މަޣްރިބް · 18:15

ކީރިތި ނަބިއްޔާގެ ނަމޫނާ: އެންމެ އަމާނާތްތެރި، އެންމެ ތެދުވެރި


ﷲ ގެ ތަރުބިޔަތުން އަދަބުވެރިވެވަޑައިގެންނެވި ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚުލްޤުފުޅު އެކަލޭގެފާނުގެ ތުއްޕުޅުއިރުއްސުރެ މީސްތަކުންނަށް ފެނުނެވެ. މިގޮތުން ފާހަގަކޮށްލެވޭ ވަރަށް މުހިންމު ދެ ސިފަފުޅެއް ހިމެނެ އެވެ: ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.

އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ "އައްޞާދިޤުލް އަމީން" ގެ ލަގަބުފުޅުންނެވެ. އެހެންވެ މައްކާގެ އަހުލުވެރިން އެމީހުންގެ އަމާނާތްތައް އެކަލޭގެފާނާ ހަވާލުކުރެ އެވެ. މީގެ ތެރޭގައި އެކަލޭގެފާނުގެ ޢަދުއްވުން ވެސް ހިމެނެ އެވެ.

މައްކާގެ އަހުލުވެރިން ދެބަސްވާ ހާލަތްތަކުގައި ހުކުމް އިއްވުމަށް ވެސް އެންމެ ފުރަތަމަ ފުރުސަތު ދެއްވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނު ދުވަހަކު ވެސް އިތުރުފުޅެއް ހައްދަވާފައެއް ނުވެ އެވެ. އަމާނާތަކަށް ޚިޔާނާތްތެރިވެވަޑައިގެންފައެއް ނުވެ އެވެ. އަމާނާތްތެރިކަމަކީ (އޭގައި ތެދުވެރިކަން ވެސް ހިމެނޭ ގޮތުގައި) މަސައްކަތްތައް ހަވާލުކުރުމުގައި ބަލަން ޖެހޭ މައިގަނޑު ދެ ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ.

ޚަދީޖަތުގެފާނުގެ ވިޔަފާރި މަސައްކަތުގައި ކީރިތި ނަބިއްޔާ އަށް ފުރުސަތު ދެއްވި މައިގަނޑު ސަބަބަކީ ވެސް އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. މައްކާގައި އެކަލޭގެފާނުގެ ދުޝްމިނުން ވެސް މިކަމަށް ހެކިވާކަން ތާރީޚުގެ އިތުރުން ޤުރްއާނުން ވެސް އެނގެ (އަލްއަންޢާމް 33) އެވެ. އަދި އައްޒުމަރު ސޫރަތުގެ 33 ވަނަ އާޔަތުގައި އެކަލޭގެފާނުގެ ތެދުވެރިކަމަށް އިޝާރާތް ކުރައްވައި، ތެދުވެރިންނަށް ތަޢުރީފު ކުރައްވާފައި ވެ އެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން އެކަލޭގެފާނުގެ ބަސްފުޅުތަކުން އެނގެ އެވެ. މިގޮތުން ﷲ ގެ ވަޙީ ހަމަ އެބާވާލެއްވި ގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މީސްތަކުންނަށް ފޯރުކޮށްދެއްވި އެވެ.

އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން ވެސް ފެންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. މިގޮތުން އެކަލޭގެފާނު އަޅުކަން ކުރެއްވުމުގައި އަމާނާތްތެރި އެވެ. ﷲ ޙަރާމްކުރެއްވެވި ކަންކަމުން ދުރުހެލިވެވަޑައިގެންނެވުމުގައި އަމާނާތްތެރި އެވެ. އެކަލޭގެފާނުގެ އަޅުކަން ކުރެއްވުން ހުރި ގޮތާއި ކުށްފާފަތަކުން ދުރުހެލިވެ ވަޑައިގެންފައިވާ މިންވަރާ މެދު ވިސްނާލުމުން މިކަން ވަރަށް ރަނގަޅަށް ކަށަވަރު ކުރެވޭނެ އެވެ. އަމާނާތުގެ ގޮތުގައި މީހުން ބަހައްޓާ ވަދީޢާތަކަށް އެކަލޭގެފާނު އަމާނާތްތެރިވި މިންވަރު އިތުރަށް ހާމަވާ ކަމަކީ މަދީނާއަށް ހިޖުރަކުރެއްވި އިރު އެކަލޭގެފާނުގެ ބެއްލުވުމުގެ ދަށުގައި ހުރި އަމާނާތްތައް އޭގެ ވެރިންނަށް ރައްދު ކޮށްދެއްވުމަށްޓަކައި ޢަލީގެފާނާ ހަވާލުކުރެއްވެވި ކަމެވެ.

ކީރިތި ރަސޫލާގެ ޚުލްޤުފުޅުން ނަމޫނާ ލިބިގަތުމަށް މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން އަވަސްވެ ގަނެ، ކޮންމެ މީހަކީ ވެސް ތެދުވެރި އަމާނާތްތެރިއަކަށް ވުމުގެ އަޒުމް ކަނޑައަޅަމާތޯ އެވެ. ވަޒީފާތަކަށް ގާބިލުވާން މަސައްކަތް ކުރާ ފަދައިން ވަޒީފާތަކުގައި އަމާނާތްތެރިވާން ވެސް ދަސްކުރުން މުހިންމެވެ.