ފަތިސް · 04:53

ރަށް-ނާމާން-ރޭ

ގިސްލައި ކަރުނަ އަޅަމުން މަންމަ އަހަރެންގެ ބޮލު ފުނާ އަޅައި ނަލަ ހައްދަނީ އެވެ. އިރުއިރުކޮޅުން ކަރުނަތައް ފޮހެލަ އެވެ. ހުވަނދު މަލުގެ ތާސީރުން އެއްވަސް ވެފައިވާ ކާށިތެލުން އޮފުކޮށްލާފައި އޮތް އިސްތަށިގަނޑުގެ ފަހަތަށް ހުޅިއެއް ޖަހާލައި، އެ ހުޅީގެ ތެރެއަށް ހަރުކޮށްލި ތާޒާ ގުލްޗަމްޕާ މަލަކުން ފުރިހަމަކޮށްލި އެވެ. ހުރި ހަމައެކަނި އަންހެން ދަރި ލިބާހަށް ހެޔޮވަރުވެ ކެހިވެރި ލޯތަކަށް ފޮރުވަން ޖެހިފައި ވަނިކޮށް އެ ދަރި މުޅި އުމުރަށް ގެއްލިގެންދާތީ ހިތް ކުދިކުދި ވެފައި ހުރި މަންމަގެ ލޮލުން ކަރުނައެއް ނުހިކެ އެވެ. އެކަމަކު ބޮޑުއަށީގެ އެއްކޮޅުގައި ދޮޅިން އަތް ނުނެއްޓިފައި އިން ބައްޕަގެ މޫނުމަތީގައި އެއްވެސް އިހްސާސެއް ނެތެވެ. ދަރިފުޅާއޭ، ބައްޕަ އަށް ކޮށްދެވޭނެ ކަމެއް ނެތޭ، މާފުކުރާށޭ ބުނާ ކަހަލަ އެވެ.


އަސުރުން އޮބާލައި އިރު ފެނު ޖެހުމާ ގާތްވަނީ އެވެ. މުޅި ދުވަހު އުދުހި އުޅުނު ކާޅުތައް ވަރުބަލިވެގެން ނިދަން އަރައި ތިބެ ގޮވާ އަޑުގެ ތެރެއިން ފޭދިގެން އަންނަނީ މަންމަގެ ގިސްލުމެވެ. ރަށު ތެރެ އަނދިރިވަމުން ދިޔަ ވަރަކަށް ނާމާންކަމުގެ އިހްސާސް ދިޔައީ ގަދަވަމުންނެވެ. ހީކަރުވައި މޭ ތެޅެން ފެށި އެވެ. ބުދު ކޮއިލަށް އަހަރެން ގެންދާނެ އެވެ. އެތާ އިންނަން ޖެހޭނީ އެކަންޏެވެ. ރަންނަމާރި އަރާނެ އެވެ. ފުރާވަރު ކުދިންގެ ތެރެއިން ގުރުއަތުން ހޮވިގެން އެތަނަށް ގެންދިޔަ އެއްވެސް ކުއްޖަކު މިހާތަނަށް ސަލާމަތް ވެފައެއް ނެތެވެ. އަހަންނަށް ވެސް އޮންނާނީ އެގޮތެވެ.

ހަށިގަނޑުގައި ފުރާނަ ހުއްޓަސް މަރުވެފައި އިންދާ ދޮރުކަނީގައި ދެ އަތް އަޅައި އެތެރެއަށް ބޯ ދިއްކޮށްލީ ރަށުގައި އުޅޭ ފަރަންޖީ ދޮން މީހާ އެވެ. އިސްކޮޅުން ދިގެވެ. ހުދު ޖުއްބާގައި، ބޮޑު ތުނބުޅިއަކާ އެކު އޭނާ ފެންނަނީ ބިރުވެރި ގޮތަކަށެވެ. އޭނާ ކޮންމެވެސް ބަހަކުން އެއްޗެހިތަކެއް ކިޔުމާއެކު، ފަހަތުގައި ހުރި މީހަކު އެ އެއްޗެއް ފަހުމުކޮށްދިނެވެ. އެމީހާ ބޭނުންވަނީ މަންމަ އާއި ބައްޕައާ ވާހަކަ ދައްކާށެވެ. އަހަންނަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް، އެތެރެގޭތެރެއިން މަންމަ އާއި ބައްޕަ ނުކުތެވެ. އަހަރެން ގޭތެރޭގައި ބައިންދާފައި އެ މީހުން ބޭރުގައި ތިބެ ވާހަކަތަކެއް ދެއްކި އެވެ.

***

ރަތްވިލާ އޮއްސި ރަށުތެރެއަށް ފިނި ޖެހުނު އިރު މަގެއްގެ މަތިން ހުރަސްކޮށްލާ ވަގު ބުޅަލެއް ނޫނީ، ދިރޭ ފުރާނައެއް ނުފެނެ އެވެ. ކަނު އަނދިރީގެ ތެރެއިން، ތެތް ފިނީގެ ވަޔާ ހޫރިލާ ކޮންމެ އެއްޗަކުން ސިފަވަނީ ބިރުވެރިކަމެވެ. ހީވަނީ ދެންމެދެންމެ އަރައި ކައިފާނެހެންނެވެ. ބުޅާ ކޯޅޭ އަޑާއި ނުނިދިގެން އުޅޭ ދޫނިސޫފާސޫފީގެ ޝަކުވާގެ ގޮވުންތަކާއި ކަންފަތް ދޮށުން ހޯއް ގޮވަމުން އުދުހޭ މަދިރީގެ އަޑުން ނާމާންކަން ނޫނީ ހިތަކަށް ނުވަދެ އެވެ. ކުއްލިކުއްލި އަށް ޖެހިލާ ފިނި ރޯޅިތަކުން ދަނީ ސިހިގެންނެވެ.

ރަންނަމާރީގެ ހަދިޔާ ހިފައިގެން ބުދު ކޮއިލަށް ދާން ރަސްގެފާނު ކަނޑައަޅާފައިވާ މީހުން ނޫނީ އެންމެން ތިބީ ގެތަކަށް ވަދެ ބަންދުވެފަ އެވެ. ގަންނާކުރައްވާ ބިރުން ބޭރަށް ބޯދިއްކޮށްލަން ކެރޭ މީހަކު ވެސް ނެތެވެ. ދަންމަރެއް ރޯކޮށް، އެ ހިފައިގެން ހުރި މީހާގެ އާރުކާޓީ ކަމުގައި އަހަރެން ހިނގައިގަތީ ރޮއެރޮއެ ކަރުނަ ހުސްވެ ގަބުވެފައި ތިބި މަންމަ އާއި ބައްޕަ އަށް ފަހުގެ ސަލާން ކޮށްފަ އެވެ. އެ ދެ މީހުން ބަޑި ފަޅައިގެން ދިޔަ އެވެ. އެހެންނޭ ކިޔާފައި ކުރެވޭނެ ކަމެއް ނެތުމުން ހިންދިރުވާލާފައި އަހެރެން ދިނީ ފުރަގަހެވެ. ރަސްގެފާނުގެ އައުވާނުންނާ އެކު ބޮޑު މަގުން ބުދު ކޮއިލަށް މިސްރާބު ޖެހީމެވެ. އިރުމަތީ ފަރާތު މޫދަށްވާ ގޮތަށް ހުރި ކޮއިލު އޮތީ ދަންމަރުތަކުން ދިއްލައި އަޅައިފަ އެވެ. ވައްތަރުވައްތަރަށް ހިރިގަލުގައި ކަނޑައި ނަގައިގެން ހަދާފައިވާ ބުދުތައް، ދަންމަރުތަކުގެ ނަށާ އަލިފާނުގެ ތެރޭގައި ހީވަނީ ހަރަކާތްކުރާހެންނެވެ. ބޮޑު ދިޔާގައި ގޮނޑުދޮށަށް ޖަހާ ރާޅުތައް ކޮއިލުގެ ދޮރުމައްޗަށް ދަމާލަ އެވެ.

ހިރިގަލުން ހަދާފައި ހުރި އައްޓެއްގެ މަތީގައި އަހަރެން ބައިންދާފައި އެންމެން ހިނގައްޖެ އެވެ. ދެ މީހަކަށް އޮށޯލެވޭ ވަރުގެ އައްޓެކެވެ. އެކަމަކު އަމުރުކޮށްފައިވާ ގޮތަށް، ނަލަކަން ހާމަކޮށް ދައްކައިގެން އިށީނދެގެން އިނީ އެވެ.

ގަނޑުވަރުން އައި އެންމެން ގޮސް، ހިލަމެއް ނުވާ ހިސާބަށް ދިއުމާ އެކު ކޮއިލުގެ ބޮޑު ބުދުގެ ބިއްދޮށުން ހުދު ހެދުމުގައި ހުރި މީހަކު ހަރަކާތްކޮށްލިހެން ހީވެ ސިހިފައި ފުންމައިގެން ތެދުވެވިއްޖެ އެވެ. އެއީ އިރު އޮއްސުނު ވަގުތު ގެޔަށް އައި ޖުއްބާ ލީ މީހާކަން އެނގެން ހިނދުކޮޅެއް ވެސް ނުނެގި އެވެ. ރަންނަމާރި އަކީ މިއީބާވައޭ ހިތަށް އެރި އެވެ. އެކަމަކު އެ މީހާ އެންގީ އަށިމަތީގައި އޮށޯވެ ނިދާލުމަށެވެ. އޭނާ ނުނިދާ، ރަންނަމާރީގެ އިންތިޒާރުގައި އިންނާނެ ކަމަށް އަތްފައިން ވައްތަރު ޖައްސަމުން ފަހުމުކޮށްދިނެވެ. އެއީ އަހަރެމެންނާ ވާހަކަ ދައްކާނެ ބަހެއް ދަންނަ މީހެއް ނޫނެވެ.

ލޯ މަރައި ތަގުޅިކޮށްގެން އޮތަސް ނިދޭނީ ކިހިނެއްހެއްޔެވެ؟ ރަންނަމާރި އަރައި އަހަރެން ޝިކާރަކުރާނެ އެވެ. ގޮތް ނޭނގޭ މީހަކު ކައިރީގައި އެބަ އިނެވެ. ރަންނަމާރި އަކީ އެއީ ނޫން ކަމެއް ވެސް އެނގެނީއެއް ނޫނެވެ. އެކަމަކު އެ މީހާ އިރުކޮޅަކުން ފޮތެއް ނަގައި ރީތި ރާގެއްގައި އެއްޗެހިތަކެއް ކިޔަވާން ފެށި އެވެ. އެއީ ކޮންމެ އެއްޗަކަށް ވިޔަސް ހިތަށް ލިބުނީ ފިނިކަމެވެ. އަމާންކަމާއި ރައްކާތެރިކަމުގެ އިހްސާސްތަކުން ބިރު ފިލައިދިޔަ އެވެ. އެކަމަކު ނިންޖަކާ ނުވި އެވެ.

ދެތިން ފަހަރަކު ނިދި ޖެހި ދެބަދޭތެރެވި ވަގުތު ބުދު ކޮއިލާ ދިމާލު ފަރު ބޭރުން ދިއްލައި އަޅާފައި އޮތް އެއްޗެއް ފެނިއްޖެ އެވެ. ހީވަނީ ފާނޫޒު ބައްތިތަކެއް އެލުވާފައި ހުންނަ ހެންނެވެ. ދެފަރާތަށް އަރިވަމުން ކައިރިވަމުން އައިސް ވަކި ހިސާބަކުން ހުއްޓިއްޖެ އެވެ. ރަށުތެރޭ ކިޔާ ގޮތުން ނަމަ އެއީ ރަންނަމާރި ނޫން އެހެން އެއްޗެއް ނޫނެވެ. އޭގެ ހަށިގަނޑުގައި ވަނީ އަލިފާނެވެ. އެހާ ބިޔަ އެވެ. އެއާ އޮޅުލައި ގަދަވާނެ އިންސާނަކު ނުހުންނާނެ އެވެ. އެކަމަކު އެ އެއްޗެއް ރަނގަޅަށް ސިފަވާ ވަރަށް ގާތެއް ނުވި އެވެ. ފަރު ބޭރުގައި ހުއްޓުނީ އެވެ.

ފަހު ވަގުތުކޮޅު ގުނެން ފެށިކަމުގެ އިހްސާސްވި އެވެ. މަންމަ އާއި ބައްޕައާ އެކު ހޭދަވި އުފާވެރި ހުރިހާ ވަގުތެއް ލޯމަތީ ތަމްސީލްވަމުން ދިޔަ އެވެ. ބިރު ގަންނާން ވެސް ނޭނގިފައި އޮއްވައި ކޮއެލުގެ ދޮރުމައްޗަށް މީހަކު ހުއްޓިއްޖެ އެވެ. އެ މީހަކު ހުރީ ބޮލަށް އެއްޗެއް ފައްތައިގެންނެވެ. ކާކު ކަމެއް ނޭނގެ އެވެ. އެއާ އެކު ކޮއެލުގައި ކިޔަވަން އިން މީހާ ރާގު ލާފައި އަޑު ހަރުކޮށްލި އެވެ. ކޮއިލަށް ވަންނަން އައި މީހާ ސިހިފައި ދުއްވައިގެންފި އެވެ. އެކަމަކު އޮޅިމަތިން ކައްސާލައި އަނގަވަތަށް ވެއްޓުނު ވަގުތު، ކޮއިލުގައި އިން މީހާ ދުވެފައި ގޮސް އޮބިއަޅައި ހިފެހެއްޓި އެވެ. އެ ދެ މީހުން ބައްދައި ބިންމައްޗަށް ވައްޓަމުން ދުވަމުން މާދުރަށް ގޮސް ގެއްލިއްޖެ އެވެ.

ތަންމިނަށް އަނގަ ހުޅުވައިގެން ހުތުރު ބިރުވެރި ސިފަތަކަށް ހުރި ބުދުތަކުގެ ތެރޭގައި އަހަރެން އެކަނިވެ ގޮތް ހުސްވެއްޖެ އެވެ. ފަރު ބޭރުގައި ހުރި ރަންނަމާރި ވެސް މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ގެއްލިއްޖެ އެވެ. ގޮނޑުދޮށަށް ޖަހާ ރާޅެއްގެ އަޑު ނޫނީ ނީވެ އެވެ. ވަށައިގެން އަނދިރިކަމެވެ.

***

ކުއްލިއަކަށް ހޭލެވިއްޖެ އެވެ. މިއޮތީއޭ، ބަލައިބަލާށޭ އެ މަންޖެ މިއޮތީއޭ ގޮވަނީ އެވެ. އެރި އިރާ އެކު ކޮއިލު އޮތީ ރަށު ރައްޔިތުން ވަދެ ފުރި ބާރުވެފަ އެވެ. އެންމެން އުޅެނީ ހައިރާންވެ އަންތަރީސް ވެގެންނެވެ. މުސީބާތަކަށް ވެފައިވާ ރަންނަމާރީގެ ކިބައިން އަހަރެން ސަލާމަތްވި ގޮތެއް ނޭނގިގެންނެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން މަންމަ އާއި ބައްޕަ ނުކުމެ، ކަމަނާއޭ ގޮވަމުން އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އިސާހިތަކު ހަވަރު ބޭކަލުން ވަދެ އެންމެން އެތަނުން ބޭރުކޮށް އަމާންކޮށްފި އެވެ.

ހަވަރު ބޭކަލުން އެންގެވީ ކަން ވެގެން އުޅޭ ގޮތް ރައްޔިތުންނަށް އަންގަވާނީ ރަސްގެފާނު ކަމަށެވެ. އޭގެ ކުރިން ބަހެއް ނުކިޔަން އިންޒާރު ދީފައި އެ މީހުން ދޮރުމަތީ ފޯރި މަރަން ފެށި އެވެ. އިރުކޮޅަކުން އިވެން ފެށީ ސަންގުގެ އަޑެވެ. ގަނޑުވަރު ދޮށަށް އެންމެން އެއްވާންޖެހުނީ އެވެ.

ސަންގު ފުމެ ނުނިމެނީސް ރައްޔިތުން އެއްވެ ގަނޑުވަރު ދޮރުމަތި ފުރާލައިފި އެވެ. ތުނބުޅިލީ ފަރަންޖީއާ އެކު ރަސްގެފާނު ހުންނެވީ ދޮރުމަތީގައި ހުރި ބިޔަ މޫނިމާ ގަސްދޮށުގެ ހިޔަލުގަ އެވެ. ރަސްކަލެއްގެ ހައިބަތެއް ނެތެވެ. ރަސްކަލަކީ ޖުއްބާގައި ހުރި މީހާ ހެން ވެސް ހީވެ އެވެ. ރަސްގެފާނު އަދަބު އިހްތިރާމް އަދާކުރައްވަނީ އެ މީހާ އަށެވެ. ސުވާލުތައް ގިނަވެ ކުދި ކިޔަމުން ދިޔަ ރައްޔިތުން، ރަސްގެފާނު އަތް ހިއްލާލެއްވުމާ އެކު ހިމޭންވެލި އެވެ. ވާހަކަފުޅު ފެއްޓެވީ ރަންނަމާރީގެ ކިބައިން ރަށް ސަލާމަތްވެއްޖެކަން އިއުލާނުކުރައްވަމުންނެވެ.

މި ހުންނެވި ކަލޭގެފާނު އަހަރެމެން މުސީބާތުން ސަލާމަތްކޮށްދެއްވައިފިއޭ، އެކަމަކު ރަންނަމާރީގެ ބިރުވެރިކަމާއި ބަލާވެރިކަން ތާ އަބަދަށް ފިލައި ދާނީ މި ކަލޭގެފާނުގެ ދީނަށް އަހަރެމެން ތަބާވެގެންނޭ ހަރު އަޑުން ވިދާޅުވި އެވެ. ރަސްގެފާނު އެ ދީނެއް ގަބޫލުކުރައްވައިފި ކަމަށާއި އެއީ އިސްލާމް ދީން ކަމަށް ވެސް އިއުލާނުކުރެއްވި އެވެ. ދެން އެންގެވީ އެ އަރަބި ކަލޭގެފާނުގެ އަތްމައްޗަށް އެންމެން އިސްލާމް ވުމަށެވެ.

މޫނިމާ ގަހު ތެރޭ ދެ ކާޅެއް ފުންމަމުން ތޮޅެމުން ގޮވާ އަޑު ނޫން ހުރިހާ އަޑެއް ހިނދުކޮޅަކަށް ކެނޑުނެވެ. އިރުކޮޅަކުން، އެއްވެ ތިބި މީހުންގެ ތެރެއިން ޖެހިލުން ކުޑަ ދެތިން މީހަކު އެއްފަހަރާ އަޑުގަދަކޮށްލި އެވެ. ކާބަފައިންގެ ދީން ދޫކޮށްލެވޭނީ ތިޔަ ވެގެން އުޅޭ ގޮތެއް އެނގިގެންނޭ، ތިހެން ބުނެލާއިރަށް ދީން ބަދަލެއް ނުކުރެވޭނެ ގޮވަތްޕެވެ. އެއާ އެކު އެއީ ތެދެކޭ، ބުނާށޭ، ކިޔައިދޭށޭ އެންމެން އެއް އަޑަކުން ގޮވައިފި އެވެ.

ނުބައި ހުރިހާ ކަމަކުން ސަލާމަތްވާން އޮތީ މި ދީނުގައި އޮތް ގޮތަށް އުޅެގެންނޭ، ރަންނަމާރިން އުފެދެނީ ވެސް އެ ދީނާ ދުރުވުމުންނޭ މި ހުންނެވި ކަލޭފާނު ރޭގައި ރަންނަމާރިއާ ކުރިމަތިލައި ފައްސާލައިފިއޭ ވިދާޅުވެ ރަސްގެފާނު ލައްކަ ވާހަކަ ދެއްކެވި އެވެ. އެންމެން ހައިރާންވެ އެކަކު އަނެކެއްގެ މޫނަށް ބަލަބަލާފައި ފަހަރަކު މީހަކު އެ ކަލޭފާނަށް ކުރުނީސްކުރަން ފެށީ ކިޔަމަންތެރިކަމާ އެކުގަ އެވެ. ރަސްގެފާނު އެންގެވި ގޮތަށް އެންމެން ތަބާވީ ސުވާލު ގިނަ ނުކޮށެވެ. އަހަރެން މަންމަގެ ފަސްބައިގައި ހިފައިގެން މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހުރީ، ރަސްގެފާނުގެ އަމުރަށެވެ. އެ ވާހަކައެއް ނުދެއްކޭނެ އެވެ. ކޮއިލުގައި ވީ ގޮތެއް ވިސްނޭ ވަރަށް ވުރެ އަހަރެން މާ ޅަ އެވެ. -- ނިމުނީ --

ނޯޓް: މި ހިޔާލީ ވާހަކައިގެ އަސްލަކަށް ބެލީ ރާއްޖެ އިސްލާމްވީ ގޮތާ ބެހޭ ގޮތުން ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކަ އެވެ. މިއީ ތާރީހީ ހާދިސާތަކެއް ނޫނެވެ. ހަމައެކަނި ހިޔާލުތަކެކެވެ.