މެންދުރު · 12:14

ހާސިލްވޭތޯ

އަރީޝް އާއި އަހަރެންގެ ގުޅުމަކީ އިއްޔެ މެންދުރު އުފެދުނު ގުޅުމެއް ނޫނެވެ. އެ ގުޅުމުގެ ފެށުމަކީ އަހަރެންމެން ދެ އާއިލާގެ އެކުވެރިކަމެވެ. އަހަންނާއި އަރީޝް ޒުވާން ވަންދެން އުޅުނީ ދެ އެކުވެރިންގެ ގޮތުގަ އެވެ. ދެން ބަދަލުވީ ލޯތްބަށެވެ. އެތައް އަހަރެއް ވަންދެން އެކުގައި އުޅޭއިރު ހިތްހަމަނުޖެހުންތައް ވެސް އުފެދޭނެ އެވެ. މައްސަލަ ވެސް ޖެހޭނެ އެވެ. ދޭތެރެއަކުން އަހަރުމެން ރުޅި ވެސް ވަމެވެ. އެކަމަކު އަލުން އަނެއްކާ ވެސް މައްސަލައިގެ ހައްލު ހޯދައިގެން ގުޅެނީ އެވެ.


އަހަރުމެން ރުޅިވެއްޖެ ނަމަ އާއިލާ މީހުންނާއި އެކުވެރިން އެއީ ކަމަކަށް ނުވެސް ހަދަ އެވެ. އެއީ އަހަރުމެންނަށް ވަކިން ނޫޅެވޭނެކަމުގެ ޔަޤީންކަން އަހަރެމެން ދަންނަ ބަޔަކަށް ވިއްޔާ އޮންނާތީ އެވެ. އަހަންނަށް އަރީޝް ނޫން މީހަކު ކަމުނުދާހެން އަރީޝް ވެސް އެހެން މީހަކަށް އަހަރެންގެ މަގާމު ނުދޭނެކަން ޔަގީންވާތީ އެވެ. އެކަމަކު މިފަހަރު ތަފާތެވެ.

ދެ މީހުންގެ މެދުގައި ކުރެވުނު ޒުވާބެއްގައި އަހަރެން ފުރީ ލަންކާ އަށެވެ. އޭރު އަހަރެންގެ ކޯސް ފެށެން ގިނަ ދުވަހެއް ނުވެސް ނެތެވެ. އަހަރެން ހީކޮށްގެން ހުރީ ކުރިއެކޭ އެއްގޮތަށް އަރީޝް ދެރަވެގެން ގުޅާނެ ކަމަށެވެ.

އަހަންނާ ނުލާ ނޫޅެވޭނެ ވާހަކަ ބުނެފައި މައާފަށް އެދޭނެ ކަމަށެވެ. އެކަމަކު ކޯސް ފެށުނުއިރު ވެސް އޭނަ ގުޅާނުލި އެވެ. ކުޑަމިނުން މެސެޖެއް ވެސް ނުފޮނުވަ އެވެ. އަހަރެން ވެސް ހުރީ ގޮތުގަ އެވެ. ދެން އިވުނީ އަހަރެން އިވޭނެ ކަމަށް ހިތަށް ވެސް ނާންނަ ވަރުގެ ޚަބަރެކެވެ. އަރީޝް މީހަކާ އިން ޚަބަރެވެ. އަދި އެވެސް އޭނަ އަށް ވުރެ ހަ އަހަރު ދޮށީ އަންހެނަކާ އެވެ.

އަހަރެން ދެރަކުރަން އަރީޝް އަށް އެނޫން ކޮންމެ ކަމެއް ވެސް ކުރެވުނީހެވެ. އެކަމަކު މީހަކާ އިނދެފާނެ ކަމަކަށް ހިއެއް ނުކުރަމެވެ.

އެ ޚަބަރު ލިބުމާ އެކު ކިޔެވުން މަތިން އަހަރެން ފޫހިވި އެވެ. ފަހުން ލިބިދާނެ ގެއްލުމަކަށް ނުވިސްނާ އަހަރެން ފުރީ މާލެ ދާށެވެ. އަހަރެންގެ މަގުސަދަކީ އަރީޝް އަލުން ހާސިލް ކުރުމެވެ.

އަހަންނަށް އަރީޝް ވަރަށް ރަނގަޅަށް އެނގެ އެވެ. އަހަރެން ގޮސް ކުރިމަތީ ހުއްޓޭއިރަށް އަރީޝްގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯބި ހޭލަފާނެ އެވެ. ހެދުނު ގޯސް އިހްސާސްވެ އަހަރެން ކައިރި އަށް އޭނަ އެނބުރި އަންނާނެ އެވެ.

އެއާޕޯޓަށް އަހަރެން ބަލާ އައިސް ހުރީ އަރީޝްގެ ކޮއްކޮ އާޔާ އެވެ. ދިޔަ މަގުމަތީގައި ކާރުތެރޭ، އާޔާ އަރީޝް އަންހެނުންގެ ވާހަކަ ފަށައިގެންފި އެވެ. ފޮތިބޮނޑިއެއްގައި ސިފަކޮށްދިން އަންހެންމީހާގެ ފަސް އަހަރުގެ ދަރިއަކު ވެސް ހުންނަ ކަމަށްވެ އެވެ. އަރީޝް މީހަކާ އިން ޚަބަރަކީ އަހަރެންގެ ހިތް ހަލާކުވި ޚަބަރަކަށްވީ ނަމަ އޭނަގެ ދޮންދަރިއަކު ހުންނަކަން އެނގުނު ވަގުތަކީ އެ ހިތް ހުއްޓުނު ފަދަ ވަގުތުކޮޅެކެވެ.

ގެއަށް ދިއުމުން އަރީޝްގެ މަންމަގެ ފަރާތުން އިތުރު ތަފްސީލު ލިބުނެވެ. އަރީޝްގެ އަންހެނުން އައީ ގޭތެރޭގެ މަސައްކަތް ކުރާށެވެ. ދަރިއަކު ގޮވައިގެން އަބަދު ގޮސް އައިސްވާން އުދަނގޫ ވާނެތީ ގެއިން ކޮޓަރިގަނޑެއް ދިނީ އަރީޝް މަންމަ އެވެ.

އެ އޯގާތެރިކަމުގެ ބަދަލު އަންހެންމީހާ ދައްކައިލީ އެ މަންމަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅަށް ސިހުރު ޖައްސައިފަ އެވެ. ސިހުރުކަން އެ މީހުންނަށް ޔަގީންވާ ގޮތަކީ އެ މީހުން ދައްކާ އެއްވެސް ވާހަކައެއް އަރީޝް ގަބޫލު ނުކުރާތީ އެވެ. މުޅިން ވެސް ގަބޫލުކުރަނީ އެ އަންހެންމީހާގެ ވާހަކަ އެވެ. އޭނަގެ ދަރިފުޅާ ހެދި ވެސް އަރީޝް ހުންނަނީ މޮޔަވެފަ އެވެ. އަމިއްލަ އަތުން ފެންތައްޓެއް ހިއްލާނުލާ ޒުވާންވެފައި ހުރި މީހާ ބަދިގޭގެ މަސައްކަތް ކުރާ ކަމަށްވެ އެވެ. އަންހެންމީހާ ނިދަން ބާއްވާފައި ދޮންދަރި ފެންވަރުވައި ކާން ދޭ ކަމަށްވެ އެވެ.

އެ ރޭ އަރީޝް ގެއަށް އައި ގަޑީގައި އަހަރެން އެ ގޭތެރެއިން ފެނިގެން ހުއްޓުންއެރި އެވެ. އޭނަ ވާހަކަދެއްކީ އަހަރެން ގޮސް ވާހަކަދެއްކީމަ އެވެ. އަހަރެން އިސްވެ ހާލު އެހުމުން ޖަވާބު ދީފައި ތަކުރާރު ކުރީ ހަމަ އެ ސުވާލެވެ.

"ރަނގަޅެއް ނޫން." އަރީޝްގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެގެން އަހަރެން ބުނީމެވެ.

އަރީޝްގެ މޫނުމަތި ހުރަސްކޮށްލީ ރިހުމުގެ ކުލަވަރެވެ. އިތުރު އެކައްޗެއް ވެސް ނުބުނެ އެ ވަދެގެން ދިޔަ މީހާ އެ ރޭ ދެން ކޮޓަރިއަކުން ނުނިކުމެ އެވެ.

އަހަރެން ފެނިގެން އަރީޝް އަށް އަސަރުކުރިކަން އެނގުމުން ހިތްހަމަޖެހުނެވެ. މީހަކާ އިނަސް އޭނަގެ ހިތުން އަހަންނަށް ދެވިފައިވާ މަގާމަށް ބަދަލެއް ނާންނާނެކަމުގެ ހެއްކަކަށް އެކަން ފުދުނެވެ. އެކަމަކު އަރީޝް އެކަމާ އެއްބަހެއްނުވި އެވެ. އޭނަ ހުރީ އަހަރެން ދެރަ ކުރަން ފައިވިއްދާލައިފަ އެވެ. އޭނަ ތަކުރާރުކޮށް ނަސޭހަތްދިނީ މާޒީވެ ދިޔަތަން ހަނދާން ނައްތާލުމަށެވެ. އެކަމަކު އެ ދެ ލޯ ބުނަނީ އެހެން ވާހަކައެކެވެ.

އަރީޝްގެ އަޒުމް ނުގުޑާނެހެން ހީވުމުން އަހަންނަށް އިތުރު އެހެން މަގެއް އިޚުތިޔާރުކުރަން މަޖުބޫރުވި އެވެ. އަމިއްލަ އަށް މަރުވާން އުޅުމުން އަރީޝް ހަތިޔާރު ބެހެއްޓި އެވެ. އަހަންނާ އިންނަން އެއްބަސްވި އެވެ. އެކަމަކު ދެ އަންބަށެވެ. އަހަރެންނަށް ގޮތް ކިޔައިދިނީ އަރީޝްގެ މަންމަ އާއި ކޮއްކޮ ވެސް ތިބެފަ އެވެ. އަހަންނާ ކައިވެނިކުރުމަށް ފަހު ކުރީގެ އަންހެނުން ދޫކޮށްލާނީ އަރީޝް އަމިއްލަ އަށް ކަމުގައި ވިސްނައިދިނެވެ.

ބަތްތަށީގެ އެއްފަޅި ކާން ޖެހުނަސް މަންޒިލް ހޯދަން އަހަރެން ބޭނުންވި އެވެ.

އަންބަކަށް ވީތީ އަރީޝް އަހަންނަށް އަޅައިލި އެވެ. ލޯބި ދިނެވެ. އެކަމަކު އެއީ ކުރީގެ އަރީޝް ނޫންކަން އަހަންނަށް ދާދި އަވަހަށް ވިސްނުނެވެ. އެ ގެއަށް އަހަރެން ދިއުމުން އަރީޝްގެ ލޮލުން ފެނުނު ރިހުމަކީ އޭނަ އަހަރެން ދެކެ ވީ ލޯތްބެއް ނޫނެވެ. އެއީ އަހަންނަށް ލިބޭނެ ހިތާމަ ހިތަށް އަރާފައި އޭނަ ވީ ހަމްދަރްދީ އެވެ.

އެތައް އަހަރެއް ވަންދެން އެކުވެރިއެއްގެ ގޮތުގައި އުޅުމުން އުފެދިފައިވާ ކުލުނުން، އަހަންނަށް ދެރައެއް ލިބޭކަށް އަރީޝް ނޭދެ އެވެ. އަދި އޭނަގެ ހަ އަހަރު ދޮށީ އަންހެނުން ދެކެ އޭނަ ވާ ހަގީގީ ލޯބި އަހަރެންގެ ލޯ ކުރިމަތިން ފެނުނެވެ.

އަރީޝް އާއި އެ އަންހެންކުއްޖާގެ މެދުގައި އޮތް އިހުތިރާމަކީ އަހަންނާއި އަރީޝްގެ މެދުގައި ދުވަހަކު ވެސް އޮތް އެއްޗެއް ނޫނެވެ. ދެ މީހުންގެ މެދުގައި ހަމަހަމަ ކަން އޮތުމަކީ އަހަރެން ދެނެހުރި ކަމަކަށްނުވި އެވެ.

އަންހެންކުއްޖަކަށް އަހަރެން ވީތީ އަހަރެންގެ ނަޒަރުގައި އަހަރެން މާ ނާޒުކެވެ. މާބޮޑަށް ސަމާލުކަން ބޭނުންވެ އެވެ. ކިތަންމެ ހަށިގަނޑުން ބަރުގަދަވެފައި އިސްކޮޅުން ދިގުވިއަސް ފިރިހެނުންނަކީ ވެސް އިންސާނުންނެވެ. ލޯތްބާއި އޯގާތެރި ކަމަށް އެ މީހުން ވެސް އެދޭނެ އެވެ. ކުލުނާއި އަޅާލުމަށް ބޭނުންވާނެ އެވެ. ތިމާ އަށް އެ ހާއްސަކަން އިހްސާސްކޮށްދޭ ފަރާތެއް ދެކެ ލޯބި ނުވާނީ ކާކު ހެއްޔެވެ؟

އަރީޝްގެ ދިރިއުޅުމުން ޖާގަ ލިބުނަސް އޭނަގެ ހިތުން މަގާމެއް ނެތްކަން އިހްސާސްވުމުން އަހަރެން އޭނަ ދޫކޮށްލީ އެވެ. ހެޔޮ ވިސްނުން އައުމުން ދެން ބޭނުންވީ އަރީޝް އަށް އުފާވެރި ދިރިއުޅުމަކަށެވެ. ދެވަނަ އަންބެއްގެ ގޮތުގައި އެ ގޭގައި އުޅުނުއިރު، އުފަން ކޮއްކޮއަކަށް ކަންތައްކޮށްދޭހާ ލޯބިން ހުރިހާ ކަމެއް ކޮށްދިން އޭނަގެ އަންހެނުންނަށް ހަމަޖެހޭ ދިރިއުޅުމަކަށެވެ.

ނިމުނީ