ޢަޞުރު · 15:21

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


ޢަލީ ތެމިފޯވިއެވެ. ފަޒޭލު އަނެއްކާ ވެސް އަޑުގެ ކޮޅަށް ހީނގެންފައި ފިލައި ރައްކާވިއެވެ. ޝާޒްލީ ގާވެފައި ހުރީއެވެ. އެކަމަކު ހޮޅި އަނބުރައިލެވުނެވެ. ޑަބިޔާ ހިފައިގެން ހުރި ޢަލީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފެންޖެހީތީ އެކަންޏެއް ނޫނެވެ. ފެންޖެހި ކުއްޖާ ރީތިކަމުން ވެސް މެއެވެ.

"ސޮރީ!" ޝާޒްލީ މަޑުމަޑުން ބުންޏެވެ.

ހޮޅި އެއްލައިލައިފައި ޝާޒްލީ ދުވެފައި ގޮސް އެތެރެއަށް ވަނެވެ. ދެން ނުކުތީ އަޒީޒާއެވެ.

"ފެންޖަހައިފަ ދޯ އެ ދިޔައީ؟" ދެއަތަކަށް ބޯހަލުވައިލައިފައި އަޒީޒާ ބުންޏެވެ. "ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް. ކާކު ހޯދަން އައި ކުއްޖެއް؟"

ޢަލީ މޫނުން ފެން ފުހެލަމުން ޑަބިޔާ ދިއްކޮށްލިއެވެ.

"މި ގެޔަށް ލައިދޭށޭ ކިޔައިފަ ޖިނާ ދިން އެއްޗެއް. ލިބިދާނެތޯ ފެންތަށްޓެއް؟"

ޗަންދުރާއަށް ގޮވަމުން ޑަބިޔާ ހިފައިގެން އަޒީޒާ އެތެރެއަށް ވަނެވެ. ޝާޒްލީ ހުރީ ސިއްރުން ބަލާށެވެ. ވާހަކަދައްކައިލަން ނުކުންނަން ބޭނުންވެފައެވެ. އޭރު ފެންތަށި ހިފައިގެން ޗަންދުރާ އާދެއެވެ. ޗަންދުރާ އަތުން ތަށި އަތުލައިގެން ޝާޒްލީ ނުކުތެވެ. އެކަމަކު، ދެވަނަ ފަހަރަށް އެ އަންހެންކުއްޖާ ފެނިދާނެ ކަމަށް އުންމީދު ނުކޮށް ހުރި ޢަލީގެ މޫނުމައްޗަށް ވެރިވާންޖެހޭ ވަރަކަށް އުފާވެރިކަމެއް ވެރިއެއް ނުވިއެވެ.

"އަސްލު ވެސް ވަރަށް ބޮޑަށް ސޮރީ އިނގޭ!" ފެންތަށި ދެމުން ޝާޒްލީ އަނެއްކާ ވެސް މާފަށް އެދުނެވެ.

ޢަލީ ފެންތަށީގައި ހިފައިފައި އެއްފަހަރުން ބޯލިއެވެ. އެކަމަކު ކަޅި އަމާޒުކުރެވިފައި ހުރީ ޝާޒްލީއަށެވެ. "ޗަންދުރާ ހީވަނީ ދިވެއްސެއްހެން." ތަށި ދެމުން ޢަލީ ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޝާޒްލީ ހުއްޓައި ޢަލީ ނުކުމެގެން ދިޔައީއެވެ. އެ ވަރު ބޮޑު ލަދެއްގައި ޝާޒްލީ ދުވަހަކު ވެސް ނުބެދެއެވެ.

ހެނދުނުގެ ވަގުތެވެ. ޖިނާ ފޯނު ހިފައިގެން ހުރީ، ގުރައިދޫގައި މޮޔައިން ބައިތިއްބާ ތަނުގެ ދޮރުމަތީގައެވެ. ދުވަހަކީ އުޑުމަތި ބަނަކޮށް އޮތް ދުވަހެކެވެ. ހީވަނީ ދެންމެދެންމެ ވެހިގެންފާނެހެންނެވެ.

"އެހެންވެ ދޯ އަޅުގަނޑު މި ކޮޅަށް ފޮނުވީ؟" ޖިނާ އެހިއެވެ.

"އާނ!" ނާގިތު ބުންޏެވެ. "ހިސާބާ، ދިވެހި ކިޔަވައިދޭން ތި ކޮޅަކު މީހަކު ނެތް. ޖިނާއަށް އެ ދެކަން ވެސް ކުރެވޭނެ. އޭގެ އިތުރަށް ނަފުސާނީ އެހީ ވެސް ދެވޭނެ. އެއް ދޮނުގަ ތިން ބުޅި މި ފަހަރު މި ޖެހީ. އެކަމަކު، ކުރިން ވެސް ބުނިހެން، ޖިނާ އަންނަން ބޭނުމިއްޔާ ހަމަ މިހާރު ވެސް އަންނަންވީ!"

ނާގިތާ ވާހަކަދައްކަމުން ގެންދިޔައިރު ފޮށިގަނޑެއް ހިފައިގެން ޒޫނާ ގޯތިތެރެއަށް ނުކުންނަނީއެވެ. ޖިނާ ހުރީ ޒޫނާގެ ޚަރަކާތްތަކަށް ބަލާށެވެ. ފޮށީގައި ހުރި އެއްޗެހި ޒޫނާ އަޅައިލީ ވިނަގަނޑު މައްޗަށެވެ. އޭގައި ހުރީ ރާވާއެއްޗެއްސެވެ.

"ނޫނޭ!" ޖިނާގެ ޚިޔާލު ބަދަލުވެއްޖެއެވެ. "އަދި އިހަށް މިކޮޅުގަ މަޑުކޮށްލާނީ!"

ވާހަކަދައްކައި ނިމުމުން ނާގިތު ފޯނު ބޭއްވިއެވެ. ޖިނާ ދުރުގައި ބަލަން ހުރީއެވެ. ޒޫނާ ވަރަށް އުސް ދެ ޓަވަރު ހެދިއެވެ. ހަދައި ނިމުނުތަނާ އެއް ޓަވަރު ވެއްޓި އެތިކޮޅުތައް ބުރައިގެންދިޔައެވެ. އެ ވަގުތު ގާދިރާ އެކުގައި އައި ސަމަދު ވެސް ދޮރުމަތީގައި ހުއްޓުނެވެ. އެ ދެ މީހުން ވެސް ތިބީ ޒޫނާ ކުރާ ކަންތަކަށް ބަލާށެވެ. ޒޫނާ އަނެއްކާ ވެސް ރާވަން މަސައްކަތް ފެށިއެވެ.

"އޭނަގެ ސިކުނޑި ގައިމުވެސް އެބަ ހަމައަކަށްއެޅޭ!" ސަމަދަށް ޔަގީންކަން ދެވޭ ކަމަކީ އެއީއެވެ. "ރުޅި ވެސް އެބަ ކޮންޓުރޯލު ކުރޭ! ގިނަ ވަގުތު ބަސް މަދަސް ބައެއް ފަހަރު ވަރަށް ދިގުކޮށް މިހާރު ވާހަކަ ވެސް ދައްކާ!"

ޒޫނާއަށް ލިބިފައިވާ ކުރިއެރުންތަކަށް ގާދިރު ޝުކުރުކުރިއެވެ.

"ދެން ކޮންއިރަކުންތޯ އެއްކޮށް ރަނގަޅުވާނީ؟" ގާދިރު ސުވާލަކީ އެއީއެވެ.

"ކޮބައިތޯ ޒޫނާގެ މަންމަ؟" ސަމަދު ސުވާލުކުރިއެވެ.

"އަންނަން އުޅުނީ،" ގާދިރު ކިޔައިދިނެވެ. "ކާރަށް ވެސް އެރި. ފާލަމާ ހަމަޔަށް ދެވުނީ. ހިތްވަރުއެލިއްޖެ! މި ދުވަސްވަރު އަތްމަތި ވަރަށް ތިޔާގި. ފައިސާ އެބަހުރި. ބޭރަށް ގެންގޮސްގެން ވެސް ރަނގަޅުވާނެ ކަމަށް ވަންޏާ.."

ސަމަދު ގެންގުޅުނީ ވަރަށް މިނިވަން ޚިޔާލެކެވެ. ރަށުން ބޭރަށް ޒޫނާ ގެންދާކަށް ސަމަދު ހުރަހެއް ނާޅައެވެ. "ގެންދިޔުން ގޯހެއް ނޫން،" ސަމަދު ބުންޏެވެ. "އެކަމަކު މި ކޮޅުގަ ވެސް މިހާރު ހުރީކީ ދެރަ މީހެއް ނޫން. އަދި އިހަށް ދުވަސްކޮޅަކު ބަލައިލަމާތޯ!"

ވާހަކަދައްކަން އިރުކޮޅަކު ތިބެލައިފައި ޒޫނާ ގާތަށް ގާދިރު ދިޔައެވެ. ކުޑަމިނުން ޒޫނާ ނުވެސް ބެލިއެވެ. ގާދިރަކީ ޒޫނާގެ ބައްޕައެއް ނޫނެވެ. އެހެންނަމަވެސް ގާދިރުގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ސަކީނާ އައި ނަމަ އޭނައަށް ވާނެ ވަރު ގާދިރަށް ވިސްނެއެވެ. ބައިގަޑިއެއްހާއިރު މަޑުކޮށްލުމަށް ފަހު ގާދިރު ފުރީއެވެ. ފުރުވައިފައި ސަމަދު އައިއިރު ވެސް ޖިނާ ގޯތިތެރޭގައި ޒޫނާ ކުރާ ކަންތައް ބަލަހައްޓައިގެން ހުއްޓެވެ.

"ކީއްބާ އޭނަ ކުރަން އެ އުޅެނީ؟" ޖިނާ މަޑުމަޑުން ބުންޏެވެ.

"މާތްކަލާނގެ ދެނެވޮޑިގެންވާނީ،" ސަމަދު ބުންޏެވެ. "އޭނަ ކޮންމެވެސް މީހެއް ދެކެ ލޯބިވި! ވަރަށް ގަދަޔަށް ލޯބިވި! މޮޔަވުމާ އެ ކަމާ ގުޅުމެއް ހުރިކަމެއް ނޫނީ ނެތްކަމެއް ނޭނގެ. ޖިނާއަށް ހީވޭތަ އެ މީހާ އަތުޖެހިއްޖެއްޔާ އޭނަ މެދުވެރިކޮށްގެން ޒޫނާގެ ސިކުނޑީގެ ސަމާލުކަން އަތުލެވިދާނެހެން؟"

އެހެން އަތުލެވޭ ނަމަ ޒޫނާ ހުރީހީ ރަނގަޅުވެފައެވެ. އެ ކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ ޖިނާއެވެ. ނިޝާ ވަރަށް ތަފުސީލުކޮށް އެ ވާހަކަތައް ކިޔައިދީފިއެވެ. އެ އުކުޅު ޖިނާ ބޭނުންކޮށްފިއެވެ. އެއްގޮތަކީ ޒޫނާގެ ސިކުނޑީގެ މާ ފުނަށް އަސަރުކޮށްފައި ވުމެވެ. އަނެއް ގޮތަކީ އަދި ވަގުތު ނުޖެހުމެވެ.

"އެއީ، ތަޅުލެވިފައި ހުރި ތަޅެއްގެ ތެރެއަށް ދަގަނޑުކޮޅެއް ލައްވައިގެން އުޅެނިކޮށް ހަދައިލެވޭ ގޮތަކުން ތަޅު ހުޅުވުން ކަހަލަ ކަމެއް،" ޖިނާ ވާހަކަދެއްކީ ތަޖުރިބާގެ އަލީގައެވެ. "އެބަހުރި ބައެއް ކޭސް ކާމިޔާބުކޮށްފަ! އެކަމަކު ބައެއް ފަހަރު އިތުރަށް ގޯސް ވެސް ވެފަ އެބަހުރި. މޮޔަވުމާ ގުޅޭ ގިނަ ހާދިސާތަކުގަ ކޮންމެވެސް ސްޓޯރީއެއް އޮންނާނެ. ޖިންނިމޮޔަވުމޭ މި ކިޔަނީ ވެސް ސަބަބެއް އޮވެގެން. އަނެއްކޮޅުން ޖިންނިމޮޔަވުމާ ސައިންސާ ފުށުއަރާ ހިސާބެއް ވެސް އޮވޭ! ގަސްދަށުގަ ނިދައިފައި އޮންނަ މީހަކު މޮޔަވެއްޖެއްޔާ އެއީ ޖިންނިއެއްގެ ސަބަބުން ވީ ކަމެއްހޭ ނޫނީ ގަހުން ބޭރުކުރާ ގޭހެއްގެ ސަބަބުން ވާކަމެއް ހޭ؟ ޖިންނި ނޫނީ ފުރޭތަ ފެންނަ މީހާ ފަހުން ވަރަށް ގަދަޔަށް ހުން އެބަ އާދޭ! އޭގެ މާނައަކީ ހުން ޖެހުނު ވަގުތު ސިކުނޑިއަށް އެނބުރުން އަރައިގެން ގޮސް އެއްޗެއް ފެނުނުހެން އޭނައަށް ހީވީހޭ؟ މި ކަހަލަ އެތައް ބައިވަރު ސުވާލެއް ހުރޭ! އަހަރެންގެ ސުވާލަކީ، ޒޫނާގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް އަހަރުމެން ކިހާ ފުނަކަށްހޭ ވަންނަން މި އުޅެނީ؟"

ސަމަދު ބަލައިލި ގޮތަކުން، ޖިނާ ބުނި އެއްޗެއް ސަމަދަށް ނުވިސްނުނުކަން ޖިނާއަށް އެނގުނެވެ.

"މި ބުނީ، ޒޫނާ ލޯބިވި މީހާ ހޯދައިގެން ގެންނައިރު އެ މީހާ މިހާރު ވެދާނެ މީހެއްގެ ފިރިޔަކަށް ވެސް،" ޖިނާ ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ. "މިސާލަކަށް އަހަރުމެންގެ ޓެކްނީކް ކާމިޔާބުވީ ޔޯ! ޒޫނާ ނޯމަލްވީ ޔޯ! އެ ފިރިހެންމީހާޔާ ޒޫނާ އެޓޭޗްވެއްޖެއްޔާ ޔޯ؟"

"އަހަރުމެންގެ ޒިންމާއަކީ ބަލިމީހާ ރަނގަޅުކުރުން،" ސަމަދު ޖަވާބު ވަރަށް ސާދާއެވެ. "ދެން އޭނަ ކަންތައް ކުރާ ގޮތާ އޭނަގެ ޢާއިލާގެ މީހުން ކުރާ ކަންތައް އެއީ އަހަރުމެންނާ ބެހޭ ކަމެއް ނޫން!"

ޖިނާ ވިސްނައިލިއެވެ. އެއްކަމެއް ޖިނާއަށް ކަށަވަރެވެ. އެ މީހަކީ ޖިނާކަން ސަމަދަށް އެނގޭ ނަމަ ސަމަދު އެހެނެއް ނުބުނީހެވެ. އެ ވަގުތަކީ ޒޫނާ އަނެއްކާ ވެސް ދެ ޓަވަރު ރޭވި ވަގުތެވެ. އެ ފަހަރު ޓަވަރު އަރިއަޅައިލި ވަގުތު ޖިނާ އައިސް ޓަވަރުގައި ހިފެހެއްޓިއެވެ. ދެ ޓަވަރު ދެމެދުގައި ހުރަހެއްއަޅައި ހަރުލެއްވިއެވެ. ޒޫނާ ކުޑަކޮށް ހައިރާންވިއެވެ. ހަމަ އެހެންމެ ފަހުން ހިނިތުން ވެސް ވެލިއެވެ. ދިމާ ކުރިމަތީގައި ހުރި ބަނބުކެޔޮގަހުގައި އިން ކާޅު، އާދަޔާ ޚިލާފު އަޑެއް ލައްވައިލިއެވެ.

ރަފީގު އަޑުން ދަންވަރުގެ ހަމަހިމޭންކަމަށް ޒާތެއްގެ ނާމާންކަމެއް ވެރިވެފައި އޮތް ވަގުތެކެވެ. ސަމަދު އޮތީ ނިދައިފައެވެ. ޒޫނާއާއި ޖިނާ ވެސް އޮތީ ނިދައިފައެވެ. ގޯތިތެރޭގައި ނިދައިފައި ތިބި ފަތްތައް ވަޔާ ހޭލައްވައިލިއެވެ. ހީވީ ފުން ނޭވައެއް ބިމަށް ފެތުރިގެންދިޔަހެންނެވެ. ތަނަށް އަލިކުރަން ދިއްލައިފައި ހުރި ހޮޅިބުރި ފިޔަޖަހައިލައިފައި ނިވުނެވެ. ފުން އަނދިރިކަމެއް ވެރިވިއެވެ. އަނދިރިއަށް ވުރެ ކަޅު ހިޔަންޏެއް ގަސްތަކުގެ ތެރެއިން ފޭދިގެން އައިސް އިމާރާތުގެ އެތައްމިތަނުން އެތެރެއަށް ދެމިގަތެވެ. ޖިނާގެ ކޮޓަރީގައި ދިއްލައިފައި ހުރީ ވަރަށް އަލި މަޑު ބޮތްކެކެވެ. އިރުކޮޅަކުން ޖިނާ ފުރޮޅިލިއެވެ. ނޭވާލާން އުނދަގޫވާން ފެށިއެވެ. ލޯ ހުޅުވައިލެވުނުއިރު މުޅި ތަން އޮތީ ދުމުން ފުރިފައެވެ. ރޯވެފައި ހުރީ ކޮން ތަނެއްގައި ކަމެއް ޖިނާއަކަށް ނޭނގެއެވެ. ޖިނާ ފުންމައިގެން ތެދުވިއެވެ. އެ ވަގުތު، ޖިނާގެ މޭގައި މީހަކު އަތްއަޅައި ކޮއްޕައިލިހެން ހީވިއެވެ. ޖިނާ އިދިފުށަށް ވެއްޓުނެވެ. ދެވަނަ ފަހަރަށް ޖިނާ ތެދުވެފައި ނުކުންނަން ބަލައިލިއިރު ދޮރުގައި ހުރީ ހުޅުހިފައިފައެވެ. ސަލާމަތްވާން ބޭނުން ނަމަ ޖިނާއަށް އޮތީ އެންމެ ގޮތެކެވެ. ޖިނާ ކަންތައް ކުރީ އެ ގޮތަށެވެ. ދިޔަ ގޮތަށް ގޮސް ދޮރުގައި ޖެހިގަތްގަތީނުން ދޮރު ވައްޓައިލައިފައި ނުކުތީއެވެ. އަދި ދުވެފައި ގޮސް ސަމަދު ކޮޓަރީގެ ދޮރުގައި ތަޅައިގަތުމުން ވަރަށް އަވަހަށް ސަމަދު ހޭލިއެވެ. އަލިފާންގަނޑު ނިއްވައިލީ ދެ މީހުން ވެގެންނެވެ. ނަސީބަކުން ޖިނާއަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ތަނަކަށް ވެސް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ.

"ކަރަންޓު ސޯޓެއްވީކަމަށް ވާނީ،" ސަމަދު ބުންޏެވެ. "ނަސީބެއްނު ހޭލެވުނުކަން."

ޖިނާ އިތުރު އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް، ކަރަންޓު ސޯޓުވެގެން ހަމައެކަނި ދޮރުފަތުގައި ރޯވާންވީ ކީއްވެ ހެއްޔެވެ؟ ޖިނާ ތެދުވި ވަގުތު މޭގައިއަޅައި ކޮއްޕައިލިހެން ހީވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެއް ޖިނާއަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެހެން ކޮންމެވެސް ކަމެއް ވެއްޖެކަމެވެ.

ނުނިމޭ