ފަންސާސް ނަމާދުގެ ސަވާބު، އެކަމަކު ފަސް ނަމާދު!

ނަމާދަކީ އެހެން އަޅުކަންތަކާ ވަރަށް ގިނަ ގޮތްގޮތުން ތަފާތު އަޅުކަމެކެވެ. މިގޮތުން އެއީ ޝަހާދަތުގެ ދެކަލިމަ އަށް ފަހު އެންމެ ފުރަތަމަ އަދާކުރަން ޖެހޭ އަޅުކަމެވެ. އެއީ ދީނުގެ ތަނބެވެ. އެއީ ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމެވެ. މިނޫން ވެސް ތަފާތުތައް ހުރެ އެވެ. މިގޮތުން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ އެއް ތަފާތަކީ ނަމާދު ފަރުޟު ކުރެވިގެން އައި ގޮތެވެ. މިކަމުގައި އެކުލެވިގެންވާ ކަންކަމާއި ހިކުމަތްތަކެވެ.


ނަމާދު ފަރްޟު ކުރެއްވީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މިޢުރާޖު އަރާވަޑައިގަތް ރޭ ހަތް ވަނަ އުޑުގައި ހުންނަވަނިކޮށެވެ. އެއީ ވަރަށް މަތިވެރި މަޤާމެކެވެ. ހަމަ އެއާ އެކު ނަމާދު ފަރުޟު ކުރެއްވުމުގެ ވަޙީ ބާވާލެއްވީ ވަޙީގެ މަލާއިކަތާ މެދުވެރި ނުވެ އެވެ. އަނެއް މުހިންމު ކަމަކީ ނަމާދު ފަރުޟު ކުރެއްވީ ދުވާލަކު 50 ނަމާދު ކުރާ ގޮތަށް ކަމަށް ވިއަސް ކީރިތި ރަސޫލާގެ އެދިވަޑައިގަތުމަށް، ފަސް ނަމާދަށް ލުއި ކުރެއްވި ކަމެވެ.

އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީސެއްގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މިކަން ބަޔާން ކުރައްވާފައިވެ އެވެ. ހަދީސްގައި ވާ ގޮތުން 50 ނަމާދު ފަރުޟު ކުރެވުމުގެ އަމުރާ އެކު ކީރިތި ރަސޫލާ އެނބުރި ވަޑައިގެންނެވި މަގުމަތީގައި މޫސާގެފާނާ ބައްދަލުވި އެވެ. އުންމަތުގެ މީހުންނަށް ދުވާލަކު 50 ނަމާދު ކުރުމަކީ ދަތިއުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވެ މޫސާގެފާނު މަޝްވަރާ ދެއްވީ ލުއިކޮށްދެއްވަން ﷲގެ ޙަޟްރަތުން އެދި ދެންނެވުމަށެވެ. މިގޮތުން ކީރިތި ރަސޫލާ، ﷲގެ ޙަޟްރަތުގައި ދެންނެވުމުން ލުއިކޮށްދެއްވި އެވެ. އެކަމަކު އިތުރަށް ލުއިކޮށްދެއްވަން އެދި ދަންނަވަން މޫސާގެފާނު އަނެއްކާވެް މަޝްވަރާ ދެއްވި އެވެ. މިގޮތަށް އެތައް ފަހަރަކަށް ފަހު ފަސް ނަމާދަށް ވުމުން ދެން އިތުރަށް ނުދަންނަވަ އެވެ. ލުއިކުރައްވަން އެދިވަޑައިގަތީ ކިތައް ފަހަރުކަން އެކި ރިވާޔަތްތަކުގައި އެކި އަދަދަށް ބަޔާންވެފައިވެ އެވެ. މޫސާގެފާނު މިގޮތަށް މަޝްވަރާ ދެއްވީ ތަޖުރިބާގެ އަލީގަ އެވެ. ބުނެވޭ ގޮތުގައި މޫސާގެފާނުގެ އުންމަތުގެ މީހުންނަށް އެންމެ ދެ ނަމާދު ފަރުޟުވެފައި އޮތް އިރު ވެސް އެބައި މީހުންނަށް އޮތީ އެކަން އަދާނުކުރެވިފަ އެވެ.

ތިން ޝުބުހާ އަށް ތިން ރައްދު

އިސްރާ އާއި މިޢުރާޖުގެ މި ހާދިސާއާ ގުޅޭ ގޮތުން ބައެއް ޝުބުހާތައް (ހިތްތަކުގައި ޝައްކު އުފެއްދުމަށް ދެކެވޭ ވާހަކަތައް ނުވަތަ ޝައްކުކުރެވޭ ކަންކަން) އުފައްދާފައިވެ އެވެ. މިގޮތުން އެއް ޝުބުހާ އަކީ މިގޮތަށް ނަމާދުގެ އަދަދު މަދުކުރެއްވި ކަމަށް ބަޔާންވެފައި މިވަނީ ސައްހަ ރިވާޔަތެއް ނޫން ކަމަށް ބުނުމެވެ. ނަމަވެސް ހަދީސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބުޚާރީ އާއި މުސްލިމް އަދި މުސްލިމް ވަކިން ރިވާކުރައްވާފައިވާ މި ހަދީސްގެ ސައްހަކަމާ މެދު ޝައްކެއް ނެތެވެ.

ދެވަނަ ޝުބުހާ އަކީ، ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މިކަމުގައި ލުއިކުރައްވަން އެދިވަޑައިގަންނަވާނެކަން ﷲ ދެނެވޮޑިގެންވާ އިރު 50 ނަމާދު ފަރްޟުކުރައްވާފައި އެއަށް ފަހު ދެން ފަސް ނަމާދަށް ބަދަލުކުރެއްވުމުން އެކަން ވާނީ ﷲގެ ބަސްފުޅު ބަދަލުކުރެއްވުން ކަމަށް ބުނުމެވެ. ކީރިތި ޤުރްއާނުގައި ވާ ގޮތުން ﷲގެ ބަސްފުޅަށް ބަދަލެއް އައުމެއް ނެތެވެ. މިއަށް ޢިލްމުވެރިން ދެއްވާ ރައްދަކީ، މިކަމުގައި ﷲގެ މިންވަރު ފުޅަކީ 50 ނަމާދުގެ ސަވާބު ލިބޭ ގޮތަށް ފަސް ނަމާދު ފަރުޟު ކުރެއްވުމެވެ. މީގެ ދަލީލަކީ ބުޚާރީ އާއި މުސްލިމްގައިވާ މި ހަދީސްގެ ރިވާޔަތުގައި "އެއީ ފަހެކެވެ. އެއީ ފަންސާހެވެ. ތިމަންﷲގެ ބަސްފުޅަށް ބަދަލު އައުމެއް ނުވެ އެވެ." މިހެން އޮތުމެވެ.

އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވެފައި ވަނީ އޭގެ މުރާދަކީ "އެއީ ޢަމަލު ކުރުމުގައި ފަސް ނަމާދެވެ. އެހެންނަމަވެސް ސަވާބު ލިބުމުގައި ފަންސާސް ނަމާދެވެ." ރިވާވެގެންވާ ގޮތުގައި ކޮންމެ ހެޔޮ ކަމަކަށް 10 ގުނައިން 700 ގުނައަށް ސަވާބު ލިބެ އެވެ. ވީމާ ހަގީގަތުގައި ބަދަލު އެ އައީ އަމަލު ކުރަން އޮތް 50 ނަމާދު ފަސް ނަމާދަށް ބަދަލު ވުމެވެ. ﷲގެ ޙަޟްރަތުގައި އެއީ ހަމަ 50 ނަމާދެވެ. ޢަމަލު ކުރުމަށް ﷲ ދެއްވެވި ލުޔަކީ މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އޯގާތެރިވުމުގެ ގޮތުން މިކަމުގައި ﷲގެ ޙަޟްރަތުން އެދި ދެންނެވުމުން އެކަމަށް ﷲ ދެއްވި ލުޔެކެވެ. މިއީ ﷲ ގެ ބަސްފުޅު ބަދަލުކުރެއްވުމެއް ނޫނެވެ. މޫސާގެފާނުގެ ތަޖުރިބާއިން ކީރިތި ރަސޫލާ އަށް މަޝްވަރާ ދެއްވުމަށް ﷲ މިންވަރު ކުރެއްވުމާއި އެ މަޝްވަރާ ގަބޫލުފުޅު ކުރައްވައި އުންމަތަށްޓަކައި ކީރިތި ރަސޫލާ، މިކަމަށް އެދިވަޑައިގަތުމުން ﷲ އެ ލުއި ދެއްވަން މިންވަރު ކުރެއްވުމެވެ. ﷲގެ މިންވަރުފުޅު ބިނާވެފައިވާ އެއް ބަޔަކީ މީސްތަކުންގެ އިޚްތިޔާރުތަކަށް ނުވަތަ އަމަލުތަކަށް ﷲ މިންވަރު ކުރައްވާ ގޮތެވެ.

ތިން ވަނަ ޝުބުހާ އަކީ، ﷲގެ އިރާދަކުރެއްވުމަށް، ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާއި މޫސާގެފާނު ރުހިވަޑައިނުގަތުން ކަމަށް ބުނާ ބުނުމެވެ. މީގެ ޖަވާބަކީ، އިންސާނުންގެ ހަޔާތުގައި ދިމާވާ ތަފާތު އެކި ކަންކަމުގައި ރައްކާތެރިކަން ދެއްވުމަށާއި ލުއިކުރެއްވުމަށާއި ހެޔޮ ގޮތް ވުމަށް އަބަދުވެސް ﷲގެ ޙަޟްރަތުގައި އެދި ދެންނެވުމަކީ އޮންނަ ކަމެކެވެ. މިގޮތުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ވެސް އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށްޓަކައި ލުއިފަސޭހަ ގޮތްތައް މެދުވެރި ކުރެއްވުމަށް ﷲގެ ޙަޟްރަތުގައި ދެންނެވިދާނެ އެވެ. އެއީ އެއްވެސް ހާލެއްގައި ﷲގެ މިންވަރުފުޅަށް އިންކާރު ކުރެއްވުން ކަމަކަށް ނުވާނެ އެވެ.

މިފާހަގަކުރި ކަންކަމުގެ އަލީގައި މުސްލިމުން ދެނެގަންނަންވީ ނަމާދަކީ ވަރަށް މަތިވެރި އަޅުކަމެއް ކަމެވެ. އަދި ﷲގެ ރަހުމަތާއި ނިޢުމަތް އެކި ގޮތްގޮތަށް ލިބެމުންދާ ކަމެވެ. އެ ނިޢުމަތްތަކަށް ޝުކުރު ކުރަން ޖެހޭނެ ކަމެވެ. ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އުންމަތަށް ހެޔޮގޮތް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވި ކަމެވެ. އަދި ނަބީންނަކީ އަޚުންތަކެއް ކަމާއި، ﷲ ޙަޟްރަތުގައި އަބަދުވެސް ދީނަކީ އެއް ދީނެއް ކަމެވެ. ހުރިހާ ނަބީން ވެސް ގޮވާލެއްވީ އަދި މަސައްކަތްޕުޅު ކުރެއްވީ އެދީނަށް ކަމެވެ.