ރައްޔިތުންގެ މަޖިލިހުގެ މާހެފުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އަށް މަރުހަބާ ކިޔަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މާހެފުން ޝަރަފުވެރި ކޮށްދެއްވައި އެ މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.


މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ފަހު ޖަލްސާ މިއަދު 11:00 ގައި މެދުކަނޑާލީ މާހެފުން ބޭއްވުމަށެވެ. ޖަލްސާ މެދުކަނޑައިލުމުގެ ކުރިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މާހެފުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު އެރުވީ އެއީ މަޖިލިހުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

"އެއީ ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް އެ ހުރިހާ ދުވަސްތަކެއްގައި ކޮށްދެއްވާފައިވާތީއާ އެކީގައި އެބޭފުޅުންނަށް އަޅުގަނޑު [މާހެފުމަށް] ދަންނަވާލާފައި ވަނީ،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސަށާއި އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުންނަށް މާހެފުމަށް ދައުވަތު އެރުވި ސަބަބާ ގުޅޭ ގޮތުން ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި މިއަދު އޮތް މާހެފުމަށް ފަހު، ބައެއް މެމްބަރުންނާއި މަޖިލިހުގެ އިދާރާގެ އިސްވެރިނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮޓޯފުޅެއް ނަންގަވަނީ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނު ރައްޔިތުންގެ މަޖިލިހުގައި ހޭދަކުރައްވަމުން ގެންދެވީ ފަސް ވަނަ ދައުރެވެ. އެމަނިކުފާނު އެންމެ ފުރަަތަމަ އިންތިހާބުވީ ޅ. އަތޮޅުގެ މެމްބަރުގެ ގޮތުގަ އެވެ. އަދި ފަހުން ހުންނެވީ އުފަން ރަށް ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމްޑީޕީ އުފެދުނީއްސުރެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވައިފަ އެވެ.

މަޖިލިހުގެ އިދާރާގައި އޮތް މާހެފުމުގައި، މަޖިލިހުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އެއީ، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފެވެ.