މެންދުރު · 12:16

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


އެކަކަށް ވެސް އެ މަންޒަރެއް ނުފެނެއެވެ. އަލިގަނޑު ގޮސް ދުރަށް އޮބައިލީއެވެ. ޒޫނާގެ އަތުގައި ހިފަހައްޓައިލައިގެން ޑަކުޓަރު ހުއްޓެވެ. ހާސްކަމުގެ އެއްވެސް އަލާމާތެއް ޑަކުޓަރުގެ މޫނުމައްޗަކުން ނުފެއެވެ.

"ކިހިނެއްބާ ވީ؟" ސަމަދު އެހިއެވެ.

"ވެދާނެ ސިކުނޑިއަށް މާ ލޯޑު ބޮޑުވީކަމަށް ވެސް،" ޑަކުޓަރު ބުންޏެވެ. "އެއްފަހަރާ މާ ގިނަ ހަނދާންތައް އައިސް ސިކުނޑީގެ ވަތްގަނޑުތައް ފުރާލަން އުޅެފިއްޔާ ވެސް މިހެން ވެދާނެ. އެކި މީހުންގެ ހަށިގަނޑުގަ ހަކަތަ ހުންނާނީ އެކި ވަރަށް."

ރަށާ ދިމާއަށް ދޯނި މިސްރާބުޖެހިއެވެ. ޖިނާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ގުރައިދުއަށް އައި ފަހުން ޖިނާއަށް އެތައް ކަމެއް ދިމާވެއްޖެއެވެ. އެންމެ ފަހު ކަމަކީ އެ ރޭ ކުއްލިއަކަށް ޖިނާ ވެއްޓުމެވެ. ހޭނެތުނީކަމެއް ނުވަތަ އަނބުރައިގަތީ ކަމެއް ނޭނގެއެވެ. ޖިނާގެ ފިކުރުތައް މާ ބޮޑުވަނީ ހެއްޔެވެ؟ ޗުއްޓީއެއް ނަގަންވީ ހެއްޔެވެ؟ ނުވަތަ ޒޫނާއަށް އެހީވާތީ ޖިނާގެ ފަރާތުން އޭގެ ބަދަލުހިފަނީ ހެއްޔެވެ؟

އިދުރީހަކީ ފަންޑިތަވެރިއެކެވެ. ސިހުރުހާހޫރަ ހެދުމަކީ އިދުރީސް ދަންނަ ހަމައެކަނި މަސައްކަތެވެ. އާދައިގެމަތިން އެ ރެޔަކީ ވެސް އިދުރީހުގެ ވިޔަފާރި ރަނގަޅު ރެޔެކެވެ. މަގުއޮ÷ޅިފައިވާ ތިން މީހަކު އިދުރީހުގެ ދަންތުރައިގައި ޖެހެން އައެވެ. އެންމެ ފަހު މީހާއަށް ލިޔެދިން ތަވީދު އޭނަޔާ ހަވާލުކުރުމަށް ފަހު އޭނަ ދިން ފައިސާގެ ނޫޓުތައް ގުނަން ފެށިއެވެ.

"މި އައްސާލީމަ އޯކޭވާނެ؟" ވަރަށް އުންމީދާ އެކުގައި އޭނަ އެހިއެވެ.

"މައްސަލައެއް ނޯންނާނެ،" އިދުރީސް ޔަގީންކަމާ އެކުގައި ބުންޏެވެ. "އެކަމަކު މުލައްދަނޑީގަ ތަވީދު އައްސާތި! ނަމަނަމަ ތަވީދު ނުނަގާތި! އަހަރަކު އެއްފަހަރު ޖެހޭނެ ތަވީދު އާކުރަން."

އިދުރީހަށް ޝުކުރު އަދާކުރުމަށް ފަހު ތަވީދަށް ބަލަމުން އެ މީހުން ނުކުންނަން ހިނގައިގަތެވެ. ގާދިރު ވަނީ އެ ވަގުތުއެވެ. ސަލާންގޮވައިލުމަށް ފަހުގައި ގާދިރު އައިސް އިށީނެވެ.

"ދައްކަބަލަ!" އިދުރީސް އެދުނެވެ.

ގާދިރު ޖީބުން ޒޫނާގެ ފޮޓޯގަނޑެއް ނަގައިފައި އިދުރީހަށް ދިނެވެ. އަޅައިގެން ހުރި އައިނު ރަނގަޅު ކޮށްލައިފައި އިދުރީސް ފޮޓޯއަށް ބަލައިލިއެވެ.

"އަހަރެން ބުނީ ހަމަ ރަނގަޅަށް،" އިދުރީހުގެ އަޑުގައި ވަނީ ޔަގީންކަމެވެ. "މި ފޮޓޯއިން ސާފުކޮށް މިހިރީ ފެންނަން."

"ކޯއްޗެއް ފެންނަނީ؟" ގާދިރު އަނެއްކާ ވެސް ފޮޓޯއަށް ބަލައިލަމުން ބުންޏެވެ. "ޒޫނާ އެކަންޏެއްނު ތިހިރީ."

އިދުރީސް އެ ފޮޓޯގަނޑު ގާދިރަށް ދައްކައިލިއެވެ. ފޮޓޯގެ ވަކި ހިސާބެއްގައި އިނގިލި ޖައްސައިލިއެވެ.

"މި ތަނުގަ ޖިންނި އެހެރީ،" އިދުރީސް ބުންޏެވެ. "އެވެރިން ފޮޓޯއަށާ ލޯގަނޑަކަށް ނާރާނެ. އެކަމަކު ކޮންމެހެން ބޭނުންވެއްޖެއްޔާ އެ ކަން ވެސް ކުރާނެ. މިސާލަކަށް މީހަކު ބިރުގަންނަވާލަން ނޫނީ މާ ބޮޑަށް ގުޅާލަން ބޭނުންވެއްޖެއްޔާ ދެން ނޯންނާނެ ހުރަހެއް. އިންސާނުންނަށް ޖިންނި ފެންނާނީ ޖިންނި ބޭނުންވީމަ. އެ ބާރު އޮންނާނީ އެވެރިން އަތުގަ. މި ދައްކާ ވާހަކަ ގަބޫލުކުރަންތަ؟"

ގާދިރު އިރުކޮޅަކު ހިމޭނުން އިނެވެ.

"ކުރިން ގަބޫލެއް ނުކުރަން،" ގާދިރު މަޑުމަޑުން ބުނެލިއެވެ. "އެކަމަކު މިހާރު އަހަންނަށް ވެސް އެ ހަންޑި ފެނިއްޖެ! އަހަރެންގެ ފަހަތުން އަޅައިގަނެގެން ގެއަށް ވެސް އަންނަން އުޅުނު. ކީއްވެބާ ކުއްލިއަކަށް އަހަންނާ އަވަލެވީ؟"

އިދުރީސް އަތުގައި ހުރި ފައިސާތައް އަލަމާރިއަށް ލިއެވެ. އަލަމާރީގައި ހުރި ކުޑަ ފޮށްޓެއް ހިފައިގެން އައިސް ގާދިރު ކުރިމަތީގައި ބެހެއްޓިއެވެ. ފޮށި ހުޅުވައިލިއެވެ. އޭގައި ހުރީ ކުދިކުދި އެއްޗެއްސެވެ. އޭގެތެރޭގައި ކުޑަ ފިޔޮއްސަކާއި، ތަޅުދަނޑިއަކާއި، ރަބަރު ނަންނުގައްޗެއް ހިމެނެއެވެ.

"ތީ މީހަކު މި ތަނަށް ގެނައި އެއްޗެއްސެއް ނޫނޭ،" ގޮނޑިއެއް ދަމައިލައިފައި އިށީންނަމުން އިދުރީސް ބުންޏެވެ. "ތީ އަހަރެން ބިރުގަންނަވަން، އަހަރެންނަށް ޝައްކުބަލި ޖައްސަން ޖިންނިސައިތާނުން ގެނެސް ބާލީސްދަށުގަ ބަހައްޓާ އެއްޗެހި. ބުނަން މި އުޅޭ އެއްޗަކީ، އެސޮރުމެންނަށް ގޯނާ ކުރަންޏާ އެ ސޮރުމެން ވެސް ގޯނާކުރާނޭ. ބިރުގަންނަވަން އުޅޭނޭ. ނޭނގި ނަމަވެސް ގާދިރަށް ކޮންމެވެސް ގޯނާއެއް ކުރެވުނީ. މިސާލަކަށް ގާދިރު މިހާރު ތި އުޅޭ ގެ. ގެ ފަޅުކޮށްލައިފަ އޮއްވާ ގާދިރާ ހެދި ގެ އަލުން އާބާދުވާތީ ގާދިރު ބިރުގަންނަވާލީ ކަމަށް ވެސް ވެދާނެ. ފުރަތަމަ ދޭނީ އިންޒާރު."

"އެ މުސީބާތުން އަހަރުމެން ސަލާމަތްކޮށްދީބަލަ!" ގާދިރު އެދުނެވެ.

"މާދަމާ ރޭ ދިހަޔެއް ޖަހާއިރު އާދޭ!" އިދުރީސް ގަޑިޔަށް ބަލައިލަމުން ބުންޏެވެ. "ތި ކަން ހަމަޔަކަށް އަޅުވައިލާނަން. މަށަކާ ކުޅިކުޅިވަރެއް ނުކުޅެވޭނެ. ވަރިހަމަ އިންސާނަކަސް. ޖިންނިޔަކަސް."

އެނދުގައި އޮތް ޒޫނާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ގުރައިދޫ ޞިއްޙީމަރުކަޒުގައި ހުރި ވިންދުބަލާ މެޝިނުން ޒޫނާގެ ވިންދު ބަރާބަރަށް އަންގަމުންދިޔައެވެ. މުޅި ތަނުގައި ވެސް ހުރީ އެ މެޝިނުގެ އަޑެވެ. ޒޫނާގެ އެނދު ކައިރީގައި ނިޝާއާއި ޖިނާ ތިއްބެވެ. ސަމަދާ އެކުގައި ޑަކުޓަރު ވެސް އެ ތަނަށް ވަނެވެ. ހެނދުނުގެ ވަގުތެވެ. ގަޑިން އަށެއް ޖަހަނީއެވެ.

"އަހަންނަށް ކިހިނެއްވީ؟" އާދައިގެ ރާގެއްގައި ޒޫނާ އެހިއެވެ. "މީ ކޮން ހޮސްޕިޓަލެއް؟ ހިނގާ ގެއަށް ދާން."

ނިޝާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ. އެނދުގައި އިށީނދެލިއެވެ. އަދި ޒޫނާގެ އަތްތިލައިގައި ހިފަހައްޓައިލިއެވެ. ހިތްވަރުދިނުމުގެ ގޮތުންނެވެ.

"ޒޫނާ! މީ ގުރައިދޫގެ ސިއްހީމަރުކަޒު،" ނިޝާ ޖަވާބުދިނެވެ. "ޒޫނާ ތިއޮތީ މާލެޔާ ވަރަށް ދުރުގަ."

"ޒޫނާގެ ފިރިމީހާއަށް ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުން ޒޫނާގެ ސިކުނޑިއަށް ކުއްލި ޝޮކެއް ލިބުނީ،" ސަމަދު ކިޔައިދިނެވެ. "އެހެންވެ ޒޫނާ މި ރަށަށް ގެނެސްގެން ގެންގުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެ!"

"އިހުސާން!" ޒޫނާ މަޑުމަޑުން ބުނެލިއެވެ. "ކޮބާ އޭނަ؟"

"އޭނަ ނިޔާވިތާ ތިން އަހަރު ވެއްޖެ!" ނިޝާ ޖަވާބުދިނެވެ.

ޒޫނާ ވިސްނައިލިއެވެ. ތިން އަހަރަކީ ވަރަށް ގިނަ ދުވަހެވެ. އެކަމަކު ޒޫނާއަށް ހީވަނީ ކުޑަ އިރުކޮޅެއް ކުރިން ހިނގިކަމެއް ހެންނެވެ.

"އަހަރެން މި ރަށުގަ އުޅޭތާ ތިން އަހަރު ވީ؟" މަޑުމަޑުން ޒޫނާ ބުނެލިއެވެ. "ހާދަ ދުވަހެކޭ!"

"ނަސީބެއްނު ތިން އަހަރުވިކަން،" ކުޑަކޮށް ސަމާސާ ރާގެއްގައި ސަމަދު ބުންޏެވެ. "ޖިނާ ނެތް ނަމަ.."

"ޖިނާ؟" ޒޫނާ ގާތަށް ކުއްލިއަކަށް ރުޅިއައެވެ.

އެއްލި ކަޅިޔަކުން ޒޫނާއަށް ޖިނާ ފެނުނެވެ. އޭރު ވެސް ޖިނާ ލައިގެން ހުރީ ރަތް ގޮޅިޖެހި ގަމީހެވެ.

"ކީއްކުރަން ކަލޭ މި ތަނަށް އައީ؟" ޒޫނާ އެހިއެވެ. "އިހުސާނާ ސާޖިދު މަރައިލައިފަ.."

"އޭނައެއް ނޫނޭ.." ނިޝާއަކަށް މާ ގިނަ ވާހަކައެއް ނުދެއްކުނެވެ.

"ނިޝާއަކަށް ނޭނގޭނެ އޭނަގެ މަކަރެއް،" އަރައިފައިވާ އޮޅުމުގެ ތެރޭގައި ޒޫނާ ހަޅޭއްލަވައިގަތެވެ. "ކޮންމެ ކަމެއް ވެސް ކޮށް ނިންމައިފަ ނިކަން ހެޔޮކަމަށް ހެދޭނެ. ދެން މާފަށް ވެސް އެދޭނެ. އެކަމަކު ހުރިހާ ކަމެއް.."

"ޒޫނާ!" ނިޝާ ވަރަށް އޯގާތެރިކަމާ އެކުގައި ޒޫނާގެ ކޮނޑުގައި ފިރުމައިލައިފައި ބުންޏެވެ.

ނިޝާގެ އަތް ޒޫނާ ފޮޅުވައިލިއެވެ.

"ހަމަ މިހާރު އޭނަ މި ތަނުން ނެރޭ އެހެންނޫނީ އަހަރެން އެހެން ތާކަށް ގެންދޭ!" ޒޫނާ އަމުރުކުރިއެވެ. ރޯން ފެށިއެވެ. "އަހަރެން ބޭނުމެއް ނޫން އޭނަ ފެންނަ ހިސާބެއްގަ ވެސް ހުންނާކަށް. މަށަށް ހާދަހާ ވަރެއް ކޮށްފިޔޭ!"

ޖިނާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓުވެ. ސަމަދު އައިސް ޖިނާގެ އަތުގައި ހިފައިގެން އެ ތަނުން ނުކުތެވެ. ޒޫނާ ހުއްޓުވަން ނިޝާ މަސައްކަތް ކުރިއެވެ.

"އެ ދިޔައްޔޭ!" ނިޝާ ބުންޏެވެ. "ދެން ހުއްޓާލާ! ހުއްޓާލާ ޒޫނާ!"

ނިޝާގެ ކޮނޑުގައި ބޯއަޅައިލައިގެން ޒޫނާ ގިސްލަގިސްލައިފައި ރުޔެވެ. ޒޫނާއަށް އޮޅުނީ ކީއްވެގެންކަން ނިޝާއަށް ވިސްނެއެވެ. މައްސަލައަކީ ޒޫނާ ހޭއެރިއިރު ޖިނާއަށް އެ ތަނުގައި ހުރެވުމެވެ. ލައިގެން ހުރެވުނު ގަމީހުގެ ކުލައާއި ޑިޒައިނެވެ. ނިޝާ ޖެހޭނީ ޒޫނާއަށް އެތައް ވާހަކައެއް ކިޔައިދޭށެވެ. ނުވިސްނުނީ އެ ވާހަކަ ޒޫނާއަށް ކިޔައިދޭނެ ގޮތެކެވެ. ވީމާ ޒޫނާގެ ބޮލުގައި ފިރުމަން ނިޝާ ހުރީއެވެ.

މަޒްލާން މަތިން އައިސް ތުނޑިއަށް ވެއްޓުނެވެ. އޭނަ އޮތީ، އުމުރުން ހައެއްކަ އަހަރުގެ އިންސާނެއްގެ ސިފައިގައެވެ. ހަމުގެ ކުލަ ކަޅުކަމުން ހީވަނީ ދެލިކޮޅެއްހެންނެވެ. ކުއްލިއަކަށް މަޒްލާންގެ ވަށައިގެން އަލިފާން ބުރެއް ދިއްލުނެވެ. އެ ވަށްބުރުގައި ހުރީ ނޫކުލައިގެ ހުޅުގަނޑެކެވެ. މަޒްލާން ތެދުވިއެވެ. ދުރުގައި ބަލަންހުރި ބައްޕައަށް ކަޅިއަޅައިލިއެވެ. ޖިނާގެ ސިފައިގައި ހުރި ބައްޕަގެ މޫނުމަތިން ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް މަޒްލާނަކަށް ނުފެނެއެވެ. ދެފައިވަށްކޮއްލައިފައި މަޒްލާން އިށީނެވެ. އަދި އިސްޖަހައިލިއެވެ.

"އަހަރެން ދޫކޮށްލާ!" މަޒްލާން އަމުރުކުރިއެވެ.

"ނޫޅެމޭ ބަންދުކުރާކަށް،" ވަށްބުރުގެ ވަށައިގެން ހިނގަމުން "ޖިނާ" ބުންޏެވެ. "މަންމައަށް ޖެއްސުން ނުކުރަން އެއްބަސްވޭ!"

"އެއީ މަގޭ މަންމައެއް ނޫނޭ!" އިސްޖަހައިގެން އިނދެ މަޒްލާން ހަޅޭއްލަވައިގަތެވެ. "ކިތެއް ފަހަރު ބުނެފިން!"

"އެއް ހާސް ފަހަރު ބުންޏަސް ތެދެއް ވާނީ ތެދަކަށް،" ބައްޕަގެ ރާގު ދެން ވެސް ހުރީ ކުރިން ހުރި ގޮތަށެވެ. "އެއީ ހަމަ ދަރިފުޅުގެ މަންމަ! ދަރިފުޅު ކިތަންމެ ރުޅިއަޔަސް، ފޫހިވިޔަސް.."

މަޒްލާން ކުއްލިއަކަށް ދުއްވައިގަތެވެ. އެކަމަކު އަލިފާން ރޮނގުގައި ޖެހޭއިރަށް ދުރަށް ވިއްސައިލިއެވެ. އަނެއްކާ އެހެން ދިމާއަކަށް މަޒްލާން ދުއްވައިގަތެވެ. އެ ފަހަރު ވެސް ވީ އެހެންނެވެ.

"އަހަރެން ޒޫނާދެކެ ވަރަށް ފޫހިވޭ!" ރުޅިއައިސްފައި މަޒްލާން ބުންޏެވެ.

"އެނގެޔޭ!" ބައްޕަގެ ޖަވާބު މަޒްލާނަށް ލިބުނެވެ. "އެކަމަކު އެ ކަން ކުރަންޖެހޭ ސަބަބު ވެސް ބުނެފީމެއްނު! ޖެނީއަށް ޓަކާ! ދަރިފުޅުގެ ދައްތައަށް ޓަކާ!"

"ދައްތަދެކެ ވެސް ވަރަށް ފޫހިވޭ! ބައްޕަދެކެ ވެސް ފޫހިވޭ!" ވާހަކަދައްކަމުން މަޒްލާން އައިސް ބުރުތެރޭގައި ހުރެގެން ބައްޕަޔާ އެއްވަރަށް ހިނގިއެވެ. "ބައްޕަ އަބަދުވެސް ބުނާނެ މަންމަގަނޑު ދެކެ އަހަރެން ފޫހިވާ ވާހަކަ. ސަބަބު ބައިވަރު. އެކަމަކު ލޯބިވާންޖެހޭ އެންމެ ސަބަބެއް ބައްޕަ ބުނެބަލަ!"

ކުރިން ދެއްކި ވާހަކަތައް އަލުން ތަކުރާރު ކުރުމުގެ ބަދަލުގައި އެ ބައްޕަ ދަރިފުޅަށް ދިނީ އެހެން ނަޞޭޙަތެކެވެ.

"ބުނަން ދަރިފުޅާ ވާހަކައެއް،" ބައްޕަގެ ރާގުގައި އެ ފަހަރު ހަރުކަށިކަމެއް ނެތްކަން މަޒްލާން ފާހަގަކުރިއެވެ. "އިންސާނުންނަކީ ވަރަށް ބުއްދިވެރި ބަޔެއް. ވަރަށް ހެއްވާ ވެސް ބަޔެއް. ދަރިފުޅަށް އެނގޭތަ އެ މީހުންގެ އުސޫލު؟"

ނުނިމޭ