ފަތިސް · 05:06

މިރުހެއް ނުލިބޭ، އަގު އިންތިހާ އަށް މައްޗަށް

މި އަހަރުގެ ރޯދަ މަސް ފަށަން 2-3 ދުވަހަށް ވުމާ އެކު، މާލޭގެ ލޯކަލް މާރުކޭޓުގައި މިރުސް ކިލޯއެއްގެ އަގު 1،000ރ. އަށް އަރައިފި އެވެ.


މާރުކޭޓުގައި ތަކެތި ވިއްކާ މީހުން ބުނީ، މިރުހުގެ އަގު މިހާ ބޮޑަށް އުފުލުނީ ދިވެހި މިރުސް ލިބުން ވަރަށް ބޮޑަށް ދަތިވުމުން ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނައިން މިރުސް ހައްދަނީ ތ. ކަނޑޫދޫގަ އެވެ. ނަމަވެސް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން އެ ރަށުގެ މިރުސް ދަނޑުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ލޯކަލް މާރުކޭޓުގައި ގޮޅިއެއް ހިންގާ ވިޔަފާރިވެރިއަކު ބުނިގޮތުގައި، ރޯދަ މަހުގެ ތެރޭގައި މިރުގެ އަގު އިތުރަށް އުފުލޭނެ އެވެ.

"މިރުސް އެއްވެސް ވަރަކަށް ނުލިބޭ. ނުލިބެންޏާ ހައްތަހާ ދާނީ އަގު އުފުލެމުން،" އޭނާ ބުންޏެވެ.

މިރުހުގެ އަގު އިންތިހާ އަށް އުފުލިފައިވާ އިރު މިދިޔަ އަހަރުގެ ރޯދަ މަހު މިރުސް ކިލޯއެއްގެ އަގު 800ރ. އަށް އަރާފައިވެ އެވެ.

މާރުކޭޓުގައި ދިވެހި މިރުހުގެ އަގު އުފުލުނު ނަމަވެސް ރާއްޖެ އިން ބޭރުން ގެންނަ މިރުހުގެ އަގު އުޅެނީ ކިލޯއެއް 250ރ. އަށެވެ. އެކަމަކު، ލޯކަލް މާރުކޭޓުގައި ބޭރު މިރުހުގެ އަގު ވެސް ހުރީ 100 ގްރާމު 90ރ. އާއި 100ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

"ބޭރު މިރުސް މީހުން ނުގަނޭ. ދިވެހިން އާންމުކޮށް ގަންނަން ބޭނުންވަނީ ކަނޑޫދޫ ކުޅި މިރުސް،" ލޯކަލް މާރުކޭޓުގައި މިރުސް ވިއްކާ ވިއްކާ ވިޔަފާރިވެރިއަކު ބުންޏެވެ،