އިއްޔެ އާ ގުޅޭ
"ނިޝާ ގަބޫލުކުރިންތަ އެ ވާހަކަ؟" އެންމެ ފަހުން ޖިނާ އެ ވާހަކަ ފެށިއެވެ.
ޖިނާ އެހި އެއްޗެއް ނޭނގޭކަމަށް ނިޝާއަށް ހެދުނީހެވެ. އެ ވާހަކަ ހަނދާން ނެތްކަމަށް ވެސް ހެދުނީހެވެ. އެކަމަކު ޙަޤީޤަތަކީ އެ ވާހަކަ އަހަން ނިޝާ ކެތްމަދުވެފައިވާކަމެވެ.
"ޒޫނާ ނުޖެހޭނެ ވާހަކައެއް ހަދާކަށް،" ނިޝާ ބުންޏެވެ. "އެކަމަކު އަހަރެންގެ ލޮލަކުން އެ ޖިންނިއެއް ނުއެއް ދެކެން. އަހަރެން ގޮވައިގެން ޒޫނާ ތުނޑިއަށް ވެސް ދިޔަ. އަހަންނަށް ފެނުނީ ޒޫނާ އެކަނި އިންތަން."
"އަހަރެންގެ ސުވާލަކަށް އަދިވެސް ޖަވާބެއް ނުދެވެޔޭ،" ޖިނާ އެ ނުކުތާ ފާހަގަކުރިއެވެ. "ޒޫނާގެ ވާހަކަ ނިޝާ ގަބޫލުކުރިންހޭ؟ ނުކުރަންހޭ؟"
"އޭރު ކުރިން. ދަންވަރު ތުނޑީގަ ހުރެފަ ވިއްޔަ ޒޫނާ އެ ވާހަކަ ބުނީ. ބިރުވެސް ގަތް،" ނިޝާ ބުންޏެވެ. "މިހާރު އެކަމަކު ހިތަށްއަރާ އެއީ ހަމަ ތެދެއްބާއޭ؟ މީހަކު ޖިންނިޔަކާ ވާހަކަދައްކައިފަ އައިސް މޮޔަ ނުވެ ހުރޭބާއޭ؟ ޒޫނާ ބޯސަކަރާތްވީ މާ ފަހަކުންނު. ވެދާނެ ފަހުންކަމަށް އެ ކަންތައް ލައިގަތީ. ދެން އޭނަ ރަނގަޅެއް ނުވާނެތަ؟"
ޖިނާ ވިސްނައިލިއެވެ. އެހާތަނަށް ޖިނާ ދުށް އެ ކަހަލަ ކުދިންނަށް ވުރެ ޒޫނާ ތަފާތެވެ. ޒޫނާއަށް ވާ ގޮތް ވެސް ތަފާތެވެ. އެއްޗެއް ބުނަން ނޭނގެނީ އެހެންވެއެވެ.
"އުންމީދު އެބައޮތް!" ޖިނާ ބުންޏެވެ.
"ރަނގަޅުވިޔަސް ޖިނާ ނުބުނާތި އަހަންނޭ ޖިނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ،" ނިޝާ ނުތަނަވަސްވެފައި ބުންޏެވެ. "އޭނަ ބުނި މި ވާހަކަ ސިއްރުކޮށްދެއްޗޭ! މަގޭ އަނގަ ބޮޑުކަމުން ބުނެވުނީ."
ޖިނާ ގެއަށް ވަނީ ރޭގަނޑު ނުވަގަޑި ބައިވާން އުޅެނިކޮށެވެ. ކާން އިށީނުމާއެކު ޗަންދުރާ އައިސް ތަށިތައް އަތުރަން ފެށިއެވެ. އަޒްރާއެއް ނައެވެ.
"އަޒޫ! އަޒޫ!" ޖިނާ ނިކަން ބާރަށް ދެ ފަހަރު ގޮވައިލިއެވެ.
ދެން ވެސް އަޒްރާއެއް ނައެވެ. ކޮޓަރިން ނުކުތީ މަންމައެވެ. ޖިނާ ފެނުމުން މަންމަގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަން ގަދަކަމުން ފިލުވައިލިއެވެ. ހިނިތުންވެލިއެވެ. ޖިނާއަށް އެ މަންޒަރު ފެނުނެވެ.
"ކިހިނެއްވީ ދަރިފުޅާ؟" މަންމަ އެހިއެވެ. "ކޯޗެއް ނެތީ؟"
"ކޮބާ އަޒޫ؟" ހިތްހަމަނުޖެހިފައި ޖިނާ ސުވާލުކުރިއެވެ.
"މަންމަ ބުނެގެން މިތާ ކައިރި ގެއަކަށް ގޮސް ވީ،" އަޒީޒާ ބުންޏެވެ. "ޖޫސްތަށްޓެއް އަޅައިދޭންވީތަ؟"
މަންމައަށް ބަލަހައްޓައިގެން އެކައްޗެއް ވެސް ނުބުނެ ޖިނާ އިނެވެ. ދޮގު ފަޅާއަރައިފިކަން އެނގުމުން އަޒީޒާ އިސްޖަހައިލިއެވެ. ޗަންދުރާ އަވަހަށް އެ ތަނުން ދިޔައެވެ.
"އަޒޫ ކުރާ ކަންތައް އެންމެންވެގެން އަހަންނަށް ސިއްރުކުރަނީ ކީއްވެގެންތަ؟" ޖިނާ ހައިރާންވެފައި އެހިއެވެ. "ތީ ބޭކާރުކަމެކޭ. ތިހެން ހަދައިގެން ވާނެ އެއްވެސް ރަނގަޅެއް ނެތް."
"މަންމަ ހައްތާ ވެސް މި އުޅެނީ ދެމަފިރިންގެ މައްސަލަގަނޑުގެ ތެރެއަށް ނުވަންނަން ވެގެން،" އަޒީޒާގެ ކަންބޮޑުވުން ހިއްސާކުރިއެވެ. "ތެދަށް ބުނެފިއްޔާ ދަރިފުޅު އަންނާނީ ރުޅި. ތިން ދަރިން އެބަތިބި. ދެން ސިއްރުތާ ކުރަންޖެހޭނީ. މިހާރު އަޒްރާ ވީތަނެއް މާތްކަލާނގެ ދެނެވޮޑިގެންވާނީ."
ޖިނާ ވަރަށް އަވަހަށް އަޒްރާއާ ގުޅިއެވެ. ފޯނު ނަގާނެކަމުގެ އުންމީދަކު ނޫނެވެ. ތިން ފަހަރު ގުޅުމުން ވެސް އަޒްރާ ފޯނެއް ނުނެގިއެވެ.
ދަރުބާރުގެއާ ދިމާގައި އޮންނަ ވާޓަރުމަތީގައި އަޒްރާއާއި ފަރުހާދު ތިއްބެވެ. އެ މީހުން ތިބީ މޫދާ ދިމާއަށް އެނބުރިގެންނެވެ. އަޒްރާ އަތުގައި ކުރުނބައެއް އޮތެވެ. ކުރުނބަޔަށް ޖަހައިފައިވާ ދެ ހޮޅިން އެއް ހޮޅި އަޒްރާ އެއްލައިލިއެވެ.
"ކީއްކުރާ ދެ ހޮޅިއެއް؟" އަޒްރާ ބުންޏެވެ.
"އަޒޫ އުފާވޭތަ؟" ފަރުހާދު އެހިއެވެ.
"އުފަލަކީ ކޮބައިކަން ނޭނގޭތާ ވަރަށް ދުވަސް ކޮށްފަ މިއަދު މި އެނގުނީ،" ފަރުހާދަށް ކުރުނބާ ދިއްކޮށްލަމުން އަޒްރާ ބުންޏެވެ. "މިހާރު ގެއަށް ވަނަސް ހަމަ ފޫހިވަނީ."
ވާޓަރުމަތިން މަދުން ނަމަވެސް މީހުން ހިނގައެވެ. އެ ކަމާ ވެސް ކަންބޮޑުވާހެން ހީވަނީ ފަރުހާދެވެ. އަޒްރާ އަޅައިވެސް ނުލައެވެ. ފަރުހާދު ގާތުގައި ހުރުމުން އެހެން ކަމަކާ ވިސްނާކަށް އަޒްރާ ބޭނުމެއް ނޫނެވެ.
"އެކަމަކު މާ ލަސްނުވެ ގެއަށް ދާންވާނެ،" ފަރުހާދު ވިސްނައިދިނެވެ. "އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު އަޒޫއާ ދިމާއަށް އިނގިލި ދިއްކުރާކަށް. އަޒޫގެ ކައިވެނި ނިމުމަކަށް ގެންނާނީ ވެސް އަހަރުމެން ކައިވެނި ކުރާނީ ވެސް، ކަން ކުރަން އޮންނަ އެންމެ ރީތި ގޮތުގަ. ލޯބިވުމަކީ ކުށެއް ނޫނެއްނު!"
"އަހަންނާ ދޭތެރޭގަ ފަރޫ ހާދަ ވިސްނައޭ،" އަޒްރާ އުފަލާއެކު ބުންޏެވެ. "ވަރަށް އުފާވޭ!"
"އަޒޫއަކަށް ނޭނގޭނެ އަހަރެން ކިހާ އުފާވާކަމެއް،" ފަރުހާދު ބުންޏެވެ. "އަޒޫއަކީ އަހަންނަށް ހާދަ މުހިންމު މީހެކޭ. ތީ އަސްލު އަހަރެންގެ ފާލަން."
ފަރުހާދު ބުނި އެއްޗެއް އަޒްރާއަކަށް ނުވިސްނުނެވެ. ވާޓަރުމަތީގައި ކުރުނބާ ބަހައްޓައިފައި އަޒްރާ ފޯނު ނެގިއެވެ. އަދި ދެ މީހުން އެކުގައި ފޮޓޯއެއް ނަގަން ފޯނު ތައްޔާރުކޮށްލިއެވެ. ކެމެރާ ދިއްކޮށްލުމުން ކެމެރާއަކުން ފަރުހާދެއް ނުފެނުނެވެ. އަޒްރާ ހީކުރީ އަނދިރިކަމުން ރަނގަޅަށް ނޭނގުނީކަމަށެވެ. ކުއްލިއަކަށް ފަރުހާދު ފޯނުގައި އަތްއެޅިއެވެ.
"ތީ ގޯހެއް!" ފަރުހާދު ބުންޏެވެ. "ފިރިމީހާއަށް ތި ފޯނު ފެނިއްޖެއްޔާ.."
"އޭނަޔަކަށް މި ފޯނެއް ނުބެލޭނެ!" ފަރުހާދުގެ އަތް ދުރަށް ޖައްސައިލަމުން އަޒްރާ ބުންޏެވެ. "އޯކޭވާނެ!"
ފަރުހާދު އަނެއްކާ ވެސް ކެމެރާގައި އަތްއެޅިއެވެ.
"އުހުނ!" ފަރުހާދު އިންކާރު ކުރިއެވެ. "އަޒޫއަށް ރަނގަޅަކަށް މި ބުނަނީ. ހިނގާ ދެން ދަމާ!"
ފަރުހާދު ތެދުވިއެވެ. ކުރުނބާ ހުސްނުވާތީ އަޒްރާ ކުރުނބާ ނެގިއެވެ.
"އެހެންވިއްޔާ ފަރޫގެ ފޯނުން ނަގާ!" ވާޓަރުން ފައިބަމުން އަޒްރާ އެދުނެވެ.
އެ ވަގުތު ބުޅަލެއް ގޮވައިލި އަޑު އިވުނެވެ. އަޒްރާ ބަލައިލިއިރު ބުޅާ އޮތީ ކުރިމަތީގައެވެ. އެހެން އޮވެގެން ފާޑަކަށް އަޑުލައްވަމުން ބުޅާ ނަގޫ ތަޅުވަން ފެށިއެވެ. ފަރުހާދު އެހެން ދިމާއަކަށް ހިނގައިގަތެވެ. ބުޅާ ފަހަތުން އަންނަން ފެށިއެވެ. ހީވަނީ ދެންމެދެންމެ ގަޔާދިމާއަށް ފުންމައިގެންފާނެހެންނެވެ.
"މީ އަދި ކީއްވެގެން އުޅޭ އެއްޗެއް؟" ފަހަތް ބަލައިލައިފައި އަޒްރާ އެހިއެވެ.
"އަޅައިވެސް ލާނެކަމެއް ނެތް،" އަޒްރާ ފަހަތް ބެލިޔަނުދޭން މަސައްކަތް ކުރަމުން ފަރުހާދު ބުންޏެވެ. "ފަހަތް ނުބެލީމަ ހިނގައިދާނެ."
ފަރުހާދު ބުނީ ތެދެކެވެ. އިރުކޮޅަކުން ބުޅަލުގެ އަޑު ކެނޑުނެވެ. ދިޔަ ތަނެއް ނުވެސް އެނގުނެވެ.
ދޯނި މާލެ ލެފުމުން ޢަލީ ދޯނިން ފުންމައިލިއެވެ. އޭނަ ލައިގެންހުރީ މުށިކުލައެއްގެ ފަޓުލޫނުބުރިޔަކާއި ކަޅު ޓީޝާޓެކެވެ. ދެ ކިހިއްޔަށް ދެ ޑަބިޔާ ޖަހައިގެން މަގު ހުރަސްކުރި ވަގުތަކީ ޖިނާގެ ސައިކަލު އަރާހަމަވި ވަގުތެވެ. ޢަލީ ސައިކަލުގައި ނުޖެހުނީ ކިރިޔާއެވެ.
"ސޮރީ!" ޢަލީ ބުންޏެވެ.
ޖިނާ ހިނިތުންވެލިއެވެ. ޢަލީ މިސްރާބުޖަހައިފައި ހުރީ މާރުކޭޓާ ދިމާއަށެވެ.
"އޭ ކޮއްކޯ އައިސްބަލަ!" ޖިނާ ގޮވައިލިއެވެ.
ޢަލީ ނިކަން ހަލުވިކޮށް ހިނގައިލައިފައި އައެވެ.
"ހާދަ ހީވެޔޭ ތީ މަ ހޯދަން މިއުޅޭ އެތިހެން،" ޖިނާ ބުންޏެވެ. "ކޯއްޗެއް ތީ؟"
ޢަލީ ޑަބިޔަލުގެ މަތި ނެގިއެވެ. ކެޔޮފޮތިތައް ބޮޑެތިވެފައި މީރު ފާޑު ޖަހައެވެ.
"ތެއްލި ބަނބުކެޔޮ!" ޢަލީ ޖަވާބުގައި ބުންޏެވެ. "ވަރަށް މީރުވާނެ. ޓެސްޓު ކޮށްލަބަލަ!"
"އާނ!" ރާގުލައިފައި ޖިނާ ބުންޏެވެ. "ތި ހޯދާށޭ ނުކުމެގެން މިއުޅެނީ. އެއްވެސް ތާކުން ނުލިބިގެން މިއުޅެނީ. ކިހާވަރަކަށް؟"
ޢަލީ ވިސްނައިލިއެވެ. އެއްވެސް ތާކުން ނުލިބިގެން އުޅޭ ވާހަކަ ބުނުމުން އަގު ހެޔޮކުރާ ވިސްނުމެއް ޢަލީ ނުގެންގުޅެއެވެ.
"ފަސް ސަތޭކަ ފަންސާސް،" ޢަލީ ބުންޏެވެ. "އެހެން މީހުން ގެނެސްގެން ވިއްކަފާނެ ހަތަރު ސަތޭކަ ފަންސާހަށް ވެސް. އެއީ އޭގެ ފެންވަރު. މީ މީގެ ފެންވަރު."
އަގު ހެވެއް ނޫނެވެ. އެކަމަކު ނުގަނެ ވެސް ވާކަށް ނެތެވެ. ޖިނާ އެއްބަސްވިއެވެ. ޝަރުތަކާ އެކުގައެވެ.
"ގަންނަންތާ ޖެހޭނީ!" ފައިސާ ދެމުން ޖިނާ ބުންޏެވެ. "ފަސް ސަތޭކަ ރުފިޔާ ތެއްލައިގެން ކެޔަކަސް ތި ރަހައެއް ނުލާނެ. އެކަމަކު ކަމެއް ކޮށްދޭން ޖެހޭނެ. ކޮން ނަމެއް ކިޔަނީ؟"
"އަލީ!" ޢަލީ ބުންޏެވެ. "މީހުން ކިޔާ އައްޔަ ވެސް."
"އަހަންނަށް ކިޔަނީ ޖިނާ،" ޖިނާ ބުންޏެވެ. "އައްޔަ ކޮށްދޭންވީ ކަމަކީ އަހަރެން މި ބުނާ ގެޔަކަށް ތި ތަނުން އެއް ޑަބިޔާ ވައްޓާލަންވީ! ވަރިހަމަ ޓެކްސީއަކަށް އެރިޔަސް. ޓެކްސީގެ ލާރި ވެސް އަހަރެން ދޭނަން."
ޖިނާ އިތުރު ފަންސަވީސް ރުފިޔާ ދިނެވެ. ގޭގެ ނަން ކަރުދާސްކޮޅެއްގައި ނޯޓުކޮށްފައި ދިނެވެ. އަދި ޢަލީގެ ފޯނު ނަންބަރު ވެސް އެހިއެވެ. ޖިނާ ނެގީ ހިރާހެކެވެ. ފައިސާކޮޅާއި ޑަބިޔާ އޮބައިލުމަކީ ކިހާ ގާތުގައި އޮތް ކަމެއްކަން ޖިނާއަށް އެނގެއެވެ.
"މިއަދު ފުރަންޖެހޭތީ ވަރަށް ބިޒީވެގެން މި އުޅެނީ،" ޖިނާ ބުންޏެވެ. "އެކަމަކު ތިކަން ނުކޮށް ވާކަށް ނެތް."
ޢަލީއަށް ލިބުނު ހައިރާންކަން ކުޑައެއް ނޫނެވެ. މާލެ ފޭބިތަނާ ދިމާވި މީހަކު ޢަލީއަށް އެ ވަރުގެ ބޮޑު އިތުބާރެއް ކުރީތީއެވެ. ފޯނު ނަންބަރު ޖިނާ ހަނދާންހުއްޓަސް ފިލައިފިއްޔާ ޢަލީއެއް ނުހޯދޭނެއެވެ.
ޝާޒްލީގެ ބުޅާ ބިންމަތީގައި އޮތް ފަތްކޮޅަކާ ކުޅެކުޅެ އޮތެވެ. ހަވީރުގެ ވަގުތެވެ. ޝާޒްލީ ހުރީ ގޯތިތެރޭގައި ހުރި ގަސްތަކަށް ފެންޖަހާށެވެ. ގޯތީގައި މާ ބޮޑު ޖާގައެއް ނެތެވެ. ގަސް ވެސް މަދެވެ. އެހެންނަމަވެސް މާމަ ބުނީތީ ގަސްތަކަށް ފެންދެނީއެވެ. ފަޒޭލު ބޭރަށް ނުކުންނަމުން އައިސް ފެންހޮޅި މައްޗަށް އަރައިފައި ހުއްޓުނެވެ. ކުއްލިއަކަށް ފެން ކެނޑުނެވެ. ވީގޮތެއް ޝާޒްލީއަކަށް ނޭނގެއެވެ. ދެ ފަހަރަކު ހޮޅި ތަޅުވައިލިއެވެ. ފަޒޭލު ނިކަން ބާރަށް ހީނގަތެވެ. އަދި ދުރަށް ދުއްވައިގަތެވެ.
"ބޭބޭ!" ޝާޒްލީ ކުސްތަޅައިގެންފައި ހަޅޭއްލަވައިގަތެވެ. "ދެން މިކޮޅަށް އަތުވެއްޖެއްޔާ ހަމަ ފެންޖަހާނީ އިނގޭ!"
ފަޒޭލު ގެއިން ނުކުތެވެ. އެކަމަކު އެ ވަރަކުން ހިތެއް ނުފުރުނެވެ. ޝާޒްލީއަށް ޖެއްސުންކޮށްލަން އަނެއްކާ ވެސް ގެއަށް ވަންނަހިތް ވިއެވެ. މަޑުމަޑުން ދޮރޯށި ހުޅުވައިލިއެވެ.
"ޔޫހޫ!" ފަޒޭލު ގޮވައިލިއެވެ.
ޝާޒްލީ ބަލައިލުމުގެ ކުރިން ދޮރާށި ލައްޕައިފައި ފަޒޭލު ފިލިއެވެ. ޝާޒްލީ ހުރީ ވައްކަޅިން ބަލާށެވެ. އަނެއްކާ މަޑުމަޑުން ދޮރު ހުޅުވެން ފެށިއެވެ. ރަނގަޅަށް ދޮރު ނުހުޅުވެނީސް ޝާޒްލީ އެ ދިމާއަށް ހޮޅި ދިއްކޮށްލިއެވެ. ދޮރުން ވަދެވުނީ ޢަލީއަށެވެ.
ނުނިމޭ