ޢަޞުރު · 15:42

އާޔަތުލްކުރްސީ: ކީރިތި ޤުރްއާނުގެ އެންމެ މާތް އާޔަތް

އިންސާނުންގެ ދިރިއުޅުމުގެ ހަޔާތާ ގުޅޭ އެންމެހާ ކަންކަން ބަޔާން ކުރައްވާފައިވާ ކީރިތި ޤުރުއާންގައި 114 ސޫރަތް އޮންނަ އިރު އެއިން ކޮންމެ ސޫރަތަކާއި ކޮންމެ އާޔަތެއްގައި ވެސް ގިނަގުނަ މާތްކަމާއި ސިއްރުތައް އެކުލެވިގެންވެ އެވެ. މިގޮތުން އާޔަތުލް ކުރްސީ އަކީ މުޅި ޤުރްއާނުގެ އެންމެ މާތް އާޔަތެވެ. މި އާޔަތް ހިމެނޭ ސޫރަތުލް ބަޤަރާ އަކީ މުޅި ޤުރްއާނުގެ "ސަނާމް" އެވެ. ސަނާމް އަކީ އެންމެ އުސް ނުވަތަ އެންމެ ޝަރަފުވެރި ނުވަތަ މަތިވެރި ބަ އެވެ.


އާޔަތުލް ކުރްސީގައި 50 ކަލިމަ ހިމެނެ އެވެ. އެއިން ކޮންމެ ކަލިމައެއްގައި ވެސް ބަރަކާތް ލެއްވިގެންވެ އެވެ. އަދި ކޮންމެ ކަލިމައަކުން ވެސް އިންސާނާ އަށް އެތައް ގޮތަކުން އޭގެ ހެޔޮ އަސަރުތައް ފޯރަ އެވެ. މިއީ ތައުޙީދުގެ ޢަޤީދާގެ ވަރަށް ވަރުގަދަ އަސާސްތަކެއް ހިމެނޭ އާޔަތެކެވެ. ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާ ގުޅޭ މުހިންމު އުސޫލުތަކެއް ވެސް މި އާޔަތުގައިވެ އެވެ.

މި އާޔަތަށް ކުރްސީގެ ނަން ދެވުނީ ކީއްވެ؟

ކުރްސީ އަކީ ގޮނޑި އެވެ. ގޮނޑިއަކީ އަމުރުތަކާއި ޙުކުމްތަކާއި ހަގީގަތްތައް ބަޔާންކޮށްދޭ ހިސާބެވެ. ވެރިކަމުގެ ރަމްޒެވެ. ﷲ ގެ މުޠްލަޤު އިލާހުވަންތަކަމާއި ރައްބުވަންތަކަން އާޔަތުލްކުރްސީގައި ބަޔާންވެގެން ވެ އެވެ. އާޔަތް ފަށައިފައިވަނީ ﷲ ގެ ޚާއްޞަ އިސްމުފުޅުންނެވެ. ނިމިފައިވަނީ ﷲ ގެ މަތިވެރިކަމާއި މާތްކަން ބަޔާންކޮށްދޭ ދެ އިސްމުފުޅަކުންނެވެ. ހަމައެފަދައިން މި އާޔަތުގައި ﷲ ގެ ކުރްސިފުޅަކީ އުޑުތަކާއި ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވާ އެއްޗެއްކަން ވެސް ބަޔާންކޮށްފައިވެ އެވެ.

އާޔަތުގައި ހިމެނޭ މުހިންމު ކަންކަން

މި އާޔަތުގައި ﷲ ގެ ރިވެތިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން ފަސް އިސްމުފުޅެއް ބަޔާންވެގެން ވެއެވެ. މީގެ އިތުރުން އިޝާރާތުގެ އިސްމުފުޅު ދެ ފަހަރު ތަކުރާރުވެފައިވެ އެވެ. އަދި އިޝާރާތުގެ އިސްމުފުޅުގެ ޟަމީރު ނުވަތަ ކަންކުރާ ފަރާތަށް ނިސްބަތްވާ ޟަމީރު 10 ފަހަރު ތަކުރާރުވެފައިވެ އެވެ. އެހެންކަމުން މި އާޔަތުގައި ޖުމްލަ 17 ފަހަރު އެކަލާނގެ ނަންފުޅު އެބަ ތަކުރާރުވެ އެވެ.

އާޔަތުގައި ހިމެނޭ ދެ ވަނަ މުހިންމު ކަމަކީ ﷲ ގެ އިލާހުވަންތަކަމާއި އެކަލާނގެ މަތިވެރިކަން ބަޔާންކުރާ 10 ޖުމްލައެއް މި އާޔަތުގައި ވުމެވެ. މި 10 ޖުމްލައިގެ ތެރޭގައި އެކަލާނގެ އެއްކައުވަންތަކަމާއި، ދިރިދެމިވޮޑިގެންވާކަމާއި، ދާއިމަށް ޤާއިމުވެވޮޑިގެންވާކަމާއި، އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއް ވެސް ނުވާކަމާއި، އުޑުތަކުގައި ވާހައި އެއްޗަކާއި ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވާ ކަމާއި، ޝަފާޢަތްތެރިވާނީ ހަމައެކަނި އެކަލާނގެ އިޒުނަ ދެއްވި ފަރާތަކުންކަމާއި، އިސްވެގޮސްފައިވާހައި ކަމަކާއި ފަހުން ވާނޭހައި ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވާކަމާއި، އެކަލާނގެ ކުރްސިފުޅު ތަނަވަސްވެގެންވާކަމާއި، އުޑުތަކާއި ބިން ރައްކާތެރި ކުރައްވާ ކަމާއި، އެއީ އެންމެ މަތިވެރި އަދި އެންމެ މާތް ރަސްކަލާނގެ ކަން ބަޔާންކުރެ އެވެ. އަދި މިކަންކަމުގެ ސަބަބުން އެކަލާނގެއަށް ތަނެއް ނުވަތަ ޒަމާނެއް ނޯންނާނެކަން ވެސް ހާމަވެގެން ދެ އެވެ.

އާޔަތުލް ކުރްސީގެ މާތްކަން

މި އާޔަތުގައި ﷲ ގެ އެތައް އިސްމުފުޅެއް ވާއިރު ﷲ ގެ އެންމެ މަތިވެރި އިސްމުފުޅު ވެސް މި އާޔަތުގައި އޮންނަ ކަމަށް ބުނެވެ އެވެ. އަބީ އުމާމާގެ ކިބައިން އިބްނުމާޖާ ރިވާކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން ޤުރްއާނުގެ ތިން ސޫރަތެއްގައި "އިސްމުﷲ އަލްއަޢުޡަމް" ވެ އެވެ. އެއީ ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއި ޠާހާ ސޫރަތެވެ. އެ އިސްމުފުޅަކީ "އަލްޙައްޔުލްޤައްޔޫމް" ކަމަށް ޢިލްމުވެރިން ބަޔާންކުރެ އެވެ.

އާޔަތުލްކުރްސީގެ މާތްކަމާ ބެހޭ ގޮތުން ވަރަށް ގިނަ ރިވާޔަތްތައް ވެއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ސައްހަ ނޫން ކަމަށް ހަދީސް ޢިލްމުވެރިން ވިދާޅުވެ އެވެ. މިގޮތުން މި އާޔަތް ބާވާލެއްވި ވަގުތު ބުދުތައް ފަޅަފަޅައިގެން ގޮސް ވެއްޓުނުކަމާއި، ރަސްރަސްކަލުންގެ ތާޖުތައް ވެއްޓުނުކަމާއި ޝައިޠާނުންތައް ބިރުން ދުވެ ގޮސް އިބްލީސް އަށް މިކަންކަން އެންގި ކަމާއި މީގެ ސިއްރު ހޯދަން އިބްލީސް އެންގުމުން އެއީ މި އާޔަތް ބާވާލެއްވުމުން ވީ ކަންތައްތަކެއްކަން ހާމަވި ކަމަށް އޮންނަ ރިވާޔަތް ހިމެނެ އެވެ. ހަމައެފަދައިން މި އާޔަތަކީ ޤުރްއާނުގެ ސާހިބާ ކަމަށް އޮންނަ ރިވާޔަތް ދަނީ ސައްހަ ނޫން ކަންކަމުގެ ތެރެއަށެވެ. އަދި މިނޫން ވެސް ބައެއް އެހެން ވާހަކަތައް މި އާޔަތުގެ މާތްކަމާ ބެހޭ ގޮތުން އައިސްފައި ވެއެވެ.

މިގޮތުން މި އާޔަތުގެ މާތްކަމުގެ ދަށުން މި އާޔަތް ކިޔެވުމުން އެ ކިޔެވުމަށް ދުލަކާއި ދެ ތުންފަތް ލިބިގެންދާ ކަމަށް އޮވެ އެވެ. މުރާދަކީ އެ ކިޔެވުމުން ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމެވެ. ދެވަނަ ކަމަކީ، މި އާޔަތް ކިޔެވުމުން ޝައިޠާނުންނާއި ޖިންނީންގެ ނުރައްކަލުން ގެދޮރާއި ނަފްސުތައް ސަލާމަތް ކުރެވިގެން ވުމެވެ.

ސައްހަ ރިވާޔަތްތަކުގެ އަލީގައި ފާހަގަކޮށްލެވޭ ކަންތައްތަކަށް ބަލާއިރު އެންމެ ފުރަތަމަ ކަމަކީ، ޤުރްއާނުގައި އޮތް އެންމެ މާތް އާޔަތަށް މި އާޔަތް ވުމެވެ. އުބައްޔުބުނު ކަޢުބުގެ ކިބައިން ރިވާވެގެންވާ ހަދީސަކުންނާއި އަބީޛައްރުގެ ކިބައިން ރިވާވެގެންވާ ހަދީސަކުން މިކަން އެނގެ އެވެ. މިގޮތުން މި އާޔަތުގެ މާތްކަމުގެ ދަށުން މި އާޔަތް ކިޔެވުމުން އެ ކިޔެވުމަށް ދުލަކާއި ދެ ތުންފަތް ލިބިގެންދާ ކަމަށް އޮވެ އެވެ. މުރާދަކީ އެ ކިޔެވުމުން ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމެވެ.

ދެވަނަ ކަމަކީ، މި އާޔަތް ކިޔެވުމުން ޝައިޠާނުންނާއި ޖިންނީންގެ ނުރައްކަލުން ގެދޮރާއި ނަފްސުތައް ސަލާމަތް ކުރެވިގެން ވުމެވެ. އަބޫހުރައިރާ އަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދަސްކޮށްދެއްވީ އަވަހާރަފުޅު ލައްޕަވަމުން މި އާޔަތް ކިޔަވައިވިދާޅުވުމަށެވެ. އޭރުން ފަތިސް ވަންދެން ޝައިޠާނާގެ ނުރައްކަލުން ސަލާމަތްވާނެ ކަމަށް ހަދީސްކުރެއްވި އެވެ. މި ހަދީސްގެ ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އަބޫހުރައިރާ ޒަކާތުގެ މުދާ ބަލަހައްޓަވަން ހުންނަވަނިކޮށް ޒުވާނެއްގެ ސިފައިގައި ޝައިޠާނެއް އައިސް އޮޅުވާލައިގެން ޖެހިޖެހިގެން ތިން ރޭ މުދާ ގެންދިއުމުން މިކަމުގެ ޝަކުވާ ކުރެއްވި އެވެ. މީގެ ރައްދުގައި ޝައިޠާނާ ބުނީ މިކަމުން ދާއިމީކޮށް މިންޖުވާން ބޭނުން ނަމަ އާޔަތުލްކުރްސީ ކިޔެވުމަށެވެ. މިވާހަކަ ކީރިތިރަސޫލާއަށް ދެންނެވުމުން، ދޮގުހަދާ ޝައިޠާނާ މިފަހަރު ތެދު ހަދައިފި ކަމަށް ހަދީސް ކުރައްވައި މި އާޔަތް ކިޔެވުމަށް އިރުޝާދު ދެއްވި އެވެ.

އަބޫހުރައިރާ އަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދަސްކޮށްދެއްވީ އަވަހާރަފުޅު ލައްޕަވަމުން މި އާޔަތް ކިޔަވައިވިދާޅުވުމަށެވެ. އޭރުން ފަތިސް ވަންދެން ޝައިޠާނާގެ ނުރައްކަލުން ސަލާމަތްވާނެ ކަމަށް ހަދީސްކުރެއްވި އެވެ.

ތިން ވަނަ ކަމަކީ، ކޮންމެ ނަމާދެއްގެ ފަހުގައި މި އާޔަތް ކިޔަވާ މީހަކަށް ސުވަރުގެ ވަނުން މަނާކުރާނެ އެއްވެސް ކަމެއް އެމީހަކު މަރުވުމާ ހަމައަށް ދަންދެން ނުވުމެވެ.

ހަތަރު ވަނަ ކަމަކީ، ސިޙުރާއި ޙަސަދަ އާއި އެސްފީނާއިން ސަލާމަތްވުމަށް ކިޔެވޭ އާޔަތެއްގެ ގޮތުގައި މި އާޔަތް ވުމެވެ. ސަބަބަކީ މިކަންކަން މެދުވެރިވަނީ އިންސީންނާއި ޖިންނީންގެ ޝައިޠާނުންގެ ފަރާތުން ކަމަށް ވާތީ އެވެ. ހަދީސުން ސާބިތުވާ ގޮތުގައި ޝައިޠާނުންގެ ކިބައިން ރައްކާތެރިކަން ހޯދަން މި އާޔަތް ކިޔަވާއިރު އެ ރައްކާތެރިކަން ހޯދަނީ ހަމައެކަނި ޖިންނީންގެ ޝައިޠާނުންގެ ކިބައަކުން ނޫނެވެ. އިންސީންގެ ޝައިޠާނުންގެ ކިބައިން ވެސް މެއެވެ.

އާޔަތުލްކުރްސީ އަކީ މިފަދަ މާތް އާޔަތެއް ކަމަށް ހިނދު މި މާތްކަން ލިބިގަތުމަށްޓަކައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ނަމޫނާއެއް ކަމަށް ބަލަން ޖެހެ އެވެ. މި އާޔަތް ކިޔެވުމަށް އެކަލޭގެފާނު އިރުޝާދު ދެއްވި ފަދައިން ޢަމަލީ ގޮތުން އެކަލޭގެފާނު މި އާޔަތް ކިޔަވާ ވިދާޅުވި އެވެ. އެހެންކަމުން އެ ނަމޫނާގައި ހިފައި އަޅުގަނޑުމެން ވެސް މި އާޔަތުގެ ބަރަކާތާއި މާތްކަން ލިބިގަތުމަށް މަސައްކަތް ކުރުން މުހިންމެވެ.