ޢިޝާ · 19:13

ރޯދަ މަހު ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވޭނެ ވަގުތުތައް ކަނޑައަޅައިފި

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހު ކެފޭ އަދި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.


އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ރޯދަ މަހާއި ޖެހިގެން އަންނަ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ކެފޭ އަދި ރެސްޓޯރެންޓްތަކާއި ކެއުންބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމު ތިނެއް ޖަހަންދެނެވެ. އަދި އެ މުއްދަތުގައި ފިހާރަތައް އެންމެ ލަސްވެގެން ހުޅުވާފައި ބެހެއްޓޭނީ މެންދަމު 12 ޖަހަންދެން ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް، ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ޚިދުމަތް ދެވޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅަ އެވެ.