ވިޔަފާރީގެ ވަގުތު ރޯދައިގެ ކުރިން އޮތްގޮތަށް ބަދަލުކޮށްފި

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަތައް ބަންދުކުރާ ވަގުތާއި މުދާ އުފުލާ ވަގުތު ރޯދަ މަހާ ދިމާކޮށް އިތުރުކޮށްފައި އޮތުމަށް ފަހު، މާދަމާއިން ފެށިގެން ކުރިން އޮތް ގޮތަށް ވަގުތުތައް ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.


ކުރިން އޮތް ގޮތަށް ބަދަލުކުރުމުން، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10 ޖަހަންދެންނެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1 ޖަހަންދެންނެވެ.

ވިޔަފާރިކުރާ ވަގުތު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އިތުރުކޮށްދެ އެވެ.

ރޯދަ މަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް އޮތީ ހުއްދަ ދީފަ އެވެ. އަދި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދިނެވެ.

ދުވާލު ވަގުތު މާލެތެރޭގައި މުދާ އުފުލުން މަނާކޮށްފައި އޮތް އޮތުމަށް ރޯދަ މަހު ދިން ލުއި ވެސް މާދަމާއިން ފެށިގެން ނިމުމަކަށް އަންނާނެ އެވެ.

ސަރުކާރުން މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އަމަލު ކުރަން ފަށާފައިވާ އާންމު އުސޫލުގައިވާ ގޮތުން ނަމަ، މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑި އަކީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ. ކައްކާ ގޭސް އުފުލުމުގެ ހުއްދަ ދީފައި އޮތީ ހެނދުނު 8:30 އިން ހެނދުނު 11:00 އަށެވެ. މާދަމާއިން ފެށިގެން އަމަލު ކުރަން ޖެހޭނީ މި އުސޫލަށެވެ.

ސްކޫލުތަކާއި ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަށް ރޯދަ މަހު ގެނައި ބަދަލު ވެސް އަންނަ ހަފުތާއިން ފެށިގެން ކުރިން އޮތް ގޮތަށް ބަދަލުވާނެ އެވެ.