އުރީދޫގެ މަސް ރޭސް ގޭމާއި ވައިބާ ބަންގި ތައާރަފްކޮށްފި

މާދަމާ ފަށާ ރޯދަމަހަށް ހާއްސަކޮށް އުރީދޫން މަސް ރޭސް ގޭމަކާއި ވައިބާ ބަންގި ޕޭޖް ތައާރަފްކޮށްފި އެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު ނުއުމާން ވިދާޅުވީ، އުރީދޫން ރޯދަމަހަށް ހާއްސަކޮށް ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭ އިރު މިފަހަރު ތައާރަފް ކުރެވުނު ހިދުމަތްތަކަކީ ވެސް ކަސްޓަމަރުން ގަޔާވާނެ ހިދުމަތްތަކަށް ވާނެ ކަމަށެވެ.

ނުއުމާން ވިދާޅުވީ، އެންމެ ތަފާތު ކަމެއްގެ ގޮތުގައި އުރީދޫން ވައިބާއާ ގުޅިގެން "ވައިބާ ބަންގި" ތައާރަފްކޮށްފައިވާ އިރު އެ ޕޭޖުން ނަމާދު ވަގުތުތަކާއި ނަމާދު ވަގުތު ޖެހުމުން އެލާޓް ވެސް ކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ގިބްލަ ބަލައިލުމުގެ އިތުރުން ހެނދުނާއި ހަވީރުގެ ދުއާތައް ވެސް ފެނިގެންދާނެ ކަމަށާއި މައްކާގައި ކުރާ ތަރާވީސް ލައިވްކޮށް ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ފިތުރު ޒަކާތް އުރީދޫ މޯބައިލް މެދުވެރިކޮށް ދައްކާލެވޭނެ. މީގެ އިތުރުން ގުރުއާންގެ ތަރުޖަމާ އާއި މަދަހަ ރީތި ޓިއުންސް މެދުވެރިކޮށް ހިލޭ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން "މަސް ރޭސް" މޯބައިލް ގޭމެއް މާދަމާ ތައާރަފުކުރާ ގޮތަށް ވަނީ ހަމަޖެހިފައިވެ އެވެ. އުރީދޫން އިސްނަގައިގެން ކޮންމެ ރޯދަ މަހަކު ބާއްވާ މަސް ރޭސް ކުޅިވަރަކީ އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ކުޅިވަރެކެވެ. ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ އަދަދެއް ބަޔަކު މަސް ރޭހުގައި ބައިވެރިވެ އެވެ.

އުރީދޫން ތައާރަފް ކުރި މި ގޭމު ގުޅުމަށް އުރީދޫ ވެބްސައިޓަށް ގޮސް ބައިވެރިވެވޭނެ އެވެ.

"ކޮންމެ ހަފްތާއެއްގެ އެންމެ މަތިން ސްކޯ ހޯދާ މީހަކަށް ސެމްސަންގް އެސް ޓެން އެއް ލިބޭނެ. އަދި ރަމަޟާން މަސް ނިމުމުން އެންމެހައި ސްކޯރާ އަށް ޑީޖޭއައި ޑްރޯނެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މަސް ރޭސް ގޭމުގައި ކުޅުމަށްޓަކައި ރާއްޖޭގެ ކޮންމެވެސް ސަރަހައްދަކަށް ސައިން އަޕް ކުރަން ޖެހެ އެވެ. އެގޮތުން ސައުތާއި ނޯތާއި ސެންޓްރަލް އަށް ވެސް ސައިން އަޕް ވެލެވޭނެ އެވެ. މަސް ރޭހުގައި ހިފަން ހުއްދަކޮށްފައިވާ މަސް ބާނައިގެން އެންމެ މަތީ ސްކޯ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.