މަޣްރިބް · 18:17

އުމުރު

ފިހާރަ ތަޅުލާފައި ނިކުމެ ނިކުމެ ހުއްޓާ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި އެވެ. ނަގައި ބަލައިލިއިރު ޒީނާ އެވެ. ޒީނާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. މީހަކާ އިނދެގެން ޒީނާ ދިރިއުޅެނީ ވަކިންނެވެ.


ޒީނާ އެދުނީ ގެއަށް ނުގޮސް ފުރަތަމަ އެ ގެއަށް ދިއުމަށެވެ. އެ ގެއަށް ގޮސް ވަންއިރު ޒީނާ ހުރީ ފެންޑާ ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. އަހަރެން ފެނުމާ އެކު އަވަހަށް ހަނާ އަޅާލައިފައި ސޯފާ ދައްކައިލި އެވެ. ޒީނާ ދިނީ އިވޭނެކަމަށް ހިތަށް ވެސް ނާރާ ކަހަލަ ޚަބަރެކެވެ. ބައްޕަ މީހަކާ އިންނަން އުޅޭ ޚަބަރެވެ.

އަހަރެން ދެކޮޅު ހެދުމުން ޒީނާ ޔަގީންކޮށްދިނީ އެއީ ތޯތޯ ވާހަކައެއް ނޫންކަމެވެ. އަހަންނަށް އިނދެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.

ދަރިން ބޮޑެތިވެ މުނިކާފަ ކީމަ ބައެއް ފިރިހެނުންނަށް އެވާ ގޮތެއް އަހަންނަކަށް ނުވިސްނެ އެވެ. ވިސްނާކަށް އަހަރެން ބޭނުމެއް ވެސް ނޫނެވެ. އަހަންނަށް އިނގޭ އެއްޗަކީ ހުއީގައި އަލިފާން ހިފާހާ ބާރަށް މި ރަށުތެރޭ އެ ޚަބަރު ފެތުރިގަންނާނެ ކަމެވެ. މީހުން މަލާމާތް ކުރާނެ ވަރާއި ހޭނެވަރެވެ. ބައްޕަގެ އަމިއްލަ ހާލަށް ނޫޅެވިގެން އުޅޭއިރު އެހެން މީހަކު ބަލާނީ ކިހިނެއް ހެއްޔެވެ؟

ވިސްނުމުގައި ގެނބިފައި ހުރިވަރުން ގެއާ ހަމައަށް ދެވުނުގޮތެއް ވެސް ނޭނގުނެވެ. އެތެރެއަށް ވަންއިރު ބައްޕަ ނިދަން ވަދެއްޖެ އެވެ. އަހަރެން ނިދަން ވަނީ ހެނދުނު ބައްޕައާ ވާހަކަދައްކަން ގަސްތުކޮށްގެންނެވެ. ޒީނާ ލަފާދިން ފަދައިން މިކަން ހުއްޓުވަން އެބަޖެހެ އެވެ.

ހެނދުނު ފިހާރަ އަށް ދާން ތައްޔާރުވެގެން ނިކުތްއިރު އާދައިގެ މަތިން ޒީނާ ސައި ގެނެސްފައި ހުއްޓެވެ. ކާގޭގައި އިންދާ ބައްޕަ ވަނީ ފޯނެއްގައި ހުރެ ހެމުންނެވެ. އަހަރެން ފެނުމާއެކު ކުއްލިއަކަށް އެ މޫނުގެ ކުލަ ބަދަލުވި އެވެ. ފަހުން ގުޅާނަމޭ ބުނެ ފޯނު ކަނޑާލި އެވެ. ހިތްވަރުކޮށްފައި، ޒީނާ ދިން ޚަބަރަކީ ތެދެއްތޯ އެހީމެވެ. ބައްޕަ ދޭނެ ޖަވާބު އަހަން އަހަރެން އިނީ އިސްޖަހައިގެންނެވެ. ލަދުން އެ މޫނަށް ބަލައިލަން ވެސް ނުކުޅެދުނީ އެވެ.

ބައްޕަ އެއްބަސްވި އަޑު އަހާފައި ދެން އަރުން އެންމެ އެތިކޮޅެއް ވެސް އެތެރެއެއް ނުވި އެވެ. ފެންތަށި ދަމާލުމަށްފަހު ބާރު ބާރަށް ބަހައްޓާފައި އަހަރެން ގެއިން ނިކުތީމެވެ. އެވަރުން އަހަރެން ނުރުހޭކަން ބައްޕަ އަށް އެނގޭނެ ކަމަށް ހީކުރީމެވެ. އެކަމަކު ބައްޕައަކަށް އެކަމެއް ނޭނގުނެވެ. ނޫނީ އެނގުނު ކަމަށް ނުހެދީ އެވެ.

ބައްޕަ ކައިވެނި ކުރި ދުވަހު އަހަރެން ގޮސް ހުރީ ރަށުން ބޭރުގަ އެވެ. ގެއަށް އަންހެނަކު ދިއުމުން ޒީނާގެ މަސައްކަތް ލުއިވި އެވެ. އެނބުރި ގޮސް އަހަރެން ވެސް ކާން ދިޔައީ ޒީނާގެ ގެއަށެވެ. އަހަރެން ގެއަށް ވަންނަނީ ބައްޕަމެން ނިދާ ފަހުންނެވެ. އަނެއްކޮޅުން ހެނދުނު އެއިން މީހަކަށް ނުފެނި ގެއިން ނިކުމެވޭތޯ ބަލަމެވެ.

އަހަރެން ހީކުރިހެން ރަށުތެރޭ އެންމެ ހޫނު ހަބަރަކަށް އޮތީ ބައްޕަގެ ކައިވެނީގެ ވާހަކަ އެވެ. އުފާވެރި ޚަބަރެއް ލިބެން އުޅޭ ހެއްޔޭ ކިޔައިގެން ބައެއް އެކުވެރިން އަހަންނާ ދިމާ ވެސް ކުރި އެވެ. ރުޅިއައިސްގެން ފަޅައިގެންދާ ހާލު ވެސް އަހަރެން ހިޔާރުކުރީ ހިމޭންކަމެވެ.

ދޮންމަންމައަކީ ބައްޕަގެ ކުރީގެ ލޯބިވެރިޔަކޯލަ އެވެ. އަހަންނާއި ޒީނާގެ އުމުރުން ބާރަ ތޭރަ އަހަރުގައި މަންމަ ނިޔާވިފަހުން ބައްޕަ ހުރީ އިތުރު ކައިވެންޏެއް ނުކޮށެވެ. ދޮންމަންމަގެ ފިރިމީހާ މަރުވި ފަހުން ވީ ހަމަސް ދުވަހެވެ. ދެ މީހުން އަލުން ބައްދަލުވީ ދޮންމަންމަ މާލެ ދޫކޮށް ރަށަށް ބަދަލުވީމަ އެވެ. ފުރާވަރުގެ އަންހެންކުއްޖަކު ނޫނީ ދެން ތިބި ކުދިން މީހުންނާއި އިނދެގެން ދިރިއުޅެނީ މާލޭގަ އެވެ.

ފިހާރަ އަށް މިހާރު އަހަރެން ދަނީ ގޭގައި އަމިއްލަ ވަންތަކަމެއް އިހްސާސް ނުކުރެވޭތީ އެވެ. އެންމެފަހުން އެތަނަށް ވެސް ދޮންމަންމަގެ އަންހެންދަރިފުޅު ދާން ފެށި އެވެ. އެ އަންހެންކުއްޖާގެ ކަމަކީ ހުއްޓާނުލާ ވާހަކަދެއްކުމެވެ. އަހަރެން ޖަވާބު ނުދިނަސް ކަމެކޭ ހީނުވެ އެވެ. ރުޅި އައިސްގެން އަހަރެން ދާން ފެށީ ބޭރަށެވެ.

"ފަޒީން ތިހެން ހެދީމަ އެ މީހުން ކުރަން އެއުޅޭ ކަންތައް ފަސޭހައެއްނު ވާނީ؟ ފަޒީން ބޭނުންތަ އުމުރުދުވަހު ގުދު ބިންދައިގެން ކުރި މަސައްކަތުގެ މޭވާ އެހެން ބަޔަކަށް ރޯދިކުރާތަން ދެކެން..." ޒީނާ އަށް އަހަރެން ކަންތައްކުރާ ގޮތް އެނގިގެން ހިތްހަމަނުޖެހުނެވެ.

އެރޭ އަހަރެން ގެއަށް ދިޔައިރު ދޮންމަ އާއި ބައްޕަ ތިބީ ޓީވީ ބަލާށެވެ. ދޮންމަންމަގެ ދަރިފުޅު ވެސް ހިނި އައިސްފައި ސޯފާގެ އަނެއްކޮޅުގައި އިނެވެ. ތިން މީހުން ހީހީފައި އަހަރެން ވަންއަޑު އިވިގެން ބަލައިލި އެވެ. ދޮންމަންމަ ގޮވީ ކާށެވެ. އާދައިގެ މަތިން އަހަރެން ޖަވާބުދިނީ ދެ ފަރާތަށް ބޯ ހޫރާލައިފަ އެވެ. ކޮޓަރި އަށް ވަނުމުގެ ކުރިން ބައްޕަގެ ނިތަށް ރޫގިނަކޮށްލެވިފައި ވަނިކޮށް ދުށީމެވެ.

ބައެއްފަހަރު ގެއަށް ވަންނައިރު ދޮންމަންމަ ބައްޕަގެ ފައިމޮޑެދޭން އިނދެ އެވެ. އަނެއް ބައިފަހަރު ބައްޕަ އައިނު އަޅައިގެން ފޮތް ކިޔައިދޭއިރު ދޮންމަންމަ އިންނާނީ ކޮނޑުގައި ބޯއަޅައިގެން އަޑު އަހާށެވެ. ހީވަނީ ޒުވާން ދެ ލޯބިވެރިންހެންނެވެ. ބައްޕަގެ ދޮންދަރިފުޅު އެ ދެ މީހުން ހައްދައިގެން ފޮޓޯ ނަގާނެ އެވެ. ރުޅިއައިސްގެން ކީއްބާއޭ ކުރާނީ ހިތަށް އަރަ އެވެ.

ހަފްތާއެއް ފަހުން އަހަރެން ފިހާރައިގައި އިން ދުވަހަކު ނުދަންނަ ނަންބަރަކުން ގުޅި އެވެ. ފޯނު ނެގިއިރު ބައްޕަގެ ދޮންދަރިފުޅު ރަޝާ އެވެ. އެއީ ރަޝާގެ ޗުއްޓީ ދުވަހެވެ. ބައްޕަ ސިއްހީމަރުކަޒުގައި އޮތް ޚަބަރު ދިނުމާއެކު ހުރެވުނު ތަން ވެސް އަހަންނަކަށް ނޭނގުނެވެ. އަވަސް އަވަހަށް ފިހާރަ ތަޅުލާފައި އަހަރެން ދިޔައީ މަރުކަޒަށެވެ. ދިޔަ މަގުމަތީ ޒީނާ އަށް ވެސް ގުޅީމެވެ.

އަހަންނަށް ދެވުނުއިރު ބައްޕަ އަށް އޮތީ ނިދިފަ އެވެ. ދޮންމަންމަ ބައްޕަގެ މަގަތުގައި އިނީ އެ އަތުގައި ހިފަހައްޓާލައިގެންނެވެ. އަހަންނަށް އެމަންޒަރު ފެނިގެން ބަލަން އުނދަގޫވެފައި ދުރު ބަލައިލެވުނެވެ. އެނދުގެ އަނެއްކޮޅުގައި ރަޝާ ޗުއިންގަމެއް ކާލަ ކާލާ އިނެވެ. ބައްޕަގެ ހުން މަޑު ވާހަކަ ދޮންމަންމަ ބުނުމުން ހިތްހަމަޖެހުމެއް ލިބުނެވެ.

އެ ދެމައިން ކައިރީ ހުންނަން އުނދަގޫ ވެގެން އަހަރެން ނިކުމެލީ ބޭރަށެވެ. ގޮނޑިބަރީގައި އިންދާ ރަޝާ އައިސް އަހަރެން ކައިރީ އިށީނދެލި އެވެ. ޗުއިންގަމް ކިރުގަނޑު ނަގައި ކަރުދާސްކޮޅަކަށް ލައިފައި ދުރުގައި ހުރި ޑަސްބިނަކަށް އަމާޒުކޮށް ހޫރައިލި އެވެ. ކަރުދާސްކޮޅު ޑަސްބިނަށް ވެއްޓުމާ އެކު ފޮނިވެގެން ޖޯޝުގައި އަތް މައްޗަށް ނެގި އެވެ.

"ކޮބާ ކަލޭމެންގެ މައްސަލައަކީ؟" ރަޝާ ސުވާލުކުރި ގޮތުން އޭނަ މުޚާތަބުކުރީ އަހަންނާ ކަމާ މެދު ޝައްކުވި އެވެ.

ބަލާލިއިރު އޭނަގެ ނަޒަރު ހުރީ އަހަންނަށެވެ. ޔަގީންކުރަން ވެގެން ފަހަތަށް އެނބުރި ބަލާލިއިރު ދުރު ދުރަށްދާންދެން ވެސް އިތުރު މީހަކު ނެތެވެ.

"ޅަކުއްޖަކު އަތުން ކުޅޭ އެއްޗެއް އަތުލީމަ ބޮޑާދައްކާހެން ތިއުޅެނީ ކީއްވެ؟ އިނގޭތަ ދޮންބައްޕަ މިހާ ދުވަހު ވެސް މީހަކާއި ނީނދެ ހުރީ ކީއްވެކަން؟ ހެދިބޮޑުވަމުން އައި ކުދިންނަށް ދޮންމައެއް ނުހޯދަދޭން ވެގެން. މިއޮއް ހުރިހާ ދުވަހު އެކަނި ހުރީ އެގޮތް ބޭނުންވެގެންނެއް ނޫން. ދަރިންނަށްޓަކައި. ކާކު ބޭނުން ނުވާނީ ބައިވެރިއެއް؟ ދަރިން އަމިއްލަ ދިރިއުޅުމުގަ ބިޒީވީމަ ބައްޕަ މީހާ އެކަނިމާއެކަނި ހުންނަންތަ ބޭނުންވަނީ؟ މިއަދު އެ ދަރިން ބޮޑުވީމަ އަމިއްލަ އުފަލަށް ކަމެއްކުރިއްޔާ އެއީ ބޮޑު ކުށެއްތަ؟" ރަޝާގެ ވާހަކަތައް އަހާފައި އަހަރެންނަށް ބަލަން އިނދެވުނީ އެވެ.

އޭނަ ދެ ފަރާތަށް ބޯ ހޫރާލައިފައި ވަދެގެން ދިއުމުން އަހަންނަށް އަދިވެސް ބޮޑަށް ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެވުނެވެ.

ރަޝާ އެ ބުނީ ތެދެކެވެ. ޒުވާން އުމުރުގައި އަނބިމީހާ މަރުވުމުން އެ ޒިންމާ އުފުލީ ބައްޕަ އެކަނިމާއެކަންޏެވެ. އެއީ ދޮންމަންމައެއް ހޯދައިނުދޭން ކަމުގައި އޭރު އެއްފަހަރު ވެސް ވިސްނައެއްނުލެވެ އެވެ. ޒީނާ އާއި އަހަރެން ބޮޑުވި ފަހުން ބައްޕަ މަސައްކަތް ކުރުން މަނާކުރީ އަހަރުމެންނެވެ. ބައްޕަ ފުރަތަމަ ވަރަށް ދެކޮޅު ހެދި އެވެ. ގޭގައި ފޫހިވާނެ ވާހަކަ ކިއެވެ. ފަހުން އެއްބަސްވި އެވެ.

ޒީނާގެ ދަރިންނާ އެކު ވެސް ބައްޕަ ގިނަ ވަގުތު ހޭދަ ކުރެ އެވެ. އެކަމަކު އަބަދު އެ ކުދިން ވެސް ނުތިބޭނެ އެވެ. އެކުގައި ވަގުތު ހޭދަކުރާ އެކުވެރިންނަށް ވެސް އެގޮތް ދިމާވާނެ ނޫން ހެއްޔެވެ؟ ތިމާގެ ހިޔާލުތައް ހިއްސާކޮށްލާ އެކަނިވެރިކަން ފިލުވައިލާނެ ބައިވެރިއަކު ބޭނުންވުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ހެއްޔެވެ؟ ތަންކޮޅެއް ދުވަސްވެފައި ތިބޭ ދެމަފިރިއަކު ލޯބިން އުޅުނަސް އަހަރުމެންނަށް ވަނީ ލަދުވެތި ކަމަކަށެވެ. މުސްކުޅި އުމުރުގެ ދެ މީހުން ކައިވެނި ކުރިއަސް އެފަދަ އެވެ. މިއަށްވުރެ އަހަރުމެންގެ ވިސްނުން ރަނގަޅުވާން ވެއްޖެ އެވެ. އެހެންވިއްޔާ، މުސްކުޅިވެ ރޫޖެހެންދެން ލޯބިން އުޅެން ބޭނުންވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އަށް ފޮޓޯ ނާޅާށެވެ.

ބައްޕަ ރަނގަޅުވެގެން ގެއަށް ދިއުމުން ބައްޕަ އާއި ދޮންމަންމަ ކައިރިން އަހަރެން މާފަށް އެދުނީމެވެ. ފުރަތަމަ ގަބޫލުކުރަން ދަތިވިއަސް ބައްޕަގެ އުފާވެރިކަން ފެންނަން ފެށުމުން ޒީނާ އަށް ވެސް ފަހުން ވިސްނިގެން ނުރުހުމުގެ ފާރު ފުނޑުފުނޑުކޮށްލާފައި އައެވެ. އެތައް އަހަރަކަށްފަހު އާއިލާއަލުން ފުރިހަމަވިކަމުގެ އިހްސާސް އަހަންނަށް ކުރެވެން ފެށި އެވެ.

ނިމުނީ