ފަތިސް · 04:44

ރަމަޟާން މަހު ކީރިތި ނަބިއްޔާގެ ޚުލްޤުފުޅުން ނަމޫނާ ލިބިގަތުން -1

އެކަލޭގެފާނަކީ އެންމެމަތިވެރި ޚުލްޤުފުޅުގެ ވެރިޔާ


ކީރިތި ނަބިއްޔާ މުޙައްމަދު، ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންފައިވާ ޝަރަފާއި ޤަދަރާއި ޢިއްޒަތުގެ އެންމެ މުހިންމު ސަބަބެއް ކަމުގައި ވަނީ އެކަލޭގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމެވެ. ޢާއިޝަތުގެފާނު ސިފަ ކުރައްވާ ގޮތުގައި އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާނެވެ. އެބަހީ، އެކަލޭގެފާނުގެ އަޚްލާޤީ ހުރިހާ ސިފަފުޅުތަކެއް އެއީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް ފެނިގެން ދިއުމެވެ. ކީރިތި ޤުރްއާނަކީ އިންސާނުންނަށްޓަކައި ﷲ ބާވާލެއްވި އެންމެ ފަހުގެ، އެންމެ ފުރިހަމަ، އެންމެ ޝާމިލު، ރައްބާނީ މަންހަޖެވެ. އިންސާނާގެ ރޫޙާނީ އަދި ޖިސްމާނީ ހުރިހާ ބޭނުންތަކެއް ދުނިޔެ އާއި އާޚިރަތަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތް ބަޔާންކޮށްދޭ ދުސްތޫރެވެ.

މި ދުސްތޫރު މީސްތަކުންނަށް ބަޔާންކޮށްދެއްވި މާތް ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޢަމަލީގޮތުން އެ ތަންފީޒު ކުރެއްވުމުން އެއަށްވުރެ ފުރިހަމަ ނަމޫނާއެއް މުޅި އިންސާނިއްޔަތު ވެސް ނުދެކޭނެކަން ކަށަވަރެވެ. ﷲ ކީރިތި ޤުރްއާނުގައި އަންގަވަނީ، ﷲ ގެ ދަރުމަ އާއި އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަ ކުރާކަމުގައިވާ މީހަކަށް، އެންމެ ރިވެތިވެގެންވާ ނަމޫނާއެއް ކަމުގައި އެކަލޭގެފާނު ވާ ކަމަށެވެ. (އަލްއަހްޒާބު 21). އޭގެ ސަބަބަކީ އެކަލޭގެފާނު ވަރަށް މަތިވެރި ޚުލްޤުފުޅެއްގެ މަތީގައި ވުމެވެ. ﷲ ވަނީ މިކަމަށްޓަކައި އެކަލޭގެފާނަށް ތަޢުރީފުގެ ބަސްފުޅު ވަޙީކުރައްވާފަ އެވެ. (އަލްޤަލަމް 4).

އެކަލޭގެފާނުގެ ރިސާލަތުގެ އަމާޒުތަކުގެ އެއް އަމާޒަކީ ވެސް ރިވެތި އަޚްލާޤު ފުރިހަމަ ކުރެއްވުމެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "ތިމަންކަލެގެފާނު ފޮނުއްވިގެން ވަނީ އަޚްލާޤުގެ މަތިވެރި އެންމެހާ ސިފަތައް ފުރިހަމަ ކުރެއްވުމަށް" ކަމަށެވެ. އެކަލޭގެފާނަކީ، ފާޙިޝް އެއްވެސް ޢަމަލެއް ކުރެއްވި ބޭކަލެއް ނޫނެވެ. މީހަކާ ދިމާލަށް ހަޑިހުތުރު ބަސް ވިދާޅުވި ބޭކަލެއް ނޫނެވެ. އަޞްޙާބުންނަށް އޯގާތެރި މަޑުމައިތިރި ބޭކަލެކެވެ. ގޭތެރޭގައި އެންމެ އާދައިގެ މަސައްކަތްތައް ކުރެއްވެވި ހިތްޕުޅު ތިރި ބޭކަލެކެވެ. މިސްކީނުންނާއި ޔަތީމުންނާއި ހުވަފަތް އަނބިންނަށް އަޅާލެއްވި ބޭކަލެކެވެ. ޚާދިމުންނާއި ކުޑަކުދިންނަށް އޯގާތެރިކޮށް ހިތްތެވި ބޭކަލެކެވެ. ޣައިރު މުސްލިމުންނާ ދޭތެރޭ ޢަދުލުވެރިކޮށް ކަންތައް ކުރެއްވި ބޭކަލެކެވެ. ޙައިވާނުންނާއި އެހެން މަޚްލޫޤުންނަށް ވެސް ކަމޭ ހިއްތެވި ބޭކަލެކެވެ.

ދިރިއުޅުމުގެ ހަޔާތުގައި އެކަލޭގެފާނު އަދާކުރެއްވި ކޮންމެ ދައުރެއް އަދާކުރެއްވުމުގައި ވެސް އެ ހުރިހާ ހައިސިއްޔަތުތަކުން ނަމޫނާ އެކެވެ. މި ސަބަބުތަކަށްޓަކައި އެކަލޭގެފާނުގެ ޚުލްޤުފުޅު އެތައް ގޮތަކުން ފާހަގަ ކުރެވެ އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ޚުލްޤުފުޅުތައް ސިލްސިލާއެއްގެ ގޮތުގައި މި ރަމަޟާން މަހު ގެނެސްދެވޭތޯ ބަލާނަމެވެ. އެއީ އެކަލޭގެފާނުގެ ޚުލްޤުފުޅުން އަޅުގަނޑުމެން ނަމޫނާ ލިބިގަތުމަށްޓަކައެވެ. (ނުނިމޭ)