މެންދުރު · 11:55

ލައިލަތުލްޤަދްރި ސިއްރު ކުރެއްވުމުގެ ހިކުމަތްތައް

ލައިލަތުލްޤަދްރި އަކީ ރޭތަކުގެ ތެރެއިން އެންމެ މާތް ރެ އެވެ. ސަބަބަކީ އެ ރޭގައި ކީރިތި ޤުރްއާން ބާވާލެއްވުމެވެ. އަދި އެ ރެއަކީ އެ ރޭގައި އަޅުކަންކުރުން އެއް ހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ގޮތުގައި ﷲ ހަމަޖައްސަވާފައިވާ ރެއެކެވެ. އެ ރެއަކީ ޤަދަރު އުފުލިގެންވާ ރެއެކެވެ.


އެ ރެއަކީ ރަމަޟާން މަހުގައި އަންނަ ރެއެކެވެ. އެ ރެއަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ހުވަފެންފުޅުން ފެނިވަޑައިގަތް ކަމަށް ރިވާވެގެންވެ އެވެ. އެކަމަކު ހިނގައި ދިޔަ ބައެއް ކަންކަމުގެ ސަބަބުން ހަނދުމަފުޅު ނެތި ދިޔައީ ކަމަށް ރިވާވެގެންވެ އެވެ.

އެ ރެއަކީ ކޮން ރެއެއްކަން ނޭނގުނު ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި ނުވަތަ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އަދި އޭގެ ތެރެއިން ވެސް އެންމެ ފަހުގެ އޮނަހިރި ރޭތަކުގައި އެ ރޭ ހޯދުމަށް މަސައްކަތް ކުރުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވެ އެވެ. ކޮންމެއަކަސް، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، އެ ރޭ ސިއްރު ކުރެވިފައި ވުމަށް ﷲ ވަނީ މިންވަރު ކުރައްވާފަ އެވެ. މިކަމުގައި ހަމަ ޔަގީނުންވެސް ހިކުމަތްތަކެއް ވާނެ އެވެ.

އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް އެ ރޭ ތަފާތުވާނެތަ؟

ސިއްރު ކުރެއްވުމުގެ ހިކުމަތްތަކަށް ބަލައިލުމުގެ ކުރިން ސުވާލު އުފެދޭ ކަމެއް އެބަ އޮތެވެ. އެއީ ރޭދުވާ އައުމުގައި ދުނިޔޭގެ އެކި ހިސާބުތަކަށް ތަފާތުވުމާއި ހަނދު ސާބިތު ކުރުމުގައި އެއް ގައުމާއި އަނެއް ގައުމު ތަފާތުވުމުން މީސްތަކުންނަށް އެރޭ އަންނާނީ ކިހިނަކުންތޯ އުފެދޭ ސުވާލެވެ. ރޭދުވާ ތަފާތުވުމުގެ ސަބަބުން މި އަންނަ ތަފާތާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ.

އޭގެ ތެރެއިން އެންމެ ޞައްޙަ ރައުޔެއްގެ ގޮތުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ފެށޭ ވަގުތާއި ނިމޭ ވަގުތު ތަފާތު ވިޔަސް އެ ރެޔަކީ ކޮންމެ ބަޔަކަށް ވެސް އެ ބައެއްގެ ރެ އެވެ. އެހެންކަމުން ލައިލަތުލް ޤަދްރި ތަޞައްވުރު ކުރެވޭނެ ގޮތަކީ، ބިމުގެ ވަކި ތަނަކުން ދަތުރެއް ފަށައިގެން ބިމުގެ ޢަރުޟުން އެއް މިސްރާބަކަށް ދަތުރު ކުރަމުން ގޮސް ބިން ވަށާލައި އިހު ހުރި ތަނަށް އަންނަ މީހަކަށް ރޭނގަޑު ތަސައްވުރު ކުރެވިގެންދާ ފަދަ ގޮތެވެ.

މި ރައުޔުގެ ސައްހަކަން ކަށަވަރު ވަނީ ކައުނުގައިވާ އިލާހީ ސުންނަތާ އެންމެ ގުޅެނީ މި ގޮތް ކަމަށް ވާތީ އެވެ. އަދި މީސްތަކުން ﷲ އަށް އަޅުކަން ކޮށް އުޅުމުގައި މުޅި ބިމަށް ބަލާއިރު އަބަދުވެސް ކޮންމެވެސް ބަޔަކު އެ ކަމުގައި ރޭގަނޑު ހޭދަ ނުކުރާ ވަގުތެއް ނުދާނެތީވެ ﷲގެ ޙަޟްރަތުން އަމާންކަމާއި ހެޔޮކަން އައުމުގައި ވެސް މެދުކެނޑުމެއް ނޯންނާނެތީ އެވެ.

މި ގޮތަށް ރޭގަނޑު އަންނަ ކަމަށް ވާނަމަ، އިލްމުވެރިން ވިދާޅުވާ ގޮތުގައި މަލާއިކަތުން ފައިބާ ވަޑައިގަންނަވާނީ ކޮންމެ ބަޔަކަށް ވެސް އިރު އޮއްސުނީއްސުރެ އެ ބަޔަކަށް ފަޖުރު ލަންދެނެވެ. ނުވަތަ ކޮންމެ ބަޔަކަށް ވަކި މަލާއިކަތުންތަކެއް ޚާއްޞަވެފައި ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ނުވަތަ އެންމެ ފުރަތަމަ ރޭގަނޑު ވާ ހިސާބަކަށް ފައިބައިވަޑައިގަންނަވާ ގޮތަށް އެންމެ ފަހުން ފަޖުރުލާ ހިސާބަކުން އަރާވަޑައިގަންނަވާ ގޮތަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ދެން އޮތީ ހަނދު ބެލުމުގައި އަންނަ ތަފާތެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރި އަކީ އެއް ރެއެކެވެ. ގިނަ ރޭތަކެއް ނޫނެވެ. އެހެންކަމުން މި ތަފާތުގެ ސަބަބުން އަންނާނެ ހަމައެކަނި ތަފާތަކީ އޮނަހިރި އާއި ހިރި އެކި ތަންތަނަށް ތަފާތު ވުން އެކަންޏެވެ. ލައިލަތުލްޤަދްރި ވާނީ ހަމަ ހުރިހާ ތަނަކަށް ވެސް އެއް ރެއަކަށެވެ. އެކަމަކު ހުރިހާ ތަނަކަށް އެއީ އޮނަހިރި ރެއަކަށް ވުން ކޮންމެހެން ލާޒިމެއް ނޫނެވެ.

އެ ރޭ ސިއްރު ކުރެއްވުމުގެ ހިކުމަތަކީ ކޮބާ؟

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ލައިލަތުލް ޤަދްރި ސިއްރު ކުރެއްވުމުގެ އެންމެ ބޮޑު ހިކުމަތަކީ، އަޅުކަންތައް ކުރުމަށް މީސްތަކުން އަބަދުވެސް ޝައުގުވެރި ކުރުވުމާ އެކު އެ ރޭގެ މަތިވެރިކަމުގެ ނަސީބު ލިބޭނެ ގޮތް މެދުވެރި ކުރެއްވުމެވެ. އެއީ ކަނޑައެޅިގެން ވަކި ރެއެއް ނަމަ މީސްތަކުން އެހެން ރޭތަކަށް މާ ބޮޑު ފަރުވާލެއް ނުހުންނާނެ އެވެ. ނަފްސާނީ ޢިލްމުގައި ވެސް ޝައުގުވެރި ކުރުވުމަށްޓަކައި ހިތްވަރުދޭ އިރު އެންމެ ބޮޑަށް ޝައުގު ލިބެނީ އަދި ޝައުގުގެ މަތީ ދެމިހުންނަނީ ހިތްވަރު ދެވެނީ ކޮންވަގުތަކު ކަން ނޭނގި އެކަމަކު ކޮންމެވެސް އެއް ވަގުތެއްގައި ހިތްވަރު ދެވޭނެކަން އެނގޭ ގޮތަށް ހިތްވަރު ދިނުމުންނެވެ.

އިމާމް އަލް ފަޚްރުއް ރާޒީ ވިދާޅުވާ ގޮތުގައި ﷲ ލައިލަތުލްޤަދްރި ސިއްރު ކުރެއްވީ އެ ކަލާނގެ އެހެން ބައެއް ކަންކަން ވެސް ސިއްރު ކުރައްވާ ފަދައިންނެވެ. މިގޮތުން އަޅުންގެ ކިޔަމަންގަތުމަށް ﷲ ގެ ރުހިވޮޑިގަތުން އޮންނަ މިންވަރު ސިއްރު ކުރެއްވީ ހުރިހާ ކަމެއްގައި ވެސް ކިޔަމަންގަތުމަށް ޝައުގުވެރި ކުރުވުމަށެވެ.

އުރެދުންތަކަށް ﷲ ކޯފާ ވާ މިންވަރު ސިއްރު ކުރެއްވީ ހުރިހާ އުރެދުންތަކުން ދުރުހެލިކުރުވަން ބާރެއްގެ ގޮތުގަ އެވެ. މީސްތަކުންގެ ތެރެއިން ﷲގެ ވަލިއްޔުން ސިއްރު ކުރެއްވީ ވަކި މީހަކު ތަފާތު ނުކޮށް އެންމެންނަށް ވެސް ގަދަރު ކުރުމަށް ބާރު އެޅުމަށެވެ. ދުޢާ އިޖާބަ ކުރައްވާ މިންވަރު ސިއްރު ކުރެއްވީ ދުޢާ ކުރުމުގައި މުބާލަޣާ ކުރުމަށް ހިތްވަރު ދެއްވުމަށެވެ.

ﷲގެ އެންމެ މަތިވެރި އިސްމުފުޅު ސިއްރު ކުރެއްވީ ހުރިހާ އިސްމުފުޅުތަކުން ވެސް އެކަލާނގެ އަށް ދަންނަވައި އަދި ހުރިހާ އިސްމުފުޅުތައް މުގައްދަސް ކުރުވުމަށެވެ. މެދު ނަމާދު ސިއްރު ކުރެއްވީ ހުރިހާ ނަމާދަކަށް ވެސް ފަރުވާތެރި ކުރުވުމަށެވެ. ތައުބާ ގަބޫލު ކުރައްވާ މިންވަރު ސިއްރު ކުރެއްވީ ހުރިހާ ކަމަކުންވެސް ތައުބާ ލެއްވުމަށް އަބަދުވެސް އެދުމަށް ޝައުގުވެރި ކުރުވުމަށެވެ. މަރުވާ ވަގުތު ސިއްރު ކުރެއްވީ ދިރިހުރި ހުރިހާ ވަގުތަކު މަރަށް ތައްޔާރު ވުމަށް މަސައްކަތް ކޮށް ބިރުވެތި ކުރުވުމަށްޓަކައެވެ.

މިފަދައިން އެތައް ކަމެއް ސިއްރު ކުރައްވާފައިވާ އިރު ލައިލަތުލްޤަދްރި ވެސް ސިއްރު ކުރެވިފައިވުމުން މުޅި ރޯދަ މަސް އެކީ އެ ރޭ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި ވަކިން ޚާއްޞަކޮށް ފަހު ދިހައިގައި ބޮޑަށް މަސައްކަތް ކުރާނެ އެވެ. މަހުގެ ފުރަތަމަކޮޅު އަޅުކަންތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައި މެދެއްހާ ހިސާބަށް އަންނަ އިރު ފޫހިކަމާއި ލޮޑުކަން ބައެއް މީހުންގެ ފަރާތުން ފެނިގެންދެ އެވެ. މިކަމުން އަރައިގަނެ އަލުން އާ ހިތްވަރަކާ އެކު މަސައްކަތް ކުރުމުގެ ޝައުގު ފަހު ދިހައިގައި ލިބެއެވެ. އަދި ފަހު ދިހައިގެ ތެރެއިންވެސް އެންމެ ފަހުގެ އޮނަހިރި ރޭތަކަށް މާބޮޑު ޝައުގެއް ލިބިގެން ދެއެވެ.

ލައިލަތުލްޤަދްރި ސިއްރު ކުރެވުނު އަނެއް ހިކުމަތަކީ އެ ރެއަކީ ކޮން ރެއެއްކަން އެނގިހުރި ހާލަތެއްގައި އެ ރޭ ފާފައަކަށް ހުށަހެޅިއްޖެ ނަމަ ލިބޭނެ ފާފައިގެ ބޮޑުކަން އިތުރުވެގެން ގޮސްދާނެތީވެ މީސްތަކުންނަށް ރަހުމަތަކަށްޓަކަ އެވެ. ތިންވަނަ ހިކުމަތަކީ، އަޅުކަން ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި ވެސް ސަވާބު ލިބޭ ކަމަކަށް ވާއިރު މިގޮތަށް ސިއްރު ކުރެވިފައި އޮތުމުން އެއް ރެއަކު ގަދައަޅައި މަސައްކަތް ކުރުމަށް ވުރެ އެތައް ރެއަކު އެގޮތަށް ގަދައަޅައި މަސައްކަތް ކުރުމުން ލިބޭ ސަވާބު އިތުރު ވެގެންދާނެތީ އެވެ.

ހަތަރުވަނަ ހިކުމަތަކީ، އެ ރޭ ހޯދުމަށްޓަކައި އިންސާނާ ކުރާ މަސައްކަތާ މެދު ﷲ ފަޚުރުވެ ވޮޑިގަތުމަށްޓަކަ އެވެ. އެއީ، އިންސާނުންނަކީ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނެ ބައެއް ކަމަށް މަލާއިކަތް ބޭކަލުން ވިދާޅުވިއަސް ﷲ އަށް އަޅުވެތި ވުމުގައި ލައިލަތުލްޤަދްރި ކަން ކަށަވަރު ނުވާ ރޭ ރޭ ވެސް މިހާވަރަށް މަސައްކަތް ކުރާ ނަމަ އެކަން ކަށަވަރު ވާ ރޭ އަޅުވެތިވުން ހުންނާނީ ކިހާ މިންވަރަކަށް ކަން މަލާއިކަތް ބޭކަލުންނަށް ތަސައްވުރު ކޮށްދެއްވުމަށެވެ.

އާދެ، އެހެންކަމުން މި ހިކުމަތްތަކަށް ސަމާލުވެ އަޅުކަންތައް ކުރުމުގައި އަޅުގަނޑުމެން އިތުރު ހިތްވަރަކާއި ބާރެއް ލާން މަސައްކަތް ކުރަން ޖެހެއެވެ. ލައިލަތުލް ޤަދްރި ލިބޭތޯ ރަމަޟާން މަހުގެ ހުރިހާ ރޭތަކެއްގައި އަދި ވަކިން ފަހު ދިހައިގައި ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ.