ފަތިސް · 04:51

ހައިވަކަރު އަހުމަދުފުޅު: އަމީން އުފެއްދެވި ފުރަތަމަ ޖީލުގެ ގޯލްކީޕަރު!

މުންޑުގަނޑު އަރުވާޖަހައިގެން، ހެޔޮވަރުވަރަކަށް ދުފާލައިގެން ދަނޑަށް އަރައި، ފުއްޕާ ހަމެއްގައި ފޮތި އޮޅައިގެން ހަދާފައި އޮންނަ ބޯޅަ، ގައިގައި ހުރިއްޔާ ހުރި ބާރެއް ލައި، ވީހާ ވެސް މައްޗަކަށް ޖަހަނީ އެވެ. ރޭވުންތެރިކަމެއް ނެތެވެ. ކުޅިބަލާނެ ބަޔަކު ނެތެވެ. މިއީ 1940ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިން ފުޓްބޯޅަ ކުޅެން ފެށިއިރުގެ މަންޒަރެވެ.


ގައުމީ ފުޓްބޯޅަ މުބާރާތެއް ފައްޓަވައި، އަވަށު ކުޅިވަރު ކްލަބްތަކެއް އުފައްދަވައި އެ މަންޒަރުގައި ޒަމާނީ ކުލަ ޖައްސަވައި، ފުޓްބޯޅައާ ދިވެހިންގެ ލެޔާ ގުޅުވާލީ މުހައްމަދު އަމީން ދީދީ އެވެ. އޭރު ދިވެހި ދައުލަތް ހިންގެވުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނެވި އަމީން ދެން ކުރެއްވި އެންމެ މުހިއްމު މަސައްކަތްޕުޅަކީ، ސްރީ ލަންކާގެ ކޯޗެއް ކަމަށްވާ މައިކަލް ޑި ސިލްވާ ގެންނަވައި ދިވެހި ކުޅުންތެރިންނަށް ފުޓްބޯޅައިގެ އަސާސީ ހުނަރުތައް ދަސްކޮށްދެއްވުމެވެ.

އޭނާގެ ކޯޗިން ކިލާހުގައި ބައިވެރިކުރަން މަޖީދިއްޔާ ސްކޫލުން 1950 ގެ އަހަރުތަކުގެ ކުރީކޮޅު ނެގި 24 ކުދިންނަކީ ފުޓްބޯޅައިގެ ތަމްރީން އެންމެ ފުރަތަމަ ލިބުނު ދިވެހި ކުދިންނެވެ. އެކަމަކު އެއަށް ވުރެ ވެސް ކުލަގަދަކޮށް ފާހަގަކުރަން ޖެހޭ ކަމަކީ، އެ ކުދިންނަކީ، ކުޅިވަރަކީ މުޖުތަމައު އަށް އަހުލާގާއި ތަހުޒީބު ގެނެސްދޭ މުހިއްމު ވަސީލަތެއްކަން އިލްމީ ގޮތެއްގައި ދަސްކޮށްދެވުނު ދިވެހި ފުރަތަމަ ޒުވާނުންކޮޅަށް ވުމެވެ.

އެ ސްކޫލުން ގޯލްކީޕަރަކަށް ކުޅެން ނެގި މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) ގެ ސިކުނޑީގައި މިއަދު، އޭގެ 65 އަހަރު ފަހުން ވެސް، އެ ހަނދާންތައް ތާޒާކަމާ އެކު ރައްކާކުރައްވާފައި އެވަނީ އެ ހާއްސަ ސަބަބާ ހެދި އެވެ. ސިފައިންގޭގައި 28 އަހަރު ކުރެއްވި ހިދުމަތުންނާއި ދައުލަތަށް 30 އަހަރު އަދާކޮށްދެވި ޒިންމާ އިން އަދި ބިނާކުރެއްވި އާއިލާ އިން އޭނާ ދައްކުވައިދެނީ، ޒުވާން ދުވަސްވަރު ކުޅިވަރުން ލިބުނު ފިލާވަޅުތަކުގެ މުހިއްމު ކަމެވެ. އޭނާގެ ބޭފުޅެއް ކަމަށްވާ މައުރޫފް އަހުމަދު (މާއްޓޭ) އަކީ ބައްޕަ ފަދައިން، ގޯލްކީޕަރަކަށްވެ، ފުޓްބޯޅައިން ނަމޫނާ ހަޔާތެއް ބިނާކުރި މަދު ދިވެހިންގެ ތެރެއިން އެކެކެވެ.

މުހައްމަދު އަމީން (ކ) މައިކަލް ޑި ސިލްވާ އަށް ތަށި ދެއްވަނީ.

މާއްޓޭ ވިދާލި، ވިކްޓްރީ ސްޕޯޓްސް ކްލަބާއި އަދި އެއަށް ވުރެ ކުރިން ނަމަ މާލޭ ޓެނިސް ކްލަބާ ހަމައިން ދިވެހި ފުޓްބޯޅައިގެ ތާރީހު ލިޔެވި، އޭގެ ކުރި، ދިވެހިންގެ ސިކުނޑިތަކުން ފިލައިފައިވުމަކީ އަހުމަދުފުޅު މިއަދު ހިތާމަކުރައްވާ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ފުޓްބޯޅަ ބަދަލުކޮށްލައްވަން މުހައްމަދު އަމީން ކުރެއްވި މަސައްކަތްޕުޅު މިއަދުގެ ޒުވާނުންނަށް އެނގެން ޖެހެ އެވެ. އެމަނިކުފާނު 1948 ގައި ހަތަރު އަވަށުގެ ކްލަބްތައް އުފެއްދުމަކީ، އެ މަސައްކަތުގައި އެޅުއްވި ބިންގަލެވެ. މާފަންނު ފިޔާތޮށި ކްލަބާއި ގަލޮޅު ގްރީން ކްލަބާއި ހެންވޭރު ކުޅިވަރު ކްލަބާއި މައްޗަންގޮޅީ ކުޅިވަރު ކްލަބް އުފެއްދުމަކީ "މާލޭގެ ކޮންމެ އަވަށެއްގެ ޒުވާނުންނަށް ކުޅިވަރު ކުޅެ މުނިފޫހިފިލުވައި އުޅުމުގެ މުޅިން އައު މަގެއް ކޮށުން ކަމަށް" އޭރުގެ ކުޅުންތެރިޔާ މަރްހޫމް ނޮވެލްޓީ އަލީ ހުސެއިން ލިޔުއްވާފައިވެ އެވެ.

އަހުމަދުފުޅު ވެސް ވިދާޅުވީ ކުރިން ފަޅުކޮށް އޮތް ދަނޑު، އަވަށު ވާދަވެރިކަމާ އެކު ތޮއްޖެހުނު ކަމަށެވެ. މުހައްމަދު އަމީން އަވަށު ޓީމުތައް ހެއްދެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ވެސް އަވަށު ވާދައިގެ ތެރެއިން ފުޓްބޯޅައިގެ ފޯރި ގަދަކުރެއްވުމެވެ. މަޖީދިއްޔާގެ ދަރިވަރުންތަކަކަށް ތަމްރީން ދެއްވަން ނިންމެވީ އެ ކްލަބްތަކަށް ކުޅޭނެ ކުޅުންތެރިން އުފެއްދެވުމަށްޓަކަ އެވެ. އޭރު ލަންކާގެ ރެފްރީސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި ފުޓްބޯޅަ، ކްރިކެޓް، ހޮކީ، ބެޑްމިންޓަން އަދި ޓެނިހުގެ ހުނަރުވެރިޔާ ޑި ސިލްވާ ގެންނެވީ އެހިސާބުންނެވެ. މުހައްމަދު އަމީން ކިޔަވާވިދާޅުވީ ލަންކާގެ ސެއިންޓް ޖޯސެފް ކޮލެޖުގެ މުސްކުޅި ދަރިވަރު ވެގެންދިޔައީ ދިވެހީންގެ ފުރަތަމަ ފުޓްބޯޅަ އެދުރަށެވެ. ރާއްޖޭގެ ކޮންމެ ރަށަކުން މީހަކަށް ފުޓްބޯޅައިގެ ހުނަރުތަކާއި ރެފްރީކަމުގެ ތަމްރީން ދެއްވި އެވެ.

"މަޖީދިއްޔާގައި އޮންނަނީ [ތިއަރީ] ކިޔަވައިދިނުމުގެ ކްލާސް. [ޕްރެކްޓިކަލް] ތަމްރީންތައް ދެނީ ހެންވޭރު ދަނޑުގައި. ވިނަގަނޑުގައި ރިޔާ ފަތުރައިގެން އޭގެ މަތީގައި ގޮތްގޮތަށް ވެއްޓި ބޯޅަ ހިފާ ހެދުމުގެ ތަމްރީންތައް އޭނާ ދެމުން ދިޔައީ. ކުޅޭއިރު ވެއްޓި މަށައިގެން ހިނގައިދާނެތީ ރިޔާ ފަތުރާފައި އޮންނާނީ،" އަހުމަދުފުޅު ހަނދާންތައް އާކުރެއްވި އެވެ.

މަައިކަލް ޑި ސިލްވާގެ ކޯޗުކަމުގައި ކުޅުނު ކުޅުންތެރިންގެ ގްރޫޕް ފޮޓޯއެއް.

ޑި ސިލްވާގެ ތަރުޖަމާނަކަށް ހުންނަވަނީ، އަމީން ދީދީ ފެއްޓެވި އެ މަސައްކަތްޕުޅު ފަހުން ދަމަހައްޓަވައި "ދިވެހި ކުޅިވަރުގެ ބައްޕަ"ގެ ޝަރަފް ދިވެހިން އެ ބޭފުޅަކަށް ދެއްވި މުހައްމަދު ޒާހިރު ނަސީރެވެ. ކުޅިވަރު ކުރިއެރުވުމަށްޓަކައި 1950 ހިސާބުގައި އަމީން އުފެއްދެވި ކުޅިވަރު މުންޒަތަމްގެ ސެކްރެޓަރީކަން ވެސް ކުރެއްވި ޒާހިރު ނަސީރު، ޑި ސިލްވާ ދެއްވި ޑްރިބްލިންގެ އިރުޝާދެއް ތަރުޖަމާކުރައްވައި ވިދާޅުވީ "ފުޓްބޯޅަ ކުޅެމުން ދާއިރު ކުރަން ޖެހޭނެ ކަމަކީ ބޯޅަ ޖަހާފައި އަނެކަކު ގައިން ނައްޓާފައި ގޮސް ބޯޅަ ހޯދާ" ވާހަކަ އެވެ.

"އެހެން ޖަހާ ވާހަކަ ދެއްކެވީމާ މުހައްމަދު އަމީނު ވިދާޅުވީ، ޒާހިރު ތިހެނެއް ނޫނޭ ބުނާނީ. ތިއޮޅޭނީއޭ ތިހާ ދިގުކޮށް ކީމާ. އެކެއްގެ ހަރަކާތް އަނެކަކަށް އޮޅުވާލާނީއޭ ބުނާނީ،" ފުޓްބޯޅައިގައި މޫވްމަންޓް ގެންގުޅެން ޖެހޭ ގޮތް މުހައްމަދު އަމީން ވިދާޅުވެދެއްވީ އެހާ ވެސް ސާދާކޮށެވެ.

ޑި ސިލްވާ އޭރު ކުޅުވީ އާސެނަލްގެ އިނގިރޭސި ކޯޗު ހާބަޓް ޗެޕްމަން ތައާރަފްކުރި "ޑަބްލިއު-އެމް" ފޯމޭޝަނަށެވެ. ދިފާއުކުރަން ސެންޓަ ބެކަކާއި ދެ ފުލްބެކުން ތިބެފައި މެދުތެރޭގައި ދެ ހާފް ބެކުން ވެސް ތިބޭނެ އެވެ. މެދުތެރެއިން އެޓޭކަށް ތިބެނީ ދެ އިންސައިޑް ފޯވާޑުންނެވެ. އަދި ދެ ވިންގާއި ސެންޓަ ފޯވާޑެއް އެޓޭކުގައި ތިބެ އެވެ.

"ބޭރު ދެ ފޯވާޑުން އެތެރެއަށް ޕާސްކުރާއިރު، އެތެރޭގައި ތިބޭ މީހުން މެދަށް ވަންނާނީ. އެ ދެ މީހުންނަށް ނޭރިއްޖެއްޔާ ސެންޓަ ހާފް އަރާނީ. ގޯލް ސަލާމަތްކުރަން އަބަދުވެސް އެއް ބެކް އަރާނީ،" އޭރުގެ ރޭވުންތައް އަހުމަދުފުޅު ވިދާޅުވެދެއްވި އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރި ދުވަސް ކަމަށްވާ ޖެނުއަރީ 1، 1953 ގައި މައިކަލް ޑި ސިލްވާ (ކ) އާ އެކު އަހުމަދުފުޅު ނަންގަވާފައިވާ ފޮޓޯއެއް.

ބޯޅަ ކޮންޓްރޯލްކުރުމާއި ބޯޅަ ޝޫޓްކުރުމުގެ ތަމްރީންތައް ޑި ސިލްވާ ދަސްކޮށްދެމުން ދިޔައިރު، މުހައްމަދު އަމީން ވަނީ ފުޓްބޯޅަ ބޫޓާއި ޒަމާނީ ފެންވަރުގެ ބޯޅަ ހޯއްދަވައިދެއްވައިފަ އެވެ. މަތީގައި ހަންފޮތިތަކެއް ހަރުކޮށް ތިރިން، ބޫޓުގެ ތެރެ ފޫނާޅާ ވަރަށް ތިން މޮހޮރު ޖަހާފައި ހުންނަ އެ ބޫޓްތައް ލިބުމުން އާދަޔާހިލާފު އުފަލަކާއި ހިތްވަރެއް ލިބުނު ކަމަށް އަހުމަދުފުޅު ވިދާޅުވި އެވެ.

ތަމްރީންތަކަށް ފަހު، އަހުމަދުފުޅު ގުޅިވަޑައިގަތީ މައްޗަންގޮޅީ ކްލަބަށެވެ. އޭނާ އެ ކްލަބާ އެކު ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރައްވައި އަދި އެއް ވަނަ ކީޕަރުކަން ވެސް ހޯއްދެވި އެވެ. އަދި ހުރިހާ ކްލަބަކުން ހޮވާލެވޭ ކުޅުންތެރިންގެ "އެއް ވަނަ އެގާރަ" ޓީމަށް ވެސް ކުޅުއްވި އެވެ. އެއީ އެއް ވިސްނުމުން ބަލާއިރު ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމެވެ. ބައިނަލްއަގްވާމީ މެޗެއް ނުކުޅުނަސް، ހާއްސަ ޖާޒީ ބަޔެއް ހަދައި އެ ޓީމުން، މާލޭގައި މެޗުތަކެއް ކުޅުނެވެ.

"ހުރިހާ ޓީމަކުން ހޮވާލެވޭ ކުޅުންތެރިން އެ ޓީމުގައި ތިބެނީ. އެގޮތަށް ވޮލީބޯޅަ ޓީމެއް ވެސް އޮތް. މައިކަލް ޑި ސިޕްވާ ބޭނުންވި ވޮލީބޯޅަ ޓީމު މެޗެއް ކުޅެން ލަންކާ އަށް ގެންދަން. އޭނާ ބުނީ ލަންކާއާ ހަމަޔަށް ފޮނުވާށޭ. އޭރުން އެހެން ހުރިހާ ހަރަދެއް ދޭނަމޭ. އެކަމަކު ޓީމު ފޮނުވުމުގެ ހަރަދު ކުރާނެ ގޮތެއް ނުވެގެން އެކަން ނުވީ،" އަހުމަދުފުޅު ވިދާޅުވި އެވެ.

އަހުމަދު ފުޅު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެގޮތުގައި މަޑުމަޑުން ކުޅިވަރު ފުޅާވަމުން ގޮސް ކްރިކެޓާއި ހޮކީގެ މުބާރާތްތައް ވެސް ފެށި، އަހަރުގެ އެކި ހިސާބުތަކަށް ތިން ކުޅިވަރުގެ މުބާރާތްތައް ބަހާލި އެވެ. ފާމުދޭރިކިލެގެފާނާއި މުހައްމަދު ފަރީދު ދީދީގެ ކެޕްޓަންކަމުގައި ދެ ކްރިކެޓް ޓީމެއް އޭގެ ކުރިން އޮތަސް، ކްރިކެޓް ރަސްމީ މުބާރާތްތައް ބާއްވަން ފެއްޓެވީ މުހައްމަދު އަމީނެވެ.

އެ ފޯރީގައި މާ ގިނަ އަހަރުތަކެއް މައްޗަންގޮޅީ ޓީމަށް ކުޅުއްވުމުގެ ފުރުސަތެއް އަހުމަދުފުޅަށް ލިބިވަޑައެއްނުގެންނެވި އެވެ. އެއީ 1953 ގައި ސިފައިންގެ ހިދުމަތަށް ގެންދެވުމުންނެވެ. އެކަމަކު އޭނާގެ ނަސީބު ރަނގަޅެވެ. އަވަށު ކްލަބްތަކާ އެކު ވާދަކުރަން ނާދީތަމައްދުންގެ ކުޅިވަރު ކްލަބާއި މުސްކުޅި ތާލިބުންގެ ކުޅިވަރު ކްލަބާއި ކަސްޓަމުގެ ކުޅިވަރު ކްލަބާ އެކު ސިފައިންގެ ތެރެއިން ކުޅިވަރު ކްލަބެއް ވެސް އުފެދި އެ ކްލަބަށް ކުޅުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އެ ޓީމަށް ވެސް ގައުމީ މުބާރާތުގައި އޭނާ ފުޓްބޯޅަ ކުޅުއްވި އެވެ.

އެކަމަކު ސިފައިންގެ ޓީމާ އެކު ކުރެއްވުނު އެންމެ ހާއްސަ ތަޖުރިބާއަކީ އޭރު ރާއްޖޭގައި ގައުމީ ފެންވަރުގައި ނުކުޅޭ ކުޅިވަރެއް ކަމަށްވާ ރަގަބީ ކުޅުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. ސިފައިންނާއި ކަސްޓަމްސްއާ ދެމެދު ކުޅޭ އެ މެޗުތަކަށް މުހައްމަދު އަމީން ވަޑައިގެން ސިފައިންގެ ޓީމަށް ކުޅުއްވި އެވެ. އެކަމަކު މައްސަލައަކަށް ދިމާވަނީ އަމީން ދީދީ އަތްޕުޅަށް ބޯޅަ އެރުމާ އެކު، އެހެން ކުޅުންތެރިން ތަންދީ ދުރަށް ދާތީ އެވެ.

"އަމީން ވިދާޅުވާނެ އެހެން ނަހަދާށޭ. ތިމަންނާއަކީ ވެސް ކުޅުންތެރިޔެކޭ. ތިމަންނާ ގައިގައި ވެސް ބައްދަންވާނޭ. ތިމަންނާ އަތުން ވެސް ބޯޅަ އަތުލަން މަސައްކަތްކުރަންވާނޭ،" އަހުމަދުފުޅު ވިދާޅުވި އެވެ.

"އަމީން ކުޅުއްވާ ދުވަހަކު ވެއްޖެއްޔާ ދަނޑުގައި ހުންނާނެ ނިކަން ވަރުގަދަ މިއުޒިކެއް ޖަހާފައި. އެ އަޑު އިވުނީމާ މީހުން އަންނާނެ. ވަރަށް ކުޅިވަރުގެ ބޭފުޅެއް އެމަނިކުފާނަކީ."

އަހުމަދު ފުޅު (ކ) ސިފައިންގޭގެ ހިދުމަތުގައި.

މުހައްމަދު އަމީން އާލާކުރެއްވި ކުޅިވަރުގެ މާހައުލުން ލިބިވަޑައިގެންނެވި އިރުޝާދުތަކާ އެކު، ސިފައިންގޭގެ ޒިންމާ ބޮޑު މާހައުލަށް ބަދަލުވެވަޑައިގަތުމަކީ އަހުމަދުފުޅަށް އެއްވެސް މައްސަލައަކަށް ނުވި އެވެ. އޭނާ 1953 ގައި ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގެންނެވި އިރު އެއީ "ކިރިޔާ ހުކުރު ހަމަވާ" މުއައްސަސާއެކެވެ. އެންމެ އާދައިގެ ވަޒީފާ އިން ފެއްޓެވި އެ ދަތުރު 1978 ގައި ނިންމަވާލެއްވީ އޭރު ސިފައިންގޭގެ އެންމެ މަތީ ރޭންކް ކަމަށްވާ ކެޕްޓަނެއްގެ ގޮތުގަ އެވެ. އަސްކަރިއްޔާގައި ހޭދަކުރެއްވި 24 އަހަރުގެ ތަޖުރިބާއާ ބެހޭ ގޮތުން ސުވާލުކުރުމުން ތަކުރާރުކުރެއްވީ އެއް ވާހަކަކޮޅެކެވެ.

"ތަނަކުން ތަޖުރިބާ ހޯދަން ބޭނުންވާ މީހާ އަށް ލިބޭނީ ހުސް ތަޖުރިބާ" ކަމަށާއި "އެތަނުގައި ހޭދަކުރެއްވި ކޮންމެ ހިނދުކޮޅެއްގައި ވެސް މަސައްކަތްކުރެއްވީ އެހާމެ ޝައުގުވެރިކަމާ އެކު" ކަމަށް ވިދާޅުވި އެވެ.

"ސިފައިންގެ އަކީ ހަރުދަނާ ޑިސިޕްލިންއަކާއި ވަގުތަށް ކަމޭހިތުމާއި ވެރިންނަށް ކިޔަމަންތެރިވުމާއި އަދަބު އަހުލާގު ދަސްވާނެ ތަނެއް. އަޅުގަނޑުގެ ހިތުގައި ސިފައިންނާ މެދު އަބަދުވެސް ލޯބި އޮވޭ، މިހާރު ވެސް އޮވޭ،" އޭނާ ވިދާޅުވި އެވެ.

ނައިފަރު މަދަރުސަތުލް އިފްތިތާހުގެ 50 ވަނަ އަހަރީ ދުވަހު، އޭރު ޅ. އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި އަހުމަދުފުޅު (ކ) ރައީސް މައުމޫނާ އެކު.

އޭނާ 1978 ގައި ސިފައިންގެ އިން ވަކިވެވަޑައިގަތީ އޭރު ސަރުކާރުން އޭނާގެ ތަޖުރިބާ އެހެން ދިމަދިމާލުގައި ބޭނުންކުރުމަށެވެ. އެގޮތުން ޅ. އަތޮޅާއި މ. އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ވަރަށް ގިނަ ދުވަހު ކުރެއްވި އެވެ. އެހެންވެ އާއިލާއާ ދުރުގައި ހުންނަވަން ޖެހިވަޑައިގަތެވެ. އެހެންވުމާ އެކުމެ، ދަރިން ތަރުބިއްޔަތުކޮށް މީހުންނަށް ހެދުމުގެ ޝުކުރު އޭނާ އަދާކުރެއްވީ އަނބިކަނބަލުން ނަޖުމާ ހުސެއިނަށެވެ. ދިވެހިރާއްޖޭގެ އަޑުގެ ހުށަހެޅުންތެރިއެއްގެ ގޮތުން ދިވެހިންގެ ހިތްތަކާ ކުޅެލި އަޑުގެ ވެރިޔާ ނަޖުމާ އާއި އަހުމަދުފުޅަށް ލިބިވަޑައިގެންނެވި އަށް ބޭފުޅުން ވެސް އަންނަނީ މުޖުތަމައުއަށް އެކި ދިމަދިމާލުން ހިދުމަތްކުރައްވަމުންނެވެ.

އޭގެ ތެރެއިން ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ލީލާ އަހުމަދާއި ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު މިސްތޯހް (މިސްތޯ) އަކީ، ގަވާއިދުން މެރެތަން ދުވާ ދުވުންތެރިންނެވެ. އެކަމަކު އަހުމަދުފުޅަށް އެންމެ ހާއްސަ އުފަލެއް ލިބޭނީ ޔަގީނުން ވެސް މާއްޓޭގެ ފަރާތުންނެވެ. އޭނާ ފަދައިން ގޯލްކީޕަރަކަށްވެ، އަވަށު ކްލަބް ކަމަށްވާ ވިކްޓްރީ އަށް އެތައް ކާމިޔާބެއް ހޯދައިދިނެވެ. ފަހުން ކޯޗެއްގެ ގޮތުން ވެސް މެ އެވެ. އަދި ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީ ކަމަށްވާ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދި ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. އަހުމަދުފުޅު ވިދާޅުވީ "އަޅުގަނޑުގެ މައުރޫފް އެކަމުގައި ކުރިއަރައިގެން ދިޔައިމާ ވަރަށް ހިތްހަމަޖެހުނު" ކަމަށެވެ.

"ވަރަށް އުފާވޭ އިނގޭތޯ، އަޅުގަނޑު ވެސް ކުރި މަސައްކަތްތައްތާ އެއީ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ފުޅާއި އަނބިކަނބަލުން ނަޖުމާ، ކުދިންނާ އެކު އާއިލާ ގްރޫޕް ފޮޓޯއެއްގައި.

މިއަދު މާއްޓޭ ކުޑަކުދިންނަށް ތަމްރީންދޭ އެކަޑަމީއެއް ހިންގަ އެވެ. ފުޓްބޯޅަ ހިންގުމާއި މާކެޓްކުރުމުން މަތީ ފާސް ނަގައި، ރާއްޖޭގެ ފުޓްބޯޅަ އަށް ޒަމާނީ ބަދަލުތަކެއް ގެންނަން މުހިއްމު މަސައްކަތްތަކެއް ކުރެ އެވެ. ސުމަކުން ފަށައި މިއަދު ސަތޭކައާ ހަމަޔަށް އޭނާ އެ ދަތުރުކުރަނީ ކުޅިވަރުގެ މަގުގަ އެވެ. ކުޅިވަރުން ލިބުނު ފިލާވަޅުތަކުގެ އެހީގަ އެވެ.

"މިސާލަކަށް ކްރިކެޓަށް ބައްލަވާ. ވިކެޓް އެއީ ގައުމު ކަމަށް ބައްލަވާ. އޭގެ ދިފާއުގައި މީހަކު އެބަ ހުރޭ. އަނެއްކޮޅުން އެ ދުއްވާލަން ބޯޅަ އެއްލަނީ. ދެން ވަށައިގެން އެ ތިބަ މީހުންނަކީ އެ ދިފާއުކުރަން ތިބޭ މީހުން. އެގޮތަށް ބަލާއިރު އެހެރީ ވަރަށް ބައިވަރު ފިލާވަޅު ކުޅިވަރުތަކުން ނެގިފައި. ދެން މީގައި ރެފްރީ އަށް ކިޔަމަންވުން އެއީ ފުޓްބޯޅައިގައި ކުރަން ޖެހޭ ކަމެއް. ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމާއި އަމުރަށް ކިޔަމަންތެރިވުން، މިހުރިހާ ކަމެއް ކުޅިވަރުގެ ތެރެއިން ދަސްވޭ،" އަހުމަދުފުޅު، 86، ވިދާޅުވި އެވެ.

އަހުމަދުފުޅު ކުރީގެ ފޮޓޯތަކެއް ދައްކާލައްވަނީ: އެއީ އުފާވެރި އަދި އެތައް ފިލާވަޅުތަކެއް ލިބިވަޑައިގެންނެވި ދުވަސްތަކެއް ކަމަށް ވިދާޅުވޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު އޭނާ ވިދާޅުވީ "ރަންގަނޑެއް ލިބުނަސް އޭގެ ބޭނުންކުރަން ނޭނގޭ މީހަކަށް އެޔަކުން ބޭނުނެއް ނުހިފޭނެ" ކަމަށާއި "މާވަހަރު އެއީ ކޯޗެއްކަން ނޭނގިގެން އޮޔާލާފައި" ވެސް އެބަހުރި ކަމަށެވެ. އޭނާ އެ ވިދާޅުވި ބަސްފުޅު ގޮސް ގުޅުވާލަން ޖެހެނީ، ކުޅިވަރު ކްލަބްތައް އުފައްދަވައި އެ ކްލަބްތަކުގެ މެމްބަރުންނަށް މުހައްމަދު އަމީން ކުރެއްވި ވަސިއްޔަތާ އެވެ. ސަރުކާރުގެ ހަބަރުގައި އޭރު ޝާއިއުކުރި އެ ވަސިއްޔަތުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ކުޅިވަރު ކްލަބްތަކެއް އުފެއްދުމުގައި އޭނާގެ އެންމެ މުގައްދަސް މަގުސަދަކީ އަވަށުގައި ތިބި ޒުވާނުންގެ އަހުލާގު ރަނގަޅުކުރެއްވުމަށް ކަމަށެވެ. އެކަމަކު އެޔަކުން ފައިދާއެއް ނުކުރާނެ ކަމަށް ދުށް މީހުން ވެސް ތިއްބެވެ.

އެފަދަ މީހުންގެ ވާހަކަތަކަށް އިޝާރާތްކުރައްވައި މުހައްމަދު އަމީން ވިދާޅުވީ "މިކަން މި ފަށަނީ ދޭތިން އެކައްޗަށް ކަމާއި މެމްބަރުންގެ އަހުލާގު ރަނގަޅުކުރުމަކީ، ކުރެވިދާނެ ކަމެއްކަން، ދިވެހި އުއްމަތަށް ސާބިތުކޮށްދެއްވާނެ" ކަމަށެވެ. މިއަދު އެކަން އެ އޮތީ ސާބިތުވެފަ އެވެ. އަހުމަދުފުޅަކީ އެކަމުގެ ދިރިހުރި މިސާލެކެވެ!