އައްރަހްމާން ސޫރަތުގައިވާ ތަކުރާރުތަކުގެ ހިކުމަތް

ކީރިތި ޤުރްއާނުގެ އައްރަޙްމާން ސޫރަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި ހުސްޠާހިރުވަންތަކަން ހާމަވެގެންދާ އެއް ސޫރަތެވެ. ޖުމްލަ 78 އާޔަތުގެ މައްޗަށް އެކުލެވިގެންވާ، މި މަދަނީ ސޫރަތުގެ ތަރުތީބަކީ 55 އެވެ. މި ސޫރަތުގެ މައުޟޫއަކީ ކައުނުގައިވާ، ﷲގެ ނިޢުމަތްތަކާއި ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ވާހަކަ ބަޔާން ކުރެއްވުމެވެ. އަދި މި ހުރިހާ ތަކެތި ނެތިފަނާވާނެ ކަމާއި އެ އަށް ފަހު ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭނެ ކަމާއި ޖަޒާ ލިބިގެންދާނެ ގޮތް ސިފަ ކުރެއްވުމެވެ.


ސޫރަތުގައި އެކުލެވިގެންވާ ބައިތައް

ރަޙްމާންވަންތަ ﷲގެ އިސްމުފުޅުން ފެށިފައިވާ މި ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި ވަނީ އިންސާނާ ހެއްދެވި ކަމާއި ބަސްމޮށުންތެރިކަން ދެއްވިކަމެވެ. އިރާއި ހަނދު ބަރާބަރު ހިސާބެއްގެ މަތީ ހިނގާ ގޮތް މެދުވެރި ކުރެއްވި ކަމެވެ. ގަސްގަހާގެހި ސަޖިދަ ޖަހާކަމެވެ. އުޑު އުފުއްލަވައި މީޒާން ނުވަތަ އަދުލު އިންސާފު ބާވާލެއްވިކަމެވެ. ޚަލްޤުތަކުންނަށްޓަކައި ބިން ލައްވައި އެތަނުގައި އެކި ބާވަތްބާވަތުގެ މޭވާއާއި ގޮވާމާއި މާމެލާމެލި ލެއްވިކަމެވެ.

އެއަށް ފަހު ދެން ބަޔާން ކުރައްވަނީ އިންސީންނާއި ޖިންނީން ހެއްދެވި ކަމާއި އޭގެ އަސްލަކީ ކޮބައިކަމެވެ. ކަނޑުތަކާއި ކޯރުތަކާއި އެ ދެމެދު ގުޅުވައިދޭ ބަރްޒަޚު ހައްދަވާފައިވާ ކަމާއި ކަނޑުން ލިބެން ހުރި ނިޢުމަތްތަކެވެ. މި ހުރިހާ ކަންކަމަކީ އިންސީންނާއި ޖިންނީންނަށް ޝަހާދަތުގެ ޢާލަމުގައި ފެންނަން ހުރި ކަންކަމެވެ.

މިއީ އިންކާރު ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންވެ ސޫރަތުގެ 13 ވަނަ އާޔަތުން ފެށިގެން، އިންސީންނާއި ޖިންނީންނަށް ވަރަށް މުހިންމު ސުވާލެއް މުޚާޠަބު ކުރެވެއެވެ. އެއީ "ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟" މި ސުވާލެވެ.

ޝަހާދަތުގެ ޢާލަމުގެ ވާހަކަތަކަށް ފަހު ދެން ބަޔާން ކުރެވިފައިވަނީ ޣައިބުގެ ޢާލަމުގެ ވާހަކަތަކެކެވެ. މިގޮތުން ބިމުގައިވާ ހުރިހާ ތަކެތި ފަނާވެދާނެ ކަމުގެ ވާހަކަ އެވެ. އެ އަށް ފަހު ޤިޔާމަތް ދުވަހާއި ހިސާބު ބެއްލެވުމުގެ ވާހަކަ އެވެ. ހިސާބު ބެއްލެވުމަށް ފަހު ކާފިރުންނާއި މުއުމިނުންނަށް ހުރި ޖަޒާގެ ވާހަކަ އެވެ. ކާފިރުން ނަރަކަ އަށް ގެންދެވޭނެ ގޮތުގެ ވާހަކަ އެވެ. އެތަނުގައި ލިބޭ ވޭނުގެ ވާހަކަ އެވެ. އަދި މުއުމިނުންނަށް އެ ތަނުގައި ހުރި ސުވަރުގެތަކުގެ ވާހަކަ އެވެ. އެ ސުވަރުގެތަކުގައިވާ ތަފާތު ނިޢުމަތްތަކުގެ ސިފަކުރުންތަކެވެ.

މިހުރިހާ ވާހަކަތަކެއްގެ ދެމެދުތަކުގައި ވެސް ކުރިން އިޝާރާތް ކުރި ސުވާލު ތަކުރާރު ވަމުން ދެ އެވެ. މިގޮތުން މި ސުވާލު 31 ފަހަރު ތަކުރާރުވެފައި އެވެ. މި ސޫރަތް އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވޭ އެއް ސަބަބަކީ ވެސް މި ދެންނެވި ސުވާލު އެތައް ފަހަރަކު ތަކުރާރު ވެފައި ވުމެވެ. އޭގެ ސިއްރަކި ކޮބައިބާވަ އެވެ؟

ޤުރްއާނުގައިވާ ތަކުރާރު ކުރުންތަކުގެ ފައިދާ

އާޔަތެއް ނުވަތަ އާޔަތެއްގެ ބައެއް ނުވަތަ ލަފުޒެއް ތަކުރާރު ވުމަކީ ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން ފާހަގަ ކުރެވޭ ކަމެކެވެ. މި ކަމަކީ ބަހުގެ ފަސާހަތްތެރި ކަމާ ޚިލާފު ކަމެއްކަމަށް، ބައެއް މީހުން ދައުވާ ކުރެ އެވެ. އަދި ޤުރްއާނުގައި މި ގޮތަށް ތަކުރާރުވުން ހުރުމަކީ ޤުރްއާނަކީ ﷲ ބާވައިލެއްވި ފޮތެއް ނޫން ކަމުގެ ދަލީލެއް ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް ހަގީގަތަކީ ކީރިތި ޤުރްއާނުގައިވާ ތަކުރާރަކީ ބޭކާރު ތަކުރާރެއް ނޫން ކަމެވެ. އަދި އެއީ ބަހުގެ ފަސާހަތްތެރިކަމާ ފުށުއަރާ ކަމެއް ވެސް ނޫނެވެ. އިމާމް އައްސުޔޫޠީ ވިދާޅުވެފައި ވެއެވެ. "ތަކުރާރު ކުރުމަކީ ކަށަވަރު ކުރުމަށް އެންމެ ބަލާޣަތްތެރި ގޮތެވެ. އަދި އެއީ ފަސާހަތްތެރިކަމުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ. ބައެއް މީހުންނަށް މިކަން އޮޅިފައިވީ ކަމުގައި ވިއަސްމެ އެވެ." (އަލްއިތްޤާނު)

ކީރިތި ޤުރްއާނުގައި ދެ ބާވަތެއްގެ ތަކުރާރު ހިމެނެ އެވެ. އެއް ބާވަތަކީ ލަފުޒާއި މާނައިގައި ވެސް ތަކުރާރު ވުމެވެ. އަނެއް ބާވަތަކީ ލަފުޒުން ތަކުރާރު ނުވެ ހަމައެކަނި މާނަ އިން ތަކުރާރު ވުމެވެ. މިފަދަ ކޮންމެ ތަކުރާރެއްގައި ވެސް ފައިދާތަކެއް ވެއެވެ.

މިގޮތުން ނަބީބޭކަލުންގެ ވާހަކަތައް ތަފާތު އިބާރާތްތަކުން ތަކުރާރުވުމުން ތަފާތު މާނަތައް ދޭހަ ކުރުވާ ކަމުގައި އިބްނު ތައިމިއްޔާ ވިދާޅުވެ އެވެ. ހަމަ އެފަދައިން ﷲ ގެ އިސްމުފުޅުތަކާއި، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ނަންފުޅުތައް ލަފުޒުގެ ގޮތުން ތަފާތު ވިއަސް ތަކުރާރުވުމުން މުހިންމު ހަގީގަތްތަކެއް ހާމަކޮށްދެއެވެ.

އައްސުޔޫޠީ ވިދާޅުވާ ގޮތުގައި ތަކުރާރު ކުރުމުގެ އެއް ފައިދާ އަކީ ކަނޑައަޅައި ބަޔާންކޮށްދިނުމެވެ. މިގޮތުން ވާހަކަތައް ނުވަތަ އިންޒާރުތައް ތަކުރާރު ވުމުން އެއިން ދޭހަވަނީ އެކަން ވަނީ ކަނޑައެޅި ބަޔާންވެގެން ކަމެވެ. ދެ ވަނަ ފައިދާ އަކީ ކަށަވަރު ކުރުމެވެ. ތިން ވަނަ ފައިދާ އަކީ ސަމާލުކަމަށް ގެނައުމެވެ. އޭރުން ދައްކާ ވާހަކައެއް ފަސޭހަ ކަމާ އެކު ބަލައިގަނެވޭނެ އެވެ. އަދި ދަސްވާން ފަސޭހަ ވެގެންދާނެ އެވެ.

ހަތަރުވަނަ ފާއިދާ އަކީ ހަނދާން އައުކޮށްދިނުމެވެ. ބުނަން ބޭނުންވާ ބައެއް ބުނުމުގައި މާދިގުވެގެންދާ ނަމަ ކުރިން ބުނެވުނު ބައިތައް ހަނދާން ނެތޭ ގޮތް ވެއެވެ. އެހެންކަމުން އެބައި ތަކުރާރު ކޮށްލުމުން ހަނދާން އައު ވެއެވެ. ފަސް ވަނަ ފައިދާ އަކީ މަތިވެރިކަން ނުވަތަ ބިރުވެރިކަން ބަޔާން ކޮށްދިނުމެވެ.

އައްރަހްމާން ސޫރަތުގައިވާ ތަކުރާރުތަކުގެ ހިކުމަތް

އިބްނުލް ޖައުޒީ ވިދާޅުވެފައި ވެއެވެ. އައްރަޙްމާން ސޫރަތުގައި ތަކުރާރު ވެފައިވާ އެ ސުވާލު ތަކުރާރު ވުމުގެ އެއް ހިކުމަތަކީ، ކައުނުގައި ފެންނަން ހުރި ﷲގެ ނިޢުމަތްތަކާއި، އުޚްރަވީ ހަޔާތުގައި ކާފިރުންނަށާއި މުއުމިނުންނަށް ހުރި ޖަޒާތަކަކީ ކަނޑައެޅި ނިމިފައިވާ ކަންތައްތަކެއްކަން ބަޔާން ކޮށްދިނުމެވެ. ދެ ވަނަ ހިކުމަތަކީ، އެ ނިއުމަތްތައް ކަށަވަރު ކޮށްދިނުމެވެ. ތިންވަނަ ހިކުމަތަކީ އެ ނިޢުމަތްތައް ނުވަތަ ހެކިތައް ދޭހަކޮށްދިނުމަށް އެހީތެރިވުމެވެ.

އިބްނު ޤުތައިބާ ވިދާޅުވާ ގޮތުގައި ކަމެއް ކަށަވަރު ކުރުމަށް ނުވަތަ އިތުރަށް ދޭހަ ކޮށްދިނުމަށްޓަކައި މިގޮތަށް ތަކުރާރު ކުރުމަކީ އަރަބިންގެ ކަލާމުގައި ހިމެނޭ ކަމެކެވެ. އެހެނީ ވާހަކަ ދައްކާ މީހާ އޭނާގެ ވާހަކައިގައި ތަފާތު ފަންނު ބޭނުން ކުރުމަކީ އިތުރަށް ލިބޭ ފުރިހަމަ ކަމަކަށް ވާތީ އެވެ.

ހަތަރު ވަނަ ހިކުމަތަކީ، އެ ނިއުމަތްތަކުގެ މަތިން ހަނދާން އައުކޮށްދިނުމެވެ. ﷲ ގެ ނިޢުމަތްތަކާއި ކައުނުގައިވާ ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ބަޔާން ކުރުމަށް ފަހު އެއިން ކޮންމެ ކަމަކާ ގުޅުވައިގެން ތަކުރާރުކޮށް އެ އަންނަ ސުވާލުން އެ ކަށަވަރު ކޮށްދެނީ އެ ނިއުމަތްތައް ހަމަ ޔަގީނުންވެސް ހުރި ކަމެވެ. އެއަށް އިންކާރު ނުކުރެވޭނެ ކަމެވެ.

ހަމަ އެފަދައިން އުޚްރަވީ ހަޔާތުގައިވާ ކަންކަންވެސް ހަމަ އެގޮތަށް ޔަގީނުން ވެސް ހިނގާނެ ކަމެވެ. މިސާލަކަށް މީހަކު އެހެން މީހަކަށް ކޮށްދީފައި ހުރި ކަންތައްތަކެއްގެ ވާހަކަ ކިޔައިދެމުން "ތިބާ މިކަން އިންކާރު ކޮށްފާނަންތަ؟" މި ބަސް ތަކުރާރު ކުރާ ނަމަ ކަށަވަރު ވެގެންދާނީ އެކަންކަމުގެ ތެދުކަމެވެ. އަދި އެކަންކަން ހަނދާން ވުމެވެ.

ތަރުތީބު ނަންބަރުތަކުން ފާހަގަވާ ދެތިންކަމެއް

ޢަބްދުއްދާއިމުލް ކަޙީލު ކިޔާ ބޭކަލަކު ވިދާޅުވާ ގޮތުގައި މި އާޔަތް ތަކުރާރުވުމުގައި ނަމްބަރު ހަތަކާ ގުޅޭ ބައެއް ކަންކަން ފާހަގަ ވެއެވެ. ހަތަކީ އުޑުތަކާއި ބިންތަކާއި ނަރަކަ އާއި މި ނޫން ވެސް ބައެއް ތަކެތީގެ އަދަދެވެ. އުޑުތަކާއި ބިންތަކާއި ނަރަކައިގެ ވާހަކަ އައްރަހްމާން ސޫރަތުގައި ބަޔާން ވެފައި ވެއެވެ.

ސޫރަތުގައި ތަކުރާރު ވެފައިވާ މި އާޔަތް ތަކުރާރުވާ އިރު ދިމާވާ ތަރުތީބު ނަންބަރުތައް ކުޑައިން ބޮޑަށް ނުވަތަ ބޮޑުން ކުޑަ އަށް ތަރުތީބުން އަތުރާލުމުން ހަދާލެވޭ ބޮޑު ދެ ނަންބަރު، ހަތަކުން ގެއްލި ހުސްވެ އެވެ. 31 ފަހަރު މި އާޔަތް ތަކުރާރު ވެފައި ވާއިރު އެކަކުން ފެށިގެން 31 އާ ހަމަ އަށް އަދި 31 ން ފެށިގެން އެކަކާ ހަމައަށް އަތުރާލުމުން ހަދާލެވޭ ބޮޑު ދެ ނަންބަރު ވެސް ހަމަ، ހަތަކުން ގެއްލި ހުސްވެ އެވެ.

ފާހަގަ ކުރެވޭ އަނެއް ކަމަކީ އިންސީންނާއި ޖިންނީންނަށް މުޚާޠަބު ކުރެވޭ މި އާޔަތް 31 ފަހަރު ތަކުރާރު ކުރެވިފައިވާ އިރު ސޫރަތުގައި އެ ދެބައިމީހުންނަށް އަމާޒުވެފައިވާ ދެން އޮތް ހަމައެކަނި އާޔަތުގެ ނަންބަރަކީ 31 ކަމުގައި ވުމެވެ.