ދިރާގު ޕޭގެ ހިދުމަތް ލޯކަލް މާރުކޭޓަށް ވެސް!

ދިރާގު ޕޭ މެދުވެރިކޮށް ލޯކަލް މާރުކޭޓުން ވެސް ވިޔަފާރިކުރުމުގެ ފުރުސަތު އެ ކުންފުނިން ފަހިކޮށްދީފި އެވެ.


ދިރާގުގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން އެންޑް އިވެންޓްސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ ދިރާގު ޕޭ މެދުވެރިކޮށް މި ވަގުތު ވިޔަފާރިކުރެވޭނީ މާރުކޭޓްގެ އެއް ގޮޅިން ކަމަށެވެ. މިއީ، އޭނާ ވިދާޅުވި ގޮތުގައި، ޑިޖިޓަލް ރާއްޖެއެއް ގާއިމްކުރަން ދިރާގުން ކުރާ މަސައްކަތްތަކުގެ ދަށުން ފަހިކޮށްދޭ ފުރުސަތެކެވެ.

"ދިރާގު ޕޭ މެދުވެރިކޮށް ބައްލަވައިގަންނަ ތަކެއްޗަށް އެކަމަށް ހާއްސަ ކުރެވިފައިވާ ގޮޅިން ފައިސާ ދައްކާލެވޭނެ،" ޝާރިހު ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓުގައި ދިރާގު ޕޭގެ ހިދުމަތް ގާއިމްކުރީ ޕްރޮމޯޝަނަކާ ވެސް އެކުގަ އެވެ. އެގޮތުން ލޯކަލް މާރުކޭޓްގެ އެ ގޮޅިންނާއި އަމީނީ މަގުގައި ދިރާގު ޕޭއަށް ހާއްސަކޮށްފައިވާ ފިހާރައިން 150ރ. އަށް ވުރެ މަތީ ވިޔަފާރިއެއް ކުރާ މީހުންނަށް ކަރާ ކިލޯއެއް ހިލޭ ލިބެ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންގައި ކަރާ ހާއްސަކުރީ އެއީ ރޯދަމަހު ދިވެހިން ވަރަށް އާންމުކޮށް ބޭނުންކުރާ ބާވަތަކަށް ވާތީ އެވެ.

ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު، މޯބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް، މުހައްމަދު ނަހުޝަން ވިދާޅުވީ މި ހާއްސަ ހިދުމަތް ބޭނުން ކޮށްގެން ކުދިކުދި ޕޭމެންޓުތައް ދައްކާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދިރާގު ޕޭއަކީ ފައިސާ ދެއްކުމުގައި ވެސް ރައްކާތެރި ގޮތެކެވެ.

ދިރާގު ޕޭ ހިދުމަތް ލިބޭ ގޮޅީގެ ވެރިޔާ އަބްދުﷲ ނޫސްވެރިންނާ ވާހަކަދައްކަނީ --ފޮޓޯ:މިހާރު

"މިހާރު ތިޔަ ބޭފުޅުން ބައްލަވައިގަންނަން ބޭނުންވާ އެއްޗެއް ގަތުމަށް ކިއުއާރް ކޯޑް ސްކޭން ކުރުމަށް ފަހު ފޮނުވާލުމުން މާޗެންޓުގެ އެކައުންޓަށް އެ ފައިސާ ދާނެ. އެހިސާބުން ޕޭމެންޓް ދައްކާ ނިމުނީ،" އޭނާ ވިދާޅުވި އެވެ.

މާރުކޭޓުން ދިރާގު ޕޭ ހިދުމަތް ލިބޭ ގޮތަށް ހެދި ގޮޅީގެ ވެރިޔާ އަބްދުﷲ ބުނީ މި ހިދުމަތް އާންމުން ހޯދާނެ ކަމަށް ވަަރަށް ބޮޑަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން ފައިސާ މާރުކުރުމަކާ ނުލާ ތަކެތި ގަނެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ދިރާގު ޕޭ ހިދުމަތް ކުރިއަށް އޮތް ތަނުގައި ފުޅާކުރަން ވަނީ ނިންމައިފަ އެވެ. މިހާރު ވެސް އެޗްއައިއެޗް ފަދަ ރެސްޓޯރެންޓްތަކުން ދިރާގު ޕޭ ބޭނުންކުރެވެ އެވެ. މި ވަގުތު ދިރާގު ޕޭގެ ހިދުމަތް ފޯރުކޮށްދޭ މާޗެންޓުންގެ އަދަދު 170 އަށް ވުރެ ގިނަ އެވެ. އަދި 60 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.