ފަތިސް · 04:51

މަދީހާގެ ބަދިގެ ދިވެހި ކެއުންތަކުން ފުރިފައި

ކެއުމެއް ތައްޔާރުކޮށްލަން އެންމެ ފުރަތަމަ ބަދިއެއް ވެންނެވީ އުމުރުން 10 ވަރަކަށް އަހަރުގަ އެވެ. އަބަދުވެސް ކައްކާ ހިތްވެ އެވެ. އޭރު ގޭގެ ބޮޑެތި މީހުން އެކަމާ ދިމާކޮށް ވެސް ހަދަ އެވެ. މިއީ ވާނެ ކަމެއް ނޫން ކަމަށާއި މީރުކޮށް ކާ އެއްޗެހި ނެހެދޭނެ ކަމަށް ބުނެ އެވެ. އެއީ އޭނާއަށް ލިބިވަޑައިގެންނެވި ހިތްވަރެކެވެ.


އެއް ދުވަހަކު ބަދިގެއަށް ވަންނަވައި މުގުރިހައަށް ބޭނުންވާނެހެން ހީވި ހުރިހާއެއް ތެއްޔަށް އަޅާލެއްވި އެވެ. ކާށި ކިރު ވެސް އަޅާލެއްވި އެވެ. ކަންދިމާކުރި ގޮތުން ކިރު އެޅުއްވުނީ މާ ގިނައިންނެވެ. މިއީ މަޝްހޫރު ދިވެހި ކެއްކުންތެރިޔާ މަދީހާ މޫސާގެ ކެއްކުމުގެ ފެށުމެވެ.

އުމުރުން 66 އަހަރުގެ މަދީހާ ބޮޑުވީ ދިވެހި ކެއްކުން އަބަދުވެސް ރަނގަޅު ފެންވަރަކަށް ކައްކާ އުޅޭ ގެއެއްގަ އެވެ. ކެއްކުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުން ކުޑަ އިރުއްސުރެ އޭނާ ގެންދެވީ ގޭގެ ބޮޑުން ތައްޔާރުކުރާ އެއްޗެހި ބަލައި ދަސްކުރައްވަމުންނެވެ.

މަދީހާ ގަބޫލުކުރައްވާ ގޮތުގައި ދިވެހި ކެއުމަކީ މުއްސަނދި އެއްޗެކެވެ. ވަރަށް ގިނަ ބާވަތްތައް ތައްޔާރުކުރެވެ އެވެ.

"މިރިން ފެށިގެން ކާއްޓާ ހަމަޔަށް ސެލެޑު ހެދޭނެ. ފުރަތަމަ މިރިން މިރި މަސްކާށި ހެދޭނެ. ތިކުދިންނަށް ނޭނގެ އެ ކޭ ކަމެއް ވެސް. ގަބުޅީގަ ގަބުޅި ސަޓަނި ހެދޭނެ. ކާށީގައި ސަންބޯލު ހެދޭނެ،" މަދީހާ ކިޔައިދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާށިގެ އިތުރުން ބަރަބޮލާއި ބަށީގައި ވެސް ދިވެހި އަށެއްކަ ވައްތަރުގެ ކެއުން ތައްޔާރުކުރެވެ އެވެ.

"މިހާރު" އަށް އޭނާގެ ވާހަކަތައް ކިޔާދެއްވަމުން ދިޔަ އިރު، ދިވެހި ބައެއް ކެއްކުންތައް ތައްޔާރު ކުރާނެ ގޮތް ވެސް ކުރުކޮށް ވިދާޅުވި އެވެ. ކެއްކުމަށް ހުރި ޝައުގުވެރިކަން ބޮޑުކަމުން އަދިވެސް އެކަން ދޫކޮށްލެއްވޭ ވަރެއް ނޫނެވެ. ގެއަށް ބޭނުންވާ ގިނަ ތަކެތި މިހާރު ވެސް ތައްޔާރުކުރައްވަނީ ވަރަށް ކުރާހިތުންނެވެ. އެއީ އޭނާ އަށް އެންމެ އުފާވެރިކަން ގެނުވާ ވަގުތުކޮޅެވެ. އޭނާގެ އެންމެ ދުރު ހަނދާންތައް ވެސް ގުޅިފައިވަނީ ކެއްކުމުގެ މަސައްކަތްތަކާ އެވެ.

ތަރިތަކެއްގެ ޑިޒައިނަށް މަދީހާ ތައްޔާރުކޮށްފައިވާ ފޯއްތަކެއް ---ފޮޓޯ:ނިޝާން އަލީ/މިހާރު

މަދީހާ ވިދާޅުވި ގޮތުގައި ދިވެހި ކެއުންތައް ތައްޔާރުކުރާ މީހުން ރާއްޖޭގައި މިހާރު ވަރަށް މަދެވެ. އަދި މިހާރުގެ ދިވެހި އުފެއްދުންތައް ހުންނަނީ އެންމެ ދިވެހިވަންތަ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަވާ ކަމެއް. އަޅުގަނޑު ވަރަށް ބަލަން މިހެން ތަންތަނުގައި ހުންނަ ދިވެހި އުފެއްދުންތައް. އެއްޗަކަށް އެއްޗެއް ހަދާލާފައި ގިނަ ފަހަރު ހުންނަނީ. ދިވެހި ކެއުންތަކަކީ އެކަމާ ވެގެން ތައްޔާރުކޮށްފި ނަމަ މީރު ރަހަތައް،" އޭނާ ވިދާޅުވި އެވެ.

މަދީހާ ގަބޫލުކުރައްވާ ގޮތުގައި އެކަމާ އުޅެފި ނަމަ ދިވެހި ކެއުންތައް އޭގެ އަސްލު ގޮތަށް ހަދަން ދަސްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ކެތްތެރިކަމާ އެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

"އަޅުގަނޑަށް އެކަން ކުރެވެން ނެތީ. އެކަމަކު ދިވެހި އުފެއްދުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވަން ބޭނުންވި ދެތިން ކުދިންނަށް އޭނާ އެހީތެރިވެސް ވެދިން. އެކަމަކު އެކަން އެންމެ ރަނގަޅަށް ނުކުރެވުން،" އޭނާ ވިދާޅުވި އެވެ.

މަދީހާ މަޝްހޫރުވި ގޮތް

މަދީހާއަށް އާންމުންގެ މަގްބޫލުކަން ލިބުނީ 1989 ގައި އޭރުގެ ސަރުކާރުން މާލޭގެ ހަތަރު އަވަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ކާބޯތަކެތީގެ މައުރަޒުން ހޯއްދެވި ކާމިޔާބީތަކުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ފިރިކަލުންގެ އެއްބާރުލެއްވުމާ އެކު ކެއުންތައް ތައްޔާރުކުރެއްވީ ވަރަށް ބޮޑު އުންމީދަކާ އެކު އެވެ. އެފަހަރު ހޮވީ އެންމެ ގިނަ ދިވެހި އުފެއްދުންތައް ތައްޔާރުކުރި މީހެކެވެ. މަދީހާ އެ މަގާމު ހޯއްދެވީ ޖުމްލަ 128 ދިވެހި ކެއުން އުފައްދަވައިގެންނެވެ.

އެކަމަކު އޭނާއަށް ހައްގުވި ތައްޓާއި ސެޓްފިކެޓް އަދިވެސް ލިބިވަޑައެއް ނުގަންނަވަ އެވެ.

"ހަތަރު އަވަށް ވީމަ ވަރަށް ވާދަވެރިކަމާ އެކު ކުރިއަށް ދިޔައީ. އެފަހަރު އެއް ވަނަ ލިބިގެން އަޅުގަނޑަކަށް ސެޓްފިކެޓެއް ނުލިބޭ. އެރޭ ދެއްވީ އިނާމެއް. ފަހުން ސެޓްފިކެޓާއި ދަށި ދެއްވާނީއޭ ވިދާޅުވި. ފަހުން އަޅުގަނޑު މައްސަލަ ހުށަހެޅިން. އެކަމަކު އެޔެއް ނުލިބުނު،" އޭރުގެ ހަނދާންތައް އާކުރައްވަމުން މަދީހާ ވިދާޅުވި އެވެ.

މަދީހާ "މިހާރު" އަށް އިންޓަވިއުދެއްވަނީ -ފޮޓޯ:ނިޝާން އަލީ/މިހާރު

އެއަށް ފަހު 90 ގެ އަހަރުތަކުގައި އޭނާ ވަނީ ރިސޯޓުތަކަށް ހާއްސަކޮށްގެން ބޭއްވި ކަލިނަރީ ޗެލެންޖުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. ދިވެހި އުފެއްދުންތަކުގެ ކެޓަގަރީން، އެންމެ ރަނގަޅު ދިވެހި ކެއްކުންތެރިޔާގެ މަގާމު ހޯއްދެވި އެވެ.

"އެފަހަރު އަޅުގަނޑު ބައިވެރިވީ ވަރަށް އުންމީދާ އެކު. މެނޫއެއް ވެސް ތައްޔާރު ކުރިން. އަޅުގަނޑާއި އަޅުގަނޑުގެ ދޮށީ ދެ ކުދިންނާ ދިޔައީ،" މަދީހާ ވިދާޅުވި އެވެ.

އެ ކަލިނަރީ ޗެލެންޖުގައި ތައްޔާރުކުރަން ޖެހޭ ހުރިހާ އެއްޗަކަށް އަޅާ ތަކެތި ހަމަކުރަން ޖެހެނީ ކިރައިގެންނެވެ. އެކަމަށް ބޭނުންވާ ސާމާނު ހަމަކުރި އެވެ. ނަމަވެސް ޗެލެންޖް އޮތް ތަނަށް ވަޑައިގެންނެވި އިރު މޭޒެއް ވެސް ނެތެވެ. ދެ އަތް މައްޗަށް އެއްޗެހި ލައިގެން ތިއްބާ، މޭޒެއް ލިބުނީ ވެސް ފަހުންނެވެ.

އެހާ ގިނަ ރިސޯޓުތަކުން ބައިވެރިވުމުން އެހާ ފަސޭހަނުވާނެކަން އޭނާއަށް އިހުސާސްކުރެއްވުނެވެ. އެކަމަކު އަވަހަށް ތަކެތި އަތުރާލައްވާފައި ތައްޔާރުކޮށްލެއްވި އެވެ.

"ވަރަށް މޭ ތެޅުނު. އެހެން މީހުންގެ ބައިވަރު އުފެއްދުންތައް އޮވެފައި އަޅުގަނޑުގެ އެންމެ ދެތިން ޑިޝް. އެކަމަކު ވެސް އުންމީދެއް ނަގައެއް ނުލަން. މުޅި މައުރަޒުން އެއް ވަނަ އަށް ދިޔައިމަ ނޭނގުނު ދަންނަވަން ވެސް ކުރެވުނު އިހުސާސްތައް. އެހާ އުފާވި،" މަދީހާ ވިދާޅުވި އެވެ.

އަމިއްލަ ކާބޯތަކެތީގެ މައުރަޒު

މަދީހާ ވަނީ އޭގެ ފަހުން އޭނާގެ އަމިއްލަ މައުރަޒުތައް ވެސް ބާއްވަވައިފަ އެވެ. އެކަން އެންމެ ފުރަތަމަ ފެށުނީ އަންހެނުންގެ ދުވަހަށް ހާއްސަ ކަމެއް ކުރުމުގެ ގޮތުން އޭނާގެ ބޭފުޅުންނާ އެކު ދެއްކެވުނު ވާހަކައެއްގެ ތެރެއިންނެވެ. މަދީހާގެ ހަތް ކުދިންގެ ތެރެއިން އަންހެން ބޭފުޅުންގެ އަދަދަކީ ހަޔެކެވެ. އެހެންކަމުން އެ ހުރިހާ ބޭފުޅުންނާ އެކު މައުރަޒު ބޭއްވެވި އެވެ.

މަދީހާގެ ކެއުންތަކުގެ މައުރަޒު 2001 އިން 2012 އަށް ބޭއްވެވި އެވެ. އޭނާ ވިދާޅުވީ މިހާރު އެ މައުރަޒު ނުބޭއްވެނީ ހުރިހާ ބޭފުޅުން ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން އަނެއްކާވެސް އެ މައުރަޒު ބާއްވަން އޭނާ ގެންދަވަނީ ހިޔާލުކުރައްވަމުންނެވެ.

އެ މައުރަޒު ފުރަތަމަ ހާއްސަކުރީ ދިވެހި އުފެއްދުންތަކަށެވެ. ނަމަވެސް ފަހުން އައިސް ބޭރުގެ ބައެއް ކެއުންތައް ވެސް ހިމެނި އެވެ.

މަދީހާ ތައްޔާރުކޮށްފައިވާ އަނބު އަސާރަ އާއި ތަރުކާރީ އަސާރަ --ފޮޓޯ: ނިޝާން އަލީ/މިހާރު

މަދީހާ މިހާރު ވެސް އާއިލާ އަށާއި ގާތް ރައްޓެހިންނަށް ކެއުން ތައްޔާރުކޮށްދެއްވަ އެވެ. ޚާއްސަކޮށް ރޯދަމަހެވެ. ކޮންމެ ރޯދަމަހެއްގައި އޭނާގެ އާއިލާގެ ތެރޭގައި އޮންނަނީ ކާއެއްޗެހި ތައްޔާރުކުރުމުގެ ވާދަވެރި ކަމެކެވެ. އެއީ ފާޑެއްގެ މުބާރާތެކެވެ.

"ހުރިހާ ދަރިން ވަރަށް ވާދަވެރިކޮށް މިކަން ކުރާނީ. ބަދިގެއަށް ވަންނަ ވަގުތުތައް ކަނޑައަޅައިގެން. ގްރޫޕްތަކަށް ބަހައިގެން. ގެއިން ބޭރުން މީހުން ގެނެސްގެން އިންސާފު ކުރާނީ ވެސް،" އޭނާ ވިދާޅުވި އެވެ.

މަދީހާގެ އިތުރުން އޭނާގެ ބައެއް ބޭފުޅުން ވެސް ކެއްކުމުގައި ފާހަގަކޮށްލެވެ އެވެ. އެގޮތުން ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލްގެ އަނބިކަނބަލުން އަހަރު ފާތިމަތު ޖީހާން ވަނީ ޗައިނާގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން ވަނަ ވެސް ހާސިލްކުރައްވައިފަ އެވެ. އެ ހުރިހާ ކެއުމެއް ޖީހާން ތައްޔާރުކުރެއްވީ މަދީހާގެ އިރުޝާދުގެ ދަށުންނެވެ.

ބަދިގޭގައި ހޭބޯނާރާ އުޅުއްވުމަކީ މަދީހާގެ އެއް ލޯތްބެވެ. އޭގެ ނަތީޖާ އޭނާގެ ދިރިއުޅުމުގެ ތެރެއިން ފެނުނީ، ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ދިވެހިވަންތަ ކެއުންތަކުގެ ކެއްކުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ތައްޔާރުކުރައްވާ އެއްޗެހި ކާހިތްވާ އެތައް ބަޔަކު އުޅެ އެވެ. އަދި އޭނާ ބޭނުންވަނީ މިހާރުގެ ޒުވާނުންނަށް ދިވެހި ކެއުންތައް ތައްޔާރުކުރާނެ ގޮތް ވެސް ކިޔައިދެއްވާށެވެ.

މައްސަލައަކީ އަދި އެކަހަލަ ކަމެއް ކުރިއަށް ގެންދަވާނެ ފުރުސަތުތައް ތަނަވަސްވެފައި ނެތުމެވެ.