މައުސޫޫމާ

މެންދުރުގެ އެންމެ ހޫނު ގަދަވެގެން އައި ވަގުތެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މަގުތަކުން ހަނިގޮތަކަށް ރެކެމުން އައިސް އުސް އިމާރާތެއްގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލައިފީމެވެ. ކުރިމަތީގައި އެ ހުރީ އެ ތަރިކައަކަށްޓަކައި ތާއަބަދުމެ އަހަރެން ފަޚުރުވެރިވާ އަހަރެންގެ ގެއެވެ. އަހަރެންގެ މުއްސަނދި ކަމުގެ ޗާލު ރަމްޒެވެ. އެ އިމާރާތުގެ ނަލަ ކަމާއި ރީތިކަމަކުން އަހަރެންނަށް ލިބުނު ރޫޙާނީ ހިތްހަމަޖެހުމެއް ނެތެވެ. ކާމިޔާބީ އަށް ޓަކައި ޒުވާން އުމުރުގެ އުފާތަކުގައި ކަސްތޮޅު އެޅުވުނީތީ އެވެ. އުމުރު ފަންސާހަށް ގޮސް ބޮލުމެދުން ފަތްކޮޅު ދިޔައިރު ވެސް، އިންނަން ކަމުދާ ކަހަލަ އަންހެން ކުއްޖަކާ ވެސް ކުޑަމިނުން އަހަންނަކާ ދިމައެއް ނުވި އެވެ.


"މިހާރު މި ހުރީ ގޭގަ! ހަތަރު ވަނަ ބުރިއަށް އަރާ އިނގޭ!.. ތަންކޮޅެއް އަވަސް ކޮއްލައްޗޭ!.." ލިފްޓަށް އަރަމުން، އެ ވަގުތު ރިންގުވި ފޯނު ކަންފަތުގައި ޖެހީމެވެ.

އަހަރެން ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގަ އެވެ. އެ ފަންގިފިލާގައި އިތުރު ދެ އެޕާޓްމަންޓް ހުންނާނެ އެވެ. އަހަރެން އިނީ އެތަނުން އަހަރެން އުޅޭ ބަޔާ ޖެހިގެން ހުރި އެޕާޓްމަންޓް ކުއްޔަށް ހިފަން އަންނަ ދެމަފިރިންގެ އިންތިޒާރުގަ އެވެ. އެގޮތުގައި ދިހަ ވަރަކަށް މިނިޓް ހޭދަވި ފަހުން ގޭގެ ބެލްޖެހި އަޑު އިވުނެވެ.

އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. އެ ވަގުތު އަހަރެންގެ ފިޔަވަޅުތައް ބިމުގައި ރަނގަޅަށް ހަރުލި ކަހަލަ އެވެ. ދުލުގައި ތަޅެއް ލެވި ހިއްސުތައް ގަނޑުކުރުވި ފަދަ އެވެ. ކުރިމަތީގައި ތިބީ ބަލާ ބެލުމަށް ވިއްސަކަށް އަހަރުގެ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން އަހަރެންގެ ލޮލުގެ ދުރުމިއަށް އެރީ ހަމައެކަނި ފަހަތުގައި އިސްޖަހާލައިގެން ހުރި ރީތި އަންހެން ކުއްޖާ އެވެ. ޒައިތޫނި ކުލައިގެ ދިގު އިސްތަށިގަނޑާ ގުޅޭ ބަދަންކުލައިގެ ތުނި މޫނެކެވެ. ލައިގެންހުރި ހުދުކުލައިގެ ގަޔަށް ދޫ އަތްދިގު ބްލައުޒްގައި އެ ކުއްޖާ ފެންނަލެއް ސާދާވެފައި ހިތްގައިމު ގޮތެއް ހުއްޓެވެ.

"އަހަންނަކީ ނާސިހު! މިއީ އަހަރެންގެ އަންހެނުން މައުސޫމާ..!" ފިރިހެން ކުއްޖާ ސަލާމަށް އަތް ދިއްކޮއްލުމުން އަހަރެން އެ އަތުގައި ހިފީމެވެ.

"ވަސީމް!" ތައާރަފުވަމުން އަހަރެން ސަލާމް ކޮށްލީމެވެ.

އެ މީހުން އެ ޕާޓްމަންޓް ބަލަމުން ދިޔައިރު ވެސް، އަހަރެންގެ ދަހިވެތި ބެލުންތައް ހުރަހެއްނެތި މައުސޫމާ އަށް އަމާޒުކުރަމުން ދިޔައީމެވެ. އަހަރެން އެ ގޮތަށް އޭނާ އަށް ނަޒަރު ސީދާކޮށްގެން ހުއްޓައި ކިތަންމެ ފަހަރަކު އޭނާ އާ ހަތަރުކަޅި ހަމަ ވެސް ވިއެވެ. ނަމަވެސް ވަސްވާސްވެ ޚަރާބުވަމުންދިޔަ އަހަރެންގެ ނިޔަތުގެ ނުބައިކަން އޭނާ އަށް ނޭނގުނީ ކަންނޭނގެ އެވެ. ނޫނީ އެކަން ކަމަކަށް ހަދާ ވަރަށް ވުރެ އޭނާ މައުސޫމްވެފައި، ހިތް ސާފީ އެވެ.

އޭގެ އަނެއް ދުވަހު މައުސޫމާމެން އެ އެޕާޓްމަންޓަށް ބަދަލުވި އެވެ. ނާސިހަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހެޔޮލަފާ ފިރިއެކެވެ. ލޮލަށް ފެނުނު މަންޒަރުތަކުން އަހަންނަށް ސިފަވިގޮތަކީ އެއީ އެވެ. ކޮންމެ ދުވަހަކު ހެނދުނު އަށެއް ޖެހުމުގެ ވިއްސަކަށް މިނިޓް ކުރިއަށް ޓައީ އަޅައި ނަލަވެގެން އޮފީހަށްދާން އޭނާ ނިކުންނާތީ އަހަރެން ދެކެމެވެ. އޭނާ އޮފީހަށް ދާ ގަޑިއާ ދިމާވަނީ އަހަރެން ޖޮގިން ނިންމާފައި ގެއަށް އަންނަ ގަޑިއާ އެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަންނާއި ނާސިހުމެންނާ ދެމެދު ގުޅުން ބަދަހިވަމުން ދިޔަ އެވެ. އަހަންނަކީ އެ މީހުންގެ ބައްޕަގެ އުމުރުގެ މީހަކަށްވާތީ އެ އިހުތިރާމް އެމީހުން ކިތަންމެ ރަނގަޅަކަށް ވެސް ދިޔައީ އަދާކުރަމުންނެވެ. ބަދަލުގައި އަގުބޮޑު ހަދިޔާތަކާއި އަހަރެންގެ މުދާވެރިކަން ދައްކައިގެން މައުސޫމާގެ ހިތުގައި އަހަންނާ މެދު ޝުއޫރުތަކެއް އާލާކުރެވޭތޯ އަހަރެން ބެލީމެވެ.

އަހަރެންގެ މަކަރުވެރި ހިތުގެ ރޭވުންތައް ކާމިޔާބާ ދިމާއަށް މިސްރާބުޖެހީ އަހަރެން ބަލަބަލާ ހުއްޓަ އެވެ. ހާލަތަށް ކެތްކޮށްލައިގެން އުޅެން އާދަވެފައިވާ މައުސޫމާ، އޭނާ އަށް ލިބެމުންދާ މިންވަރަށްވުރެ އިތުރަށް ނާސިހުގެ ފަރާތުން ކަންކަމުގައި ކިޔަންފެށި އެވެ. އެ ހިސާބުން އެ މައުސޫމް ރީތި ދިރިއުޅުން މަޑުމަޑުން ނުތަނަވަސް ކަމާ ދިމާއަށް މިސްރާބު ޖަހަން ފެށި އެވެ. ނާސިހުގެ ވަގުތުތައް އެކުވެރިންނަށްޓަކައި ގުރުބާންކުރެވި ޒުވާން މައުސޫމާ ގޭގެ ހަތަރުފާރުން އެތެރޭގައި މުޅިން އެކަނިވެރިވި އެވެ.

ލިބުނު ދަނޑިވަޅުގެ ބޭނުން އަހަރެން ހިފީމެވެ. ކާވެންޏެއްގެ ހުރުމަތްތެރި މަގާމެއްގައި ހުރި ޒުވާނާ މަގުފުރައްދާލުމުގެ ނިޔަތުގައި އެ ގޭގެ އޮޅިގަނޑު އަހަރެން ގިރާކުރީމެވެ.

ދެން ފާއިތުވެގެން ދިޔައީ މައުސޫމާ އާއި ނާސިހުގެ ދިރިއުޅުމުގެ އެންމެ ހުތުރު ދުވަސްތަކެވެ. ދެ މީހުންގެ ކާވެނީގައި ލަމުންދިޔަ ރެނދާ އެކު ޖިސްމާނީ އަނިޔާތަކެއްގެ އަޅަކަށް މައުސޫމާ ބަދަލުވަމުން ދިޔަ އަޑު އަހަރެން އެހީމެވެ. މައުސޫމާގެ ރުއިމުގެ އަޑު ނާސިހާ މެދު އަހަރެންގެ ހިތުގައި ނަފްރަތުގެ ހުޅު ރޯކޮށްލި އެވެ. އެ އިމާރާތުގައި އުޅޭ އެހެން މީހުންގެ ދުވަހުގެ މައުޟޫއަކަށް އެ ޒުވާން ދެމަފިރިން ބަދަލުވަމުން ދިޔަ އެވެ. އެކަކަށް ވެސް މައުސޫމާ އަށް ޓަކައި އޯގާތެރިކަމުގެ ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. ބަދަލުގައި އެ މީހުން ދުށީ އެއީ އެ މީހުންގެ މުނިފޫހި ފިލުވާލައިދޭ ޑްރާމާއެއްގެ ގޮތުގަ އެވެ.

އެއީ ވެސް އޭގެ ތެރެއިން ދުވަހެކެވެ. އެ ދުވަހު ޖޮގިން ނިންމާލުމަށް ފަހު އަހަންނަށް ގެއަށް އާދެވުނީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުންނެވެ. އަހަރެމެން އުޅޭ ފަންގިފިލާ އަށް ލިފްޓްގެ ދޮރު ހުޅުވުމާއެކު އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. މައުސޫމާމެންގެ އެޕާޓްމަންޓް ދޮރުގެ ތަޅުވަޅުގައި ލޯޖަހައިގެން އެ އޮތީ މަޖީދެވެ. އޭނާގެ ގާތުގައި ދަގަނޑު ހަރުގަނޑެއް ހުއްޓެވެ. އެތެރެއިން މެދުކެނދުމެއްނެތި އިވެމުން ދިޔައީ މައުސޫމާގެ ރުއިމުގެ އަޑެވެ.

މަޖީދަކީ އެ ފަންގިފިލާގައި ދެން ހުންނަ އެޕާޓްމަންޓްގައި އުޅޭ ޒުވާން ފުރައިގެ ސޮރެކެވެ. އޭނާ ހަމައިގައި ހުންނަ ވަގުތަށް ވުރެ ގިނަ ވާނީ ހަމައިން ނެއްޓިފައި ހުންނަ ވަގުތެވެ. މަޖީދު އެގޮތަށް އެ ގޭތެރެއަށް ބަލަން އޮއްވައި އަހަންނަށް ފެނުނު މިއީ ތިން ވަނަ ފަހަރެވެ.

"އޭތް! އޭތް! ކީއްތިކުރަނީ؟!.. ކިތައް ދުވަހު ބުނެވިއްޖެ މި ގޭގަ އުޅުނަސް އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ނޫޅޭށޭ!.. ދެން ތިހެން އުޅެންޏާ މަންމަމެންނާ އެކު މި ގެއިން ބޭރުކޮށްލާނީ!.." އަހަރެންގެ އަޑު އިވުމާ އެކު މަޖީދު ތެޅިގަންފައި ފާޑަކަށް ބޯކަހަމުންގޮސް ގޭތެރެއަށް ވަދެއްޖެ އެވެ. ތަންވަޅު ބެލުމަށްފަހު އަހަރެން ގޮސް ދޮރުގެ ތަޅުގައި ހިފީމެވެ. އެއާއެކު އެތެރެއިން ދޮރު ހުޅުވިއްޖެ އެވެ.

"ސުބްޙާނަﷲ!" ކުރިމަތީގައި ހުރި މައުސޫމާ ފެނުމުން އަހަންނަށް ނޭފަތުކުރީގައި ޝަހާދަތް އިނގިލި ޖައްސާލެވުނެވެ.

އެ ރީތި މޫނުގެ އެއްފަރާތް ވަނީ އެއްކޮށް ނޫފައިގެންފަ އެވެ. އަތުގެ މުލައްދަނޑިން ތިރިއަށް ވަކި އެޅިފައިވާ ތަނުން ލޭ ހިލިފައި ހުއްޓެވެ. ހާލަތާއި ވަގުތުގެ ނާޒުކު ކަމުގެ ބޭނުން އަހަރެން ހިފީމެވެ. މައުސޫމާ ގެނެސް އަހަރެންގެ މޭގައި ޖައްސާލީމެވެ. ރުއިމާ ކަރުނުގެ ތެރެއިން އަހަރެންގެ ނިޔަތް ސާފުވާވަރަށްވުރެ މައުސޫމާ ހުރީ ބަލިކަށިވެފަ އެވެ. އޭގެ ނާޖާއިޒް ފައިދާ އަހަރެން ނެގީމެވެ. އޯގާތެރި ފިރުމުންތަކެއްގެ ދަޅަދައްކައިގެންނެވެ. ޖަޒުބާތުގެ އޮއިވަރުގައި ރަނގަޅަށްޖެހި ކުރިމަތީ ހުރީ ކާކުކަން މައުސޫމާ އަށް އޮޅުނީ ކަމުގައި ފުރަތަމަ އަހަރެން ހީކުރީމެވެ. ނަމަވެސް ދެން ފާއިތުވަމުންދިޔަ ދުވަސްތަކުގައި އެއީ އަހަންނަށް ހީކުރެވުނު ކުށް ހީއެއް ކަމުގައި މައުސޫމާ ދިޔައީ ސާބިތުކޮށްދެމުންނެވެ. ނާސިހުގެ އަނިޔާތަކަކީ އަހަންނަށް ލިބުނު ރަނުގެ ފުރުސަތަކަށް ނޫނީ ނުވި އެވެ.

މައުސޫމާގެ ޒުވާން ލޯބިން އަހަރެންގެ އުފާތަކާއި ކާމިޔާބުކަމަށް ނިމުމެއް ނެތްކަމުގައި އަހަންނަށް ދެކެވެން ފެށުނެވެ. ނަމަވެސް އެއީ އެއްދުވަހެއްގެ މެންދުރާ ހަމައަށެވެ. އޮފީހުގައި އުޅުމަށްފަހު އަހަރެން ގެއަށް އައިސް ވަނީ ވަރުބަލިވެ ހުރެގެންނެވެ. އެޕާޓްމަންޓްގެ ދޮރު ހުޅުވާލުމާއެކު ތިރީގައި އޮތް ހުދުކުލައިގެ ސިޓީއުރަ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭގެތެރޭގައި އޮތީ ކުޑަ ސީޑީއެކެވެ. ދެ ފިކުރެއްގައި ހުރެ ވެސް ލެޕްޓޮޕް ނަގައި ސީޑީ ލައްވާލައިފީމެވެ. އޭގެން ފެނުނު މަންޒަރުތަކުން އަހަރެންގެ ދެފައިން ވާގި ނެތޭގޮތްވި އެވެ.

މައުސޫމާއާ އެކު ހޭދަ ކުރެވުނު ހިމޭން ހިނދުކޮޅުތައް އެ ސީޑީގައި ވަނީ ގައިދުކުރެވިފަ އެވެ. އަމިއްލަ އަށް ހެދުނު ގޯހުގެ ނުބައިކަން އިހްސާސްކުރެވުނު ވަގުތު ކޮޅަކީ އެއީ އެވެ. ހަދާނެ ގޮތް ހުސްވެފައި ނިތްކުރީގައި ބާރަށް ހިފަހައްޓާލައިގެން އިންދައި "އަންނޯން" ނަންބަރަކުން ކޯލެއް އައެވެ. ފޯނު ނުނަގާނަމޭ ހިތަށް އަރާފައި ވެސް އަހަރެން ފޯނު ނެގީމެވެ.

"ތިގޭ ސިޑިދަށުގައި ހުރި ކުޑަ ފޮއްޓަށް ހަމަ މިހާރު ހަތަރު ލައްކަ ރުފިޔާ ލާ!.. އަދި ބުނަން ތި ގޯތީގެ ހިބައިގެފަތް މުހައްމަދު ޝަހުބާން ޝާފިއުގެ ނަމަށް ބަދަލުކޮށް ފައިސާއާ އެކު މި ބުނި ފޮއްޓަށް ލާ! އެންމެ ގިނަވެގެން ވިހި މިނިޓް ތެރޭ މިކަން ނިމެންވާނެ! ޕޮލިހަށް އަންގައިފިއްޔާ ނިމުނީ! ދުވަސް ދުއްވާލާނަން!" އެއީ ފިރިހެނެއްގެ ބަރު އަޑެވެ.

އަހަރެންގެ ލޯލިތައް ކޮޅަށްޖެހި ގައިން ހީބިހި ނެގި އެވެ. ހިހޫތަނުން ކާލައިގެން ހިތް އުފާކޮށްލުމުގެ އެދުމުގައި އުޅެނިކޮށް މި ޖެހުނު މުސީބާތަކާ ހުރެ އަހަރެންގެ ސިކުނޑި ސުމަކަށް ދާވަރުވި އެވެ. ނަމާ އެކު އެ މީހާ ބުނި އެޑްރެހާއި އައިޑީކާޑު ނަންބަރަށް ދާންދެންޖަހައި އަހަރެން ހިބައިގެ ފަތް ލިޔުނީމެވެ. ތިޖޫރިން ހަތަރުލައްކަ ރުފިޔާ އާއި ހިބައިގެ ފަތް ނަގައި ކަޅުކޮތަޅަކަށް ލައިގެން އަހަރެން ސިޑިއާ ދިމާއަށް ހިނގައިގަތީމެވެ.

އަހަރެންގެ މުޅި ދިރިއުޅުމުގަ އެއްކުރި ތަނަވަސްކަމާއި މުދާ ބަސްބުނާ ހިނދުން އަހަރެންގެ އަތުން ބީވެގެން ދާކަމުގެ ހިތާމަޔާ އެކުގަ އެވެ. ލަސްލަހުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދަނިކޮށް މަޖީދުގެ އެޕާޓްމަންޓްގެ ދޮރު ހުޅުވުނެވެ. ހަނިގޮތަކަށް ދޮރު ހުޅުވާލުމަށްފަހު އަހަރެން ފެނުމުން މަޖީދު އަނެއްކާ ވެސް ދޮރުލައްޕާލައިފި އެވެ. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވި އެވެ. އެ ދުވަހު މަޖީދު މައުސޫމާގެ އެޕާޓްމަންޓް ތެރެއަށް ބަލަން އޮތްގޮތާއި އޭނާ ގާތުގައި ހުރި ހަރުގަނޑުގެ މަތިން އެ ވަގުތު އަހަރެން ހަނދާންވި އެވެ.

ރޭގަނޑުގެ އެއް ދަން ފާއިތުވެ ދިޔައިރު ވެސް ހަދާނެގޮތް ހުސްވެފައި އަހަރެން އޮތީމެވެ. މަޖީދުގެ އެ އަމަލުތައް އަހަންނަށް ރިޕޯޓު ކުރެވިދާނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާގެ އަތުގައި ހުރި ވީޑިއޯތައް ލީކްކޮށްލައިފިއްޔާ އަހަރެންގެ އިއްޒަތާ ގަދަރު ވެއްޔާ މޮޑެވިގެންދާނެ އެވެ. މަޖީދާ ދޭތެރޭ ޝައްކާ ވަހުމް އުފެދިފައި ވީ ނަމަވެސް، އަހަރެންގެ މުދާ ހިބަކޮށްދިން މީހަކީ ކާކުކަމެއް އަހަންނަކަށް ނޭނގެ އެވެ. ފަހަރުގައި އެއީ މަޖީދުގެ ގާތް މީހަކަށް ވެދާނެ އެވެ.

ކުއްލިއަކަށް ގޭގެ ބެލް ޖެހިއަޑު އިވުނެވެ. މިހާ ލަސް ވަގުތެއްގައި އެ އަޑު އިވުމުން އަހަރެންގެ ހިތް ހާސްކުރުވި އެވެ. ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް ދޮރެއް ނުހުޅުވާނަމެވެ. އެހެން ހިތާ އޮއްވައި ދެން ރިންގްވާން ފެށީ އަހަރެންގެ ފޯނެވެ. އެއީ ކުރިން ވެސް ގުޅި ޕްރައިވެޓް ނަންބަރެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ދެން ގުޅަންފެށީ ގޭގެ ލޭންޑްލައިން ނަންބަރަށެވެ. ބިރުވެރި ރަނގަބީލެއްހެން އެ އަޑު ތަކުރާރުވަމުން ދިޔަ އެވެ. ވާން ހުރި ގޮތެއް ވާން ދޫކޮށްލުމަށްފަހު އަހަރެން ޕޮލިހަށް ގުޅީމެވެ. ވެގެން އުޅޭގޮތް ބުނެދިނީމެވެ. ފޯނު ބޭއްވުމާ އެކު ދެން އައީ މެސެޖެކެވެ. ވީޑިއޯތައް ލީކްކޮށްލާނެ ކަމުގެ އިންޒާރެވެ. އެ ގޮތްވާން ނޭދޭތީ އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ އަތުގައި އޮތް ލަޓިބުރީގެ ބާރު ހަމަލާއެއް އަހަރެންގެ ބޮލުމެދަށް އަރައިފި އެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލުގަ އެވެ. ބޯ އެއްކޮށްވަނީ ބެންޑޭޖްކުރެވިފަ އެވެ. އަހަރެންގެ އުމުރުގައި ބާކީ ދުވަސް އޮތުމުން އެ ހަމަލާއިން މާބޮޑު ގެއްލުމެއް ނުލިބި އަހަރެން ސަލާމަތްވި އެވެ. އެކަން ކުރި މީހުން ހައްޔަރުވިކަމުގެ ޚަބަރު ފުލުހުން ދިނެވެ. އަހަރެން ފުލުސް އޮފިހަށް ދިޔައީމެވެ. ފާޅުވީ އަހަރެން އުންމީދުކޮށްގެން ހުރި ހަގީގަތެއް ނޫނެވެ. އަހަންނަށް މިހާބޮޑު އަނިޔާއެއް ދިން އަސްލު މުޖުރިމަކީ މައުސޫމާ އާއި ނާސިހެވެ.

ފަހުން އެނގުނު ގޮތުގައި ނާސިހާއި މައުސޫމާއަކީ ދެމަފިރިންނެއް ނޫނެވެ. އަހަރެމެން ކަހަލަ މީހުން ވާވައްދައިގެން ފައިސާ ފޭރެމުންދިޔަ މުޖުރިމުންތަކެވެ. މި ހުރިހާ ދުވަހު އަހަރެން ހީކުރީ މަކަރާއި ހީލަތް ހެދުމުން ޕީއެޗްޑީ އޮތީ ހަމައެކަނި އަހަރެންގެ އަތުގައި ކަމަށެވެ. ނަމަވެސް މައުސޫމް މޫނެއްގެ ނިވަލުގައި ފޮރުވިގެން ހުރެ މައުސޫމާ އެ ދިން ފިލާވަޅުން އަހަރެންގެ ކަރުހިއްކުން މުޅިން ފިލައިގެން ދިޔަ އެވެ. ކިރިޔަކިރިޔާ ސަލާމަތްކުރެވުނު ނަފްސުގެ އިއްޒަތާއި ގަދަރަށްޓަކައި ނަފްސު އިސްލާހުކުރުމަށް އަހަރެން އަމާޒު ހިފީމެވެ.

(ނިމުނީ)