ކަދުރު ޕެކެޓެއް ހޯދަން ގޭގެ ރަޖިސްޓްރީ!

ސައޫދީން ހަދިޔާކުރާ ކަދުރު ލިބިއްޖެ އެވެ. މި އަހަރު ވެސް 50 ޓަނު ފޮނުވި އެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސައޫދީން ދެމުން އަންނަ މި ހަދިޔާ ސިޔާސީވެ އެ ވާހަކަ ދެއްކުން ވެސް މަނާކުރާ ހިސާބަށް މީގެ ދެ އަހަރު ކުރިން ދިޔަ އެވެ. އެކަމާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ޖެހިގެން އައި އަހަރުގެ ރޯދަ މަހަށް ކަދުރު ނުވެސް ލިބުނެވެ.


މީގެ އަހަރުތަކެއް ކުރިން، ސައޫދީން ދޭ މި ކަދުރަކީ ދިވެހިންނަށް ވަރަށް މުހިންމު ހަދިޔާއަކަށްވެ އެއަށް އިންތިޒާރުކުރެ އެވެ. ދިވެހިންގެ ފޯރުންތެރިކަން އޭރު ހުރި މިންވަރުން އަދި ބައެއް ބާވަތްތަކުގެ މުދާ ލިބުމުގައި އޭރު ހުރި ދަތިކަމުގެ ސަބަބުން، ކަދުރު ޕެކެޓެއް ލިބުނަސް އެއީ ބޮޑު އެއްޗެކެވެ. އެ ހާލަތު މިހާރު ބަދަލުވެފައި ވިޔަސް ކަދުރަށް ދިވެހި މީޑިއާ ވަރަށް ފާރަވެރިވެ އެވެ. ކަދުރު ލިބުނުތޯ ބަލަ އެވެ. ބަހާނެ ގޮތާއި މުޅި ޕްރޮސެސް ވަރަށް ރަނގަޅަށް ހާމަކޮށްދެ އެވެ. ފަހަރެއްގައި މިއީ ރާއްޖޭގެ މީޑިއާ އިން އެންމެ ރަނގަޅަށް ބަލާ އެއް ކަންތަކެވެ.

ދެން ކަދުރު ބެހުމުގެ ވާހަކަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކަދުރު ބެހުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ ފަގީރުންނަށެވެ. ކޮންމެ ގެޔަކަށް ދޭ ވަރަށް ކަދުރު ނެތީ ކަމަށް ބުންޏެވެ. އެކަމަކު ފަގީރުންނަށް ކަދުރު ދިނުމަކީ އިސްލާމިކް މިނިސްޓްރީގެ ނިންމުމެއް ނޫނެވެ. އެއީ ސައޫދީން ކަދުރު ދިނުމުގައި ކުރި ޝަރުތެވެ. ކަދުރު ފޮނުވަނީ ސައޫދީގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުންނެވެ. އެތަނުން ނެރުނު ބަޔާނުގައި މި އަހަރު 43 ގައުމަކަށް 6،500 ޓަނުގެ ކަދުރު ބަހާނެ ކަމަށް ބުންޏެވެ. އަދި މިއީ ފަގީރުންނަށް ދޭ އެއްޗެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެ ތެރެއިން 4،000 ޓަނު އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް މެދުވެރިކޮށް 14 ގައުމަކަށް ބަހަން ނިންމާފައި ވާއިރު އަނެއް 2،500 ޓަނު ބަހަން ހަވާލުކުރީ 29 ގައުމެއްގެ ސަރުކާރާ އެވެ.

އިސްލާމިކް މިނިސްޓްރީން މިފަހަރު ވަނީ ކަދުރު ބެހުން ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ. ފަގީރުންނަށް އިސްކަންދިން ނަމަވެސް، އުސޫލެއްގެ ގޮތުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދޭން ވަނީ ނިންމައިފަ އެވެ. މި ޕެކެޓް ހޯދަން ދާން މިޖެހެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، އެ މީހެއްގެ ގޭބިސީ ނުވަތަ ގޭގެ ރަޖިސްޓްރީ ނުވަތަ ކުލީގެ އެގްރިމެންޓް ހިފައިގެންނެވެ. އެހެންވެ މި ކަމުގެ ބޮޑުކަން މި އޮތީ މީޑިއާގެ ތެރޭގައި އެކަންޏެއް ނޫނެވެ.

ސައޫދީން ހަދިޔާކުރި ކަދުރު. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ކަދުރު ހަދިޔާކުރީ ފަގީރުންނަށް ކަމަށް ވިޔަސް މުޅި ގައުމުގެ އެންމެންނަށް މި ބަހަން އުޅޭތީ މިކަން މާ އުނދަގޫވަނީ ކަމަށް ވެދާނެ އެވެ. ރާއްޖޭގައި ފަގީރުންގެ ދަފްތަރެއް އެބަ އޮތެވެ. އޭގައި އޮތީ 16،209 ނަމެކެވެ. އެހެންވެ 50 ޓަނުން މިއިން ކޮންމެ މީހަކަށް ތިން ކިލޯ ކަދުރު ލިބޭނެ އެވެ. މިއީ އެކަށީގެންވާ މިންވަރެކެވެ. ރާއްޖޭ އެންމެންނަށް 50 ޓަނު ބަހާ ނަމަ މީހަކަށް ކަދުރެއް ވެސް ނުލިބޭނެ އެވެ. އެއީ ބޮލަކަށް ގްރާމެއް ވެސް ނުޖެހޭނެތީ އެވެ. ކަދުރު ބެހުން މިހާ ބޮޑު ކަމަކަށް ނުހަދާ، ފަގީރުންގެ ލިސްޓުގައި ހިމެނޭ އެންމެންނަށް ބަހާލީމާ ނިމުނީ އެވެ. ގޭގެ ރަޖިސްޓްރީ އާއި ކުލީގެ އެއްބަސްވުން ހިފައިގެން ކަދުރު ޕެކެޓެއް ހޯދަން އުޅުން އެއީ ގަބޫލުކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ފަގީރުންގެ ލިސްޓެއް އޮވެފައި އެ މީހުންނާ ހިސާބަށް ފަސޭހައިން ދެވޭނެ ގޮތެއް އޮތް އިރު މިކަން ބޮޑު ތަކުލީފަކަށް ހަދަނީ ކީއްކުރަން ހެއްޔެވެ؟

ހުރިހާ ރައްޔިތުންނަށް ބަހަން ކަދުރު ލިބިފައި ހުއްޓަސް، ބޭނުންވާ މީހަކު ކަދުރު ގެންދަން މުއްދަތެއް ދީފައި ދެން ހުރި ނަމަ ހުރި އެއްޗެއް ވިއްޔާ ފަގީރުންނަށް ބަހަންވީ އެވެ.

ސައޫދީގެ މުއްސަނދިކަމާ ބަލާފައި، ކަދުރުކޮޅެއް އެއީ އެހީއެއް ނޫނޭ ބުނާ މީހުން ވެސް އުޅެފާނެ އެވެ. އެއީ އަދި އެހެން ބަހުސެކެވެ. އަނެއްކާ ކަދުރަކީ ކޮންމެ ރޯދަމަހާ ދިމާކޮށް ސައުދީން ފަގީރުންނަށް ދޭ އެހީއެކެވެ. މީހަކަށް ރޯދަ ވީއްލުމެއް ދޭނެ ތަނަވަސްކަން ނެތް މީހާ، ކަދުރު ފަޅިއެއްގެ މިންވަރު ހޭދަކޮށްގެން ނުވަތަ ފެންފޮދެއް ދީގެން ނަމަވެސް ނަފުސު ނަރަކައިން ދުރުކުރަން ކީރިތި ރަސޫލާ ވަނީ އަންގަވައިފަ އެވެ.