މެންދުރު · 12:08

ފަތިސްހަނދުވަރު

ބުރާސްފަތި ދުވަހާ ގުޅޭ


"އޯޑަރު އައިއްސަ އޮތް ގޮތް!" ވެއިޓަރު ހިނިތުންވެލައިފައި ބުންޏެވެ.

"ކުރުނބައެއް ލިބިދާނެތަ؟" ޝާޒްލީ އެހިއެވެ.

ޢަލީ ބަލައިލީ ވެއިޓަރަށެވެ. ޔަގީންކޮށްލުމަށް ޓަކައެވެ. ވެއިޓަރު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

ދެ ކުރުނބާ ހިފައިގެން ސަމަދު ނުކުތީ ގޯތިތެރެއަށެވެ. ޖިނާ އޮތީ ޖޯލީގައެވެ. ޖިނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމުގެ އަސަރެވެ.

"ބުނާއިރަށް ޗުއްޓީ ލިބެންޏާ ކޮން ހެޑޭކެއް؟" ޖިނާއަށް އެއް ކުރުނބާ ދިއްކޮށްލަމުން ސަމަދު ބުންޏެވެ. "މާލެއަށް ނައްޓައިލީމަ ނިމުނީނު!"

"ނަތީޖާއެއް ނުނެރެވި ފުރަންޖެހޭތީ،" ޖިނާ ކަންބޮޑުވެފައި ބުންޏެވެ. "ދެ ބޭނުން އެއްފަހަރާ ހިފަން އަހަރެން ފޮނުވީ. ރަށު ސްކޫލާ މި ތަނާ. ކަމަކަށް ވާކަހަލަ ކަމެއް ކޮށްދީފަ ދާން ބޭނުންވަނީ. މި ތަނުން އެކަކު ނަމަވެސް ގެއަށް ފޮނުވައިލެވިއްޖެއްޔާ އަހަރެން ގިލްޓީއެއް ނުވާނެ ޗުއްޓީނަގާކަށް."

އެ ކަމުގައި ޖިނާއަށް އެހީވާން ސަމަދު ބޭނުމެވެ. އެހެންނަމަވެސް ނަފުސާނީބައްޔެއް ކުއްލިއަކަށް ރަނގަޅުވާނީ، ފަރުވާގެ އިތުރަށް ޖާދޫގެ މަދަދު ވެސް ލިބިގެންނެވެ.

"އަހަންނަށް ޒޫނާ ރަނގަޅު ކުރެވިއްޖެއްޔާ ޔޯ؟" ޖިނާ އެހިއެވެ.

"އިންޕޮސިބަލް!" ސަމަދަކަށް ގަބޫލެއް ނުކުރެވުނެވެ. "ވަގުތުނަގާނެ އެ ކަމަށް."

"މުސަޅަށް ވުރެ ބާރަށް ކަންޒުކަހަނބަށް ދުވެވޭތަ؟" ޖިނާ ކުރިމަތިކުރުވީ ވަރުގަދަ ސުވާލެކެވެ. "އެ ވެސް އިންޕޮސިބަލް ކަމެއް. އަހަންނަށް ވެސް އެ ކަހަލަ ޗާންސެއް ލިބިދާނެއްނު!"

ސަމަދު ވިސްނަން އިންދައި ޒޫނާ ދުވަމުން ގޯތިތެރެއަށް ނުކުތެވެ. ފާޒިރާ ވެސް ފަހަތުން ނުކުތެވެ. ޒޫނާ ދިޔަގޮތަށް ގޮސް ގަހެއްގެ ފުރަގަހަށް ވަދެ ފިލިއެވެ.

"ކިހިނެއްވީ؟" ސަމަދު އެހިއެވެ.

"ދަތް ނުއުނގުޅަންވެގެން ގަދަހަދަނީ." ފާޒިލާ ބުންޏެވެ.

"އަޅާނުލާ!" ޖިނާ އެދުނެވެ. "އަހަރެން ބަލައިލާނަން ތިކަން ވޭތޯ!"

ފާޒިރާ އިންތިޒާރުގައި ހުއްޓެވެ. ޒޫނާ ނުއެއް ނުކުތެވެ. އޭނަ ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ.

"ޒޫނާ!" ވަރަށް އޯގާތެރިކަމާ އެކުގައި ޖިނާ ގޮވައިލިއެވެ. "މި ކޮޅު ބަލައިލަބަލަ!"

ޒޫނާ ސިއްރުސިއްރުން ބަލައިލިއެވެ. އެ އަޑުގައި ދަންނަ ގޮތެއް ހުރިހެން ޒޫނާއަށް ހީވިއެވެ. ޖިނާ ހިނިތުންވެލިއެވެ. އެ ގޮތަށް ކިތަންމެ ފަހަރަކު ޖިނާ ހިނިތުންވެއްޖެއެވެ. ކާމިޔާބެއް ނުވިއެވެ. ޖިނާ އުންމީދުކަނޑައެއް ނުލައެވެ.

"މިކޮޅަށް އައިސްބަލަ!" ޖިނާ އެދުނެވެ.

ޒޫނާ ގަހުގެ ނިވަލުން ނުކުތެވެ. ޖިނާއާ ދިމާއަކަށް ނާދެއެވެ. އެކަމަކު ދުރަކަށް ވެސް ނުދެއެވެ. ކެތްތެރިކަމާ އެކުގައި ޖިނާ މަސައްކަތް ކުރިއެވެ.

"އާދެބަލަ!" ޖިނާ އެދުނެވެ. "އަހަރެން ބުނީމަ އަންނަންވާނެއްނު!"

ޒޫނާ ކުރިޔަށް އެއް ފިޔަވަޅު އެޅިއެވެ. ހުއްޓުނެވެ.

"އާދޭއާދެ!" ޖިނާ ބުންޏެވެ. "ވަރިހަމައޭ ކިތަންމެ މަޑުން އަޔަސް."

ޒޫނާ ދެން ކުރިޔަކަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނޭ ހީވާހާ ވަގުތު ވިއެވެ. އަނެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ.

"ދަތް އުނގުޅާނަންތަ؟" ޖިނާ ސުވާލުކުރިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ޒޫނާ ބޯޖަހައިލީ ލަސްލަހުންނެވެ. ސަމަދަށް ލިބުނީ ޝޮކެކެވެ. ޒޫނާގެ ސަމާލުކަމަކީ އެހާ ފަސޭހައިން ހޯދޭ އެއްޗެއް ނޫނެވެ. ޒޫނާޔާ ދިމާ މަތިން ވެސް މަޚްލޫޤަކު އެ މަންޒަރު ބެލިއެވެ. ހަމަހިމޭންކަމާއި ނުތަނަވަސްކަމާ އެކުގައެވެ. ޖިނާ ވެސް އެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ.

"ޒޫނާއަކީ ވަރަށް ބަސްއަހާ ކުއްޖެއްނު!" ޖިނާ ބުންޏެވެ.

ޒޫނާގެ ސަމާލުކަން ގެއްލެން އުޅުނެވެ.

"މި ކޮޅު ބަލައިލަބަލަ!" ޖިނާ އަލުން ސަމާލުކަން އަތުލިއެވެ. "އަހަންނަށް ބަލާ! ބޭނުންތަ ރަނގަޅުވެގެން ގެއަށް ދާން؟ އޭރުން ފަހަރެއްގަ ދަތުރެއް ވެސް ދެވިދާނެ. މޫދުކައިރިއަށް ގޮސް ހަނދުވަރު ބަލައިލަން ވެސް އިނދެވިދާނެ. ޒޫނާ ވަރަށް ދާހިތްވެއެއްނު! ހަނދާންކޮށްބަލަ އެ ގަޑީގަ އުޑުމަތި އޮންނަ ގޮތް. ހަނދާންކޮށްބަލަ ޝޫޓިންސްޓާ!"

އެހެން އެއްވެސް ފަހަރަކު އާ ނުވާ ވަރަށް ޒޫނާގެ ހަނދާންތައް އެ ފަހަރު އާވިއެވެ. ކުރިން އަންނަނީ ހަނދާނުގެ އެތިއެތިކޮޅެވެ. އެ ފަހަރު މުޅި މަންޒަރު ޒޫނާގެ ލޮލަށް ސިފަވިއެވެ. އެކަމަކު ފުސްކަމެއް ހުއްޓެވެ. މުޅީން ސާފެއް ނުވެއެވެ.

"ބޭނުންތަ އެއްކޮށް ރަނގަޅުވާން؟" ވަރަށް އޯގާތެރިކަމާ އެކުގައި ޖިނާ އެހިއެވެ.

ޒޫނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ލަސްލަހުންނެވެ. ދެން ޒޫނާ ކުރިޔަށް ފިޔަވަޅު އެޅި ވަގުތަކީ ސަމަދު ހަޅޭއްލަވައިގަތް ވަގުތެވެ. ސިއްސައިގެން ގޮސްފައި ޒޫނާ ފަހަތަށް ޖެހިލިއެވެ. ޖިނާއަށް އެނބުރިނުލެވެނީސް ސަމަދު އައިސް ޖިނާ ކޮއްޕައިލިއެވެ. މަތިން ވެއްޓުނު ފަނުން ޖިނާގެ ގައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.

"މަ ބުނަމޭ ރަނގަޅަށް ރުއް ސާފުކޮށްފަ ބަހައްޓާށޭ!" މައްޗަށް ބަލައިލައިފައި ސަމަދު ބުންޏެވެ.

ޖިނާއަށް ބަލައިލެވުނީ ވެއްޓިފައި އޮތް ފަނަށެވެ. ފަން ވެއްޓޭހާ ހިތްކެއް ނޫނެވެ. މައްޗަށް ބަލައިލުމުން ވެސް ޖިނާއަށް ލިބުނީ ހައިރާންކަމެކެވެ. އެންމެ ކައިރިއަށް ހުރި ރުއް ހުރި ދިމާގެ ގޮތުން، އެ ރުކުން ވެއްޓޭ ފަނެއް ވެސް ޖިނާގެ ބޮލާ ދިމާއަށް ވެއްޓިގެން ނުވާނެއެވެ. ޖިނާ ދެން ބަލައިލީ ޒޫނާއަށެވެ. އޭރު ×ފާޒިރާއާ އެކުގައި ޒޫނާ ދަނީއެވެ. އެއްވެސް ގަދަހެދުމެއް، ދެކޮޅުހެދުމެއް ނެތިއެވެ.

"ކައްކަކާކޯ!" ހާލުގެ އަޑު މުޅި ހިސާބަށް ފެތުރިގެންދިޔައެވެ.

އިރު އޮއްސުމަށް ތައްޔާރުވަމުން އައި ވަގުތު، ދިއްގާގަހުގައި އިން ރަތްހާ ނިކަން ބާރަށް ގޮވައިލިއެވެ. ނުވަތަ އިންޒާރުދިނެވެ. އެހެން ނޫން ނަމަ ހާލުގެ ކުޅަދާނަކަން ދެއްކީހީ ފަތިހުއެވެ. އިރުއަރާ ވަގުތުއެވެ. އެ ދުވަހަކީ، އަނެއްކާ ވެސް ޒޫނާގެ ހާލަތު އިންތިހާއަށް ރަނގަޅުވި ދުވަހެކެވެ. ގަބުވެގެންހުރުމުގެ ބަދަލުގައި މީހުންނާ ވާހަކަދެއްކިއެވެ. ޒޫނާ ބޭނުންވާ ކަންތައްތަކެއް ކިޔައިދިނެވެ. ގެޔަށް ދިޔުމެވެ. އާ ފެށުމަކުން ދިރިއުޅުން ފެށުމެވެ. މާޒީ ހަނދާންނައްތައިލުމެވެ. އެ ފަދަ އާރުލާ ވާހަކަ ދެއްކުމަކީ، ގުރައިދޫއަށް އައި ފަހުން ޒޫނާ ކުރާ ކަމެއް ނޫނެވެ. އެ ނަތީޖާ ފެނިފައި އެންމެ އުފާވި އެކަކީ ޖިނާއެވެ. ރުޅިއައީ މަޒްލާނެވެ. އިމާރާތުގެ ގޯތިތެރެއަށް އަނދިރިކަން ވެރިވަންދެން ރަތްހާ އިންތިޒާރުކުރިއެވެ. މަޣްރިބު ނަމާދަށް ބަންގިގޮވައި ނިމުމާއެކު ރަތްހާ ގަހުން ފުންމައިލިއެވެ. ދިޔަ ބާރުމިނުގައި ގޮސް ފާރުގެ ތެރެއިން ޒޫނާގެ ކޮޓަރިއަށް ދެމިގަތެވެ. އެ ވަގުތު ޒޫނާއަށް އޮތީ ނިދިފައެވެ. ދެބަދޭތެރެއެއްގައެވެ. ރަތްހާ ފާޑަކަށް ފުއްޕައިލިއެވެ. ތަޅުންގަނޑުގައި ބަނޑުޖެހިއެވެ. ދެން ހިންދަމައިލީ ކުޑަ ފިރިހެންކުއްޖެކެވެ. އޭނަ ލައިގެންހުރީ ރަތްކުލައިގެ ސޯޓެކެވެ. ރުޅިއައިސްފައި ޒޫނާއަށް ބަލަން އިރުކޮޅަކު ހުރެފައި އެ ތަނުގައި އޮތް ބާލީހެއް ނެގިއެވެ. މަޑުމަޑުން ޒޫނާގެ މޫނާ ދިމާއަށް އައެވެ. ހިޔަންޏެއްވިހެން ހީވެގެން ޒޫނާއަށް ލޯ ހުޅުވައިލެވުނު ވަގުތު ޒޫނާގެ މޫނުމަތީގައި މަޒްލާން ބާލީސްއަޅައި ބާރުކޮށްލިއެވެ. ޒޫނާ ތެޅިފޮޅިގަތެވެ. ހަޅޭއްލަވަން މަސައްކަތް ކުރިއެވެ. ޒޫނާގެ އަޑެއް ބޭރެއް ނުވެއެވެ. ކުއްލިއަކަށް މުޅި ކޮޓަރިއަށް ގުޑުންއަރައިގެންދިޔައެވެ. އެނދު ހެލިގަނެ، އަލަމާރި މައްޗާއި މޭޒުމަތީގައި ހުރި ބައެއް އެއްޗެހި ވެއްޓުނެވެ. މަޒްލާން ބަލައިލިއިރު ހުރީ ބައްޕައެވެ. އެ ތަނަށް ނުތަކާ ވަރުގެ ބިޔަ ސިފައެއްގައެވެ.

"ދޫކޮށްލާ!" ޖިންނީންގެ ބަހުރުވައިން ބައްޕަ އަމުރުކުރިއެވެ.

މަޒްލާން ދުލެއް ނުކުރިއެވެ. އެއީ އެއްފަހަރުން އެ ކަން ނިންމައިލަން މަޒްލާން ހިތުލައިގެން ހުރި ފަހަރެވެ. މަޒްލާންގެ ބައްޕަ ފަސޭހަކަމާ އެކުގައި މަޒްލާން ކިހިލިޖަހައިލިއެވެ. ފާރުގެތެރެއަށް ވަދެގެން ގޮސް ގެއްލުނެވެ. ނޭވާލެވުމުން ޒޫނާ ހަޅޭއްލަވައިގަތެވެ. އަޑު އިވުނު އެންމެން ދުވެފައި އެ ކޮޓަރިއަށް ވަނެވެ.

"އޭނަ މަ މަރާލާނެ!" ޒޫނާ ރޮއިގެންފައި ބުންޏެވެ. "އަހަރެން ސަލާމަތްކުރޭ!"

އެ ވަގުތު ޖިނާ ހުރީ މިސްކިތުގައެވެ. ޒޫނާޔާ އެންމެ ގާތުގައި ހުރީ ސަމަދެވެ.

"ކާކު ޒޫނާ މަރާލަނީ؟" ސަމަދު އެހިއެވެ. "މިތަނަކަށް އެކަކު ވެސް ނުވަދެޔޭ ޒޫނާ! ޒޫނާ އެކަންޏޭ ތި އޮތީ! ދެން މިތިބީ އަހަރުމެން."

"އެހެންނުވާނެ!" ޒޫނާ ހުއްޓައެއް ނުލިއެވެ. "އޭނަ އުޅުނީ އަހަރެންގެ މޫނުގަ ބާލީސް އަޅައިގެން ނޭވާ ހާސްކޮށްލަން. އަދިވެސް އޭނަ އަންނާނެ."

ސަމަދު ކަންބޮޑުވެފައި ޖިނާއަށް ގުޅަން މަސައްކަތް ކުރިއެވެ. އަނެއްކޮޅުން މަޒްލާން މައިތިރިކުރަން މަޒްލާންގެ ބައްޕަ މަސައްކަތް ކުރިއެވެ. ފަޅުރަށުގައި ފީންޏަކަށް ބޯކަށިކެޔޮ ހެދިފައިވާ ދިމާއެއްގެ މެދުގައި ތިބެގެން އެކަކުއަނެކަކާ ކުރިމަތިލިއެވެ.

"ކިތައް ފަހަރު ކިތައް ގޮތަށް ބުނީމަ ދަރިފުޅަށް އަޑުއިވޭނީ؟" ޖިންނީގެ ބަހުރުވައިން ބައްޕަ ސުވާލުކުރިއެވެ. "އެނގޭތަ ކުރެވެން ތި އުޅުނު ކަމެއް؟"

"ބަދަލުހިފަން،" މަޒްލާން ރުޅިއައިސްފައި ބުންޏެވެ. "ބައްޕައެއްނު ބުނީ ވެސް. މިހާރު ހަނދާންނެތުނީ؟"

މަޒްލާން ނުވެސް ވިސްނައި ހުއްޓައި ބައްޕަ އައިސް މަޒްލާން ނިކަން ބާރަށް ކޮއްޕައިލިއެވެ. މަޒްލާން ދިޔައީ ވިއްސައިގެންނެވެ. ބައްޕަގެ ބާރުގެ ކުރިމަތީގައި މަޒްލާނަށް ހިފަހައްޓައިލެވެނީ ކިރިޔާއެވެ.

"ހަނދާން އެބަހުއްޓޭ!" އަޑުގައި ނެތް ތަނަށް ބައްޕަ ހަޅޭއްލަވައިގަތެވެ. "އޭރު ވެސް ބުނެފަ އޮންނާނީ ބިރުގަންނަވާށޭ! ޖެއްސުންކުރާށޭ! މަރާލާށެކޭ ނޫން! ދަރިފުޅު ކަންފަތަކުން ނޫންތަ އަޑުއަހަނީ؟ ކިހިނެއް ވެފަތަ ތި ހުންނަނީ؟"

"ކިހިނެއް ވެފަތަ ބައްޕަ ތި ހުންނަނީ؟" މަޒްލާން އެންމެ ތަންފުކެއް ވެސް ދުލެއް ނުދެއެވެ. "ހަނދާންނެތުނީތަ ބައްޕައަށް ޖެއްސި ހާލު؟ ދައްތައަށް ޖެއްސި ހާލު؟ އިންސާނުންނާ އެކީގަ އުޅެއުޅެ ބައްޕަ ވެސް ތިހިރީ އޭގެ މީހަކަށް ވެ ނިމިފަ."

"އެއީ.. ދަރިފުޅުގެ.." މަޒްލާންގެ ބައްޕަ އެ ހިސާބަށް ބުނީ ކެތްތެރިކަމާ އެކުގައެވެ. ދެން ލަވައިގަތީ ހަޅޭކެވެ. "މަންމައޭ!"

"ހެވޭ!" މަޒްލާން ވެސް ހަޅޭއްލަވައިގަތެވެ.

އަޑު ވަރަށް ގަދައެވެ. މައްސަލަ ޙައްލުވާނެ އެއްވެސް ގޮތެއް ނެތެވެ.

"ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ބައްޕަ ހާދަ ފިނޑިވެއްޖޭ ދޯ!" މަޒްލާން އެހެން ބުނީ ވަރަށް ރާގުލައިފައެވެ.

ކުއްލިއަކަށް މަޒްލާނަށް ފެނުނީ ބައްޕަގެ މޫޑު ބަދަލުވި ތަނެވެ. ބައްޕަ ހޭން ފެށި ތަނެވެ. މަޒްލާން ގާތަކަށް ކުޑަކޮށް ވެސް ހިންޏެއް ނާދެއެވެ.

"ތީ ހަމަ ބައްޕަ!" އެހެން ބުނިއިރު، ބައްޕަގެ ރާގު އޯގާތެރިވިކަން މަޒްލާން ފާހަގަކުރިއެވެ.

"ބޭނުމެއް ނޫން ބައްޕައަށް ވާކަށް،" މަޒްލާން ޗޮކެއްކަނޑައިފައި ބުންޏެވެ. "ބައްޕައަށް ވެއްޖެއްޔާ އަހަރެން ވެސް ވާނީ ބޮޑު ފިނޑިޔަކަށް. ދެން ޖެހޭނީ އެ ޒޫނާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން."

މަޒްލާންގެ މޫނުމަތީގައި، ފުރަތަމަ ފަހަރަށް ބައްޕަ އެތިފަހަރެއް ޖެހިއެވެ. އިރުކޮޅެއް ވަންދެން މަޒްލާންގެ މޫނުގެ އެ ފަޅި ހުރީ އައްސިވެފައެވެ.

ނުނިމޭ