އިއްޔެ އާ ގުޅޭ
ފޯނު ނަގައިފި ނަމަ ނިޝާ ޖެހޭނީ ޒޫނާއަށް ދިމާވި ހާދިސާ ތަފުސީލުކޮށް ކިޔައިދޭށެވެ. ރޫޅެމުންދާ ކައިވެންޏެއް ރޫޅެން އިތުރަށް މަގުފަހި ކޮށްދޭށެވެ. ދެން ހިތަށްއެރިއެވެ. ޖިނާއަށް ނިޝާ ދިން ޖަވާބު ނުދެވުނު ނަމައެވެ. ޖިނާގެ ތިންވަނަ ކޯލު ވެސް ކެނޑުނީއެވެ. ހަތަރުވަނަ ކޯލު އަންނަން ފެށިއެވެ. ނިޝާ އެ ފޯނަށް ޖަވާބުދިނެވެ.
"މިހާރު ކިތައް ކޯލު ކޮށްފިން!" ޖިނާ ޝަކުވާކުރިއެވެ.
"އެނގެޔޭ!" ނިޝާ ބުންޏެވެ. "ބަލަހައްޓައިގެންނޭ މިއިނީ. އަދިވެސް އަހަންނަކަށް ނުނިންމޭ މި ވާހަކަ ކިޔައިދޭންވީ ކަމެއް."
"އަޖައިބެއްނު!" ޖިނާ ހައިރާންވެފައި ބުންޏެވެ. "މަށާ ކޮން ގުޅުމެއްތަ އޮންނާނީ؟ ޒޫނާއަކީ އަހަރެން ރަނގަޅަށް ދަންނަ ކުއްޖެއް ވެސް ނޫނޭ. އޭނަގެ ފުރިހަމަ ނަން ވެސް މަށަކަށް ނޭނގޭ. އެކަމަކު ނިޝާ ތި ބުނީ އަހަންނޭ މައްސަލައަކީ. އެ ހިސާބަށް ބުނެފަ ދެން ނިންމައެއް ނުލެވޭނެ ދޯ!"
"އޯކޭ! އެކަމަކު މޮޔަކަމެއް މި ކުރެވެނީ،" ކިޔައިދޭން ނިޝާ އެއްބަސްވިއެވެ. "މި ވާހަކަ ކިޔައިދީ ނިމުނީމަ މަ ވެސް ތި ތަނަށް ގެންދޭ އިނގޭ."
ނިޝާ ވާހަކަ ފެށީ ދަތުރު ދިޔަ ދުވަހު، ބޮޑުފާލަމާ ދިމާއަށް ޕިކަޕު މަޑުކުރުމުން ޒޫނާ ޕިކަޕުން ބާލުވަން ޖިނާ އަތްދިއްކުރި ހިސާބުންނެވެ. ނިޝާއަށް އެނގިފައިވާ ހުރިހާ ތަފުސީލެއް ނިޝާ ކިޔައިދިނެވެ. ވާހަކަ ނިމުނުއިރު ޖިނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ތި ވަރު ވީއިރު ކީއްވެ ނިޝާ ކުރިން ކިޔާނުދިނީ؟" ޖިނާ އެހުނު ސުވާލަކީ އެއީއެވެ.
"އޭރު ބުއްދި ސަލާމަތުން ހުރީމަ!" ނިޝާ ޖަވާބުދިނެވެ. "މޮޔައަކު ނޫނީ ޅިޔަނަކަށް މި ކަހަލަ ވާހަކައެއް ކިޔައިދޭނެތަ؟ މިހާރު މަ މިހިރީ ރަނގަޅަށް މޮޔަވެފަ! އެހެންވެ ދެން ކޮންމެ އެއްޗެއް ކިޔަސް މައްސަލައެއް ނެތްތާ! ތީ އޭނަ ލޯބިވި މީހަކީ. ތީ އޭނަ ބޭނުންވި މީހަކީ. ތީ އޭނައަށް ނުލިބުނު މީހަކީ ވެސް. ދެން އަވަހަށް މަ ބަލާ ފޮނުވާ!"
ފަތިސްނަމާދު ވަގުތަށް ސޯނާ ޖައްސައިގެން އޮތް ނަމަވެސް ޖިނާއަށް ހޭލެވުނީ ގަޑިއެއްހާއިރު ކުރިންނެވެ. ދެނެއް ނިންޖެއް ނައެވެ. އަޒްރާއާ ދޭތެރޭގައި ވިސްނެން ފެށިއެވެ. ދަރިންނާ ދޭތެރޭގައި ވެސް ވިސްނުނެވެ. ޖިނާ ގުޅިޔަސް އަޒްރާ ފޯނު ނަގަނީ ހިތަށްއެރި ފަހަރަކުއެވެ. ކަންތައް އެ ހިސާބަށް ދިޔުމުން ޖިނާ މާލެ ދިޔަކަސް ވާނެ ފައިދާއެއް ނެތެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. ޒޫނާއާ ދޭތެރޭގައި ވެސް ވިސްނުނެވެ. ޖިނާއަށް ޓަކައި އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ބޭކާރުވެގެން ދިޔައީއެވެ. ޖިނާ ނުވެސް ދެނަހުއްޓެވެ. ޚިޔާލުތަކުން އެނބުރި އާދެވުނީ ފުރާޅުމަތިން ދުއްވައިގަތް ބުޅަލެއްގެ އަޑު އިވުމުންނެވެ. ޖިނާއަށް ހީވީ ރަނގަޅަށެވެ. ފުރާޅުގައި އުޅުނީ ބުޅަލެކެވެ. ކެހެރި ދިގު ކަޅު ކުލައިގެ ބުޅަލެކެވެ. ފުރާޅުމަތިން ދުވަމުން އައިސް ބުޅާ އެރީ ގަހަށެވެ. ގަހުން ފޭބީ އިސްކޮޅުން ކުރު، ކަޅު ކުއްޖެކެވެ. މަޒްލާނެވެ. އެކަކަށް ވެސް އެ މަންޒަރެއް ނުފެނެއެވެ. ޖިނާ ފާޚާނައިން ނުކުމެގެން ބޮޑުކޮޓަރިއަށް ނުކުތެވެ. އެ ތަން ވެސް އޮތީ ފަޅުކޮށެވެ. މޭޒުމަތީގައި ހުރި ތަރުމޯޒުން ހޫނުފެން އެޅުމަށް ފަހު ޖިނާ ކޮފީތަށްޓެއް ހަދަން ފެށިއެވެ. ކޮފީ ގިރާ އަޑަށް ސަމަދު ނުކުތެވެ.
"އަހަނ ޖިނާ ދޯ!" ސަމަދު ބުންޏެވެ. "އަހަންނަށް ވެސް ތަށްޓެއް ހަދާލަބަލަ! ރޭގަ ނުވެސް ނިދުނޭ! ހަމަ އިރުއިރުކޮޅާ ހޭލެވެނީ. މާދަމާ އެބަ ޖެހޭ ރިޕޯޓެއް ތައްޔާރުކުރަން ވެސް. ދޫކޮށްލެވޭނީ އެންމެ ކުއްޖެއް ކަންނޭނގެ. ގެންނަން އެބަތިބި ހަތް ކުދިން. މިހާރު ވެސް ދެ ކުދިން އިތުރަށް އެބަ ގެންގުޅެން."
"ދޫކޮށްލަނީ ޒޫނާތަ؟" ކޮފީ ހަދަމުން ޖިނާ ބުންޏެވެ.
"އާނ!" ސަމަދު އައިސް ސޯފާގައި އިށީނދެލިއެވެ. "މިހާރު ދެން އޭނަ ގޭގަ ގެންގުޅެވޭނެ."
ވާހަކަތައް އަޑުއަހަން މޭޒު ތަންދޮށުގައި މަޒްލާން ހުރިކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޒޫނާ ދޫކޮށްލާ ވާހަކަ ބުނުމުން މަޒްލާންގެ ލޮލުގެ ކުލަ ރަތްކުލައަށް ބަދަލުވިއެވެ. ޒޫނާގެ ކޮޓަރިއާ ދިމާއަށް މޮޔައެއްހެން އޭނަ ދުއްވައިގަތެވެ. ޖިނާއާއި ސަމަދަށް ވެސް ފިޔަވަޅުގެ އަޑު އިވުނެވެ. ޖިނާ ބަލައިލީ ސަމަދަށެވެ.
"އެހެން އަޑުއަޑު އިވޭނެ،" ޖެހިލުން ކުޑަ ރާގެއްގައި ސަމަދު ބުންޏެވެ. "އަހަންނަށް ހަކުރު ނާޅައްޗޭ!"
މަޒްލާން ހުރީ ޒޫނާގެ ކޮޓަރިތެރޭގައެވެ. ޒޫނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ކޮޓަރިއަކީ ރަނގަޅުވާ ކުދިން މާލެއަށް ފޮނުވުމުގެ ކުރިން ބައިތިއްބާ ތަނެވެ. އެ ތަނުގައި ހަތަރު އެނދު ހުއްޓެވެ. ތިން އެނދު ހުރީ ހުހަށެވެ. ޒޫނާ އޮތީ ނިދައިފައެވެ. އޮވެވުނު ގޮތަކުން ޒޫނާގެ އިސްތަށިގަނޑުން ބައެއް އޮތީ އެނދުން ބޭރަށް އެލިފައެވެ. އޭރު މަޒްލާން ހުރީ އެނދު ތަންދޮށުގައެވެ. އަތުގައި ކަތުރެއް އޮތެވެ. ޒޫނާއަކީ މަންމަ ކަމުގައި ވިޔަސް މަޒްލާންގެ ހިތަކު މަންމައަކަށް ރަޙްމެއް ނެތެވެ. މަޒްލާނަކީ ޖެނީ ކަހަލަ ކުއްޖެއް ނޫނެވެ. ބައްޕަގެ ބަސް ވިކޭ ކުއްޖެއް ވެސް ނޫނެވެ. ބޭނުންކަމެއް، ހިތުހުރި ގޮތަކަށް ކުރަން ކެރޭ ކުއްޖެކެވެ. މުޅި ޢާއިލާގެ ފަރާތުން ބަދަލުހިފަން ފޫގަޅައިގެން ހުރި ކުއްޖެއް ވެސް މެއެވެ. ޒޫނާގެ އިސްތަށިގަނޑު ކޮށައިލުމަށް ޓަކައި އެގޮތްމިގޮތަށް މަޒްލާން ކަތުރު ހިންގައިލި ވަގުތަކީ ޒޫނާ ފުރޮޅިލި ވަގުތެވެ. ޒޫނާގެ އިސްތަށިގަނޑު ސަލާމަތްވިއެވެ. އެކަމަކު ޒޫނާއަށް ހޭލެވުނެވެ. މަޒްލާން ފުންމައިގެން އެނދަށް އެރިއެވެ. ރުޅިއައިސް ރަތްވެފައިވާ ދެ ލޮލުން ޒޫނާއަށް ބަލައިލިއެވެ. އެނދުގައި އަޅާފައި އޮތް ފޮތިގަނޑާއި، ގޮދަޑިއާއި، ބާލީސް ކަފައި ކުދިކޮށްލިއެވެ. ޒޫނާ ހަޅޭއްލަވައިގަތެވެ. ޖިނާއާއި ސަމަދު ދުވެފައި އައިސް ކޮޓަރިއަށް ވަންއިރު، އިސްތަށިގަނޑުގައި އަތްއަޅައިގެން ޒޫނާ ތެޅިފޮޅެނީއެވެ. ޒޫނާ ފިޔަވައި އެހެން މީހަކަށް އަޒްލާނެއް ނުފެނެއެވެ. ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
"ދޫކުރޭ!" ޒޫނާ ގޮވައެވެ. "ނުކެރޭނެ މަގޭ އިސްތަށިގަނޑު ބުރިކުރާކަށް. ދާންއުޅޭ! އަތުން ދޫކުރޭ! މަންމާ!"
ޒޫނާގެ އަޑަށް ފާޒިރާ ވެސް ދުވެފައި އައެވެ. ޒޫނާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ. ސަމަދާއި ޖިނާ ތިބީ ތަންކޮޅެއް ދުރުގައެވެ. އިރުކޮޅަކުން ޑަކްޓަރު ވެސް އައެވެ. އެ ތަނުގައި ހުންނަނީ ބިދޭސީ އަންހެން ޑަކްޓަރެކެވެ. އޭނަ އަތުގައި އިންޖެކުޝަނެއް އޮތެވެ. ޒޫނާ މައިތިރިކުރަން ޑަކުޓަރު ވެސް މަސައްކަތް ކުރިއެވެ.
"ރަނގަޅަށް ހިފަހައްޓަބަލަ!" ޑަކުޓަރު ބުންޏެވެ.
ޒޫނާގެ އަޑު މަޑެއް ނުވިއެވެ. ފާޒިރާއަކަށް ނުވެސް ހިފޭއްޓުނެވެ.
"ދޫކޮށްލަބަލަ އޭނަ!" ޖިނާއަށް ކެތްނުކުރެވިގެން ބުންޏެވެ.
ފާޒިރާއާއި ޑަކުޓަރު ވެސް ބަލައިލީ ސަމަދަށެވެ. ސަމަދަކީ ތަނުގެ އެންމެ އިސް މީހާއެވެ.
"ކަލޭމެންނަކަށް އަޑެއް ނީވޭތަ؟" ޖިނާ ސުވާލުކުރިއެވެ. "ދޫކޮށްލާށޭ! ލީވް ހަރ އެލޯން!"
ސަމަދު ބޯޖަހައިލިއެވެ. ޖިނާޔާ އެއްބައިވުމުގެ ގޮތުންނާއި އެ ކަމަށް ހުއްދަދިނުމުގެ ގޮތުންނެވެ.
"ދޫކޮށްލާ!" ޑަކުޓަރު އެންގިއެވެ.
"އޭރުން މީނަ ކޮންޓުރޯލެއް ނުވާނެ އިނގޭ!" ފާޒިރާ ހަނދާންކޮށްދިނެވެ.
މަޒްލާން ކަތުރު ހިފައިގެން ދުރުގައި މަންޒަރު ބަލަން ހުއްޓެވެ.
"ސަމަދު ބުނެފި، ޑޮކްޓަރު ބުނެފި،" އެނދާ ދިމާއަށް ހިނގައިގަންނަމުން ޖިނާ ބުންޏެވެ. "ކިތައް މީހުން ބުނީމަ މި ތަނުގަ އަމުރެއް ތަންފީޒުވަނީ؟"
ޒޫނާގެ ގައިން ފާޒިރާ ދޫކޮށްލިއެވެ. ސަމަދު ހުރީ ދެން ވާނެ ގޮތެއް ބަލާށެވެ. ޒޫނާ ހަމަހިމޭންވިއެވެ. އިސްޖަހައިލައިގެން އިނެވެ. މުޅި ތަން ހަމަހިމޭން ވިއެވެ.
"ކަލޭމެން ތަންކޮޅެއް ދުރަށް ޖެހިލާ!" ޖިނާ އެދުނެވެ.
ސަމަދު ހުއްދަ ދިނުމުން ފާޒިރާއާއި ޑަކުޓަރު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެކަމަކު އެ މީހުން ތިބީ ތައްޔާރަށެވެ.
"ޒޫނާ!" ޖިނާ ވަރަށް އޯގާތެރިކަމާ އެކުގައި ގޮވައިލިއެވެ.
ޒޫނާގެ ހަށިގަނޑު ފިނިވެގެންދިޔައެވެ. އަޑު އައި ދިމާއަށް އެނބުރިލިއެވެ. ލުއި ހިނިތުންވުމަކާ އެކު ޖިނާ ބަލަހައްޓައިގެން ހުއްޓެވެ. އެއީ ކާކުކަމެއް ޒޫނާއަކަށް ނޭނގެއެވެ. އެހެނަސް އެ މޫނުގައި ދެކިފަރިތަ ގޮތެއް ހުއްޓެވެ. އެ ހިނިތުންވުމުގައި އުފާވެރިކަމެއް ހުއްޓެވެ. އެ ލޮލުގައި ކޮންމެވެސް ހަނދާނެއްގެ ބިޔަ ބާނިތަކެއް ހުއްޓެވެ. ކޮން ހަނދާނެއްގެ ހެއްޔެވެ؟ އެއީ ކޮން ރައްޓެހިކަމެއް ހެއްޔެވެ؟ ޒޫނާ ހައިރާންވެގެން ބަލަހައްޓައިގެން އިނެވެ. ޖިނާ އައިސް ޒޫނާއަށް އަތްލެވޭ ހިސާބުގައި ހުއްޓުނެވެ. ކުއްލިއަކަށް ޒޫނާގެ ގަޔަށް ޑަކުޓަރު އިންޖެކުޝަން ޖެހިއެވެ. ގަޔަށް އެރި ބާރުގަނޑެއްގެ ސަބަބުން ޒޫނާ ހިފުނީ ޖިނާގެ ގަމީހުގައެވެ. އަދި ގައިން ބާރު ދޫވެގެން ގޮސް އެނދުމައްޗަށް ދެމުނެވެ. ޖިނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ކީއްކުރަން އިންޖެކުޝަން ޖެހީ؟" ޖިނާ ރުޅިއައިސްފައި އެހިއެވެ.
"ޙަމަލަދެންދެން ބަލަހައްޓައިގެނެއް ނުތިބެވޭނެ،" ޑަކުޓަރު ބުންޏެވެ. "ނާރސް! ރަނގަޅަށް އޭނަ ބަލަހައްޓާތި!"
ބާލީހުގެ މެދުގައި ޒޫނާ ބޭއްވުމަށް ފަހު ޖިނާ ބާލީސް ރީތިކޮށްލިއެވެ. ޒޫނާގެ އިސްތަށިގަނޑު ވެސް ރީތިކޮށްލިއެވެ.
"އަދި ނުފެނޭ މީނަ ދޫކޮށްލާކަށް." ސަމަދާ ދިމާއަށް ބަލައިލައިފައި ޑަކުޓަރު ބުންޏެވެ.
މަޒްލާން ވަރަށް އުފާވިއެވެ. އޭނަ ބޭނުމީ ގުރައިދޫގައި މަންމަ މަރުވާށެވެ. ފާރުތެރެއިން ނުކުމެގެން މަޒްލާން ދިޔައެވެ. ޑަކުޓަރާއި ސަމަދު ވެސް ކޮޓަރިން ނުކުތެވެ. ޖެހިގެން ހުރި އެނދުގައި ފާޒިރާ އިށީނދެލިއެވެ. ޖިނާ ހުރީ ޒޫނާ ގާތުގައި ޒޫނާއަށް ބަލަހައްޓައިގެންނެވެ. މާނައިން ފުރިގެންވާ ބެލުމަކުންނެވެ.
ޒޫނާ އިނދެގެން އުޅުނު އިހުސާންގެ ޢާއިލާ ދިރިއުޅެނީ އެހެން ރަށެއްގައެވެ. އެ މީހުންނާއި އިހުސާނާ ދެމެދުގައި މާ ބޮޑު ގުޅުމެއް ނޯވެއެވެ. ރުގިއްޔާ ދޫކޮށްލައިފައި އިހުސާން ދިޔުމުން ރުގިއްޔާ ކޮންމެހެން އިހުސާންގެ ބޯކޮޅެއް ނުބަލައެވެ. އިހުސާން ގުޅައިފިއްޔާ ވާހަކަދައްކައެވެ. ޒުވާބުކޮށް ޝަކުވާކޮށެއް ނަހަދައެވެ. އެކަމަކު ދެ ދަރިން ބައްޕަދެކެ ފޫހިވެއެވެ. މަންމަގެ ބޮލަށް ދަރިންކޮޅު ޖަހައިފައި ބައްޕަ ދިޔައީތީއެވެ. ޢަލީ އިނީ ކަށިކެޔޮއޮށް ފަޅާށެވެ. އެ ތަނުގައި ޢަލީގެ ކޮއްކޮ ޒުލްފާ ވެސް އިނެވެ.
"މަންމާ! މާލެނުދާކަށް ނޫޅެމޭ!" މަދު ނަގައިފައި ކައިލަމުން ޢަލީ ބުންޏެވެ. "އަހަރެން މި ބުނީ ބައްޕަ ހޯދަން ދާހިތެއް ނުވެޔޭ! އަހަރުމެން މުހިންމު ނުވާތީ ބައްޕަ ނުގުޅަނީ."
ރުގިއްޔާ އިނީ ކަށިކެޔޮ ލިޔާށެވެ. ލިޔެފައި ކަށިކެޔޮއޮށް އެއްލަނީ ޢަލީއާ ދިމާއަށެވެ. ޒުލްފާ އިނީ ފޯނާ ކުޅޭށެވެ.
ނުނިމޭ
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސަކީނާ
29 May 2018
" އެނދުގައި އަޅާފައި އޮތް ފޮތިގަނޑާއި، ގޮދަޑިއާއި، ބާލީސް ކަފައި ކުދިކޮށްލިއެވެ." އެއްވެސް މީހެއްގެ ލޮލުގައި އަޅައިނުގަތީ މިމަންޒަރު؟
މޯޑް
29 May 2018
ވާހަކަ ކިޔާ ވަރަކަށް ނިއުމާ މިސްވަނީ
އެންމެ ސަޅި
29 May 2018
މި ރޯދަ މަހުގެ އެންމެ ސަޅި ވާހަކަތައް: 1- ކުޅި ކިސަޑު ލޭ — ނަދީމްގެ 2- ފަތިސްހަނދުވަރު - ބިންމާގެ 3- ޔާރާއަހާނުހޭ - ޔަސްމާ 4- ވަންހަނާ - ޒަހިރާ
umnaa
29 May 2018
ބުނެދޭށޭ ރުހެމޭ - ލާރާގެ (އަވަސް.އެމް.ވީ)
ޢީމް
30 May 2018
މި ވާހަކަ އަށް ފަހު ދެން ހަމަ އެންމެ ރީތީ ވަންހަނާ.
ހާލާ
29 May 2018
މިއަދުގެ ބައިވެސް ހަމަ އެހާ ރީތި.
ޒާހީ
29 May 2018
ހާދަހާ ކުރުކޮށޭ ތިގެނެސްދެނީ
ޒޫނާ
29 May 2018
'އެ ހިނިތުންވުމުގައި އުފާވެރިކަމެއް ހުއްޓެވެ. އެ ލޮލުގައި ކޮންމެވެސް ހަނދާނެއްގެ ބިޔަ ބާނިތަކެއް ހުއްޓެވެ. ކޮން ހަނދާނެއްގެ ހެއްޔެވެ؟ އެއީ ކޮން ރައްޓެހިކަމެއް ހެއްޔެވެ؟' ބިންމާ....... ހާދަ ހާދަ ހާދަ ސަޅިއޭ...މަމީ ޒޫނާ ނަމައޭ ހިތަށް އަރަނީ. ޖިނާއާއި ޒޫނާ ފަތިސް ހަނދުވަރުމައްޗަށް ގެންގޮސްދީބަލަ ދެން.... މަގޭ ފިރިމީހާ ގާތުވެސް ބުބެފިން މިރޭ ފަތިސްހަނދުވަރު ބަލަން ތުނޑިއަށް ދާންވާނޭ.
ޖިނާ
29 May 2018
މަ ގޮވާގެން ދާތި.. ޕްލީޒް..