ޢަޞުރު · 15:05

ޑިމާންޑު ދަށްވެ ކަނޑޫދޫ މިރުހުގެ އަގު ވެއްޓިއްޖެ

ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގު ބޮޑުވެ ޑިމާންޑް ދަށްވުމުން އަގުވެސް ވެއްޓިއްޖެ އެވެ.


މާރުކޭޓުގައި މިއަދު ކަނޑޫދޫ ގިތެޔޮ މިރުސް ކިލޯއެއް ހުރީ 750ރ. އަށެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ބޮޑުވީ 800ރ. އަށެވެ.

ކަނޑޫދޫ ގިތެޔޮ މިރުހުގެ 100 ގްރާމު 70ރ. އަށް މިއަދު ލިބެ އެވެ.

ވިޔަފާރިވެރިއަކު ބުނީ، ކަނޑޫދޫ މިރުހޭ ބުންޏަސް މީހުން މިހާރު ރުޅި އަންނަ ކަމަށެވެ. އެހެންވެ މިރުސް ގަންނަ މީހުން މިހާރު ވަރަށް މަދުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ވިސްނުމެއް ނެތް މިހާރު ކަނޑޫދޫ މިރުސް ގަންނާކަށް. މީހުންނަކަށް ގަނެވޭ އަގެއްގައެއް ނޫން ލިބެނީ. މިހާރު އަގު ހެޔޮކޮށްފައި މިހުރީ ރޯދަ އަށް އެރަށުން ގަތް މިރުސް،" އޭނާ ބުންޏެވެ.

މާރުކޭޓުގައި ކަނޑޫދޫގެ ގިތެޔޮ މިރުސް ވިއްކަން ހުރީ ވެސް ހަތަރު ވަރަކަށް ގޮޅިއެއްގަ އެވެ. އެހެން ގޮޅިތަކުން ގިނައިން ވިއްކަނީ ރާއްޖެއިން ބޭރު މިރުހެވެ. އެންމެ ގިނަ ތަންތަނުން ވިއްކަނީ ޔުގެންޑާ އިން ގެނެސްގެން ވިއްކާ މިރުހެވެ. ވިޔަފާރިވެރިން ބުނީ ޔުގެންޑާ އިން މިރުސް ގެންނަނީ އަގު ހެޔޮކޮށް ލިބޭތީ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި މީހަކު މިރުސް ގަންނަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

މާރުކޭޓަށް ވިޔަފާރިކުރަން ގޮސް ހުރި މީހަކު ބުނީ ކަނޑޫދޫ މިރުސް މިހާރު ނުގަންނަ ކަމަށާއި ބޮޑު އަގުގައި ގަންނަ 100 ގްރާމުން ލިބެނީ އެންމެ ހަތް ވަރަކަށް މިރުސް ކަމަށެވެ. މިވަރުން ރޯދަ މަހުގެ ދެ ދުވަހު ވެސް ނުފުދޭނެ ކަމަށް އެ މީހާ ބުންޏެވެ.

"މިހާރު ގަންނަނީ ބޭރުން ގެނެސްގެން ވިއްކާ މިރުސް،" އޭނާ ބުންޏެވެ.

ކަނޑޫދޫ ގިތެޔޮ މިރުސް ކުޅިވެފައި ރަހަމީރު ނަމަވެސް އަގު ހުރީ ގަނެވޭ ވަރަށް ވުރެ މަތީގައި ކަމަށް އޭނާ ބުންޏެވެ.

ކަނޑޫދޫ މިރުހުގެ އަގު ދަށްވެފައި މި ވަނީ އަގާ މެދު އާންމުންގެ ތެރޭގައި ބޮޑު ބަހުސެއް އުފެދި އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔުން ވެސް އިތުރުވެފައި ވަނިކޮށެވެ.