ޢިޝާ · 19:34

ސަފީރުގެ ރޯދަ ވީއްލުން ބޮއިކޮޓް ކުރުމުން އިމާދަށް ތައުރީފް

ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް މިއަދު ދެއްވާ ރޯދަ ވީއްލުމަށް ވަޑައިނުގަތުމަށް، ސީނިޔާ ނޫސްވެރިޔާ އަދި ވީޓީވީގެ ޑިރެކްޓާ ޖެނެރަލް އިމާދު ލަތީފު ނިންމެވުމުން ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ބަޔަކު ތައުރީފްކޮށްފި އެވެ.


ރާއްޖޭގެ ސީނިއާ ނޫސްވެރިންނަށް ކެޝަޕް ދެއްވާ މި ރޯދަ ވީއްލުން އިމާދު ބޮއިކޮޓް ކުރެއްވީ ފަލަސްތީނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އިއްޔެ ހަވީރު އޭނާ ވަނީ ކެޝަޕް ފޮނުއްވި ދައުވަތު ކާޑާއެކު، އެ ރޯދަ ވީއްލުމަށް ވަޑައިނުގަންނަވާނެ ކަމަށް ފޭސްބުކްގައި ވިދާޅުވެފަ އެވެ.

"ފަލަސްތީނުގެ ރައްޔިތުންނާއެކު އަޅުގަނޑު ހުރިކަން ދެއްކުމަށް، މާދަމާ ހޮޓެލް ޖެންގައި އެމްބެސެޑަރު ކެޝަޕް ދެއްވާ ރޯދަވީއްލުން އަޅުގަނޑު ބޮއިކޮޓް ކުރަމެވެ." ދައުވަތު ކާޑާ އެކު، ފޭސްބުކްގައި އޭނާ ލިޔުއްވާފައި ވެ އެވެ.

ކެޝަޕް ފޮނުއްވި ދައުވަތުކާޑާއެކު، އިމާދު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓް

އިމާދުުގެ މި ޕޯސްޓް ގިނަ ބަޔަކު ޝެއާކޮށްފައިވާއިރު އޭނާގެ ހިތްވަރަށް ވަނީ ތައުރީފްކޮށްފަ އެވެ. ގިނަ ބަޔަކު ބުނާގޮތުން، މިއީ ވަރަށް ހިތްވަރު ގަދަ ނިންމެވުމެކެވެ.

"ވަރަށް ކެރޭ ވަރުގަދަ ނިންމުމެއް މިއީ. ގާޒާގައި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށިފަހުން، ފަލަސްތީނު ރައްޔިތުންގެ ހިމާޔަތަށް ނެރުނު ދެ ގަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައި... އެހެންވެ، މި ރޯދަ ވީއްލުމަށް ދައުވަތު ލިބުނު އެހެން ބޭފުޅުން ވެސް، މިކަން ބޮއިކޮޓް ކުރުމަށް ދަންނަވަން،" މޯލްޑިވްސް ޗައިނާ ޓްްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ނައިބު ރައީސް މިދުއާމް ސައުދު ފޭސްބުކްގައި ލިޔެފައި ވެ އެވެ.

އިމާދުގެ ޕޯސްޓް ޝެއާކުރި ބައެއް މީހުން ބުނީ އޭނާގެ މި ނިންމެވުމަށް ވަރަށް ބޮޑަށް އިހްތިރާމް ކުރާ ކަމަށާއި މިއީ އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު މިސާލެއް ކަމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ ކެޝަޕް އަކީ ރާއްޖޭގެ ގިނަ ސީނިއާ ނޫސްވެރިންނާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެކަމަކު މިއީ ފަލަސްތީނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް، ފާޅުގައި ނޫނެކޭ ބުނަންވީ ވަގުތު ކަމަށެވެ.

"އެ މީހުންނަށް (ފަލަސްތީނަށް) ކުލުނެއް އޮތިއްޔާ އަމަލާ ބަހުން އެކަން ދައްކަން ޖެހޭ. މިއީ ފަލަސްތީނާ އެކު ތިބިކަން ހާމަކޮށްދޭން، އަދި އެމެރިކާގެ އަމަލުތަކާ މެދު ނުރުހޭކަން އަންގަން އަޅުގަނޑުމެންގެ ލެވެލްގައި ކުރެވިދާނެ ކަމެއް،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭސްބުކްގައި އެ ޕޯސްޓް ކުރެއްވި ފަހުން، އެމެރިކާ ސެންޓަރުން ގުޅައި އެއީ ހަގީގަތެއްތޯ ސާފުކުރި ކަމަށެވެ. އަދި އޭގެ ސަބަބު އޮޅުން ފިލުވައި އެކަމާ ގުޅޭގޮތުން އެތަނުން ވާހަކަ ދެއްކި ކަމަށް ވިދާޅުވި އެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުން އިމާދާއެކު އިތުރު ނޫސްވެރިއެއް ވެސް އެ ރޯދަވީއްލުން ބޮއިކޮޓް ކުރެއްވި އެވެ. އެކަމަކު އެހެން ނޫސްވެރިން އެ ރޯދަ ވީއްލުމަށް ނުދާން ނިންމި ކަމެއް އެނގިފައެއް ނެތެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ އުދުވާނުގެ ސަބަބުން ބައިނަލްއަގުވާމީ ހިމާޔަތް ދިނުމަށް ސަލާމަތީ މަޖިލީހަށް ކުވޭތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ. އަދި އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން ގަރާރެއް ހުށަހެޅި ނަމަވެސް އެމެރިކާ ފިޔަވައި އިތުރު ގައުމަކުން އެ ގަރާރަކަށް ވޯޓެއް ނުދެ އެވެ.