މެންދުރު · 12:05

ރޯދައިގެ ތިން އިނާމު: ބޮޑުވެގެންވާ ފުރުސަތެއް

ރަމަޟާންމަހުގެ ބަރަކާތާއި މާތްކަމުގެ ތެރެއިން ﷲ ގެ ޙަޟްރަތުން ވަރަށް މަތިވެރި އިނާމުތަކެއް ހާޞިލުކުރެވެން އޮވެ އެވެ. މިގޮތުން އެންމެ ޚާއްސަ ތިން އިނާމަކީ ﷲ ގެ ރަޙުމަތާއި ފާފަ ފުއްސެވުމާއި ނަރަކައިން މިންޖުވެވެން އޮތުމެވެ. މި ތިން ކަންތައް ހާސިލުކުރެވިއްޖެ ނަމަ، އާޚިރަތަށްޓަކައި މަސައްކަތް ކުރާ މީހަކަށް ދެން އިތުރަށް ބޭނުންވާނެ އެހެން އެއްވެސް ކަމެއް ނޯންނާނެ އެވެ.


ސަލްމާނުލްފާރިސީގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައިވާ ގޮތުން ރަމަޟާންމަހުގެ ފުރަތަމަ ކޮޅުގައި ވަނީ ރަޙުމަތެވެ. މެދުތެރޭގައި ފާފަ ފުއްސެވުމެވެ. ފަހުކޮޅުގައި ވަނީ ނަރަކައިން މިންޖު ވުމެވެ.

މިއީ ސަނަދުގެ ގޮތުން (ރިވާކުރެވިފައިވާ ގޮތުން) ބަލާއިރު ނިކަމެތި ހަދީސަކަށް ވިއަސް އަދި މި ހަދީސްގެ މަތުނުގައި (ހަދީސްގައި ބުނާ އެއްޗެއްގައި) ބައެއް ކޮރުކަން ހުއްޓަސް މި ހަދީސްގައި ހިމެނޭ ގިނަ ކަންކަމަށް އެހެން ހަދީސްތަކުން ބާރު ލިބެ އެވެ. މިގޮތުން ހަދީސްގައި ބަޔާންވެފައި އެވާ ގޮތަށް ސީދާ އެކި ދިހަތަކަށް ބެހިގެން ނޫނަސް ހަމަ ޔަގީނުން ވެސް ރަމަޟާންމަހުގައި ރަޙުމަތާއި ފާފަ ފުއްސެވުމާއި ނަރަކައިން މިންޖުވުން އޮންނަކަން އެތައް ގޮތަކުން ސާބިތު ވެއެވެ.

ﷲގެ ރަހުމަތް

މިގޮތުން ރަމަޟާންމަހު ﷲ ގެ ރަޙުމަތަށް ބަލައިލަމާ ހިނގާށެވެ! އެތައް ސަބަބުތަކަކަށްޓަކައި ﷲ ގެ ރަޙުމަތް މި މަހު ވަރަށް ވެސް ތަނަވަހެވެ. އެއް ސަބަބަކީ އެހެން ހުރިހާ މަސްތަކަށް ވުރެ މި މަސް މާތް ވެގެން ވުމެވެ.

ދެވަނަ ކަމަކީ މި މަހު އެއް ހާސް ރެއަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި އައުމެވެ.

ތިން ވަނަ ކަމަކީ މި މަސް ފެށުމާ އެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުވުމެވެ. މުރާދަކީ ސުވަރުގެ ހޯދަން މަސައްކަތް ކުރާ މީހަކަށް ފަސޭހަކަމާ އެކު މި މަހުގައި އެކަން ކުރެވޭނެ ކަމެވެ. އަދި ނަރައިން ސަލާމަތްވާން މަސައްކަތް ކުރާ މީހަކަށް އެކަން ކާމިޔާބު ކުރެވޭނެ ކަމެވެ.

ހަތަރުވަނަ ކަމަކީ ޝާއިޠާނުންތައް ކަސްތޮޅު އެޅުވުމެވެ. މީގެ މުރާދަކީ އިންސާނާ ނުބައި މަގުން ގެންދިއުމަށް ޝައިޠާނާއަށް ލިބިގެންވާ ބާރުތައް އެމަހުގައި ކުޑަވެގެން ދިއުމެވެ.

ފަސްވަނަ ކަމަކީ ތައުބާގެ ދޮރުކޮޅުތައް އެހެން މަސްމަހާ ޚިލާފަށް ބޮޑަށް ހުޅުވާލެވިފައި ވުމެވެ. ނަތީޖާއެއްގެ ގޮތުން ފާފަތައް ފުއްސެވި އެތައް ބައެއް ނަރަކައިން މިންޖުވެގެން ދެއެވެ. މިގޮތުން އެމަހުގެ ކޮންމެ ރެއަކު އެތައް ބައެއްގެ ތައުބާ ގަބޫލުކުރައްވައި ނަރަކައިން މިންޖު ކުރައްވާކަން ހަދީސުން އެނގެ އެވެ.

ހަވަނަ ކަމަކީ އެމަހުގައި ކުރާ ހެޔޮ ކަންތަކުގެ ސަވާބު ދިހަ ގުނައިގެ ބަދަލުގައި ހަތްދިހަ ގުނައަށް އިތުރުވުމެވެ.

ހަތްވަނަ ކަމަކީ ރޯދަ ފަރުޟު ކުރައްވާފައިވުމުން ރޯދަ ހިފުމަށް މަޖުބޫރުވެ ރޯދައިން ލިބޭ ރޫޙާނީ، ޖިސްމާނީ، އިޖުތިމާޢީ، ނަފްސާނީ އެތައް މަންފާތަކެއް ލިބިގެން ދިއުމެވެ.

ވަކިން ޚާއްޞަ ގޮތެއްގައި ތަޤުވާވެރިވުމެވެ. އެގޮތުން ނަފްސު ތާހިރުކުރެވި ކެތްތެރިކަން ވަރުގަދަ ކުރެވިގެން ދެއެވެ. ރޯދަ ފަރުޟު ކުރެއްވުމަށް ބާވާލެއްވި އާޔަތްތަކުން ﷲ ގެ ރަޙުމަތް ހާމަވެގެން ދެ އެވެ. މިގޮތުން ބަލިމީހުންނާއި ދަތުރުވެރިންނާއި މުސްކުޅިންނަށް ޚާއްޞަ ލުއިތަކެއް ދީފައި ވެ އެވެ. ދުވާލުގައި ޙަރާމް ކުރެވިގެންވާ ކެއިންބުއިމާއި ޖިންސީ ޝަހުވަތް ފުއްދުން ރޭގަނޑު ހުއްދަ ކުރައްވަ އެވެ. ރޯދައިގެ ބޭނުމަކީ ދަތިއުނދަގޫ ކުރުން ނޫން ކަމާއި ބޭނުމަކީ ތަޤުވާވެރިކަމަށް މީހާ ހޭނުވުން ކަން ބަޔާން ކުރައްވަ އެވެ. މިފަދަ އެތައް ކަމަކުން ރަމަޟާންމަހު ﷲ ގެ ރަޙުމަތް ހާމަވެގެންދެ އެވެ. މި ރަޙުމަތްތައް ފުރަތަމަ ދިހައެކޭ އެއްފަދައިން މުޅި މައްސަރަށް ވެސް ފެތުރެ އެވެ.

ފާފަ ފުއްސެވުން

ރަމަޟާންމަހުގެ ޚާއްޞަ ދެވަނަ އިނާމަކީ ފާފަ ފުއްސެވުމެވެ. މިކަން މެދު ދިހައަށް ޚާއްޞަވެފައިވީ ނަމަވެސް ރަޙުމަތެކޭ އެއްފަދައިން މުޅި މައްސަރުގައި ވެސް ﷲ ގެ އިޒުނަޔާ އެކު މިކަން ހާސިލްކުރެވޭނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްތަކަށް ބަލާއިރު މި މައްސަރުގައި ފާފަތައް ފުހެވޭ އެތައް ސަބަބެއް ހިމެނެ އެވެ. މިގޮތުން އިސްވެ ގޮސްފައިވާ ހުރިހާ ފާފަތައް ތިން ކަމެއްގެ ސަބަބުން ފުހެވޭނެކަން ތަފާތު ތިން ހަދީސެއްގައި ބަޔާންކުރައްވަ އެވެ. އެއީ އީމާންތެރިކަމާ އެކު ﷲ ގެ ޙަޟްރަތުން ދަރުމަ ލިބޭނެކަން ކަށަވަރުކޮށްގެން އެމަހުގެ ރޯދަ ހިފުމާއި، އާންމުކޮށް ހުރިހާ ރެއަކު ރޭއަޅުކަން ކުރުމާއި، ޚާއްޞަކޮށް ލައިލަތުލްޤަދްރި ވިލޭރޭ ރޭއަޅުކަން ކުރުމެވެ. އަދި އެހެން ހަދީސަކުން ސާބިތުވާ ގޮތުގައި އެންމެ ބޮޑެތި ފާފަ ނުކުރާ ކަމަށް ވާ ނަމަ ކުރީ އަހަރުގެ ރަމަޟާންމަހުން ފެށިގެން މި އަހަރުގެ ރަމަޟާން މަހާ ހަމައަށް ކުރެވުނު ފާފަތައް ފުހެވިގެން ދާނެކަން ވެސް އެނގެ އެވެ.

ރަމަޟާން މަހުގައި ފާފަ ފުހެވޭ އަނެއް ސަބަބަކީ ތައުބާވުން އެމަހުގައި ލާޒިމު ކުރެވިފައި ވުމެވެ. ތައުބާވުމަކީ އަބަދުވެސް ކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް މާތްކަން ބޮޑުވެގެންވާ މައްސަރެއްގައި ތައުބާވުމުން އޭގެ މާތްކަން ވެސް ބޮޑުވެގެންދާނެ އެވެ. އަދި އިޖާބަ ކުރެއްވުން ވެސް ފަހިވާނެ އެވެ. ކީރިތި ރަސޫލާ ކޮންމެ ދުވަހަކު ސަތޭކަ ފަހަރު އިސްތިޣުފާރު ކުރައްވަ އެވެ. ވީއިރު އެހެން މީހުންނަށް މިކަން މާ އައުލާވެގެން ވެއެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ތައުބާނުވެ ތިބުމަކީ އަމިއްލަ ނަފްސަށް ވެވޭ އަނިޔާއެކެވެ. (އަލްޙުޖުރާތު 11) ވީމާ ތައުބާނުވެ ތިބުމަކީ މޮޔަކަމެކެވެ.

ނަރަކައިން މިންޖުވުން

ރަމަޟާން މަހުގެ ޚާއްޞަ ތިންވަނަ އިނާމަކީ ނަރަކައިން މިންޖުވުމެވެ. ވަކިން ޚާއްޞަކޮށް އެމަހުގެ ފަހު ދިހައިގަ އެވެ. މިގޮތުން ރަމަޟާން މަސް މި އުންމަތަށް ޚާއްސަވެގެންވާ ސަބަބުތައް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާއިރު އެ މަހުގެ އެންމެ ފަހު ރޭ ހުރިހާ ރޯދަވެރިންގެ ފާފަ ފުއްސަވަ އެވެ. އަދި ކުރިން ބަޔާންކުރި ފަދައިން ވަރަށް ޚާއްޞަ ތިން ކަމެއްގެ ސަބަބުން މި މަހުގައި (ޚާއްޞަކޮށް ފަހު ދިހައިގައި) ފާފަތައް ފުހެވިގެން ދެއެވެ. ފާފަ ފުހެވުމަކީ ނަރަކައިން މިންޖުވާން އޮތް އެންމެ ފަހި މަގެވެ.

ﷲ ގެ ރަޙުމަތާއި ފާފަ ފުއްސެވުން މި މަހުގައި އޮންނަ ފަދައިން މި މަހުގެ ކޮންމެ ރެއަކު (އަދި ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ކޮންމެ ރެއަކާއި ކޮންމެ ދުވަހަކު) ﷲ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެތައް ބައެއް ނަރަކައިން މިންޖު ކުރައްވަ އެވެ. މި މަހުގައި ނަރަކައިން މިންޖުވާން އެހީތެރިވާ ވަރަށް މުހިންމު ހަތަރު ކަމަކަށް ކީރިތި ނަބިއްޔާ ވަސިއްޔަތް ކުރައްވާފައި ވެސް ވެއެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "މި މަހުގައި ތިޔަބައި މީހުން ހަތަރުކަމެއް ގިނަކުރާށެވެ! އޭގެ ތެރެއިން ދެކަމަކީ އެ ދެކަމުގެ ސަބަބުން ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ދެކަމެވެ. އަނެއް ދެކަމަކީ ތިޔަބައި މީހުންނަށް އެއާނުލައި (މިންޖުވުމެއް) ނުވާނެ ދެކަމެވެ." މިގޮތުން ފުރަތަމަ ދެކަމެއްގެ ގޮތުގައި އެކަލޭގެފާނު ވަޞިއްޔަތް ކުރެއްވީ ޝަހާދަތް ކިޔުމާއި އިސްތިޣުފާރު ކުރުމެވެ. ދެވަނަ ދެކަމެއްގެ ގޮތުގައި ވަޞިއްޔަތް ކުރެއްވީ ސުވަރުގެ ދެއްވުމަށް އެދުމާއި ނަރަކައިން ސަލާމަތްވުމަށް އެދުމެވެ. މި ހަތަރުކަމުގެ ވެސް އާޚިރު ނަތީޖާ އަކީ ނަރަކައިން މިންޖުވުމެވެ. ސަބަބަކީ ޝަހާދަތް ކިޔުމުން ﷲ ގެ އެއްކައުވަންތަކަން ކަށަވަރު ކުރެވެއެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބެއެވެ.

އެކަލޭގެފާނު ހަދީސް ކުރައްވަނީ "މި މަހުގައި ތިޔަބައި މީހުން ހަތަރުކަމެއް ގިނަކުރާށެވެ! އޭގެ ތެރެއިން ދެކަމަކީ އެ ދެކަމުގެ ސަބަބުން ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ދެކަމެވެ. އަނެއް ދެކަމަކީ ތިޔަބައި މީހުންނަށް އެއާނުލައި (މިންޖުވުމެއް) ނުވާނެ ދެކަމެވެ." މިގޮތުން ފުރަތަމަ ދެކަމެއްގެ ގޮތުގައި އެކަލޭގެފާނު ވަޞިއްޔަތް ކުރެއްވީ ޝަހާދަތް ކިޔުމާއި އިސްތިޣުފާރު ކުރުމެވެ. ދެވަނަ ދެކަމެއްގެ ގޮތުގައި ވަޞިއްޔަތް ކުރެއްވީ ސުވަރުގެ ދެއްވުމަށް އެދުމާއި ނަރަކައިން ސަލާމަތްވުމަށް އެދުމެވެ.

ފާފަ ފުއްސެވުމަށް އެދުމުން ފާފަ ފުއްސަވަ އެވެ. ﷲ ގެ ރުހިވޮޑިގަތުމާއި ފާފަ ފުއްސެވުން ލިބިއްޖެ ނަމަ ނަރަކައަށް ވަނުމުގެ ފުރުސަތު ގެއްލެ އެވެ. ސުވަރުގެ އަށް އެދުމާއި ނަރަކައިން ސަލާމަތްވުމަށް އެދޭ އެދުން އެންމެ ފަސޭހައިން ފުދޭނީ ރަމަޟާން މަހުގަ އެވެ. ވަކިން ޚާއްޞަކޮށް އެމަހުގެ ފަހު ދިހައިގަ އެވެ. އަދި ލައިލަތުލްޤަދުރިއާ ދިމާވެއްޖެ ނަމަ ޔަގީނެވެ. ރަމަޟާން މަހު ނަރަކައިން މިންޖުވާ އަނެއް ސަބަބަކީ އެ މަހުގައި ޝައިޠާނުން ކަސްތަޅު އެޅި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުވާތީ އެވެ. މިއީ ހައްތަހާވެސް ނަރަކައަށް ވަނުމުގެ ފުރުސަތު ހަނިވާ ކަންކަމެވެ. އެހެންވީމާ ނަރަކައިން މިންޖުވާން މިއޮތީ ކޮންމެ މީހަކަށް ވެސް ފުރުސަތު ހުޅުވިފަ އެވެ. ބުއްދިވެރިޔަކީ މި ފުރުސަތުގެ ބޭނުން ހިފާ މީހެކެވެ.

ރަމަޟާން މަހުގައި ﷲ ދެއްވާ މި ޚާއްޞަ ތިން އިނާމު ލިބިގަތުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކުރަން ޖެހޭނެ އެވެ. ދެން އަންނަ ރަމަޟާން މަހަކަށް ފަސްކޮށްފި ނަމަ މި ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެކަކަށް ވެސް ނޯންނާނެ އެވެ.