ފަތިސް · 04:37

ރޯދަ އިނާޔަތުގެ ޝަކުވާއާ އެކު ވަޒީފާ އިން ކަނޑާލީ

އެއް ތަނުން އޭނާ ކަނޑާލީ ރޯދަމަހުގެ އެއް ދުވަސް ކުރިންނެވެ. އަނެއް ތަނުން، ރޯދަމަހުގެ ވިއްސަކަށް ދުވަސް ކުރިންނެވެ. އުމުރުން ފަސްދޮޅަހަކަށް އަހަރުގެ އަހުމަދު ރަޝީދު ބުނާގޮތުގައި ދެ ފަހަރު ވެސް ސަބަބަކަށް ވީ، ރޯދަމަހުގެ އިނާޔަތް ދޭން އޭނާ އެދުމެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން އެއް މައްސަލަ އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު ރަޝީދަކަށް ކުރިއެއް ނުލިބުނެވެ.


ސެކިއުރިޓީ ހިދުމަތް ދޭ ތަނެއްގައި 4،500 ރުފިޔާގެ މުސާރައަކަށް ގާޑަކަށް އުޅޭތާ ތިން އަހަރު ވީ އިރު، ސ. ހިތަދޫ ރަޝީދަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ ފަހަރަކު ވެސް ލިބުނީ 300 ރުފިޔާ އެވެ. ގާނޫނީ ގޮތުން އޭނާ އަށް 3،000 ރުފިޔާ ހައްގުވާ ކަމެއް އޭރު ރަޝީދަކަށް ނޭނގެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ރޯދަ މަސް ކައިރިވެފައި ވަނިކޮށް، ތަނެއްގައި ކޮފީ ބޯން ތިބި ބަޔަކު އެ ގޮތަށް ވާހަކަދެއްކި އަޑު އިވިގެން، ފުރިހަމަ އަށް އިނާޔަތް ދޭން، ވަޒީފާ އަދާކުރާ ތަނުގައި ރަޝީދު އެދުނެވެ. އެކަމަކު، އިނާޔަތް ނުލިބޭނެއޭ ބުނެ، އެ ތަނުން އޭނާ ކަނޑާލީ އެވެ.

ހައްގު ހޯދޭނެ ގޮތެއް އޮތް ކަމެއް ވެސް ރަޝީދަށް އޭރަކު ނޭނގެ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދެވެން އޮތްކަން އެނގު ހިސާބުން ވަކީލެއްގެ އެހީތެރިކަން ހޯދަން އޭނާ މަސައްކަތް ފެށި އެވެ. އަދި އެ ވަގުތު ރަށަށް ގޮސް އުޅުނު ލޯޔަރަކާ ދިމާވެ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ.

"އަހަރެންގެ ރައްޓެހިންނާއި ގާތް މީހުން މަގޭ ކައިރީގައި ބުނީ ތި މައްސަލަ ހުށަހަޅާށޭ، ހުށަހެޅީމާ ކާމިޔާބުވާނެއޭ. ޑިއުޓީކުރާ އެންމެން ވެސް ބުނެފި، ކަލޭ ހުށަހެޅީމާ ތިމަންނަމެން ހުށަހަޅާނަމޭ. އެއްވެސް މީހަކަށް ނުކެރޭ ހުށަހަޅާކަށް. އެކަމަކު އަހަރެން ބުނިން މަ ހުށަހަޅާނަމޭ. ކިޔާފައި ވަކީލަކު ހޯދަން ދިމާކޮށްގެން އަހަންނަށް ލިބުނީ މީހެއް،" ރަޝީދު ކިޔައިދިނެވެ.

އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ޝަޒްމީ އިންވެސްޓްމެންޓްގެ ވެރިޔާ ޝަޒްމީ މުހައްމަދާ ދެކޮޅަށް މިދިޔަ އަހަރުގެ މޭ މަހު ހުށަހެޅި މައްސަލަ މިދިޔަ މާޗް 21ގައި ޓްރައިބިއުނަލުން ނިންމީ ރަޝީދާ އެއްކޮޅަށެވެ.

ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް ރަޝީދުގެ ވަޒީފާ އިއާދަކޮށް، ނުދީ ހުރި މުސާރަ އާއި އިނާޔަތުގެ ގޮތުގައި 50،000 އަށް ވުރެ ގިނަ ރުފިޔާ ޝަޒްމީ އިންވެސްޓްމެންޓުން މިހާރު ވަނީ އޭނާ އަށް ދީފަ އެވެ. އެކަމަކު ދެން ޖެހުނު އިހާނެތި ހާލާ އެކު ރަޝީދަށް މަޖުބޫރުވީ އަމިއްލަ އަށް އެ ވަޒީފާ ދޫކޮށްލާށެވެ. ނުވި ތާކަށް، އެހެން ސެކިއުރިޓީ ވިޔަފާރިއެއްގެ ވަޒީފާ އިން މިދިޔަ މަހު މެދެއްހާތާނގައި އޭނާ ކަނޑާލީ ވެސް، ރޯދަ އިނާޔަތުގެ ވާހަކަ ދެއްކީމާ ކަމަށް ރަޝީދު ބުނެ އެވެ.

ޝަޒްމީ އިންވެސްޓްމެންޓުން ޓްރައިބިއުނަލްގައި ބުނެފައި ވަނީ ރަޝީދު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށާއި މެއި 12، 2018 އިން ފެށިގެން އޭނާ ވަޒީފާ އަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އެކަމަކު ޓްރައިބިއުނަލުން ނިންމީ ރަޝީދު ވަޒީފާ އަށް ނުކުމެފައި ނުވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައިވާކަން މޭ 15ގައި އޭނާ އަށް އަންގާފައިވާތީ ކަމަށް ބުރަވެވޭ ކަމަށެވެ. އަދި ރަޝީދު ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބަކާ ލައިގެންކަން ޝަޒްމީ އަށް ބުނެދެވިފައި ވެސް ނުވާ ކަމަށް ނިންމުމުގައި ވެ އެވެ.

ރަޝީދު ވަޒީފާ އިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ޓްރައިބިއުނަލުން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އޭނާ އަށް ލިބެން ޖެހޭ 3،000 ރުފިޔާއާ އެކު އޭނާގެ ވަޒީފާ އިއާދަކުރުމަށާއި އޭނާ ވަކިކުރި ތާރީހުން ފެށިގެން އަނބުރާ ވަޒީފާ ދޭ ތާރީހާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔަތްތައް ވެސް ދިނުމަށް އަމުރުކޮށްފަ އެވެ.

މައްސަލައާ ހަވާލުވި ލޯޔަރު ރާއްޖެ އިން ބޭރަށް ކިޔަވަން ދާން ޖެހިގެން ރަޝީދުގެ ކޭސް ފަހުން ކުރިއަށް ގެންދެވީ ވަކީލު ފަރުހާން އަލީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރައިބިއުނަލްގެ އަމުރާ އެކު ރަޝީދުގެ ހައްގުތައް ލިބުނަސް ދެން އޭނާ އަށް ކުރިމަތިވީ ޓްރައިބިއުނަލަށް ދިޔަ ކަމުގެ "އަދަބެ"ވެ.

"ވަޒީފާ އަނބުރާ ދީފައި އޭނާ އަށް ޖެއްސުންކުރަން ފެށީ. ދަންވަރު ޑިއުޓީ އަށް 12 ޖަހާއިރު އަންނާށޭ މި ބުނަނީ. ޑިއުޓީ އަށް ދިޔައިމަ މި ބުނަނީ މި ރޭ އޮފޭ، ދާށޭ ގެއަށް. އެހެން ދެ ރޭ، ތިން ރޭ ކަންތައް ކޮށްފި. އޭނަ ޑިއުޓީ އަށް ދާން ޖެހެނީ ވަރަށް ދުރަށް. ދަންވަރު ގަޑީގައި އަނެއްކާވެސް އަނބުރާލާފައި ދާން އޭނާ އަށް ވެސް ދަތިތަކެއް ހުންނާނެ. މުސްކުޅި މީހެއް،" ފަރުހާން ވިދާޅުވި އެވެ.

އެކަމާ ޝަކުވާކުރުމުން ރަޝީދަށް އެންގީ ގޭގައި މަޑުކުރާށެވެ. އެކަމަކު ތިން ރޭ ވަންދެން އެ ގޮތަށް ކަން ހިނގާފައި އޮތުމުން އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ސިޓީ ލައިގެން އަމިއްލަ އަށް އެ ތަނުން ކެނޑުނީ އެވެ.

"އަހަރެން މިހާރު ބެޓެރި ސައިކަލެއް ނަގައިގެން އޭތި ދުއްވަނީ. ރޭގަނޑު އެ ތަނަށް ދިޔައިމަ ނުވައްދާ. އެއް ރޭ 12:30-އެކެއް ޖެހި އިރު އަހަރެން އަނބުރާ އައީ ސައިކަލް އަތުން ދަމާފައި. ގެއަށް އާދެވުނު އިރު 5:30 ވެއްޖެ،" ރަޝީދު ކިޔައިދިނެވެ.

"ދެން ފަހު ދުވަހު ލޯޔަރު މީހާ އަށް ގުޅާފައި އަހަރެން ބުނެފިން މި މީހުން ކަންތައް ކުރީ މިހެންނޭ، މި މީހުން މިހާރު ގަސްދުކުރަނީ މަށަށް އަނިޔާދޭށޭ، އެހެންވީމާ ދެން އަހަރެން ދާކަށް ބޭނުމެއް ނޫނޭ."

ބައެއް ފަހަރު ދުވާލަކު 16 ގަޑި އިރު ޑިއުޓީ އަދާކުރި ވަޒީފާ ގެއްލުނުތާ ދުވަސްތަކެއް ފަހުން ރަޝީދު ވަނީ އެހެން ސެކިއުރިޓީ ވިޔަފާރިއެއްގައި މަސައްކަތްކުރަން ފަށައިފަ އެވެ. ވަޒީފާ ދިން ކަމުގެ ލިޔުމެއް، ވަޒީފާގެ އެއްބަސްވުމެއް، މުސާރައިގެ ސްލިޕެއް ނުދެ އެވެ. މުސާރަ ދެނީ އަތަށެވެ. އެ ތަނުގައި އުޅޭތާ ހަތަރު މަސް ފަހުން ވަޒީފާ އިން ވަކިކުރީ ވެސް ރޯދަ އިނާޔަތް ނުދޭން ވެގެން ކަމަށް ރަޝީދު ބުނެ އެވެ.

"އެ މީހުން ވެސް ރޯދަ ކައިރިވާތީ އަހަރެން ކަނޑާލައިފި. އަހަރެން ބުނީ ރޯދަމަހު އަހަންނަށް ވަރަށް ދަތިވާނެއޭ، ދަންވަރު ޑިއުޓީ އަށް ބަދަލުކޮށްދޭށޭ. ބުނީމާ ބުނީ ދަންވަރު ޑިއުޓީ ދެވޭކަށް ނެތޭ، ކަލޭ މަޑުކުރާށޭ ގޭގައި. މިހާ ހިސާބުން ނިމުނީއޭ،" ރަޝީދު ބުންޏެވެ.

ފަރުހާން ވިދާޅުވީ ފަހުން ރަޝީދު އުޅުނު ތަނުން ވެސް ރޯދަ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ދެނީ 250 ނުވަތަ 300 ރުފިޔާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

"ފަހުން ވަތް ތަނުގެ މީހުން ކައިރީ ވެސް، ދެކެވުނު ވާހަކައެއްގެ ތެރެއިން، އަހުމަދު ރަޝީދު ބުނެފައި އޮތީ ރޯދަ އެލަވަންސަށް 3،000 ރުފިޔާ ދޭން ޖެހޭނެއެއްނޫންހޭ،" އޭނާ ވިދާޅުވި އެވެ.

"ދެން މިދިޔަ މަހު މެދު ތެރޭ އޭނާ ކަނޑާލީ، ނޯޓިސް ދީފައި. އެއްވެސް ލިޔެކިޔުމެއް ވެސް ނެތް އެ ތަނަށް ވަޒީފާ އަށް ދިޔަ ކަމުގެ."

އާއްމު ކަމެއް

ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމުގެ މައްސަލަތައް ގިނަކަން ފަރުހާން ފާހަގަކުރައްވަ އެވެ. އޭނާ ވިދާޅުވީ އެފަދަ ހައްގުތައް ލިބެން ޖެހޭކަން ބައެއް މީހުންނަށް ނޭނގޭ އިރު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ގިނަ މީހުން އަޅާނުލައި ތިބެނީ ކަމަށެވެ.

"މާލެ އިން ވެސް ވަރަށް ބައިވަރު އެކަން ފާހަގަކުރެވޭ. މިދިޔަ ރޯދަ މަހު އަޅުގަނޑާ އެކަނި ވެސް ދިމާވި މިފަދަ 10 ވަރަކަށް މީހުން. އައި އެ ވާހަކަ ދައްކަން. އެކަމަކު އެ މީހުން ވެސް ބޭނުމެއް ނުވި ޓްރައިބިއުނަލް އަށް ދާކަށް. ހިނގައްޖެއްޔާ ޖެއްސުންތަކެއް ކޮށް ނުވަތަ ތިމަންނަމެން ކަނޑައޭ ލާނީ، އެކަހަލަ ގޮތަކަށް ބޮޑަށް ވާހަކަ ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

"ގިނަ މީހުން ބޭނުމެއް ނުވޭ މައްސަލައެއް ޖައްސާކަށް. އިނާޔަތް ނުލިބުމަށް ވުރެ މާ ދެރަ ގޮތެއް ފަހުން ވަނީ."

ރޯދަ އެލަވަންސް ނުދިނުމުގެ އިތުރުން ވަޒީފާގެ އެއްބަސްވުމެއް ނެތި މަސައްކަތްކުރުވުމާއި ޗުއްޓީ ނުދިނުމާއި ޕެންޝަން ފައިސާ ޖަމާ ނުކުރުން ވެސް ގިނަކަން ފަރުހާން ފާހަގަކުރެއްވި އެވެ.

"ގިނަ ތަންތާނގައި އޯފް އާއި ޗުއްޓީތަކާ އެއްޗެހި ވެސް މި އޮންނަނީ ވެރިމީހާ ބޭނުންވެއްޖެއްޔާ ނޫނީ ހިތްހަމަޖެހިއްޖެއްޔާ ދޭ ކަހަލަ ގޮތަކަށް. މުވައްޒަފަކާ ދޭތެރޭ ހިތްހަމަނުޖެހިއްޖެއްޔާ ބަވާލާފައި އޯފްތަކާ އެއްޗެހި ކަނޑާލާ ކަހަލަ ގޮތަކަށް ކަންކަން ހިނގަނީ. ޕެންޝަނަށް ދޭން ޖެހޭ އެއްޗެއް ވެސް ނުދޭ،" އޭނާ ވިދާޅުވި އެވެ.

ފަރުހާން ވިދާޅުވި ގޮތުގައި ރަޝީދު ވެސް، ތިން އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރި އިރު ޗުއްޓީއެއް ނަގައިފައެއް ނުވެ އެވެ. އަދި ސަލާމް ބުނުމާއި އާއިލީ ޒިންމާގެ ޗުއްޓީ ފަދަ ހައްގުތައް ވެސް ލިބެންވާނެ ކަމެއް އޭނާ އަށް އޮތީ ނޭނގިފަ އެވެ.

"އޭނާ 2016 އިން ފަށައިގެން ވަޒީފާގައި އުޅުނީ އެއްވެސް ޗުއްޓީއެއް ނުލިބި. ހަމަ އެއްވެސް އެއްޗެއް ނުނަގާ އޭނާ އުޅުނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގާތު ބުނީ ސަލާމާއި އާއިލީ ޒިންމާ އާއި ޗުއްޓީއާ ތިއީ ތިމަންނަމެން ދަންނަ އެއްޗެއްސެއް ނޫނޭ."

ޓްރައިބިއުނަލަށް ގޮސްގެން ހައްގު ހޯދަން ފުރުސަތު އެބަ އޮތެވެ. އެކަމަކު ކާމިޔާބު ވިޔަސް، އަނެއްކޮޅުން ލިބެނީ ބޮޑު ދެރައެކެވެ. ރަޝީދަށް ވީ އެހެންނެވެ.

ފަރުހާން ވިދާޅުވީ ރަޝީދު ޓްރައިބިއުނަލްގައި މައްސަލަ ޖެއްސީތީ، ދެން ޕްރައިވެޓް ތަނަކުން ވަޒީފާއެއް ހޯދަން އޭނާ އަށް ދަތިވާނެ ކަމަށެވެ.

"އެއީ އޭނާ އަށް މިހާރު ވާނުވާ އެނގޭތީ. އޭނާގެ ހައްގު ހޯދަން އޭނާ މަސައްކަތްކުރާނެ ކަން އައްޑޫ އެންމެންނަށް ވެސް އެނގޭނެ،" ވަކީލު ވިދާޅުވި އެވެ.