ދިރޭ މަހެއްގައި ނަނު އައްސާ ބާރުކޮށްލި އެވެ. އޭގެ ފަހުން އޭތި ކަނޑަށް ދޫކޮށްލި އެވެ. އޭނާ ދެން ފަށަނީ ލޮނުގަނޑުގައި އެ މަސް ކާއްތާށެވެ. އެގޮތަށް ހަދަމުން މަޑުމަޑުން ދޯނި ދުއްވަމުން ދިޔަ އެވެ. އިރުކޮޅަކުން ފެނުނީ އަޑިން ކުރުމަސް ތިލަކޮށްލައި، އޭގެ ފަހަތުން އަންނަ ތަނެވެ.
މުހައްމަދު އިބްރާހިމް ހަމަޖެހިލައިގެން ހުއްޓެވެ. އެންގަނޑެއްގެ ގޮތުގައި ބޭނުންކުރާ މަހުގެ ކޮންޓްރޯލް ވެސް އަދި ކުރުމަހަށް އޮޅުވާލުމުގެ އުކުޅު ވެސް އޮތީ އޭނާގެ އަތުގަ އެވެ. އެހެންކަމުން ކުރުމަސް އޭނާގެ ނަނުގެ ކޮޅުގައި އެނބުރެމުން ދިޔަދިއުން، އޭނާ ބޭނުންވާ ވަގުތު ޖެހުމުގެ ކުރިން، ހުއްޓުމަކަށް ނުގެނެ އެވެ: އެ ކުރުމަސް ދޯންޏާ ކައިރިވެ، އޭނާ ދޭ ހަމަލާގެ އަމާޒަކަށް ވާނެކަން ޔަގީންވާ ހިސާބަށް އައުމާ އެކު، އެންމެ ފަހުގެ މަސައްކަތް ކުރެ އެވެ. ކޮޅުގައި ބޮޑު ބުޅިއެއް ހަރުކޮށްފައި އޮތް ދަނޑީގައި ރަނގަޅަށް ހިފާލަ އެވެ. ދޯނި ކައިރިއަށް މަސް އައުމާ އެކު ކުއްލިއަކަށް އެ ބުޅި އޭގައި އަޅުވާލުމަށް ފަހު ނަގާ ދޯންޏަށް އެތެރެކޮށްލަ އެވެ.
އެހާމެ ހުޝިޔާރެވެ. ބަލަން ތިބޭ ބަޔަކަށް ލިބޭނީ ހައިރާންކަމެވެ. ކުރުމަސް ކަހަލަ ބޮޑު މަހެއް، އެހާ ފަސޭހަކަމާ އެކު އަތުއަޅުވާލުމަކީ، އާދައިގެ މަސްވެރިޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
އުމުރުން 53 އަހަރުގެ މުހައްމަދަކީ ރާއްޖޭގައި އެގޮތަށް ކުރުމަހާއި ހިބަރު ބާނާ މަދު މަސްވެރިންގެ ތެރެއިން އެކެކެވެ. އޭނާއަށް އެކަން ކުރަން ހަމައެކަނި ފަސޭހައަކީ ވެސް ނޫނެވެ: ބޮޑު އާމްދަނީއެއް ވެސް އަންނަނީ ހޯދަމުންނެވެ.
މުހައްމަދު ބުނާ ގޮތުގައި އޭނާ ނިސްބަތްވާ ތ. އަތޮޅުގައި އެ މަސްވެރިކަމަށް ކިޔާ ނަމަކީ "ހޭމަސް ކޭއްތުމެ"ވެ. އޭނާ ކުޑައިރު ބައްޕައާ އެކު މަސްވެރިކަމަށް ނުކުމެ އޭގެ އުކުޅުތައް ދަސްކުރި އެވެ. އޭރު އެއީ މިހާރަށް ވުރެ މާ ބޮޑަށް ވެސް އާންމު މަސްވެރިކަމެކެވެ. ނަމަވެސް މިހާރު ވަރަށް މަދު މީހަކަށް ނޫނީ އެކަން ކުރާކަށް ނޭނގެ އެވެ.
މުހައްމަދު މަސްވެރިކަމުގައި: ކުރުމަހުގައި ބުޅި އަޅުވާލަނީ ފަސޭހަކަމާ އެކު!
"ހޭމަސް ކޭއްތުން" ކީ ނަމަވެސް މިހާރު މުހައްމަދު ބޭނުންކުރަނީ ހޭމަހެއް ނޫނެވެ: ދިރޭ މަހެވެ. ބައްޕަމެންގެ ދުވަސްވަރު އެ މަސްވެރިކަމަށް ނުކުންނަ އިރު ފުރަތަމަ ކަނދުގަނޑަކުން މަހެއް ހަދަނީ އެވެ. ކުރުމަހާއި ހިބަރު ކައިރިއަށް ގެންނަން ކަނޑަށް ދޫކުރަނީ އެ އެވެ.
މުހައްމަދު ކިޔައިދިން ގޮތުގައި ބައްޕަމެންގެ ދުވަސްވަރު ތިން މީހުން ނުކުމެގެން ނޫނީ އެ މަސްވެރިކަމެއް ނުކުރެވެ އެވެ.
"އެއީ ދެ ފައްޔަށް ދެ މީހުން. ދެން ބުޅި އަޅުވަން އެކަކު،" މުހައްމަދު ބުންޏެވެ.
"އެއީ މިކަމަކީ ވައި ވަރަށް މަޑު އިރު ކުރެވޭ ކަމަކަށް ވާތީ، ދޯނީގައި ފަލި ޖަހަމުން ދަތުރުކުރާނީ."
މި މަސްވެރިކަމަށް މުހައްމަދު ނުކުންނަނީ މާކަނޑާ ވީ ފަރާތު ފަރު ބޭރަށެވެ. ކުރިއާ އަޅާބަލާ އިރު މަސްވެރިކަމަށް ގެނައި ތަރައްގީ ވެސް، މުހައްމަދުގެ ނަޒަރުގައި، މިހާރު ބޮޑެވެ. ހަމައެކަނި އިންޖީނު އެޅި ފައިބަރު ޑިންގީ ކަހަލަ އުޅަނދުތައް ލިބުމުގެ ފަސޭހައެއް ނޫނެވެ. ދިރޭ މަސް ބޭނުންކުރުމަކީ ވެސް، އޭގެ ޒާތަށް ބަލާއިރު ތަރައްގީއެއް ކަމަށް އޭނާ ދެކެ އެވެ.
"ކުރިން ނަމަ ކަނދުން ހަދާފައި އޮންނަ ހޭމަސް ކަނޑުގައި ހާކަމުން ދާ އިރު އޭގެ ހިޔަންޏަށް ކުރުމަސް ނޫނީ ހިބަރު އެ އަންނަނީ. އެކަމަކު މިހާރު އެ އަންނަނީ ނަނުގައި އައްސާފައި އޮންނަ ފުޅަނގި ނޫނީ ރިންމަހުގެ ވަހަށް،" މުހައްމަދު ކިޔައިދިނެވެ.
"ކަނދުގަނޑަށް ވުރެ މިގޮތް މާ ކާމިޔާބު. މިހާރު އޮޑިދޮށުގައި މަޑުކުރުވަން މާ ފަސޭހަ. ކުރިން އެ ކަނދު އެމުގައި މަހަށް ދަތް އެޅިއްޖެއްޔާ ދެން ނުވެސް އަންނާނެ."
މުހައްމަދު ކިޔައިދިން ގޮތުގައި ދޯނި ކައިރިއަށް އައުމުން އޭގައި ބުޅި އަޅުވާ ގޮތަށް ދޯންޏަށް އެތެރެ ނުކޮށްލެވިއްޖެއްޔާ މަސްވެރިކަން ވާނީ ހަރާބެވެ. އެހެންކަމުން އެ ބާވަތުގެ މަސްވެރިކަން ކުރެވޭނީ ވަރަށް ހުޝިޔާރުވެގެން ކަން އޭނާ ފާހަގަކުރި އެވެ.
މުހައްމަދު ބުނާ ގޮތުގައި އެ މަސްވެރިކަމުގެ ނުރައްކާތެރިކަން ވެސް ކުޑައެއް ނޫނެވެ. އެހެންކަމުން ވަރަށް ހުށިޔާރުވެގެން ނޫނީ އެގޮތަށް ބުޅި އަޅުވާފައި ބިޔަ މަސްތައް ދޯންޏަށް ނަގާކަށް ނުވާނެ އެވެ. އޭނާ ބުނާ ގޮތުގައި ނުވިސްނާ ހުރެއްޖެ ނަމަ، އެއިން މަހެއްގެ ސަބަބުން ވަރަށް ބޮޑު އަނިޔާއެއް ވެސް ލިބިދާނެ އެވެ. "އެސޮރުމެން [ކުރުމަސް] ބައެއް ފަހަރު ފުއްމައިގެން ދާނެ ވަރަށް ބާރަށް. އެދާ އިރު ރައްކާތެރި ވާން ޖެހޭނެ ވަރަށް ބޮޑަށް،" އޭނާގެ ތަޖުރިބާތައް މުހައްމަދު ކިޔައިދިނެވެ.
ކުރުމަސް ތިލަކުރަން މުހައްމަދު މަސައްކަތްކުރަނީ: އޭނާ ބުނަނީ މި މަސްވެރިކަމަށް ތަމްރީންވާނެ ޖެހޭ ކަމަށް
"އަޅުގަނޑުގެ އަތުގައި ކުރުމަހެއްގެ އަނގަ އެއް ދުވަހު ކިރޔާ ކޭތިލި ކަމަށް ޓަކައި އަތުން ބޮޑު ތަންގަނޑެއް އޮތީ ކަނޑައިގެން ގޮސްފައި."
އެފަހަރު އޭނާގެ ކަނާތު މެދުން ކަފައިގެން ދިޔަ ތަން "މިހާރު"ގެ ނޫސްވެރިންނަށް ދައްކާލި އެވެ. އޭނާ ބުނާ ގޮތުގައި ހިބަރެއް ނޫނީ ކުރުމަހެއްގައި ބުޅި އަޅުވާލަން ދިއުމުގެ ކުރިން ތަޖުރިބާކާރެއްގެ ކައިރިން ތަމްރީނުވުން މުހިއްމެވެ. އޭނާ ހުރީ އެކަން ކުރާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދީ، އެ ބާވަތުގެ މަސްވެރިކަން ދިރުވާ އާލާކުރާ ހިތުންނެވެ.
ޒަމާނީ ބަދަލުތައް ގެނައުމުގެ އިތުރުން މާލެ ސަރަހައްދުގައި މަސްވެރިކަން ކުރުމުން ލިބޭ ނަފާ ވެސް އެހާ ބޮޑެވެ. ކުރުމަހާއި ހިބަރަކީ ވެސް އަގުބޮޑު ދެ ބާވަތެވެ.
"ކުރުމަހެއް އެބަ ވިއްކާލެވޭ 1200 ރުފިޔާ އަށް ވެސް، ބައެއް ފަހަރަށް އެއަށް ވުރެ އަގުބޮޑުކޮށް ވެސް. ހިބަރު ވެސް އާއްމުކޮށް ހަމަ ރަނގަޅު އަގެއްގައި ވިކޭ،" ހަމައެކަނި އެ މަސްވެރިކަމުން އާމްދަނީ ހޯދަމުން އަންނަ މުހައްމަދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޑިންގީއެއްގައި ގޮސް ދެ މީހަކު ވެގެން މެންދުރު ކުރިން ކޮށްލާ މަސްވެރިކަމުން މަހަކު 25،000ރ ލިބެ އެވެ. އޭނާގެ ދެ ކުދިން ރަނގަޅު ތައުލީމަކާ އެކު ބޮޑުކުރީ ހަމައެކަނި އެ މަސައްކަތުންނެވެ.
"މިއީ ވަރަށް މިނިވަންކަމާ އެކު ކޮށްލެވޭ، ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް،" މުހައްމަދު ބުންޏެވެ.
މިނިވަންކަމޭ އޭނާ އެ ބުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވޭ އެކަމަކު ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ވާތީ އެވެ. ރޯދަމަސް ފަދަ މަސްތަކުގައި އޭނާ ހުންނަނީ މަސްވެރިކަމަށް ނުނިކުމެ، ގޭގަ އެވެ. އެއީ އޭނާގެ ޗުއްޓީ އެވެ. އެކަމަކު އެ ޗުއްޓީ ނަގަނީ، އޭގެ ކުރިން، ފަސޭހަކަމާ އެކު، އެ މަސްވެރިކަން ކޮށް، އަތްމަތި ތަނަވަސްކޮށްލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙަސަން އަޙްމަދު
21 May 2019
ދެން މިޔޮއް ކޮމެންޓު ކުރާ ގަމާރު ބައެއް ދޯ؟ އެކަކަށް އެނަމަށް ކުރުމަސް ކިޔާތީ ކަމަކު ނުދިޔަ. ދެން ތިބި މީހުން މިއުޅެނީ އެމީހުންގެ ރަށުގެ ނަން ނުގެނައީތީ އިންސާލްޓު ވެގެން. ގްރޯ އަޕް
އުއްމީދު
20 May 2019
ރާއްޖޭގެ މިކަހަލަ އާދަޔާ ޚިލާފު ކަންކަން ނޭޝަނަލް ޖޯގްރަފިކް ކަހަލަ ޗެނަލްތަކުން ބަލާލަން ނުލިބެނީ ކީއްވެބާ؟ އެތައް ގައުމެއްގެ މަސްވެރިކަން ބޭރު ޗެނަލްތަކުން ދައްކާއިރު، ދިވެހިންގެ މިކަހަލަ ސަގާފީ އާދަޔާ ޚިލާފު ހުނަރުތައް ގެއްލި ދިއުމުގެ ކުރިން ޒަމާންތަކަކަށް ފެންނާނެހެން އަދި ދުނިޔޭގެ އެތައް ބަޔަކަށް ތައާރަފް ވާނެހެން ހުންނާނެ އެކަހަލަ ޗެނަލްތަކުން ކަވަރ ކޮށްފިނަމަ. ދިވެހި ސަރުކާރުން އެކަހަލަ ކަމަކާމެދު އުޅޭނެ ޚިޔާލެއް ނުގެންގުޅޭބާ؟
އެއްކަލަ އާދަނު
20 May 2019
އިސްލާހު ކޮށްފި
ަައަލިބެ
20 May 2019
އަސްލުވާ ގޮތަކީ މާލޭގައުޅެ ބޮޑުވާ ކުދިން ނަށް މިކަހަލަ ކަމެއް ކުރާތަން އަލަށް ފެނުނީމަ އެދެން ވާނީ މޮޅުކަމަކަށް.
ހާނީ
20 May 2019
ސުވާލަކީ، ތިއޮތް ބޮޑުމަހަށް ކުރުމަހޭ ކިޔަންޖެހޭ އެއްވެސް ސަބަބެއް އެބައޮތްހޭ؟ ކާކުގެ ގަމާރުއްޔާއެއްހޭ ތިޔަށް ކުރުމަސް ކިޔާ ނަންހެދީ؟
ދިގިމަސް
20 May 2019
އައްޑޫ މީހުން ކިޔަނީ ދިގިމަސް
ބޮލައްތުރާ
20 May 2019
އެއީ އެމަސް ސައިޒް ކުރަން ދީފައިން ނަމެއް. މަސްވެސް ކަޑަވާނެދޯ އެކަހަލަ ނަމެއް ކީމަ.
އިބުރާ
19 May 2019
ދަރިފުޅާ އައްޑޫ ޢަތޮޅު މީދޫ ގަ ތި މަސްވެރިކަން މިޙާރުވެސް ކުރާމީހުން މަދެއްނޫން، އަދި އެކަމުން ނަފާވެސް ހޯދަނީ މަދެއްކޮށެއްނޫން.
ހަސަން
19 May 2019
އައްނަނީ ހަމަ ހިނި ތިކަމަކީ އާދައިގެ ކަމެއް ދުވާލަކައްވިހި ތިރީސް ކުރުމަސް ދެތިންގަޑި އިރުތެރޭ ދިރޭ މުޝިމަސް ލޭނު ކޮޅު ހަދާފަ ފުއްޓަރު ފަރާތުގަ ހޭފަށުގަ އަޅަންވީ އަޅާފަ ތިބެންވީ ބަލަން މަސައްކަތެއް ކުރާކައް ނުޖެހޭނެ
ވީޑިއޯ
19 May 2019
ވީޑިއޯއެއް ކުރިނަމަ. ތި ބަލާލަން ބޭނުން.
އެންދެރި
19 May 2019
ފޮޓޯ ގަނޑުން މީހާގެ މުރާލިކަން ހާމަ ވެއެވެ. މާޝާ ﷲ . ހަލާލު މަސައްކަތުން ފައިސާ ހޯދެނީ މަދު ބަޔަކަށެވެ.
ދުމައިން
19 May 2019
ތިމަސްވެރިކަން އދ.މަހިބަދޫގަވެސް ކުރާތީ ދެކުނީމު. އެރަށު ކޮތަރު ސައްލެ އެއީ ތިކަމުގެ މާހިރެއް. މޮޅު މީހެއް.