ދުވެވޭނެ އެންމެ ބާރަކަށެވެ.

ނަލަކޮށް ދުވެލައިފައި އައި ދޯނި ގުރައިދޫގެ ނެރުން ވަނެވެ. އުޑުމަތި ރީތި ހިތްފަސޭހަ ދުވަހެކެވެ. އަވި މަޑުވެފައި ފިނި ރޯޅިއެއް ޖެހެމުންދިޔައެވެ. އެހެންނަމަވެސް ޖިނާގެ މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ. އޭނަ އިނީ މޫދަށް ބަލަހައްޓައިގެން ނިދިއައިސްފައެވެ. އިރުއިރުކޮޅާ އާފުރެއެވެ. ސަމަދު ހުރީ ފާލަންމަތީގައެވެ. ޖިނާގެ އިންތިޒާރުގައެވެ. ދޯނި ކައިރިކުރުމުން ޖިނާ ފޭބިއެވެ. ސަމަދާ ސަލާންކުރިއެވެ.

"އައްސަލާމް ޢަލައިކުމް! މަރުހަބާ! އަޅުގަނޑަކީ ސަމަދު އިނގޭތޯ!" ސަލާންކޮށްލަމުން ސަމަދު ބުންޏެވެ. "ދަތުރު ކިހިނެއްތޯ!"

"ވަޢަލައިކުމް ސަލާމް! ނިދިއައިސްގެން ގޮސް ހަލާކުވެއްޖެ!" ސަމާސާ ރާގެއްގައި ޖިނާ ބުންޏެވެ. ސަމަދު ހީނގަތެވެ. ޖިނާ ގެނައީ އެންމެ ފޮށްޓެކެވެ. ފޮށި ބޭލުމުން ޖިނާ ފޮށީގައި ހިފިއެވެ. "ގެނޭގެނޭ!" ސަމަދު ފޮށި އަތުލިއެވެ. "ޖިނާއަކީ މެހުމާނެއް. މެހުމާން ލައްވާ ފޮށި އުފުލާކަށް ނުވާނެ."

ދެ މީހުން ވާހަކަދައްކަމުން ފާލަމުން ފޭބިއެވެ. އޭރު، މަސްހިފާ ދަލެއް ކޮނޑަށް ލައިގެން މީހަކު ހިނގައިފައި އާދެއެވެ. ކުޅެ ސަކަރާތްޖަހަމުން ދުވި ދެ ކުއްޖަކު ޖިނާ ހުރަސްކޮށްފައި ދިޔައެވެ. ރާބައްޖެއް ހިފައިގެން ވެސް މީހަކު ދިޔައެވެ. ޖިނާޔާ ހަޔެއްކަ ފޫޓު ދުރުގައި ހުރި ތިރި ފާރުބުރިއެއް މައްޗަށް ކާޅެއް ޖެއްސިއެވެ. ދެ ފަހަރަކު ނިކަން ބާރަށް ގޮވައިލިއެވެ. ކާޅާ ދިމާއަށް ޖިނާ ބަލައިލުމާއެކު ކާޅު އުދުއްސައިގަތެވެ.

"މޫސަބޭ! ކޮބާ ތަށްޓެއް އަޅާލަބަލަ!" ސަމަދު ބުންޏެވެ. "ޖިނާއަށް ޖެހޭނެ ރަހަދައްކަން."

ރާވެރިޔާ ތަށްޓަށް ރާ އަޅައިފައި ދިއްކޮށްލިއެވެ. ތަށީގައި ހިފީ ސަމަދެވެ.

"މީ މި ރަށުގެ އެންމެ މަޝްހޫރު ރުކުގެ ތާޒާ އަރަގު،" ސަމަދު ބުންޏެވެ. "ވަރަށް މީރުވާނެ."

ޖިނާ ތަށީގައި ހިފިއެވެ. ރަލުގެ ރަހަބަލައިލިއެވެ.

"ފައްކާ؟" ސަމަދު ސުވާލުކުރިއެވެ.

ޖިނާ އެއް ނޭވައިން ތަށި ހުސްކޮށްލިއެވެ. ޖަވާބު ދެވޭ ވަރު ވީ އެއަށް ފަހުއެވެ.

"މީރުކަމުން ހަމަ މެދުކަނޑާނުލެވުނީ އިނގޭ،" ޖިނާ ޖަވާބުދިނެވެ. "ހިތަކުން ނުފިލާނެ މި ރަހަޔެއް. ނިދި ފިލުވައިލައިފި!"

"މަ ބުނިންތާ!" ހީނގެންފައި ސަމަދު ބުންޏެވެ. "އަދި ފަތިހު މާ މީރުވާނެ."

ސަމަދު ފައިސާ ދޭން އުޅުމުން ޖިނާ އެ ކަން ހުއްޓުވިއެވެ. އެކަމަކު ޖިނާ ފައިސާ ދޭން އުޅުމުން އެ ކަން ހުއްޓުވައިފައި ފައިސާ ދިނީ ސަމަދެވެ. އެކި ވާހަކަދައްކަމުން ދެ މީހުން އެކުގައި މަރުކަޒަށް ވަނެވެ. އެންމެ ފުރަތަމަ ވެސް ޖިނާގެ ލޮލުގައި އަޅައިގަތީ ޒޫނާއެވެ. ޖިނާއަށް ހުއްޓެވުނެވެ. ގަމާރު ފާޑަކަށް ޒޫނާ ހިނގައިފައި އައިސް ޖިނާ ހުރަސްކުރިއެވެ. އެހެންނަމަވެސް ޖިނާގެ މޫނަކަށް ނުބަލައެވެ. ޒޫނާ ގޮސް އިށީނީ އެ ތަނުގައި ހުރި ޖޯއްޔެއްގައެވެ.

"އޭނައަށް ކިހިނެއްވީ؟" ޖިނާ އެހިއެވެ.

"މޮޔަވެގެން މި ރަށަށް ގެނައީ،" ސަމަދު ބުންޏެވެ. "އެކަމަކު އޭނަ ވަރަށް ތަފާތު. ބައެއް ފަހަރު ހީވޭ މުޅިން ރަނގަޅުވީއޭ ވެސް. އަނެއްބައި ފަހަރު.."

"ޒޫނާ ދޯ އެއީ؟" ޖިނާ ސުވާލުކުރިއެވެ.

"އާނ! ދަންނަންތަ؟" ޖަވާބުގައި ސަމަދު ބުންޏެވެ.

"ކޮބާ އަހަރެންގެ ކޮޓަރި؟" ޖިނާ އެހީ ނުވެސް ގުޅޭ ސުވާލެކެވެ.

ސަމަދު ފާޑަކަށް ހީނލިއެވެ. ކުރިޔަށް ހިނގައިގަތެވެ. ޖިނާ ހުއްޓިގެން ހުރީއެވެ. ޒޫނާ ނޫން މީހަކަށް ޖިނާއަކަށް ނުބެލުނެވެ. ޖިނާއާ ދިމާއަށް ޒޫނާ ބަލައިލިއެވެ. ވަކި ޚާއްޞަ ނަޒަރަކުން ނޫނެވެ. ޒޫނާގެ ވިސްނުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

ދުވާލުގެ ވަގުތުގައި ރަށަށް ވެރިވެފައި އޮންނަ ހަމަހިމޭންކަން، ރޭގަނޑުވުމުން ދެގުނައަށް އިތުރުވެއެވެ. ޖިނާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ކުރިމަތިން ފެންނަންއޮތީ ގަސްތަކެވެ. އަނދިރިކަމެވެ. ފަޅުކަމެވެ. އެކަމަކު އެ ފަޅުކަމަކީ ދިރުމެކެވެ. އެ ތަނުގައި ދިރިއުޅޭ އަހުލުވެރިންނަށް އަނދިރިކަމަކީ ފަރުދާއެއް ނޫނެވެ. ބައްޕަޔާ އެކުގައި ޖެނީ ވެސް ހުރީ ކުޑަދޮރަށް ބަލަހައްޓައިގެންނެވެ.

"އެންމެން ހަމަވެ ނިމުނީ!" ބައްޕަ ބުނިކަން ޖެނީއަށް އިހުސާސްވިއެވެ.

ނުނިމޭ