މަޣްރިބް · 18:18

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


"އަހަންނަށް އެނގޭ ނުވިސްނާށޭ ބުންޏަސް ވިސްނޭނެކަން،" ނިޝާ ބުންޏެވެ. "އެކަމަކު.."

"އަހަރެން ހިތަށްއަރަނީ ހަމަ ކުއްލިއަކަށް އަޒޫއަށް މިއައީ ކޮން ބަދަލެއްބާއޭ؟" ޖިނާ ބުންޏެވެ. "ކާކުގެ އެސްފީނާއެއްބާއޭ އަހަރުމެންނަށް ޖެހުނީ؟ އަހަރެން ދެކެ ހާދަހާ ފޫއްސެކޭ އަޒޫ އެ ވަނީ. އަހަރެން އަޒޫއާ އިންނަން އުޅުނުއިރު މަންމަ ހާދަ ވަރަކަށޭ ދެކޮޅުހެދީ. އެއީ އެވެނި ގެޔެއްގެ މިވެނި މީހެއްގެ ދަރިޔެކޭ، މިވެނިހެން އުޅޭ ކުއްޖެކޭ! އަހަރެން ގަބޫލެއް ނުކުރަމޭ! މަންމަ ވެސް ފަހުން ބުނި މަންމަގެ ނިންމުން ގޯހޭ! އެންމެންގެ އިތުބާރު ލިބުނީމަ ދެން ކީއްކުރަން އަޒޫ އެހެން އުޅެންވީ؟ ކީއްވެތަ އަޒޫ އެހެން އެ އުޅެނީ؟"

"ހިތަށްއަރާ ތި ސުވާލުތަކުގެ ޖަވާބު އަހަންނަށް ދެވޭނެ ނަމައޭ،" ނިޝާ ހިތާމަޔާ އެކުގައި ބުންޏެވެ. "އަހަރެން ވެސް ހަމަ ހައިރާންވެ އަންތަރީސްވެފަ މިހިރީ."

ނިޝާއަކަށް ވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެއް ގެޔެއްގައި ނޫޅުނެއް ކަމަކު އަޒްރާއަށް އައި ބަދަލު ނިޝާއަށް ވެސް ފާހަގަކުރެވުނެވެ. އަޒްރާއަށް ވިސްނައިދޭން ނުވަތަ އަޒްރާ ހުއްޓުވަން ވެސް ނިޝާ މަސައްކަތްކުރިއެވެ. ހުރިހައި ކަމެއް ބޭކާރެވެ. ސަމަދު އިނީ ޖިނާއަށް ބަލަހައްޓައިގެންނެވެ. ޒޫނާގެ ހާދިސާ ސަމަދަށް އެނގުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. ސަމަދުގެ މުޅި ހަޔާތުގައި ވެސް އެ ފަދަ ވާހަކައެއް ނާހައެވެ. ސަމަދަށް ހީވީ އެއީ ލިޔުންތެރިޔަކު ހަދައިފައިވާ ފުލޯކު ވާހަކައެއް ހެންނެވެ. ޖިނާއާއި ނިޝާގެ ދުލުން އެ ވާހަކަ އިވުމުން، ޝައްކަކާ ނުލައި އެ ވާހަކަ ގަބޫލުކުރަން ސަމަދު ބޭނުންވިއެވެ. ހިތާދެކޮޅަށް ވިޔަސްވެހެވެ. ސަމަދު ތެދުވެގެން ޖިނާ ގާތަށް ދިޔައެވެ.

"މި ކަހަލަ ދަނޑިވަޅެއްގަ ކުރަން ރަނގަޅު ކަމެއްބާ މި ކުރެވެނީ؟" ސަމަދު ސުވާލު އުފެއްދިއެވެ. "ޒޫނާގެ ހަނދާންތައް އެނބުރި އައިސް އޭނަ ރަނގަޅުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު. އެކަމަކު އެއީ އެހެން މައްސަލައަކަށް ހުޅުވައިލެވޭ ދޮރަކަށް ވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟ ޙަޤީޤަތުގަ ވެސް ޒޫނާ ލޯބިވި މީހަކީ ތީ! ކުރިން އައިކަމަށް ތި ބުނަނީ ވައްތަރު ޖިންނިއެއް. މި ފަހަރު ތީ އަސްލު މީހާ. ދެން ޖިނާޔާ ހެދި ޒޫނާ މޮޔަވެއްޖެއްޔާ ޔޯ؟"

ސަމަދު ފާހަގަކުރީ ޖިނާ އެތައް ފަހަރަކު ވިސްނައިފައިވާ ކަމެކެވެ. ޖެހިލުންވި ކަމެކެވެ.

"ހަނދާންވޭތަ ސަމަދު ތި ސުވާލަށް ޖަވާބުދިން ހަނދާން؟" ޖިނާ ވިސްނައިލައިފައި ބުންޏެވެ. "ޒޫނާ ރަނގަޅު ވެއްޖެއްޔާ އަހަރެންގެ ގުރައިދޫ ދަތުރު ތޮޅިޔަކަށް ނުދާނެ. އަހަރެންގެ ކެރިޔަރާ، ފިއުޗާޔާ، ޒޫނާގެ ފަރުވާޔާ މިއޮތީ ގުޅިލާމެހިފަ. ފަސްއެނބުރި ބެލުމެއް ދެން ނެތް. ވާ އެއްޗެއް ވޭ!"

ދޯނި ލެފީ މާފިލާފުށްޓަށެވެ. ޒޫނާގެ ހަޔާތުގެ އެއް ހިއްސާ ކަމުގައި ވެފައިވާ ރަށަށެވެ. އެ ތަނަކަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު އާދެވި، އެ ތަނެއްގައި އެއް ހަނދާނަށް ވުރެ ގިނަ ހަނދާން ރައްކާކުރެވިފައިވާ ތަނަށެވެ. އެއީ، ޒޫނާއާއި "ޖިނާގެ" ލޯތްބަށް ހެކިވެފައިވާ ތަނެވެ. އެ ތަނުގެ މަގުތަކާއި، ގޯޅިތަކާއި، ގަސްތަކެވެ. އެ ތަނުގެ ތުނޑިއާއި، ދިޔަރެހާއި، އުދަރެހެވެ. އެ ތަނަށް ދިން އަތްވާއި، ހަނދުވަރެވެ. ބީއްސި ރާޅާއި، ޖެހުނު ރޯޅިއެވެ. އޭރު ޒޫނާ ހުރީ ހުސްހަށިބަޔަށެވެ. ހިތް އޮތީ މިނިވަންކޮށެވެ. ގިނިހިލަޔަކުން ޒޫނާގެ ހިތުގައި އަލިފާން ރޮނގެއް ދަމައިލުމާ ހަމަޔަށެވެ. އެ ހިސާބުން ޒޫނާގެ މުޅި ދިރިއުޅުން ބަދަލުވީއެވެ.

"ކޯޗެއް ތި ވިސްނަނީ؟" ޒޫނާ ގާތުގައި އިން ޖިނާ ސުވާލުކުރިއެވެ.

"މީ ކޮންތަނެއް؟" ހައިރާންވެފައި ޒޫނާ އެހިއެވެ. "އަހަރެން ކުރިން މިތަނަށް އައިތަ؟"

ޒޫނާގެ ޚަރަކާތްތައް ހުރީ ޖިނާ ބޭނުންވި ގޮތަށެވެ. ހީވާ ކަހަލައެވެ. ޒޫނާގެ ސިކުނޑިއަށް ހަނދާންތަކެއް ތޮއްޖެހެން ފަށައިފިއެވެ. ދެން ބާކީ އޮތީ އެންމެ ކަމެކެވެ. އެ ހަނދާންތަކުގެ ބޭރުން ލެވިފައިވާ ތޮށިގަނޑު ނޮޅައިލުމެވެ. ޒޫނާ ބަނދެވިފައިވާ ކަސްތަޅުން މިނިވަން ކުރުމެވެ. ޒޫނާއަށް ވުރެ ކުރިން ޖިނާ ފާލަންމައްޗަށް ފޭބިއެވެ. މާޒީ އިއާދަކުރުމަށް ޓަކައެވެ. ޒޫނާ ދޯނިން ފައިބަން އުޅުނު ވަގުތު ޖިނާ އަތް ދިއްކޮށްލިއެވެ.

"ބިރުންތަ ތިހިރީ؟" އޯގާތެރިކަމާ އެކުގައި ޖިނާ ބުންޏެވެ. "އަތުގަ ހިފާބަލަ! ވެއްޓިއްޖެއްޔާ ނަގާނަމޭ!"

ޖިނާއަށް އަތް ދިއްކޮށްލައިފައި ޒޫނާ އަތް ދަމައިގަތެވެ. ވީ ގޮތް ޖިނާއަށް ވަރަށް ސާފުކޮށް އެނގުނެވެ. ހަނދާނުގެ ކޮންމެވެސް މިންވަރެއް ޒޫނާއަށް އަތުޖެހުނީއެވެ. ފަތްޖެހިފައިވާ މާޒީގެ ކޮންމެވެސް ފޮޓޯއެއް އަލުން ނިއުޅުވުނީއެވެ. ހައިރާންވެގެން ހުރެ އަނެއްކާ ވެސް ޒޫނާ އަތް ދިއްކޮށްލިއެވެ. ޖިނާ އަތުގައި ހިފިއެވެ. އެ ވަގުތު ޒޫނާގެ ހަށިގަނޑުގެ ކޮންމެވެސް ހިއްސެއް ނިދިންހޭލި ކަހަލައެވެ. ހިތުގެ ކޮންމެވެސް ނާރެއް މޯޅިޔަކަށްދެމިލި ކަހަލައެވެ. ހަނދާންނެތިފައިވާ ކޮންމެވެސް އިހުސާސެއް އަލުން އެނބުރި އައި ކަހަލައެވެ. އެކަމަކު ހިނިތުންވެލާކަށް ޒޫނާއަކަށް ނޭނގުނެވެ. ޖިނާގެ އަތުގައި ހިފައިގެން ފާލަންމައްޗަށް ފޭބިއެވެ. މަރުޙަބާކިޔަން ވަރަށް ދުރުގައި ވެސް އެކަކު ހުއްޓެވެ. އެއީ ޖެނީއެވެ. ޖެނީ ދިރިއުޅެނީ އެ ރަށުގައެވެ. މަންމައަށް ޓަކައި ޖެނީ އިންތިޒާރުކުރާތާ ކިތަންމެ އިރެކެވެ.

"މަންމަ!" ވަރަށް އުފާވެފައި ޖެނީ ވައިއަޑުން ބުނެލިއެވެ.

ޒޫނާގެ ކަންފަތަށް އެ އަޑު އިވުނު ކަހަލައެވެ. ސިއްސައިގެން ގޮސްފައި ވަށައިގެން ހޯދައިލިއެވެ.

"ސާޖިދު؟" ޒޫނާ ވެސް ވާހަކަދެއްކީ ކިރިޔާ އިވޭ ވަރަށެވެ. އެ ފަހަރު އެ ހިސާބަކުން ނުއެއް ހުއްޓުނެވެ. "ޖެނީ؟"

ޖެނީއަށް ޔަގީނުން ވެސް އެ އަޑު އިވުނެވެ. ފުރަތަމަ ފަހަރަށް ކޮއްކޮގެ ނަމާ އެކުއެކީގައި ޖެނީގެ ނަން މަންމަ ކިޔުމުން ޖެނީއަށް އުފަލުން ރޮވުނެވެ. ވަލުތެރެއަށް ދުއްވައިގަތެވެ.

"ބައްޕާ! ބައްޕާ!" ޖެނީ ގޮވިއެވެ.

އުފަލުން ތެޅެމުންފޮޅެމުން ޖެނީ ދިޔައީ ބައްޕަ ގާތަށެވެ.

"ބައްޕާ! މަންމަ އަތު..." ޖެނީއަށް ބުނެވުނީ އެ ހިސާބަށެވެ.

ބައްޕަ ހުރީ ފުރަގަސްދީގެންނެވެ. ޖެނީ ކިތަންމެ އުފާވެފައި ވާހަކަދެއްކި ނަމަވެސް ބައްޕައެއް ނުއެއް އެނބުރުނެވެ. ޖެނީގެ މޫނުމަތީގައި ހުރި އުފާވެރިކަން ކުއްލިއަކަށް ފިލިއެވެ.

"މަންމަ ފެންނައިރަށް މަންމަ ކުރި އަނިޔާތައް ހަނދާންނެތުނީތަ ދަރިފުޅާ؟" ފުރަގަސްދީގެން ހުރެ ބައްޕަ ސުވާލުކުރިއެވެ. "މަންމަ ކިޔުން މަނާކުރި! ބައްޕަ މީ ނެތް މީހަކަށް ހަދައިލި! ހަމަ އެ މަންމައޭ އެއީ."

"އެކަމަކު ބައްޕާ،" ޖެނީ އުފާވެފައި ބުންޏެވެ. "މަންމަ ދެންމެ އަހަންނަށް ގޮވައިވެސްލައިފި!"

ޖެނީއަށް ފެނުނީ ކުއްލިއަކަށް ބައްޕަ އެނބުރުނު ތަނެވެ.

"ދެވަނައަށް،" އިންސާނެއްގެ ސިފައިގައި ހުރި ބައްޕަގެ އަތުން ދެ އިނގިލި ދައްކައިލައިފައި ބުންޏެވެ. "މަންމަގެ ދުލުން ދަރިފުޅުގެ ނަން ކިއީ ދެވަނައަށް. ފުރަތަމަ ކިއީ ކާކުގެ ނަމެއް؟"

ކަންއޮތީ އެހެންކަން ޖެނީއަށް ވެސް ގަބޫލުކުރެވެއެވެ. އެކަމަކު އެއީ އުފާކުރުން ޙައްޤު ކަމެކެވެ. ޖެނީ ދެކޭގޮތުގައި ދެވަނައަށް އާދެވުނިއްޔާ އެއްވަނައަށް އަންނަން ކުރަންޖެހޭ މަސައްކަތް ކުޑަވާނެއެވެ.

"އެކަމަކު ކޮއްކޮއެއް ނެތެއްނު މިހާރަކު!" ޖެނީ ހަނދާންކޮށްދިނެވެ.

"ތި ވާހަކަޔޭ ދަރިފުޅާ!" ބައްޕަ ބުންޏެވެ. "ބައްޕަ ނުބުނަން މަންމަދެކެ ލޯބިނުވާށެކޭ. އެކަމަކު، މާ ބޮޑު އުންމީދުތަކެއް ނުކުރައްޗޭ! ލޯބިން ތެޅިފޮޅިނުގަންނައްޗޭ! ދަރިފުޅު ވިސްނަބަލަ! ސާޖިދުކޮއްކޮ މިހާރު ދުނިޔެއަކު ނެތް. މަންމަގެ ދިރިހުރި ހަމައެކަނި ދަރިޔަކީ ތީ! އެކަމަކު އަދިވެސް، ދުވަހަކު ވެސް ދަރިފުޅުގެ އަސްލު މަގާމެއް ދަރިފުޅަކަށް ނުލިބޭނެ. އެ ކަން ގަބޫލުކޮށްގެން ހުރޭ! އޭރުން ނިމުނީ!"

"އެއްވަނައަކީ ހޯދީމަ ލިބޭ އެއްޗެއް ބައްޕާ!" ވިސްނައިލައިފައި ޖެނީ ބުންޏެވެ.

ބައްޕަގެ ލޮލުން ލޯބީގެ ކުލުނު ބަބުޅައިލި ތަން ޖެނީއަށް ފެނުނެވެ.

"ތިޔަވީ!" ބައްޕަ ބުންޏެވެ. "ގޭގަ ގެންގުޅޭ ކުއްޖަކަށް ވެގެނެއް ޖެނީއެއް ދެނެއް ނުދާނެ. ޖެނީ ހުންނާނީ މިތާ ބައްޕަ ކައިރީގަ. މި ތަނުން ދަންޏާ ދާނީ ރާނީއެއްހެން. ވަރަށް ހިތާމަކޮށްފީމެއްނު! ދެނެއް ނުކުރާނެ!"

ޖިނާގެ އުންމީދަކީ ޒޫނާގެ ބައްޔަށް ލުޔެއް ލިބުމެވެ. ޒޫނާގެ ހަނދާން އެއްކޮށް ނަޔަސް، ކުޑަ ނަމަވެސް މިންވަރެއް އެނބުރިއައުމެވެ. ގުރައިދޫގެ މަރުކަޒުގައި ތިބި މޮޔައިންގެ ތެރެއިން ޒޫނާއަކީ ރަނގަޅު ކުރެވިދާނެހެން ޖިނާއަށް ހީވި ހަމައެކަނި ބަލިމީހާއެވެ. ޢާއިލީ މައްސަލަތަކާ ހެދި ގޮތް ހުސްވެގެން އައި މީހަކަށް ވުރެ ބޮޑަށް ޖިނާ ފާހަގަވާން ބޭނުމީ ނަތީޖާ ނެރޭ މީހެއް ގޮތުގައެވެ. އެހެންނޫން ނަމަ ޖިނާ އެ ވަގުތު ހުންނަންވީ އަމިއްލަ ގޭގައެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" ސަމަދު އެހިއެވެ.

"ހިތަށްއަރަނީ ކިހިނެއްބާއޭ ވާނީ." ޖިނާ ބުންޏެވެ.

ސަމަދާއި ޖިނާ ތިބީ ފާލަންމަތީގައެވެ. ތަންކޮޅެއް ދުރުގައި ޒޫނާ ވެސް ހުއްޓެވެ. ގާތުގައި އެހީތެރިންނާއި ނިޝާ ވެސް ހުއްޓެވެ. އެ ރެޔަކީ ޖިނާ އުންމީދުކުރި ވަރަށް ވުރެ އުޑުމަތި ބަނަ ރެޔެކެވެ. އެކަމަކު ވާރޭވެހޭނެހެނެއް ޖިނާއަކަށް ހިޔެއްނުވެއެވެ.

"ހަނދުވަރު ރީތި ނަމަ ދެން ނެތް ބުނާނެ އެއްޗެއް،" އުޑުމަތި ބަލައިލައިފައި ޖިނާ ބުންޏެވެ. "މަހުގެ ވަރަށް ކަޅުފޮއި ހިސާބަކާ މި ދިމާވީ. ދެން ކުރެވުނު ވަރެއް ކުރާނީ. ކޮންމެ ގޮތެއް ވިޔަސް މި ކަހަލަ ކަންކަން ޓަސްލާފަ ރަނގަޅެއް ނުވާނެ."

ޒޫނާ ގޮވައިގެން ނިޝާ އައެވެ. އިންތިޒާރުކުރި ވަގުތު އައިސް ޖެހުނީއެވެ. ޖިނާގެ ލޮލުގެ އިޝާރަތަކަށް ޒޫނާގެ އަތުގައި ހިފައިގެން ނިޝާ ހިނގައިގަތެވެ. ދޭތެރެދުރުކޮށް ވިދައެވެ. ވިދާލެއް ދުރުކަމުން ލޯ ތަރަތަރަލައިގެންދާހާ އައްޔެއް ނޫނެވެ. ގުގުރާ އަޑެއް ނީވެއެވެ. ހިނގާ މަގަށް އަލިކުރީ ބައްތިތަކުންނެވެ. ބައްޕަޔާ އެކުގައި ޖެނީ ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ. އަދި ހިތްދަތިކަމުގެ ނަޒަރަކުން ބައްޕަޔާ ދިމާއަށް ޖެނީ ބަލައިލިއެވެ. ބައްޕަގެ އެހީތެރިކަމެއް ނުދިނީ ކީއްވެތޯ އަހާ ކަހަލަ ނަޒަރަކުންނެވެ. ޖެނީއަށް ފެނުނީ ބައްޕަގެ ރުޅިއައިސްފައިވާ މޫނެވެ. އެއީ ކޮން ރުޅިއެއް ހެއްޔެވެ؟ ޖެނީ ވިސްނައިލިއެވެ. މަންމަ ފެނުނީމައި ބައްޕަ ރުޅިއަންނަނީ ކީއްވެ ހެއްޔެވެ؟ މާޒީ ހަނދާންވަނީ ހެއްޔެވެ؟ ނުވަތަ މަންމަ އެންމެ ލޯބިވި މީހާ އެ ތަނުގައި ހުރުމުން ބައްޕަގެ ހިތުގައި އޭނަޔަށް ޓަކައި ހަސަދަވެރިކަމެއް އުފެދެނީ ހެއްޔެވެ؟ ނުތަނަވަސްކަމުގެ ދުންފިނިން މާޙައުލުގައި ލެވުނު ފަރުދާ ބޯވަމުންދިޔައިރު، ޚުދު ޖިނާ ވެސް ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ.

ނުނިމޭ