ބައެއް ސޫރަތްތައް ފަށާފައިވާ އަކުރުތަކުގެ މާނަ އަކީ ކޮބާ؟

ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ވަކިވަކި އަކުރުތަކަކުން ފަށާފައި ވުމުގެ ހިކުމަތާ މެދު ކުރީގެ ލިޔުމެއްގައި ވާނީ ބަލާލައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ އެފަދަ އަކުރުތަކުގެ މާނައާ މެދު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށެވެ. މި އަކުރުތަކުގެ މާނަ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ބަޔާންވެގެން އައިސްފައެއް ނުވެ އެވެ. އެހެންވެ ޢިލްމުވެރިންގެ މެދުގައި މިކަމުގައި އިޚްތިލާފު އުފެދިފައިވެ އެވެ. މި އިޚްތިލާފުތައް މައިގަނޑު ދެ ބަޔަކަށް ބެހިގެން ވެއެވެ.


ފުރަތަމަ ރައުޔު: ތަފްސީރު ނުކޮށް ﷲ އަށް ދޫކޮށްލުން

އަކުރުތައް ތަފްސީރު ކުރުމާ މެދު މި ރައުޔުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެ އަކުރުތަކަކީ ކީރިތި ޤުރްއާނުގައިވާ ﷲގެ ސިއްރެއް ކަމަށެވެ. އަދި އެއީ މުތަޝާބިހު (ﷲ އަށް މެނުވީ އޭގެ މާނަ އެނގިގެން ނުވާ ނުވަތަ ޢިލްމީ ދިރާސާއަކުން ނޫނީ އޭގެ މާނަ ދޭހަނުވާނެ އާޔަތްތަކެއް) ކަމަށެވެ. އިމާމް ޤުރްޠުބީ ވިދާޅުވެފައިވާ ގޮތުގައި އައްޝަޢުބީ އާއި ސުފްޔާނުއްޘައުރީ އާއި މުޙައްދިޘުން ފަދަ ބޭފުޅުން ވިދާޅުވަނީ ތިމަންބޭކަލުން (މި ސަބަބަށްޓަކައި) އެއާ މެދު ވާހަކަ ދައްކަން ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު ތިމަންބޭކަލުން އެއަށް އީމާންވާ ކަމަށް ވިދާޅުވެ އެވެ. ހަތަރު ޚަލީފާއިންނާއި އިބްނު މަސްޢޫދުގެ ވެސް ދެކެވަޑައިގަންނަވަނީ އެގޮތަށެވެ. އެބޭކަލުން ވިދާޅުވެފައި ވަނީ "ވަކިވަކި އަކުރުތައް ހިމެނިގެންދަނީ ﷲ ސިއްރު ކުރައްވާފައިވާ އަދި އެ ތަފްސީރު ނުކުރެވޭނެ އަކުރުތަކެއްގެ ގޮތުގައި" ކަމަށެވެ.

މި ބޭކަލުންގެ ދަލީލަކީ، އާލްޢިމްރާނު ސޫރަތުގެ ހަތް ވަނަ އާޔަތެވެ. އެ އާޔަތުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނުގައި މުޙްކަމް (އޮޅުމެއް ނެތި މާނަ ސާފުކޮށް އެނގޭ) އާޔަތްތަކެއް ވާ ފަދައިން މުތަޝާބިހު އާޔަތްތަކެއް ވެސް ހިމެނެ އެވެ. މިފަދަ މުތަޝާބިހު އާޔަތްތައް އެކި ގޮތްގޮތަށް ތައުވީލު ކުރުމަށާއި މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމަށް އެ އާޔަތްތަކުގައި ހިފައިގެން އުޅޭނީ ހައްގު މަގުން އެއްކިބާވުމުގެ ގޮތް ހުންނަ މީހުންނެވެ. އެކަމަކު ޢިލްމުގައި ހަރުދަނާ ކަމާ އެކު ސާބިތުކަން ލިބިފައިވާ މީހުން ބުނާނީ "ތިމަންމެން މިތިބީ އެ އާޔަތްތަކަށް އީމާންވެގެން" ކަމަށެވެ.

ދެވަނަ ދަލީލަކީ، މިފަދަ މުތަޝާބިހު އާޔަތްތަކަށް އީމާންވުމުން އެކަނި ފުއްދާލުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވުމެވެ.

ތިން ވަނަ ދަލީލަކީ، ޤުރްއާނަކީ މުޅި ދީން އޭގައި އެކުލެވޭ ފޮތެއް ކަމަށް ވާ އިރު އޭގައި ދިރިއުޅުމުގެ ޢަމަލީ ކަންކަން ބަޔާންކޮށްފައިވާ ފަދައިން އޭގައި ޣައިބުގެ ކަންކަން ވެސް ބަޔާންކުރައްވާފައި ވުމެވެ. އެއީ ދީނަށް ތަބާވުން ފުރިހަމަ ވެގެންދަނީ ޣައިބަށް އީމާންވެގެން ކަމަށް ވާތީ އެވެ. ވީމާ އަޅުތަކުންގެ އީމާންތެރިކަން އިމްތިޙާނު ކުރަން ޤުރްއާނުގައި މުތަޝާބިހު އާޔަތްތައް ވެސް އައިސްފައި ވަނީ އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ އަކުރުތަކުގެ މުތަޝާބިހުކަން މުތަޝާބިހު އާޔަތްތަކަށް ވުރެ ވެސް ބޮޑެވެ. ވީމާ މި އަކުރުތަކަށް އީމާންވެ އެކަމަކު އޭގެ މާނަކުރުން ޖެހޭނީ ﷲ އަށް ދޫކޮށްލާށެވެ.

ދެވަނަ ރައުޔު: ތަފްސީރު ކުރެވޭނެ ކަމަށް ދެކި އެކި ގޮތްގޮތަށް ތަފްސީރު ކުރުން

މި ރައުޔުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މި އަކުރުތަކުގައި އެކުލެވިގެންވާ މާނަ ދެނެގަތުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ސަބަބަކީ، ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރު ކުރުމަށް ﷲ އަންގަވާފައި ވުމެވެ. (މުޙައްމަދު 24، އަލްޤަމަރު 17). އަދި ޤުރްއާނަކީ މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ބާވާލައްވާފައިވާ ފޮތަކަށް ވާއިރު އޭގައި އިންސާނުންނަށް ފަހުމް ނުވާނެ އެއްޗެއް ނޯންނާނެތީ އެވެ. ޖުމްލަ ގޮތެއްގައި މިކަމަށް މި ބޭކަލުން އެއްބަސްވެވަޑައިގަތަސް ތަފްސީރު ކުރެއްވުމުގައި އިޚްތިލާފު ވެފައިވެ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ތަފްސީރު ތަކަކީ،

1- އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި އެ އަކުރުތަކަކީ ﷲގެ އެންމެ މަތިވެރި އިސްމުފުޅު އެއިން އެކުލެވިގެންވާ އަކުރުތަކެވެ. ނަމަވެސް ތިމަންމެންނަށް އެ އެކުލަވާލާކަށް ނޭނގޭނެ އެވެ.

2- އިބްނު ޢައްބާސްގެ ކިބައިން އައިސްފައިވާ އެހެން ރިވާޔަތެއްގައި ވާ ގޮތުން އެއިން ކޮންމެ އަކުރެއް ނިސްބަތްވަނީ ﷲގެ އިސްމުފުޅަކަށް ނުވަތަ ސިފަފުޅަކަށެވެ. މިގޮތުން މިސާލަކަށް "އަލިފް ލާމް މީމް" އަކީ "އަނަﷲ އަޢުލަމް" (ތިމަން ރަސްކަލާނގެ އަކީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ) އެވެ.

3- އަދިވެސް އިބްނު ޢައްބާސްގެ ކިބައިން ރިވާވެފައިވާ އެހެން ބަސްފުޅެއްގައި ވަނީ އެ އަކުރުތަކަކީ ހުވާތަކެއް ކަމަށެވެ. މި ހުވާތައް އެ ވަނީ ﷲ ގެ އިސްމުފުޅުތަކަކުންނެވެ. އަލްކަލްބީ ވެސް ވިދާޅުވަނީ މިއީ ހުވާތަކެއް ކަމަށެވެ.

4- އަލްފައްރާއު އާއި ޤުޠްރުބް ވިދާޅުވާ ގޮތުގައި އެއީ އަރަބި ބަހުގެ އަލިފުބާގެ އަކުރުތަކަށް އޮތް އިޝާރާތްތަކެކެވެ. ﷲ އެ އަކުރުތައް ބަޔާންކުރެއްވީ ޢަރަބިންނަށް ގޮންޖެހުމެއްގެ ގޮތުގަ އެވެ. އެބަހީ، ޤުރްއާން ބާވާލައްވާފައި މިވަނީ ހަމަ އެބައި މީހުން ވާހަކަދައްކައި އުޅޭ އަރަބި ބަހުގެ އަލިފުބާގެ އަކުރުތަކުން ކަން ބަޔާން ކޮށްދިނުމެވެ.

5- ޢިލްމުވެރިންގެ އެހެން ޖަމާއަތެއް ބަޔަކު ބުނަނީ އެއީ ވަކި ނަންތަކަކަށް ދަލީލުކުރާ އަކުރުތަކެއް ކަމަށެވެ. މިގޮތުން އަލިފަކީ ﷲ އެވެ. ލާމް އަކީ ޖިބްރީލް އެވެ. މީމް އަކީ މުޙައްމަދު އެވެ.

6- ޒައިދު ބުނު އަސްލަމް ވިދާޅުވަނީ އެ އަކުރުތަކަކީ ސޫރަތްތަކަށް ދެވިފައިވާ ނަންތަކެއް ކަމަށެވެ.

7- އައްޒަމަޚްޝަރީ ވިދާޅުވާ ގޮތުގައި އެއީ އަލިފުބާގެ އަކުރުތަކުގެ ނަންތަކެކެވެ. މިގޮތުން 14 އަކުރެއް ނަމުން ބަޔާން ކުރެވިފައިވާ އިރު އަދި އެ 14 އަކުރު 29 ސޫރަތަށް ބެހިފައިވާ އިރު އަލިފުބާގެ އަކުރުތައް ބެހިގެންވާ ތަފާތު ބައިތަކަށް މި 14 އަކުރު ބެހިގެންވެ އެވެ.

8- އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ "ޙިސާބުލް ޖުއްމަލް" ކަމަށެވެ. ޙިސާބުލް ޖުއްމަލް އަކީ އަބުޖަދު ތަރުތީބުން އަލިފުބާގެ އަކުރުތަކަށް ނަންބަރު ދީގެން ޖަހާ ހިސާބެކެވެ. މިގޮތުން އެ ހިސާބު ހަދައިގެން ތަފާތު ތާރީޚުތަކާއި ކަންކަމުގެ މުއްދަތުތައް ކަނޑައަޅަ އެވެ. ޔަހޫދީންގެ ޖަމާއަތަކަށް ހަވާލާ ދީ އެ އަކުރުތަކުން ހިސާބު ހަދައި، އިސްލާމީ އުންމަތުގެ އުމުރަކީ މިވެނި އަހަރެއް ކަމަށް ބަޔާންކޮށްފައި ހުރެ އެވެ.

9- އެހެން ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއިން ކޮންމެ އަކުރެއް ނުވަތަ އަކުރުތަކެއްގައި އެއަށް ވަކި ޚާއްޞަ މާނައެއް ވާ ކަމަށެވެ. މިގޮތުން "އަލިފް ލާމް މީމް" އަކީ "އިލަލް މުއުމިނީން" (މުއުމިނުންނަށް) އެވެ. "އަލިފް ލާމް ރާ" އަކީ "އިލަލް ކާފިރީން" (ކާފިރުންނަށް) އެވެ. މިގޮތުން އެއް އަކުރަކަށް ވެސް އެތައް ބައިވަރު މާނަތަކެއް ބަޔާންވާ ކަމަށް އެ އިލްމުވެރިން ވިދާޅުވެ އެވެ.

ތައުވީލުތަކަށް ޢިލްމުވެރިން ދޭ ރައްދު

އައްޝައުކާނީ ތަހުގީގު ކުރައްވާފައިވާ ގޮތުގައި މިއީ ޞައްހަ ތައުވީލުތަކެއް ނޫނެވެ. އެހެންވެ މި ތައުވީލުތަކަށް ވަކިވަކިން ރައްދު ދެއްވާފައިވެ އެވެ. މި ރައްދުތަކުގެ ޚުލާޞާ އަކީ ޤުރްއާނާ މެދުގައި ވިސްނައި ފިކުރު ކުރަން ﷲ އަންގަވާފައި ވިއަސް މިފަދަ މުތަޝާބިހުތަކެއްގައި މި ޢިލްމުވެރިން އަމިއްލަ ރައުޔުގެ މައްޗަށް އެކަނި ބިނާކޮށްގެން ތައުވީލު ކުރައްވާފައިވާ ކަމެވެ. ޢަރަބި ބަހުން ވެސް އަދި ޝަރުޢީ ހަމަތަކުން ވެސް އެއްވެސް ދަލީލެއް ނެތި އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން މިއިން އެއްވެސް އަކުރެއްގެ މާނަ ވާރިދު ވެފައެއް ނެތެވެ. ވީމާ މިއީ ބާތިލު ތައުވީލުތަކެކެވެ. މިގޮތަށް ތަފްސީރު ކުރެއްވުމުގައި ބައެއް އަޞްޙާބުން ހިމެނިވަޑައިގެންނެވި ނަމަވެސް އެ ރިވާޔަތްތަކަކީ މަވްޤޫފް (ކީރިތި ރަސޫލާއާ ހަމައިން އައިސްފައި ނުވާ) ރިވާޔަތްތަކެކެވެ. އެ ބޭކަލުންގެ ޢިލްމުވެރިކަމާ މެދު ޝައްކެއް ނެތަސް އެބޭކަލުންނަކީ މަޢުޞޫމް ބައެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ބައެއް ބޭކަލުން ތަފްސީރު ކުރެއްވުމުގައި ކުރީގެ ބައެއް އުންމަތްތަކުގެ ރިވާޔަތްތަކަށް ރުޖޫޢަވެފައިވާ ކަން ސާބިތު ވެ އެވެ. މިސާލަކަށް އިބްނު ޢައްބާސް، "ނޫނު" މާނަކުރައްވާފައި ވަނީ އެއީ ބިން އޭގެ މަތީގައި ފަތުރާލެވިފައިވާ ބޮޑު މަހެއްގެ ގޮތަށެވެ. މިއީ ކީރިތި ރަސޫލާގެ އަރިހުން އައިސްފައިވާ ތަފްސީރެއް ނޫނެވެ. އަދި ޢިލްމީ ހަގީގަތްތަކަށް ބަލާއިރު ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެކެވެ.

މި އަކުރުތައް ތައުވީލު ކުރުމުން ދުރުހެލިވާން ޖެހެ އެވެ. ނަމަވެސް އެ އަކުރުތަކުގައި ސިއްރުތަކެއް ވާނެ ކަމާއި އަހަރެމެންގެ ވިސްނުމާއި ދޭހައިން އެކަނި އެ ހަގީގަތްތައް ނުހޯދޭނެ ކަން ގަބޫލުކުރަން ޖެހެ އެވެ. އަދި މިފަދަ މާނަ ނޭނގޭ އަކުރުތަކެއް ކީރިތި ޤުރްއާނުގައި ވުމަކީ އެއްގޮތަކަށް ވެސް ޤުރްއާނުގެ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަން ގެއްލިގެންދާނެ ކަމެއް ނޫން ކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.