ފަތިސް · 04:37

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މާހެފުން ބާއްވައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ މާހެފުން އިއްޔެ ދެ ސަރަހައްދެއްގައި ބާއްވައިފި އެވެ.


ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އިޖުތިމާއީ މި އެއްވުންތައް އޮތީ އިސްލާމިކް ޔުނިވަސިޓީ ހުންނަ ގޮމްބަކް ސަރަހައްދާއި ނޮޓިންހަމް ޔުނިވަސިޓީ ހުންނަ ސެމެނީގަ އެވެ.

ގޮމްބަކްގައި ބޭއްވި މާހެފުމުގައި ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.

ނޮޓިންހަމް ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދިވެހިންނާ އެމްބަސީގެ އިސް ބޭފުޅުން އިއްޔެ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

އޭނާ ވަނީ އަންނަ މަހުގެ ކުރީކޮޅު ރޯދަ މަސް ފެށޭ ކަން ފާހަގަކުރައްވައި، އެ މަހުގެ މާތްކަމާ ބެހޭ ގޮތުން ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި ރޯދަ މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މާހެފުންތަކުގައި ދިވެހި އެމްބަސީގެ ބޭފުޅުން ދިވެހިންނާ ބައްދަލުކުރައްވައި މިހާރު ހުރި ދަތިތައް އޮޅުންފިލުއްވި އެވެ.

ދިވެހި އެމްބަސީން ކުރި ޓުވީޓު.
ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ތޯލިބް ދިވެހިންނާ އިއްޔެ ބައްދަލު ކުރައްވައި، އެމީހުންގެ ހުރި ދަތިތައް އޮޅުންފިލުއްވަނީ. --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

ދިވެހިންގެ މައިގަނޑު ކަންބޮޑުވުމަކީ މެލޭޝިއާގައި ރާއްޖޭގެ ލައިސެންސް ބޭނުން ނުކުރެވޭ ގޮތަށް މެލޭޝިއާ ސަރުކާރުން ކަނޑައެޅުމާއި ވިސާގެ އެކި މައްސަލަތަކެވެ. އެމްބަސީގެ ބޭފުޅުން ވިދާޅުވީ އެ މައްސަލަތައް ހައްލުކޮށް ދެއްވަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މެލޭޝިއާގައި މިހާރު 2،300 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެ އެވެ. ތައުލީމް ހާސިލް ކުރަމުން އަންނަ ދިވެހި ދަރިވަރުންގެ އަދަދު 1500 އަށް ވުރެ ގިނަ އެވެ. އެގޮތުން ނޮޓިންހަމް ޔުނިވަސިޓީގައި 50 އަށް ވުރެ ގިނަ ދިވެހިން އުޅެ އެވެ. އަދި އިސްލާމިކް ޔުނިވަސިޓީ ހުންނަ ގޮމްބަކްގައި ދަރިވަރުންނާއި އާއިލާގެ މީހުންނާ އެކު 100 އެއްހާ ދިވެހިން އުޅެ އެވެ.

ގޮމްބަކް ސަރަހައްދުގައި އުޅޭ ދިވެހިން ބޭއްވި މާހެފުން --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ، އެތަންތަނުގައި ހުންނަ އެމްބަސީތަކުން ގާތް ގުޅުމެއް ބާއްވައި، އެމީހުން ބޭނުންވާ ހިދުމަތްތައް ފުރިހަމަކަމާ އެކު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިފަދަ ބައްދަލުވުންތައް ދޭތެރެ ދޭތެރެއިން ބާއްވައި ދިވެހިންގެ ހުރި ޝަކުވާތައް އަޑުއަހައި ހައްލުކޮށްދިނުމަކީ ބޭނުންތެރި ކަމެއް،" މިއުވާން ވިދާޅުވި އެވެ.