ޢަޞުރު · 15:21

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


ނުތަނަވަސްކަމުގެ ދުންފިނިން މާޙައުލުގައި ލެވުނު ފަރުދާ ބޯވަމުންދިޔައިރު، ޚުދު ޖިނާ ވެސް ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ޒޫނާ އަޅާ ކޮންމެ ދެ ފިޔަވަޅަކަށް ޖިނާ އެއް ފިޔަވަޅު އެޅިއެވެ. ނިޝާ ހުރީ އެއް އަތް ފުރަގަހަށް ލައިގެން އެ އަތުގައި އޮތް އެތި ޒޫނާއަށް ފޮރުވައިގެންނެވެ. ކަންތައް ކުރަންވީ ގޮތް ނިޝާއަށް ރަނގަޅަށް ކިޔައިދީފައި އެހެން މީހުން ތިބީ ތަންކޮޅެއް ފަހަތުގައެވެ. އެކަމަކު ތައްޔާރީ ހާލަތުގައެވެ. ކުޑައާއި، ވިއްސާރަކޯޓު ތައްޔާރަށް ހުއްޓެވެ. ކުރީ ފަހަރު ދިމާވި ގޮތަށް ޒޫނާ ވަލުތެރެއަށް ދުއްވައިގެންފިއްޔާ އޭނަ ގެއްލުމަކީ ދާދި ކައިރީގައި އޮތް ކަމެކެވެ. ގުރައިދުއަކީ ކިތަންމެ ފަރިތަ ތަނެއް ކަމުގައި ވިޔަސް، މާފިލާފުށްޓަކީ އޭގެ އިދިކޮޅެވެ. އެންމެންނަށް ވެސް އެ ކަން ވިސްނެއެވެ. އެހެންވިޔަސް، ސަމަދާއި ޖިނާއަށް ވެސް އެއްބަސްވެވުނީ ހިރާސްނަގައިގެން ނޫނީ އަލިމަގެއް ނުފެންނާނެ ކަމުގައެވެ.

"އެއީ ވެސް މި ކަހަލަ ރެޔެއް،" ޒޫނާ ގާތުގައި ނިޝާ މަޑުމަޑުން ބުންޏެވެ. "ޒޫނާ ހަނދާންވޭތަ؟ ބުނީމެއްނު ޖިނާ ގޮތަށް ހުރި ޖިންނިއެއް އަޔޭ! މާ ފަހުންނޭ ޒޫނާއަށް އެނގުނީ. އެހެރަ ދިމާގަ ޒޫނާ އިށީނދެގެން އިނީ. އަހަރެން ހުރީ ގާތްގަނޑަކަށް މި ހިސާބުގަ."

ނިޝާ އިސާރަތްކުރި ދިމާއަށް ޒޫނާ ބަލައިލިއެވެ. އަނދިރިކަން ވެރިވެފައި އޮތަސް، ވިދާލާ ވަގުތު ކޮންމެވެސް ވަރަކަށް ތުނޑި ފެނެއެވެ. ޒޫނާގެ ހިތް ބުނި ކަހަލައެވެ. ކުރިން ވެސް ޒޫނާ އެ ތަނަށް އައެވެ. މާޒީގެ ނަލަ ސަފުހާއެއް އެ މާޙައުލުގައި ލިޔެވުނެވެ. ހިތުގެ ކަރުދާހުގައެވެ. ލޯބީގެ ގަލަމުންނެވެ.

"ބުނީމެއްނު ފަހުން މި ތަނަށް އައި ރޭ ވާރޭވެހިގަތޭ،" ނިޝާ ބުންޏެވެ. "ކޮންމެވެސް ގެޔަކަށް ވަންވާހަކަ ވެސް ބުނީމެއްނު! ހަނދާންވެއްޖެ؟"

ޒޫނާ އެއްވެސް އެއްޗެއް ނުބެއެވެ. ނިޝާޔާ އެކުގައި ހިނގީއެވެ. ޒޫނާއަށް ހީވި ކަހަލައެވެ. ދެންމެދެންމެ ހަނދާން ތާޒާވެދާނެ ކަހަލައެވެ. މަޒްލާން އަރާއޮތީ، އެ ތަނުގައި ހުރި މިދިލިގަހަށެވެ. އެއީ އުސްކޮށް ހެދިފައިވާ ބިޔަ ގަހެކެވެ. ނަންނުގައްޗެއްގެ ސިފައިގައި ގަހުގެ ގޮފިގަނޑުގައި އޮޅައިލައިގެން އޮތްއިރު މަޒްލާންގެ ދެ ލޯ ހީވަނީ އަލިފާންކޮޅެއްހެންނެވެ. ކޮޅު ދެކަފިވެފައިވާ ދޫ އިރުއިރުކޮޅާ ބޭރަށް ނެރެލައެވެ. ޒޫނާގެ މަގަށް ހުރަސްއަޅާ ހިތުން މަޒްލާން އޮތީ ކެތްމަދުވެފައެވެ. ތަންކޮޅެއް ދުރަށް ޒޫނާ ދިޔުމުން ސަމަދު ގެންގުޅުނު ކޮތަޅު ޖިނާއަށް ދިއްކޮށްލިއެވެ. އޭގައި އޮތީ ރަތްގޮޅިޖެހި ގަމީހެވެ.

"އަހަންނަކަށް ނޭނގޭ މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަމެއް،" ސަމަދު މަޑުމަޑުން ބުންޏެވެ. "ޖިނާގެ އަތްމައްޗަށް އަހަރެން މި ދޫކޮށްލަނީ."

ޖިނާ ގަމީސް ބަދަލުކުރިއެވެ. ފަހަތުގައި ހިނގަނީ ކޮންކަމެއްކަން ނިޝާއަށް އެނގެއެވެ. ވުމާއެކު، ނިޝާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. މަޒްލާން ކުރި ހުރިހައި މަސައްކަތެއް ބޭކާރުވާން ވަރަށް ކައިރިވެއްޖެހެން މަޒްލާނަށް ހީވިއެވެ.

"އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް،" ޖިނާ އުންމީދާ އެކުގައި ބުންޏެވެ. "އެކަމަކު، ހަމަ ކޮންމެ ގޮތަކަށް ވެސް ކަންތައް ހިނގައިދާނެ. އެންމެން ވެސް ތައްޔާރަށް ތިބޭތި!"

ނިޝާއާއި ޒޫނާ ތުނޑިއަށް ނުކުތެވެ. ޒޫނާ ވެލިގަނޑުމަތީގައި އިށީނދެލިއެވެ. ވެއްޔާ ކުޅެން ފެށިއެވެ. ތަނަށް ވެރިވެފައިވަނީ ނާމާން ހަމަހިމޭންކަމެވެ. ވައިޖެހޭ އަޑާއި ރާޅުޖަހާ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ. ނިޝާ ފުރަގަހަށް ލައިގެން ހުރި އަތުގައި އޮތް ފާނޫޒު ޒޫނާއަށް ދިއްކޮށްލިއެވެ. ޒޫނާއަށް "ޖިނާ" ފެނުނު ފުރަތަމަ ރޭ ޒޫނާ އަތުގައި ވެސް ފާނޫޒެއް އޮތެވެ. ތެޔޮއަޅައިގެން ދިއްލާ ފާނޫޒެކެވެ. ނިޝާ ދިނީ ބެޓެރިން ދިއްލާ ފާނޫޒެކެވެ. އެކަމަކު އެ ފާނޫޒު ވެގެންދިޔައީ ހަނދާނުގެ އެއް ވަތްގަނޑު ހުޅުވައިލަން ލިބުނު މުހިންމު ތަޅުދަނޑިއަކަށެވެ.

"އަސްލު މި ތަނުގަ ތިބީ ދެ މީހުނެއް ނޫން،" ފާނޫޒުގެ ސުވިޗު ޖައްސައިލަމުން ނިޝާ ބުންޏެވެ. "މި ތަނުގަ އިނީ ޒޫނާ އެކަނި."

ނިޝާ މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ވަލުތެރެއަށް ވަނެވެ. އެހެން މީހުން ތިބީ ވަލުތެރޭގެ އެކި ތަންތަނުގައެވެ. ޒޫނާ މައްޗަށް ބަލައިލިއެވެ. ކުރިން ފިޔަޖެހި އަލިގަދަ ތަރިތަކެއް އެ ރެޔަކު ނުފެނެއެވެ. ގިނިހިލައެއް ވެސް ނުދިޔައެވެ. ސަމަދުގެ ސިގުނަލު ފެނުމާއެކު ޖިނާ ހިނގައިގަތެވެ. ތުނޑިޔާ ދިމާއަށް މިސްރާބުޖެހިއެވެ. ޖިނާ ކޮންމެހެން ވަކި މީހަކު ކޮޕީކުރާކަށް ނުޖެހެއެވެ. ޖިނާ ވާންޖެހެނީ ޚުދު ޖިނާއަށް ކަމުގައި ވީތީއެވެ. ވަކި ހިސާބަކުން އެހެން މީހުންނަށް ޖިނާ ގެއްލުނެވެ. ޖިނާ ހިގަމުންދިޔައީ ވަލުތެރެއިން ތުނޑިޔަށް ދެވެންއޮންނަ މަގުންނެވެ. އެ ވަގުތު ވިދުވަރުގެ އަލި ތަންކޮޅެއް ގަދަވިއެވެ. ސަމަދު ބެލީ އެއީ ހެޔޮ ފާލެއް ކަމުގައެވެ. ދުރު ފެންނަން ޒޫނާއަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމުގައެވެ. ޖެނީ ހުރީ ބައްޕަޔަށް ބަލަހައްޓައިގެންނެވެ. ބައްޕަގެ "ހަށިގަނޑުގަ" ތުރުތުރެއް ހުރިތަން ޖެނީއަށް ފެނުނެވެ. ބައްޕަގެ ފަރާތުން އެ ސިފަ ޖެނީއަށް އަބަދުވެސް ފެންނަނީ ބައްޕަ ގާތަށް ވަރަށް ރުޅިއައުމުން އެ ރުޅި ކޮންޓްރޯލުކުރަން އުޅޭ ވަގުތުއެވެ. ސަމަދާއި ނިޝާ ވެސް ހުރީ ޖިނާ ތުނޑިއަށް ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޒޫނާ ވަށައިގެން ހޯދިއެވެ. ކޮންމެވެސް މީހަކު އެ ތަނަށް އަންނަންޖެހޭހެން ޒޫނާއަށް ހީވާތީއެވެ. ޖިނާއެއް ނުނިކުތެވެ. އެންމެން ވެސް ހީކުރީ ޖިނާއަށް އެ ހިސާބަށް ނުދެވެނީކަމަށެވެ. ދެން ފެނުނީ ވަރަށް ގަދަޔަށް ވިދައިލިތަނެވެ. މުޅި ބިންގަނޑު ދިޔައީ ހުދުވެގެންނެވެ. އޭގެ ދެތިން ސިކުންތެއް ފަހުން ޖިނާ އަންނަ ތަން ފެނުނެވެ. ސަމަދުގެ ހިތަކުން ނުތަނަވަސްކަމެއް ނުފިލައެވެ. ނިޝާ ވެސް ހުރީ ދެން ވާނެ ގޮތް ނޭނގިފައެވެ. ޒޫނާ އެއްލި ކަޅިޔަކުން ފެނުނީ ޒޫނާ އުންމީދުކުރި މީހާއެވެ. ޖިނާއެވެ. ޒޫނާ ތެދުވިއެވެ. ޖިނާގެ ހިނގުމާއި، ހިނިތުންވުމާއި، ބެލުމުގައި ވެސް އެއްވެސް ތަފާތެއް ޒޫނާއަކަށް ފާހަގައެއް ނުކުރެވުނެވެ. ހައިރާންވެގެން ޒޫނާ ބަލަހައްޓައިގެން ހުރީއެވެ. ޖިނާ އައިސް ހުއްޓުނެވެ. ބޮލުގެ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ބަލައިލި ވަގުތު ޒޫނާގެ ހިތް ލުހިގެންއައި ކަހަލައެވެ.

"ނޭނގުނު؟" ޖިނާ ސުވާލުކުރިއެވެ.

ދެން ވެސް ޒޫނާ ޖަވާބެއް ނުދިނެވެ. ޖިނާ އައިސް ޒޫނާޔާ ވަރަށް ގާތަށް ހުއްޓުނެވެ. ފާނޫޒުގެ އަލިން ޖިނާގެ މޫނު ވަރަށް ސާފުކޮށް ޒޫނާއަށް ފެނުނެވެ. ދެން ބުނާނެ އެއްޗެއް ނުވަތަ ކުރާނެ ކަމެއް ނޭނގިފައި ޒޫނާ ހުރީއެވެ. ޒޫނާގެ އަތްތިލަ ގެނެސް ޖިނާގެ ކޮލުގައި ޖިނާ ޖައްސައިލިއެވެ. އެ ވަގުތު ޖިނާގެ ލޮލަށް ލޮޑުކަން އިހުސާސްވިއެވެ. އެތައް ޒަމާނަކަށް ފަހުއެވެ. ޖިނާއަށް ދެ ލޯ މަރައިލެވުނެވެ. އެއީ ވެސް ވިދުވަރުގެ އަލި ގަދަވި ވަގުތެކެވެ. ސަމަދުގެ ހިތުގައި ސުވާލު އުފެދުނެވެ. އެއް އަތް ހިއްލައިލައިގެން ޒޫނާ ހުންނާތީއެވެ. ސަމަދު ހީކުރީ ޒޫނާއަށް ޖިނާ ފެނިގެން ގޮވަނީ ކަމަށެވެ.

"އެކަމަކު މި އަތުގެ އޮމާންކަން ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭ!" ޖިނާ ވައިއަޑުން ބުނެލިއެވެ.

ނިޝާ އައިސް ސަމަދު ގާތުގައި ހުއްޓުނެވެ.

"ޒޫނާ ކީއްއެކުރަނީ؟" ސަމަދު އެހިއެވެ. "ޖިނާ ހާދަ ލަސްވީ؟"

ނިޝާގެ ހިތުގައި ވެސް އުފެދިފައިވާ ސުވާލުތަކަކީ އެއީއެވެ. އަނެއްކޮޅުން، ޖިނާ އެހާ ގާތުގައި ހުރުމުން ވެސް ޒޫނާގެ ދުލަކަށް ބަހުރުވައެއް ނުލިބުނެވެ. ބަލަހައްޓައިގެން ހުރީއެވެ.

"އަހަރުމެން ޖައްސާފަ ހުރި ބައްޔެއް ރަނގަޅުކުރެވޭނީ ވެސް ހަމަ އަހަރުމެންނަށް،" "ޖިނާ" ފަޚުރުވެރިކަމާ އެކުގައި ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ޒޫނާ ރަނގަޅުވާކަށް. ހަމަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫން. އެކަމަކު، ޒޫނާ ރަނގަޅުކުރަން އަހަންނަށް މަޖުބޫރުވެގެން މި އައީ. އެނގޭތަ ކާކުކަން މަޖުބޫރުކުރީ؟"

ޒޫނާ ގަބުވެފައި ހުއްޓެވެ. ކިޔާ އެއްޗެއް ޒޫނާއަށް ނީވޭ ކަހަލައެވެ.

"ޖެނީ! ޒޫނާ އެންމެ ފޫހިވާ ދަރިފުޅު،" ޖިނާ ބުންޏެވެ. "އަހަރެން ޒޫނާއަށް މުޅިން އާ ދިރިއުޅުމެއް ދޭނަން. ބަލާ މީ އާފެށުމެއް ކަމަށް. ރަނުގެ ފުރުސަތެއް މި ދެނީ. އެކަމަކު ވަކި މުއްދަތަކަށް. ކޮބާ މުއްދަތަކީ؟ ދަރިފުޅާ ކިޔާފަ ޖެނީއަށް އެއްފަހަރު ގޮވާލަންދެން. އޭގެ ފަހުން ޒޫނާއަކީ ހަމައެކަނި އަހަރެންގެ މިލްކެއް. އަހަރެންގެ ހަތަރެސްފައި ބުރިވެފަ އޮތަސް، ހަށިގަނޑުގަ ފުރާނަ ހުރިއްޔާ ޒޫނާ ބަލާ އަންނާނަން. ޖަހައިގަނެގެން ވިޔަސް ގެންދާނަން. އެއްފަޅި ލިބުނަސް ގެންދާނަން."

ބުނާނެ އެއްޗެއް ނޭނގިފައި ޒޫނާ ބަލަހައްޓައިގެން ހުއްޓައި ޖިނާ ގޮސް މޫދުން ލޮނުގޮށްޓެއް ނެގިއެވެ. ވަރަށް ފަރުވާތެރިކަމާ އެކުގައި ލޮނުގޮށި ހިފައިގެން އައިސް ޒޫނާގެ ބޮލަށް އަޅައިލިއެވެ. ސަމަދަށް ފެނުނީ ޒޫނާ އަރިއަޅައިލައިގެން ވެއްޓުނުތަނެވެ. ވަލުތެރެއަށް ވެއްޓިފައި އޮތް ޖިނާ ހޭއެރީ ވެސް އެ ވަގުތުއެވެ. ހޭނެތުނީ ކިހިނެއްކަމެއް ޖިނާއަކަށް ނޭނގެއެވެ. ޖިނާ ތެދުވިއެވެ. ޒޫނާ ކޮބައިތޯ ބަލައިލިއެވެ. ޒޫނާ އޮތީ ވެއްޓިފައެވެ. ދުވެފައި ޖިނާ އެ ތަނަށް ނުކުތްއިރު ސަމަދާއި އެހެން މީހުން ވެސް އަތުވެއްޖެއެވެ.

"ކިހިނެއްވީ؟" ޖިނާ އެހިއެވެ.

"އަހަރެން ވެސް މި އުޅެނީ ހަމަ ތިހެން އަހަންވެގެން." ސަމަދު ބުންޏެވެ.

ޖިނާ ގުދުވެ ޒޫނާއަށް ގޮވަން ފެށިއެވެ. އެންމެންގެ ބައްތިތައް ހުރީ ޒޫނާގެ މޫނަށް އަމާޒުވެފައެވެ.

"ކީއްވެ ބޯ ތެމިފަ އެހެރީ؟" ޖިނާ ސުވާލުކުރިއެވެ.

ނިޝާ ވެސް ޒޫނާގެ އިސްތަށިގަނޑުގައި އަތްލިއެވެ. އެހެން ވާންޖެހޭ ސަބަބެއް އެކަކަށް ވެސް ނޭނގުނެވެ. ޖެނީ ހުރީ ދުރުގައެވެ. އެކަމަކު އުފަލުން ރޮވޭ ވަރު ވެފައެވެ. ބައްޕައަށް ޝުކުރުއަދާކުރާނެ ގޮތެއް ވެސް ޖެނީއަކަށް ނޭނގެއެވެ.

"ބައްޕަ ހާދަ ރަނގަޅޭ!" ގާތުގައި ހުރި އަލިގަނޑަކާ ދިމާއަށް ޖެނީ ބުންޏެވެ.

ޖެނީ އުފަލުން ދުވެފައި ގޮސް ގަސްތަކުގެ ތެރެއަށް ވަނެވެ. އެ ވަގުތު ގަސްތަކުގެ ތެރެއިން މަޒްލާން ނުކުތެވެ. އަވަށްޓެހި ކުއްޖެއްގެ ސިފައިގައެވެ. އޭނަ ހުރީ ރުޅިއައިސް ރަތްވެފައެވެ. ބައްޕަޔަށް ލޯއަޅައިލުމާއެކު ދެ ލޯ އަނގުރުގަނޑެއްހެން ދިއްލުނެވެ. ބައްޕަ ކަންތައް ކުރި ގޮތް މަޒްލާނަކަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ. އިރުކޮޅަކު ހުރެލައިފައި ގެއްލުނެވެ. އަލިގަނޑު އެރީ މައްޗަށެވެ. ޒޫނާ ގެނެސް ދޯންޏަށް ލީއިރު ހަމަ އެ ދިމާ މަތިން އަލިގަނޑެއް އައެވެ. އެކަކަށް ވެސް އެ މަންޒަރެއް ނުފެނެއެވެ.

ނުނިމޭ