ފަތިސް · 04:48

ޝިރަންގެ "ރަހަފަތް": މިއީ ދިވެހިންގެ އަސްލު ރަހަ

އަމިއްލަ އެޕާޓްމަންޓް، އުތީމު ގަނޑުވަރުގެ ސިފަތަކުން ޒީނަތްތެރިކުރާނީ ގައިމު ދިވެހިވަންތަ ކަންކަމަށް ލޯބިކުރާތީތާ އެވެ. ވޭތުވެދިޔަ ނުވަ އަހަރު އޭނާ އުޅުނީ އަމިއްލަ އެޕާޓްމަންޓް އެގޮތަށް ބަދަލުކޮށްގެންނެވެ. ދިވެހިވަންތަކަމުގެ އެ އިހުސާސްތައް އެހެން ގޮތަކަށް ތަޖުރިބާކުރުމުގެ މަސައްކަތް ވެސް އޭނާ މިވަނީ ފަށައިފަ އެވެ.


އަހުމަދު ޝިރަންގެ ވިސްނުމުގައި އަބަދުވެސް އޮންނަނީ "އަމިއްލަވަންތަ، ދިވެހިވަންތަކަމު"ގެ ކުލަތަކެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހުޅުވި "ރަހަފަތް" ކެފޭ އަކީ އޭގެ އަނެއް މިސާލެވެ.

ޝިރަން ވަނީ ފުޑް އެންޑް ބެވެރޭޖް ދާއިރާގައި 22 އަހަރު މަސައްކަތްކޮށްފަ އެވެ. "ރަހަފަތް" އުފެއްދީ، އޭނާ ބުނާ ގޮތުގައި، "ދިވެހި އަސްލު ރަހައިގެ ކެއުންތައް ތައްޔާރުކޮށް ވިއްކާށެ"ވެ. އެތަނުން ލިބެން ހުންނަ ދިވެހި ކެއުންތައް ތައްޔާރުކުރަނީ، އޭނާގެ ނަޒަރުގައި، "އެންމެ ފުރިހަމަ ރަހަ ހިމަނައިގެން"ނެވެ.

ތަފާތު ކޮށްލަން ގެނައި ބަދަލެއް

ޝިރަންއަށް ފާހަގަވި އެއް ކަމަކީ މާލެއަށް އެކަށީގެންވާ ވަރަށް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ހުރި ކަމެވެ. އެހެންކަމުން އެ ވިޔަފާރީގެ ތެރެއަށް ވަންނަ ނަމަ، އޭނާ ގަބޫލުކުރީ ތަފާތެއް ވެސް ފެންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އޭނާ އިހުތިޔާރު ކުރީ ދިވެހިވަންތަ ކެއުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތައްޔާރުކުރުމެވެ.

"ގުޅަ ބަޖިޔާ ލިބޭތާ ހޮޓާތަކާ އެހެން ތަންތަނުން ވެސް. އެކަމަކު ދިވެހި ރަހައިގައި ނުލިބޭ. އެހެންވެ މިތަނަކީ ދިވެހި ކާނާ އަސްލު ރަހާގައި ލިބޭނެ ތަނެއް،" އެފްއެންޑްބީގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ޝިރަން ބުންޏެވެ.

ރަހަފަތް ކެފޭގެ ވެރިޔާ ޝިރަން: އޭނާ ބޭނުންވީ ދިވެހި ރަހަތައް ހިމާޔަތްކުރަން

"ރަހަފަތް" ކެފޭގައި ކަށިކެޔޮ، ފުފޫ، ދަނޑިއަލުވި ކަންޖާއި ބަނބުކެޔޮ ބޮނޑިބަތުން ފެށިގެން ގޮސް ސޫޖީ ވެސް ލިބެން ހުރެ އެވެ. ކެއުންތަކަށް ބަލާއިރު މަސްބަތާއި ދިވެހި ބިރިޔާނީގެ އިތުރުން ރިހާކުރު ދިޔަ އާއި މަސްފެން ފަދަ ކެއުންތައް ވެސް ތައްޔާރުކުރެ އެވެ. އަދި އައްޑޫ ހަވާދުގެ އެކި ހާއްސަ ރިހަތަކާއި ހެދިކާ ވެސް އެތަނުން ހަދަ އެވެ.

"އަހަރެމެން ކުޑައިރު މަންމަމެން ކައްކާފައި އެ ދޭ އެއްޗެހީގެ ރަހަތައް ގެންނަން މަސައްކަތް ކުރަނީ. އެ ރަހަތަކާ ވަރަށް ކައިރި ކުރާނެ މިތަނުގެ ރަހަތައް،" އެއާޕޯޓް ޓާމިނަލް ކެފޭ އާއި ވެސްޓްޕާކް ފަދަ ތަންތަން ހިންގުމުގައި ވެސް އުޅުނު ޝިރަން ބުންޏެވެ.

ކެއްކުުމުގައި ދިވެހި އަންހެނުން

ހޮޓާތަކާއި ކެފޭ/ރެސްޓޯރެންޓްތަކުގައި ބޭރު މީހުން ލައްވާ ކައްކުވަން ހަދައިގެން ދިވެހި ރަހަތައް ގެއްލިއްޖެ ކަމުގެ ޝަކުވާ ބައެއް މީހުންގެ އޮވެ އެވެ. ޝިރަންއަށް ވެސް އެކަން އެނގެ އެވެ. އެހެންކަމުން އޭނާގެ ކެފޭގައި ކައްކަނީ މުޅިން ވެސް ދިވެހި އަންހެނުންނެވެ. ދިވެހި ރަހައާ އެކު ދިވެހި އެއްޗެހި ކެއްކުމުގައި އެ މީީހުންގެ ތަޖުރިބާ ބޮޑެވެ. އެ ކެފޭއިން ވިއްކާ ތަކެތީގެ ރަހަ މީރުވުމުގެ ސިއްރަކީ ވެސް އެ އެވެ.

ރަހަފަތް ކެފޭ: މި ތަނުގައި ކައްކަން ތިބެނީ ދިވެހި އަންހެނުން -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެފޭ ޑިޒައިން ކޮށްފައިވަނީ ވަރަށް ޒަމާނީ ގޮތަކަށެވެ. މޭޒުތައް ދިގުވެފައި ތަނަވަހެވެ. ޝިރަން ބުނި ގޮތުގައި އޭނާގެ އަމާޒަކީ އާއިލާތައް އެކުގައި ގޮސް ދިވެހި ކެއުންތަކަށް އިންސާފުކުރުމުގެ ފުރުސަތު ދިނުމެވެ.

"ޔަގީންކަން މިދެނީ މިތަނުގައި މި ވިއްކާ ތަކެތީގެ ރަހަޔާއި އަގުތައް އެކަށީގެންވާނެ. އާއިލާތައް އެކުގައި އައިސް ކައިބޮއެ އުޅެވޭނެ މާހައުލެއް މިއީ،" ޝިރަން ބުންޏެވެ.

އަމާޒަކީ ރަށްތަކަށް ހާއްސަ ކެއުންތައް ގެނައުން

މިހާރުވެސް އެ ކެފޭގައި ތަކެތި ތައްޔާރުކުރަނީ އެންމެ ދުވަސްވީ ދިވެހި ގޮތަށެވެ. އައްޑޫ ހަވާދުގެ ހާއްސަ ކެއުންތައް މިހާރު ވެސް އެތަނުން ލިބެން އެބަ ހުއްޓެވެ.

ރަހަފަތް ކެފޭގައި ހުރި ބޮނޑިބަތް ތައްޓެއް: ދިވެހި ރަހަޔަށް ސަމާލުކަން ދޭނެ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޝިރަން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށަށް ހާއްސަ ކެއުންތައް ވެސް އެތަނުން ލިބޭނެ ކަމަށެވެ. މިހާރު އޭނާ އަންނަނީ އެކަމުގެ ތައްޔާރީތައް ވަމުންނެވެ.

ދެން އޮތީ ރޯދަމަހުގެ ރޯދަވީއްލުމާއި ތަރާވީހެއްގެ ވާހަކަ އެވެ. ޝިރަން ބުނި ގޮތުގައި އެ ކެފޭގައި ރޯދަ ވީއްލަން ވެސް ހުންނާނީ ދިވެހިވަންތަ ކެއުންތައް ކަމަށެވެ. ފެންފޮޅި ހެދިޔަސް ނުވަތަ މަސްކުރޮޅި ތައްޔާރުކުރިޔަސް އޭގައި ކުރީގެ ހަމަ ދިވެހި ރަހަ ހިމެނޭނެކަމުގެ ޔަގީންކަން އޭނާ ދެ އެވެ.