ދިވެހިންނަށް ވުރެ ދިވެހި ބަންގްލަދޭޝްގެ ރައްޔިތެއް!

ނާސަރީ ބުކްޝޮޕަށް ވަދެ ދިވެހި ތާރީހާ ބެހޭ ފޮތެއް، ދިވެހި ބަހާ ބެހޭ ފޮތެއް، ދިވެހި ވާހަކައެއްގެ ނަން ބުނެލުމާ އެކު މުހައްމަދު ޝަރީފުލް އިސްލާމް ހަމައެކަނި އެ ފޮތް ހުރި ތަން ދައްކާލަނީއެއް ނޫނެވެ. ބައެއް ފަހަރު ދިވެހި ލިއުންތެރިންގެ ނަން ބުނެލުމުން ވެސް އެ މީހުންގެ ފޮތްތަކާ ބެހޭ މައުލޫމާތާ އެކު ކަސްޓަމަރުންނަށް އެހީތެރިވެ އެވެ. އެކަމަކު މިހާ ބޮޑަށް ދިވެހި ތާރީޚާއި ދިވެހި ލިއުންތެރިކަމުގެ މައުލޫމާތު އެނގޭ ޝަރީފުލް އިސްލާމަކީ ދިވެއްސެއް ނޫނެވެ. އޭނާ އަކީ އެ ފިހާރައިގެ ބަންގްލަދޭޝްގެ ސޭލްސްމަނެވެ.


ދިވެހި އަދަބިއްޔާތާ ބެހޭ މައުލޫމާތު ފޮތްފިހާރަތަކުގައި ތިބޭ ދިވެހިންނަށް ވެސް ނޭނގެ އެވެ. އެކަމަކު ޝަރީފުލް ތަފާތެވެ. އޭނާ ހަމައެކަނި ނާސަރީ ބުކްޝޮޕްގައި ވަޒީފާ އަދާކުރަނީއެއް ނޫނެވެ. އޭނާ އަންނަނީ ދިވެހި ލިއުންތެރިކަމާއި ލިއުންތެރިންގެ މައުލޫމާތު ދަސްކުރަމުންނެވެ. ދިވެހި ބަހުން ވާހަކަ ދައްކަން އެނގުމުގެ އިތުރުން ދިވެހިން ލިއެކިޔަން ވެސް އެނގެ އެވެ.

ޅެން ފޮތެއް ވިޔަސް ރައިވަރު ފޮތެއް ވިޔަސް ޝްރީފުލް ނޭނގި ނުދެ އެވެ. ތާރީހީ ވަކި ހާދިސާއެއް ބުނުމުން އެ މައުލޫމާތު ހުންނާނީ ކޮން ފޮތެއްގައި ކަމާއި އެފޮތް ލިޔުނީ ކާކުކަން ވެސް، ކަސްޓަމަރުންނަށް ބުނެދެ އެވެ.

ޝަރީފުލް: ދިވެހި ބަސް ދަސްކުރީ ބުކްޝޮޕްގައި އުޅެން ފަސޭހައަކަށް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ ނުވަ އަހަރު ކުރިން ރާއްޖެ އައި ޝަރީފުލްއަށް އެ ހުރިހާ ކަމެއް ދަސްކޮށްދިނުމުގެ މޭސްތިރިއަކީ ފިހާރައިގެ ވެރިޔާ އަލީ ހުސެން އެވެ.

"އަހަރެން އޭނާ ގާތު ބުނިން ދިވެހި ނޭނގެންޏާ ވަރަށް ބޭނުން ކުޑަވާނެއޭ ބުކްޝޮޕެއް ވީމަ. އެހެންވެ ދިވެހި ބަސް ދަސްކުރާށޭ،" އަލީ ހުސެން ވިދާޅުވި އެވެ.

އޭގެ ފަހުން ޝަރީފުލްއަށް ދިވެހި ބަސް ދަސްކޮށްދިނުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ފުރަތަމަ ކިޔައިދިނީ ދިވެހި އަކުރުތަކާއި ފިލިތައް ބޭނުންކުރާ ގޮތެވެ. އެހާ ހިސާބުން ކަސްޓަމަރުންނަށް އެހީތެރިވެވެވޭ ވަރަށް ކިޔާށާއި ލިއަން އޭނާ އަށް އެނގެން ފެށި އެވެ.

އަމިއްލަ ގައުމުގައި ވެސް މާ ބޮޑު ތައުލީމެއް ހާސިލް ކުރުމުގެ ނަސީބު ޝަރީފުލްއަށް ލިބިފައެއް ނުވެ އެވެ. ރާއްޖެ އައުމުގެ ކުރިން އޭނާ ބަންގްލަދޭޝްގައި އުޅުނީ ބޭބެއެއްގެ މަސް ފިހާރައެއްގަ އެވެ. މާ ބޮޑު ތައުލީމެއް ނެތުމުން އޭނާ އަކީ އެއްވެސް ވަރަކަށް ފޮތްކިޔައި އުޅުނު މީހެއް ވެސް ނޫނެވެ. ނަމަވެސް ނާސަރީ ބުކްޝޮޕްގެ ވަޒީފާއާ އެކު އޭނާ ބަދަލުވީ ދިވެހި ފޮތްތައް ކިޔަން ޝައުގުވެރިކަން ބޮޑު މީހަކަށެވެ.

ޝަރީފުލް ބުނި ގޮތުގައި ހަތަރު މަސް ތެރޭގައި ދިވެހި ބަހުން ލިޔަންކިޔަން ދަސްކުރި އެވެ. މިހާރު ދިވެހި ބަހުން އެހާމެ ރީތިކޮށް ވާހަކަ ވެސް ދައްކަ އެވެ.

"އަކުރު ކިޔަން އެނގުނީމާ ފުރަތަމަ ދަސްކުރީ ކުޑަކުދިންގެ ފޮތްތައް. ކުޑަކުދިންގެ ބަގީޗާ ކަހަލަ ފޮތް ކީ. ދެން އެއް އަހަރު ނުވަނީސް ދުއާ ފޮތްތަކާއި ތާރީހީ ފޮތް ކިޔަން ފަށައިފިން،" ޝަރީފުލް ބުންޏެވެ.

ނާސަރީ ބުކްޝޮޕްގައި ޝަރީފުލް: މިހާރު ފިހާރަ ހިންގުމުގައި ވެސް އިސްކޮށް އުޅޭ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ތާރީހީ ބައެއް ފޮތްތައް ލިޔެފައިވާ އަދި މިހާރު ވެސް ލިޔުއްވަމުން ގެންދަވާ އަލީ ހުސައިން ވެސް، ޝަރީފުލްގެ ކުރިއެރުމާ މެދު ހައިރާންވެވަޑައިގަތެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ދިވެހިންނަށް ވެސް ނޭނގޭ ވަރަށް ދިވެހި ތާރީހާއި އަދަބިއްޔާތުގެ މައުލޫމާތު އޭނާ ދަސްކުރި އެވެ. ވަޒީފާގައި ދިވެއްސަކު ހަރުނުލައިގެން އުޅުނު އެފިހާރައިގެ ވެރިޔާއަށް އެކަން ވީ ބޮޑު ފަސޭހައަކަށެވެ.

"ފަހުން ފަހުން ނުވެސް އަހާނެ ފޮތަކާ ބެހޭ މައުލޫމާތެއް. އޭނާ އަމިއްލައަށް ދަސްކޮށްފައި ހުންނަނީ. އަޅުގަނޑު ބުކްޝޮޕަށް ވަދެލާއިރު މީނަ އިންނަނީ ދިވެހި ފޮތް ކިޔަން. މީހަކު އައިސް ފޮތެއްގެ ވާހަކަ ބުނެލާއިރަށް މީނައަށް އެނގޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އެހިސާބުން އެ ބުކްޝޮޕް ހިންގުން ވެސް ޝަރީފުލްއާ ހަވާލުކުރީ އެވެ.

ޝަރީފުލް ބުނާ ގޮތުގައި އިތުރު ފޮތްތައް ކިޔައި މައުލޫމާތު އެއްކުރަން ހިތްވަރު ލިބުނު ސަބަބަކީ ފިހާރައިގެ ގިނަ ކަންކަމުގައި އެކަނި އުޅެން ފެށުމެވެ.

"މީހުން އައިސް މިވެހި ފޮތެކޭ ނޫނީ މައުލޫމާތެއް ބުނީމަ ނެތެކޭ ނުބުނަން [އެންމެ ފުރަތަމަ]. އެ ހޯދަން މަސައްކަތް ކުރަނީ. ކިޔައި ބަލަނީ. އެހެންވެ އަސްލު ބޮޑަށް ދަސްވީ،" ޝަރީފުލް ބުންޏެވެ.

މިއަދު އޭނާއަކީ ދިވެހި އަދަބާއި ލިއުންތެރިކަމުގެ މައުލޫމާތު މުއްސަނދި ބިދޭސީއެކެވެ. ނާސަރީ ބުކްޝޮޕަށް ގޮސް އަދީބުންނާއި ދިވެހި ތާރީހުގެ މައުލޫމާތު އެހުމުން އެ މައުލޫމާތު ހުންނާނީ ކޮންކޮން ފޮތެއްގައި ކަން ފަރިތަކަމާ އެކު ބުނެދެ އެވެ. އަދި ފޮތެއްގެ ނަން ބުނުމުން ވެސް އެ ފޮތް ލިޔުނު މީހާ ބުނެދެ އެވެ. ނުވަތަ މީހެއްގެ ނަން ބުނުމުން އެތަނުގައި ހުރީ އޭނާގެ ކޮންކޮން ފޮތްތަކެއްކަން ކިޔައިދެ އެވެ. އެ ބުކްޝޮޕަށް ދާ މީހުންނަށް ޝަރީފުލް އަކީ ވަރަށް ބޮޑު ފަސޭހައެކެވެ.

"އޭނާއަކީ ދިވެހި އަދަބީ ފޮތްތަކާއި އަދީބުންގެ ހާފިޒެއް. އޭނާ އެހައި ވެސް ފަރިތަ،" އާންމުކޮށް ނާސަރީ ބުކްޝޮޕުން ފޮތް ގަނެ އުޅުއްވާ ދިވެހި އަދީބެއް ކަމަށްވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު އެއް ދުވަހަކު ގޮސް އަހައިލިން ރައިވަރާ ބެހޭ ފޮތްފޮތް އެބަ ހުރިހޭ. ބުނި އިރަށް ބުނެފި ސޯދުބޭގެ ދެ ފޮތެއް އޮތް ވާހަކަ. ނަގައިދޭށޭ ބުނެފައި އަޅުގަނޑު ބުނެފިން ޔޫސުފު އަލިފުޅު ވެސް ރައިވަރާ ބެހޭ ފޮތެއް ލިޔުއްވިނޫންހޭ. ޖަވާބުގައި ބުނީ ޔޫސުފު އަލިފުޅު ލިޔުއްވި ރައިވަރުގެ ވަނަވަރު ދޯއޭ. މިހާރަކު ނެތޭ. ހަމަ އެ ދުވަހު ޞަލާޙުއްދީނާއި ޖަލާލުއްދީނުގެ ދެ ފޮތެއްގެ ވާހަކަ އެހީމާ ވެސް ޖަވާބު އައީ ވަރަށް ފަރިތަކޮށް، ފަސޭހަކޮށް، އެނގިގެން، ދަނެގެން."

ޝަރީފުލް ބުނާ ގޮތުގައި ދިވެހި ބަހާއި ތާރީހަށް އޭނާ ވަރަށް ޝައުގުވެރިވެ އެވެ. ފުލްޓައިމްކޮށް ފިހާރާގައި އުޅެމުން ހުސް ވަގުތެއް ވެއްޖެ ނަމަ އޭނާގެ ކަމަކީ ދިވެހި ފޮތް ކިޔުމެވެ. އޭނާއަށް އެންމެ ކަމުދަނީ "ބޮޑު ފާރު"، "އަތިރި އާއި ބޮޑު ފާރުން އެއްގަން"، ފަދަ ފޮތްތަކެވެ.

"އިބްރާހިމް ނާސިރު ވެރިކަމުގައި ހަވަރު ތިނަދުއަށް އެރި ހާދިސާ އާއި ސުވައިދީބް ހާދިސާ އާއި އެއާޕޯޓް ހެދުން [އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުޅުލޭގައި އެޅި ރާއްޖޭގެ ފުރަތަމަ އެއާޕޯޓް] ކަހަލަ ކަންކަން ވަރަށް ޝައުގުވެރި،" ޝަރީފުލް ބުންޏެވެ.

ދިވެހި ލިޔުންތެރިންގެ ތެރެއިން އެންމެ ކަމުދަނީ ކޮން ބައެއްތޯ އެހުމުން ފަރިތަކަމާ އެކު އޭނާ ޖަވާބު ދިނެވެ. އެގޮތުން ދީނީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުސައިން ސަލާހުއްދީނާއި މުހައްމަދު ޖަމީލް ދީދީގެ އިތުރުން ދިވެހި ލިޔުންތެރިކަމަށް ޒަމާނީ ބަދަލުތައް ގެންނެވި މުހައްމަދު އަމީންގެ ލިޔުންތައް އޭނާއަށް ވަރަށް ކަމުދެ އެވެ.

ޝަރީފުލް ބުނިގޮތުގައި "ބަނގުލާ" ބަހަށް ވުރެ ދިވެހި ބަސް އޭނާއަށް މާ ފަސޭހަ އެވެ. އޭނާ ނިސްބަތްވާ ބަންގުލަދޭޝްގެ ތާރީހީ ފޮތެއް އޭނާ ދުވަހަކު ވެސް ނުކިޔަ އެވެ. އެކަމަށް ޝައުގުވެރިކަން ނުހުންނަނީ އެވެ.

ދިވެހި ބަސް ދަސްކުރުމުން ޝަރީފުލްގެ މުހިންމުކަން ނާސަރީ ބުކްޝޮޕަށް އެބަ އޮތެވެ. އެކަމަކު އެއީ އޭނާއަށް ލިބުނު ހަމައެކަނި ފައިދާއެއް ނޫނެވެ. ޝަރީފުލް ބުނިގޮތުގައި ދިވެހި ބަސް ދަސްވުމަކީ އިސްލާމް ދީން ރަނގަޅަށް ދަސްކުރަން ވެސް ލިބުނު ބޮޑު ފުރުސަތެކެވެ.

"ދީނީ ފޮތްތައް މިހާރު ގިނައިން ކިޔަނީ. ޗުއްޓީއަށް ރަށަށް ދާއިރު ވެސް ދިވެހި ފޮތްތައް ގެންދަން. ދީނީ މައުލޫމާތު ހޯދަން ވެސް ރަށު ބަހަށް ވުރެ ދިވެހި ބަސް މާ ފަސޭހަ. ހުސައިން ސަލާހުއްދީންގެ ލިޔުންތައް ވަރަށް ކަމުދޭ،" ޝަރީފުލް ބުންޏެވެ.

އޭނާގެ ވިސްނުން ހުރީ 2020 ގައި އެއްކޮށް ބަންގްލަދޭޝް އަށް ބަދަލުވާށެވެ. އެކަމަކު ދިވެހި ފޮތްތައް ކިޔުމާއި ލިއުންތަކާ ބެހޭ އިތުރު މައުލޫމާތުން މުއްސަނދިވި އޭނާގެ ސިކުނޑިއަކީ ރާއްޖެ އަށް މުހިންމު ބައެކެވެ.

"ރަށަށް ދާއިރު ވެސް ދިވެހި ފޮތްތައް ގެންދާނަން. ދިވެހި ފޮތް ކިޔާނަން،" ޝަރީފުލް ބުންޏެވެ.