ޢަޞުރު · 15:21

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


އިރުކޮޅެއް ވަންދެން މަޒްލާންގެ މޫނުގެ އެ ފަޅި ހުރީ އައްސިވެފައެވެ.

"މައިމީހާއަށް ކިޔަންޖެހޭ ވަކި ނަމެއް އޮންނާނެ،" ބައްޕަގެ ރާގުގައިވާ ހަރުކަށިކަން މަޒްލާންގެ ފުރާނަ ހަށިން ލުހެލި ކަހަލައެވެ. "ހަނދާންކުރާތި އެ ކަން. ދެވަނަ ފަހަރަށް ހަނދާންކޮށްދޭން ޖެހިއްޖެއްޔާ ދެގުނަ ބާރަށް ޖެހޭނީ ވެސް. ހިރަފުސްކޮޅެއްހެން ތި ހަށިގަނޑު ވަޔަށް ބުރުވައިލަން އާދޭސް ތި ކުރެވެނީ. ބައްޕަގެ ކެތްތެރިކަން ތި ވަރަށް އިމްތިހާނު ނުކުރޭ ދަރިފުޅާ!"

ދަރިފުޅު ރޮމުންރޮމުން ގަސްތަކުގެ ތެރެއަށް ފޭދިގެންދިޔައިރު، ހަނދާނެ ގޮތް ހުސްވެފައި ބައްޕަ ހުއްޓެވެ. ދަރިފުޅު ގައިގަ ޖެހުމަކުން އެ ބައްޕަގެ ހިތަކަށް އުފަލެއް ނުލިބެއެވެ. އެއީ ފަޚުރަކަށް ވެސް ނުވިއެވެ. ދެ ކޮޅުގައި ވެސް ތިބީ ދަރިންނެވެ. އެކަކު ބޭނުންވަނީ ޒޫނާ ރަނގަޅުކުރާށެވެ. އަނެކަކު އެދެނީ ޒޫނާ މަރުވާށެވެ. ދެކަފި މަގެއްގެ މެދުގައި ހުއްޓިގެން ހުރި ބައްޕަ އިޚުތިޔާރުކުރަންވީ ދިމާއެއް ނޭނގިފައި އެތައް އިރަކު ހުއްޓެވެ.

ދަންވަރުގެ ވަގުތެވެ. ގޭގެ އެންމެން ތިބީ ނިދައިފައެވެ. އަޒްރާ ފިޔަވައެވެ. ފަރުހާދަށް ގުޅޭތޯ އަޒްރާ މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުވެއެވެ. ފަރުހާދުގެ ފޯނު ހުންނަނީ އެންގޭޖުވެފައެއް ނޫނެވެ. ކަނޑައިލައިފައެއް ވެސް ނޫނެވެ. ނުގުޅެނީއެވެ. އޭރު ފަރުހާދު އައިސް އަޒްރާގެ ގޭގެ ދޮރާށްޓާ އަރާ ހަމަވަނީއެވެ. ދޮރު ހުޅުވަން ބަލައިލިއިރު ދޮރު ހުރީ ތަޅުލައިފައެވެ. ދެކޮޅު ހޯދައިލުމަށް ފަހު ދޮރުތެރެއިން ފަރުހާދު އެތެރެއަށް ދެމިގަތެވެ. ފަރުހާދަށް ގުޅަން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނިކޮށް އެއްޗެއް ވެއްޓި ތަޅައިގެންދިޔަ އަޑު އަޒްރާއަށް އިވުނެވެ. އަޑު އިވުނު ދިމާއަށް އަޒްރާ ދިޔައެވެ. ވެއްޓި ތަޅައިގެންގޮސްފައި އޮތީ، އެ ދިމާ ހަރުގަނޑުގައި ބަހައްޓައިފައިހުރި ބިއްލޫރި ދޫންޏެވެ. އޭތި ވެއްޓެންޖެހޭ ސަބަބެއް ނެތެވެ. އެހެންނަމަވެސް އޮތީ ވެއްޓިފައެވެ. ކުއްލިއަކަށް އަޒްރާގެ އަނގަމަތީގައި މީހަކު އަތްއެޅިއެވެ. އަޒްރާ ހަޅޭއްލަވައިގަތް ނަމަވެސް އަޑެއް ބޭރެއްނުވިއެވެ.

"މަށޭ މަށޭ.." މަޑުމަޑުން ފަރުހާދު ބުންޏެވެ.

ފަރުހާދު ދޫކޮށްލުމުން އަޒްރާ އެނބުރުނެވެ. ފަރުހާދު ފެނުމުން އުފަލުން ބައްދައިލިއެވެ.

"ކުރާ ކަންތައް!" އަޒްރާ ބުންޏެވެ. "ބިރުން މަރުނުވީ ކިރިޔާ!"

"އަހަރެން ފެނިއްޖެއްޔާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަންނާނެ ވިއްޔަ،" ފަރުހާދު ވައިއަޑުން ބުންޏެވެ. "ހާސްނުވޭ! އެހާ ފަސޭހައިން އަޒޫ މަރުވިޔަކަ ނުދޭނަން. އަޒޫ އެބަޖެހޭ ދިރިހުންނަން."

އަޒްރާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ސަމާސާ ގޮތަކަށް ފަރުހާދު ދުރަށް ކޮއްޕައިލިއެވެ.

"ނޫޅެން ވާހަކަދައްކާކަށް،" އަޒްރާ ބުންޏެވެ. "ކީއްވެތަ ތި ފޯނަށް ނުގުޅެނީ؟ ދުވަހަކު ވެސް މަށަކަށް ނުގުޅޭނެ."

"އެއީ ލައިންގެ ވައްތަރު،" ވަރަށް ހަމަޖެހިލައިފައި ފަރުހާދު ބުންޏެވެ. "އަމިއްލައެދުމުން ފޯވެފަ. ލައިން ގުޅެން ބޭނުން މީހަކަށް ބޭނުން ގޮތަކަށް ޗާންސްދޭނީ. އަހަރެން ބުނީމެއްނު އެ ލައިނަކާ ނުގުޅޭނޭ. ގުޅަން ނޫޅެއްޗޭ! އަހަރެން ގުޅަމެއްނު."

ފަރުހާދު ސޯފާގައި އިށީނުމުން އަޒްރާ ވެސް އިށީނެވެ. އެ ވަގުތު އަޒްރާއަށް އިށީނދެވުނީ ތަޅުދަނޑިފަތި މަތީގައެވެ.

"އޭ ފަރޫ ކިހިނެއް ވަނީ؟" އަޒްރާ އެހިއެވެ. "ދޮރު ތަންޑުއަޅާފަ ހުންނާނީ."

"ދޮރުތެރެއިން ފޭދިގެން މިއައީ،" ފަރުހާދު މަޖާވެލައިފައި ބުންޏެވެ. "ބަލަ ދޮރު ހުރީ ހުޅުވައިފައޭ."

"މަ ވެސް މިހާރު މާބޮޑަށް މުސްކުޅިވީ ކަންނޭނގެ،" އަޒްރާ ގަބޫލުކުރިއެވެ. "ހާދަހާ ހަނދާން ބައްޔޭ! ޗަންދުރާ ގާތުގަ މަ ބުނަމޭ ޑަބަލް ޗެކްކުރައްޗޭ! އަހަންނަށް ވުރެ އޭނަގެ ހާލު ބޮޑު. އެކަމަކު އަބަދު އުޅޭނެ ޖިނާއަށް ޖާސޫސްކޮށްދޭން."

ދެ މީހުން ވާހަކަދައްކަން ތިއްބައި ކުއްލިއަކަށް ޝާޒްލީ ނުކުތެވެ. އެ ފަދަ ކަމަކަށް ވިސްނައިފައި ނެތުމުން ފަރުހާދު ފެނުނަ ނުދޭން އަޒްރާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ނިދިމޫނައިގެން ޝާޒްލީ ގޮސް އައިސްއަލަމާރި ހުޅުވައިލިއެވެ. ފެންތަށްޓެއް އެޅިއެވެ.

"ހައި މަމް!" އަޒްރާއަށް ވެސް ޝާޒްލީ ގޮވައިލިއެވެ.

އަޒްރާ ވައްކަޅިން ފަރުހާދަށް ބަލައިލިއެވެ. ފަރުހާދަކީ ކާކުކަމެއް ޝާޒްލީއަކަށް ނޭނގޭނެއެވެ. ދަންވަރުގެ ވަގުތެވެ. އަޒްރާ އިނީ ނިދާހެދުމުގައެވެ. ފަރުހާދާއި އަޒްރާއާ ދެމެދު ވައިރޯޅިޔެއް ދައުރުކުރާނެ ޖާގަ ވެސް ނެތެވެ. ޝާޒްލީއަށް ޖަވާބެއް ދޭން ވެސް ހަނދާންނެތިފައި އަޒްރާ އިންދައި ފެންބޮއިގެން ޝާޒްލީ ކޮޓަރިއަށް ވަނެވެ.

"ކިހިނެއް އެ ވީ؟" އަޒްރާއަށް ބުނެވުނެވެ. "އޭނައަށް ފަރުހާދު ނުފެނުނީ؟"

"މަ އިނީ ގެއްލިގެން،" ސަމާސާ ރާގެއްގައި ފަރުހާދު ބުންޏެވެ. "ދެން އޭނަ ކީއްކުރަންތަ މަންމަ ކުރާ ކަންކަމާ ބެހެންވީ؟ އެއީ ބަސްއަހާ ކުއްޖެކޭ! ފެންނަކަމަށް ނުވެސް ހަދައި އެ ދިޔައީ. ސްމާޓް ކުއްޖެއް!"

އަޒްރާ ހީނގަތެވެ. ޝާޒްލީގެ އެ ސިފަޔަކީ އަޒްރާއަށް ކުރިން ފެނިފައިވާ ސިފައެއް ނޫނެވެ.

"ދެންމެ އަހަރެން ވާހަކައެއް ބުނަން އުޅުނީމޭ،" ފަރުހާދު ވިސްނަމުން ބުނެލިއެވެ. "އާނ ހަނދާންވެއްޖެ! ދެންމެ ބުނީމެއްނު ޖިނާއަށް ކޮންމެވެސް މީހަކު ޖާސޫސްކޮށްދެނީއޭ. އެހެން ބުނީމަ ހަނދާންވީ! ޖިނާ މިހާރު ގޮސްގެން އެ އުޅޭ ތަނުގަ އުޅޭ އަންހެންކުއްޖަކު ގޮވައިގެން މާފިލާފުށްޓަށް އޭނަ ފުރަންއުޅޭ ވާހަކަ އަޑުއެހިން."

"ސީރިޔަސްކޮށް؟" އަޒްރާ ހައިރާންވެފައި އެހިއެވެ.

"އާނ!" ފަރުހާދު ޔަގީންކަމާ އެކުގައި ބުންޏެވެ. "އަހަރެންގެ ރައްޓެހިން އުޅޭނެ ހުރިހާ ތާކު. އަބަދުވެސް މަށަށް ޚަބަރުތައް ލިބޭނެ."

އަޒްރާ ވީ އުފަލުން ފަރުހާދު ގައިގައި ބައްދައިލިއެވެ.

"މަގޭ ޖިންނި ތި ގެނެސްދިނީ ހާދަ އުފާވެރި ޚަބަރެކޭ!" އަޒްރާ ބުންޏެވެ. "ބޮލަށްއަރައިގަންނަން ރަނގަޅު ޗާންސެއް ތިލިބުނީ. މި ފަހަރު ޖެހޭނީ ވަރިކުރަން. އެބަ އަންނަން."

އަޒްރާ ފޯނު ހިފައިގެން ހިނގައިގަތެވެ.

"ކޮންތާކަށް ތި ދަނީ؟" ފަރުހާދު އެހިއެވެ.

"މަގޭ ލޯބިވާ ފިރިމީހާޔާ ކޯޅެން،" އަޒްރާ ލާނެތް ރާގެއްގައި ބުންޏެވެ. "ނުދައްޗޭ! ވަރަށް އަވަހަށް އަންނާނަން."

އަޒްރާ ދިޔުމުން ފަރުހާދު ވެސް ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. ގޮނޑިން ތެދުވިއެވެ. ބޮޑުކޮޓަރީގައި ދެކޮޅަށް ހިނގައިލިއެވެ. އައިސްއަލަމާރި މަތީގައި އަޒްރާގެ ފޮޓޯގަނޑެއް ހުއްޓެވެ. ފޮޓޯ ލައްވައިފައިވާ ފުރޭމުގެ ވަށައިގެން ހުރީ ލޯގަނޑެވެ. ފޮޓޯ ހަރުކޮށްފައިހުރީ މެދުގައެވެ. ފަރުހާދު އެ ލޯގަނޑު ނަގައި ކައިރިން ބަލައިލިއެވެ. އެކަމަކު ލޯގަނޑަކުން ފަރުހާދެއް ނުފެނެއެވެ.

ޖިނާގެ ފޯނު ރަނގަބީލުވިއެވެ. ސިއްސައިގެން ގޮސްފައި ޖިނާއަށް ހޭލެވުނެވެ.

"ހަލޯ!" ކާކުތޯ ނުވެސް ބަލައި ޖިނާ ނިދިއަޑަކުން ވާހަކަދެއްކިއެވެ.

"އަހަރެން ހީކުރީ ހޭލާކަމަށް އުޅޭނީ،" މަލާމާތުގެ ރާގެއްގައި އަޒްރާ ބުންޏެވެ. "ހާދަހާ އަވަހަކަށް ނިދީ."

"އަޒޫ؟" ޖިނާ ރަނގަޅަށް ހަމަޖެހިލަމުން ގަޑި ބަލައިލިއެވެ. "ހާދަ ދަންގަޑިއެއްގަ ތި ގުޅާލީ؟"

"އަސްލު އަހަރެން ގުޅަންވީ މާދަމާ!" އަޒްރާ ރުޅިއައިސްފައި ބުންޏެވެ. "އޭރުންތާ ބިޒީއޭ ކިޔާފަ ފޯނު ކަނޑާލެވޭނީ. އެއްރަށުން އަނެއް ރަށަށް ޕިކުނިކު ހަދަމުން ދުވީމަ ހުރިހާ ކަމެއް ހުންނާނީ ބަރާބަރަށް. ބިޓެއް ވެސް ގޮވައިގެން ވިއްޔަ ދަނީ ދޯ!"

ޖިނާގެ ނިދި އެއްކޮށް ފިލިއެވެ. އެނދުން ތެދުވެ އިށީނދެލިއެވެ.

"އަޒޫ!" ޖިނާ މަޑުމަޑުން ބުންޏެވެ. "އެއީ މި ތަނުގަ ވަރަށް ސިއްރުން ދެކެވުނު ވާހަކައެއް. ތިހިސާބަށް ފޯރީ ކިހިނެއް، ކާކުގެ ފަރާތަކުން ކަމެއް އަހަންނަކަށް ނޭނގެ. ތި ޚަބަރު ގެންދިޔަ މީހަކު ގެންގޮއްސަ ތިއޮތީ ވެސް ޙަޤީޤަތާ ޚިލާފަށް. އަހަރުމެން ދާން މިއުޅެނީ ޕިކުނިކުހަދަން ނޫނީ މަޖާކުރާކަށް ނޫން. ރަސްމީ ދަތުރެއްގެ ބަޔެއް އެއީ."

"އަހަންނަށް ވަރިހަމަ ކޮންމެ ކަމެއް ކުރަން ދިޔަސް،" ޝައުޤުވެރިކަން ކުޑަ ރާގަކަށް އަޒްރާ ބުންޏެވެ. "ދޭދޭ! ޖިނާ އުޅޭނެ ގޮތެއް އެނގޭނީ ޖިނާއަށް. މަ އުޅޭނެ ގޮތެއް އެނގޭނީ މަށަށް. އަލަކަށް ނޫނެއްނު މީސްމީހުން ފާޑުފާޑުގެ ވާހަކަދައްކާނީ. އަހަރުމެން ތިބޭނަން އަނގަޗޭ ކޮށްގެން އެ ވާހަކަތައް އަޑުއަހަން. ބޮޑުވަރަކަށް ލަދުން ގޮސް އަހަރުމެން ގެއިން ބޭރަށް ނުކުތުން ހުއްޓައެއްނު ލާނީ. ކީއްވާނީ؟ މިހާރު ވަކި ތަފާތެއް އެބަ އޮތް؟"

ދަންވަރު ގަޑީގައި އެ ވާހަކަދައްކާކަށް ޖިނާ ބޭނުމެއް ނޫނެވެ. އެކަމަކު، އަޒްރާ އެ ހިސާބަށް ވާހަކަ ގެންދިޔައީތީ ޖިނާ ވެސް ބުނެލަން ބޭނުން ދެތިން ވާހަކައެއް އޮތެވެ.

"ދަރިންގެ ވާހަކަދައްކާކަށް އަޒޫ ރަނގަޅެއް ނޫން،" ޖިނާ ބުންޏެވެ. "އޮއްސޭ އިރާ އެއްކޮށް ގެއިން ނުކުންނަ ގޮތަށް ކޮންއިރަކު އަޒޫ ގެއަށް ވަންނަނީ؟ ދަރުބާރުގޭ ބިއްދޮށުން، ރެސްޓޯރަންޓުތަކުން، އާޓިފިޝަލް ބީޗުން.. އަހަންނަށް ވެސް ހާދަހާ އަޑުއަޑެއް އިވެޔޭ އަޒޫ! ބަލަ އަހަރެން ދާންޖެހޭ ތަންތަނާ، ދާންޖެހޭ ސަބަބާ، ކުރަންޖެހޭ ކަންކަން ކިޔައިދޭން އަޒޫއަށް ގުޅަމޭ! ފޯނު ނެގިއްޔާތާ! އަހަރެން މި އުޅެނީ ބަލިކުއްޖަކަށް އެހީވާން. އިންސާނިއްޔަތަށްޓަކާ. ރަށުތެރެއަށް ގިނަވެގެނެއް އަހަންނެއް ނޫޅޭނެ. އެއް އިރަކު ވެސް ނޫޅޭނެ. އަހަންނަށް އަހަރެންގެ ހައިސިއްޔަތު އެނގެޔޭ."

"ކޮބާ އެނގިފަ؟ ފުރަތަމަ ތީ ފިރިއެއް. އެއަށް ފަހުގަ ޓީޗަރަކަށް ވާނީ." އަޒްރާ ބޭނުންވީ ހިތްފުރެންދެން ޒުވާބުކޮށްލާށެވެ.

"ތީ އަންބެއް. އެއަށް ފަހުގަ ވެސް ޓީންއޭޖަކަށް ނުވާނެ. ދެނޯ؟" ޖިނާ އެހިއެވެ.

އަޒްރާ ފޯނު ކަނޑައިލިއެވެ. ޖިނާ ގާތަށް އައި ރުޅި މާ ގަދައެވެ. އަލުން ގުޅާފަ ޒުވާބުކުރަން ހިތަށްއެރިއެވެ. ވަގުތުން ފުރަން ހިތަށްއެރިއެވެ. ޖެހިޖެހީނުން ފޯނު ކުދިކުދިކޮށްލަން ހިތަށްއެރިއެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަން ވެސް ހިތަށްއެރިއެވެ. އެތައް ކަމެއް ކުރަން ހިތަށްއެރި ނަމަވެސް އެއްވެސް ކަމެއް ޖިނާ ނުކުރެއެވެ. އެކަމަކު ޖިނާގެ ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އައެވެ.

ރޭވިފައިވާ ގޮތަށް ޖިނާ ދަތުރު ކުރިޔަށް ގެންދިޔައެވެ. ނަސީބަކުން އެ ދުވަހަކީ ދަތުރުކޮށްލަން ހިތްގައިމު ދުވަހެކެވެ. ދަތުރުގައި ޒޫނާގެ އިތުރުން ޑަކުޓަރާއި، ސަމަދާއި، ނިޝާ ވެސް ބައިވެރިވިއެވެ. ޒޫނާ އިނީ ލައިފްޖެކެޓު އަޅުވައިފައެވެ. ޒޫނާ ބެލެހެއްޓުމަށް ޓަކައި ދެ އަންހެނުން ތިއްބެވެ. އެއީ އެހާތަނަށް ކޮށްފައިނުވާ ކަހަލަ އާ ތަޖުރިބާއެކެވެ. ސަމަދުގެ އުންމީދު ވަރަށް ފޮންޏެވެ. ކާމިޔާބުގެ އެންމެ އުސް ހަރުފަތަށް ނޭރުނަސް، ކުރިއެރުންތަކެއް ލިބޭނެކަން ސަމަދަށް ކަށަވަރެވެ. ޖިނާ ހުރީ ދޯނީގެ ދިރުނބާކޮޅުގައި މޫދަށް ބަލަހައްޓައިގެން މާޔޫސްވެފައެވެ. ބޮޑު ގޮންޖެހުމަކާ ކުރިމަތިލާއިރު ހިތްވަރެއް ލިބުމުގެ ބަދަލުގައި ހިތްދަތިކަމެއް ލިބުނީތީއެވެ. ޖިނާއަށް ހިތްވަރުދޭން ނިޝާ މަސައްކަތް ކުރިއެވެ.

"އަހަންނަށް އެނގޭ ނުވިސްނާށޭ ބުންޏަސް ވިސްނޭނެކަން،" ނިޝާ ބުންޏެވެ. "އެކަމަކު.."

ނުނިމޭ