މެންދުރު · 12:12

ހާދިސާ

މުޅި ކޮޓަރިތެރެ އެއްވަސް ހިފާފައިވަނީ ޕެޓްރޯލްގެ ވަހެވެ. ޝަނާޔާ އަތުގައި އޮތް ކުޑަ ހަމުގައި ހުރި ޕެޓްރޯލްތައް މުޅި ގަޔަށް އޮއްސަމުން ދިޔަ އެވެ. އޭގެކުރިން އޭނާ ޕެޓްރޯލްތައް އެޅީ ކޮޓަރި ތެރެއަށެވެ. ބޮލުގެ އިސްތަށިގަނޑަށް އެންމެ ފަހު ބައި އޮއްސާލާފައި ހުސްވެފައިވާ ހަން އެނދުމައްޗަށް އެއްލާލި އެވެ. ލޮލަށް ގިނަވި ކަރުނަތަކާ އެކު މުޅި ކޮޓަރިއަށް ބަލާލި އެވެ.


"ކަލޭ ތިއީ މަގޭ އަތްނބެއް ނޫން."

ކަންފަތުގައި ގުގުމައި ގަތީ ޒިވިއަންގެ އަޑެވެ. ޝަނާޔާ އަށް ރޮވުނެވެ. ހަތަރު އަހަރުވީ ކައިވެނި ރޫޅުނީ މީގެ އެއްގަޑިއިރު ކުރިންނެވެ. ހިތަށް ކުރި ފުން އަސަރާ އެކު ހަމަބުއްދި ފިލައިދިޔައީ އެވެ. މި ބިންމަތިން ފޫހިވެ ބޭނުންވަނީ މަރުވާށެވެ. ޝަނާޔާ އަށް މިކުރެވެނީ ކިހާވަރެއްގެ ގޯސް އަމަލެއްކަން އިހުސާސް ނުވާ ފަދަ އެވެ.

މުށުތެރޭގައި އޮތް ލައިޓަރު އޭނާގެ މޫނާ ހަމަޔަށް އުފުލާލި އެވެ. ލައިޓަރު ދިއްލާލުމާ އެކު މުޅި މޫނު އަނދައިގެން ދިޔަ އެވެ. މުޅިން ގައިގައި ހުޅުހިފަން ފެށި ތަނާ ކެތްނުވެގެން ޝަނާޔާ އަށް ހަޅެއްލަވައިގަނެވުނެވެ. މިނިމަސް އަނދައި ވިރުމަކީ ކިހާ ވޭންހުރި ކަމެއްކަން އޭނާއަކަށް ކުރިއަކުން ނޭނގެ އެވެ.

** **

ޝަނާޔާ އަށް ލޯ ހުޅުވައިލެވުނީ ކުއްލިއަކަށެވެ. ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނުހެންނެވެ. ނޭފަތަށް ކުޅަދާނަނުވާ ނުބައި ވަހެއް ނޯށުގައި ޖެހުނެވެ. އެސްފިޔަތައް ލަސްލަހުން ހަރަކާތް ކުރިއިރު އޮވެވުނުތަން ސާފުވާން ވަގުތުކޮޅެއް ނެގި އެވެ. ބިއްލޫރިގަނޑެއް މޫނުމަތީ އޮތްހެން ހީވެ އެވެ. ބަޔަކު ވަށައިގެން ތިބިހެން ހީވެ އެވެ. ކަންފަތުގައި ޖެހުނީ މަންމަ ރޯ އަޑެވެ. މަންމަގެ މޫނު ބިއްލޫރިގަނޑުގެ ތެރެއިން ފެންނަނީ ފުސްކޮށެވެ. މަންމަ އަށް ގޮވަން އުޅެ އުޅެ ދޫ ހަރަކާތެއް ނުކުރި އެވެ.

ހޮސްޕިޓަލަށް ގެނެވުނީ ކޮންއިރަކު ކަމެއް ޝަނާޔާ ހަނދާނަކު ނެތެވެ. ކިރިޔާ ހަނދާންވީ އަލިފާނަށް ކެތްނުވެގެން ދުވެފައި ކޮޓަރިން ނިކުމެވުނު ހަނދާނެވެ. ރޮއި ހޭރެމުން މަގުމައްޗަށް ނިކުމެވުނުއިރު ބަޔަކު އެ ދިމާލަށް އައިކަން އެނގެ އެވެ. އޭނާގެ ވަށައިގެން ބޮޑު ރަޖައެއް ކަހަލަ އެއްޗެއް އޮޅަން މަސައްކަތްކުރިކަން އެނގެ އެވެ. ހެޔަށް ގޮތްވެ ހުސްވަންދެން އެ މީހުން އޭނާ ސަލާމަތްކުރަން ކުރި މަސައްކަތް ހަނދާންވި އެވެ.

ޝަނާޔާ ހަށިގަނޑުގެ ނުވަދިހަ ޕަސެންޓް ވަނީ ފިހިފަ އެވެ. ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގެ އެވެ. މަންމަމެންނާ ހަމަޔަށް ޚަބަރު ދިޔައީ ކިހިނެއް ކަމެއް ނޭނގެ އެވެ. ޒިވިއަން ކޮބައިބާއޭ ހިތަށް އެރި އެވެ. ޒިވިއަން އަށް އޭނާގެ ހާލު އެނގޭބާއޭ ހިތަށް އެރި އެވެ. އެތައް ސުވާލެއް ކުރަން ބޭނުންވި އެވެ. ލޯ ހުޅުވައި ހެދުނަސް ދޫ ހަރަކާތްކުރާނެ ހިތްވަރެއް ނެތެވެ.

** **

ޝަނާޔާގެ ޚަބަރު ނޫސްތަކަށް އެރުމާ އެކު ގިނަ ބަޔަކު ދިޔައީ ސިއްސައިގެންނެވެ. މޫނުމަތިން އުފާވެރިކަން ފެންނަ އެންމެންނާ ވެސް ގުޅޭ ކުއްޖެއްގެ ދިރިއުޅުމުގެ އަނދިރިފަރާތް އެއްވެސް މީހަކަށް ނޭނގޭތީ އެވެ. މުޅި ސޯޝަލް މީޑިއާގައި ޚަބަރު ދައުރުވާން ފެށި އެވެ. ޝަނާޔާ އަކީ އެންމެން ދަންނަ މޫނެކެވެ. ފިލްމީ ހަޔާތުގެ އެންމެ އަލިގަދަ ތަރި އެވެ. ޝަނާޔާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމުގެ ފަސް ގަޑިއިރު ކުރިން ޓީވީ އަށް އިންޓަވިއު ދިނެވެ.

** **

އެއީ މީހުންނަށް އެނގޭ ވަރެވެ. ހަގީގަތަކީ އެއީއެއް ނޫނެވެ. އެއްއިރެއްގައި ވެސް ޝަނާޔާގެ ދިރިއުޅުން އުފާވެރިއެއް ނޫނެވެ. މައިންބަފައިންގެ ފުދުންތެރިކަން ކުޑަކަމުން ގިނަ ފައިސާ ލިބޭ ގޮތެއް ހޯދުމަށް ފިލްމީ ދާއިރާ އަށް ނިކުތީ އެވެ. ކުރާހިތަކުން ނޫނެވެ. ޒިވިއަން އަކީ އަމިއްލަ ސްޓޫޑިޔޯއެއްގައި މަސައްކަތް ކުރާ އާޓިސްޓެކެވެ. ދެ މީހުންގެ ދާއިރާ ގޮސް ގުޅެނީ އެއް ދިމާލަކަށެވެ. ޒިވިއަން އާ ޝަނާޔާ ރައްޓެހިވި އެވެ. ކައިވެންޏާ ހަމަޔަށް ދެވުނީ މާ އަވަހަށެވެ.

ޒިވިއަންގެ އިތުރު ވިޔަފާރިތަކެއް ހުރިކަން އެނގުނީ އެހާ ހިސާބުންނެވެ. އެއީ ޑްރަގު އެތެރެކޮށް ވިއްކާ މީހެކެވެ. އެކި ފަހަރު އެކިގޮތަށެވެ. ޝަނާޔާ ވެސް އެ ވިޔަފާރީގެ ތެރެއަށް ޒިވިއަން ފެއްތި އެވެ. ޝަނާޔާ ލައްވާ ފައިދާ ހޯދުވި އެވެ. ފައިސާ ހޯދުމުގެ ނިޔަތުގައި ޒިވިއަން އަންގާ ކޮންމެ ކަމެއް ޝަނާޔާ ކުރި އެވެ. އަރާމު ދިރިއުޅުމެއް އުޅެން ޝަނާޔާ ވެސް ބޭނުމެވެ. އަހަރަކު އެއްފަހަރު މުއްސަނދި ގައުމަކަށް ދާން ބޭނުމެވެ. ޒިވިއަން އާ އެކު ސަފާރީ އަށް ޖޭމްސް އާ ބައްދަލުކުރަން ޝަނާޔާ ދިޔައީ މީގެ ހަތަރު މަސްކުރިންނެވެ. އެ ދަތުރު ވެގެން ދިޔައީ ޝަނާޔާ މުޅި ދިރިއުޅުން ހަލާކުކޮށްލި ދަތުރަށެވެ. ޖޭމްސް ރާއްޖެ އައީ މަސްތުވާތަކެތި ވިއްކާށެވެ. އެ މައުލޫމާތު ޒިވިއަން އަށް އެނގުމުން ޖޭމްސް އާ ގުޅުން ބަދަހިކުރި އެވެ. ޝަނާޔާ ގެންދިޔައީ ޖޭމްސް އަންހެންކުއްޖަކު ބޭނުންވާތީ އެވެ. ސަފާރީ އަށް ގޮސް ކަންތައްކުރަންވީ ގޮތް ޒިވިއަން ކިޔައިދިނެވެ. ޖޭމްސްގެ ރާތަށި ތެރެއަށް އަޅަންވީ ބޭސް ދިނީ ޒިވިއަން އެވެ. ޖޭމްސް އާ ކައިރިނުވާށޭ ބުންޏެވެ. ޝަނާޔާ އަށް ޒިވިއަން ބުނި ގޮތަށް އެއްވެސް ކަމެއް ނުގެންދެވުނެވެ. ޝަނާޔާ ތައްޔާރުކުރި ރާތަށިން އެންމެ ކޯވަރެއް ވެސް ޖޭމްސް އެތެރެއެއް ނުކުރި އެވެ. ޝަނާޔާގެ މޫނަށް ބަލާފައި ޖޭމްސް ބޭނުންވީ އެ ރީތިކަމުގެ މަސްތުގެ ތެރެއަށް ގެނބޭށެވެ. ޝަނާޔާގެ ފަރާތުން ހިތް ފުރާށެވެ. ޖޭމްސް އާ ކައިރި ނުވާން ބުނެފައި އޮއްވާ ޖޭމްސްގެ ހޫނުން ޝަނާޔާ އަށް ސަލާމަތެއް ނުވެވުނެވެ. ދުވަހަކު ވެސް އެވަރުގެ އުފަލެއް ޝަނާޔާ އަށް އެއްވެސް މީހެއްގެ ފަރާތަކުން ނުލިބެއެވެ.

ޖޭމްސް އަށް ރާތަށި ދެވުނީ އޭގެ ފަހުންނެވެ. ޖޭމްސް ހޭވެރިކަން ކުޑަވި ވަގުތު ޝަނާޔާ ޒިވިއަން އަށް ގޮވި އެވެ. ދެ މީހުން ވެގެން ޖޭމްސް ފޭރިގަތެވެ. ފައިސާތަކާއި މަސްތުވާއެތިކޮޅެވެ. ވަގުތުން އެ ދެމަފިރިން މުއްސަނދިވި އެވެ. މީހަކަށް ޝައްކު ވެދާނެތީ ފައިސާތައް ބޭންކަކަށް ޖަމައެއް ނުކުރެއެވެ.

** **

އަނެއްކާ ވެސް ޝަނާޔާ އަށް ޚިޔާލުތަކުން ނިކުމެވުނެވެ. މަންމަގެ އަޑުން އޭނާ މާޔޫސްކޮށްލި އެވެ.

"މިއަށްވުރެ ރަނގަޅުވީސް މަރުވިނަމަ،" މަންމަ އުއްމީދު ކަނޑައިލީ ކަމެއް ނޫނޭ ބަލަން ޖެހުނީތީ ރުޅި އައީކަމެއް ނޭނގެ އެވެ. ފުރާނަ ސަލާމަތްވުމަކީ ޝަނާޔާ ވެސް އެދުނު ގޮތެއް ނޫނެވެ. އަދި އަމުދުން މި ހާލުގައި އުމުރުގެ ބާކީ ބައި ހޭދަކުރާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ސިފަ ވަނީ ބަދަލުވެފަ އެވެ. ރަނގަޅު ވީ ދުވަހަކުން ވެސް އޭނާ ފެންނާނީ އެހެން މީހެއްގެ ގޮތުގަ އެވެ.

"މި ދަރި މިވީ ދުނިޔޭގެ ލަދަކަށް،" މަންމަ އަނެއްކާ ވެސް ބުނި އަޑު އިވުނެވެ.

ޑޮކްޓަރުގެ ރިޕޯޓްތަކުގެ ސަބަބުން ޝަނާޔާ ސިއްރު ކުރަން އުޅުނު ކަންތައް ފަޅާއެރީ އެވެ. އޭނާ އަށް ކުރި އިހުތިރާމް ނެތުނީ ހަމައެކަނި މަންމަގެ ކުރިމަތީގައެއް ނޫނެވެ. މުޅި ރާއްޖެ އެންމެން އޭނާ މަތިން ފޫހިކޮށްލި އެވެ.

** **

އޭގެ ދުވަސްކޮޅެއްފަހުން ޝަނާޔާ އަށް އުދަނގޫތަކެއް ވިއެވެ. އޭރު ޝަނާޔާ ދިޔައީ ބޮޑު ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އިންޓަވިއުތަކަށް ވަގުތު ދޭން ޖެހެއެވެ. ޒިވިއަން އާ ދިމާވަނީ މަދު ފަހަރަކު އެވެ. ޝަނާޔާ އަށް އުދަނގޫތަކެއް ވަމުންދާކަން އެންގުނީ މާ ލަސްވި ފަހުންނެވެ. ޑޮކްޓަރާ ހަމަޔަށް ދެވުނުއިރު ޝަނާޔާގެ ކަންފަތުގައި ޖެހުނީ ހީވެސް ނުކުރާ ޚަބަރެކެވެ. ބަލިވެ އިންކަން އެނގުމުން ޒިވިއަންގެ މޫޑް މުޅިން ބަދަލުވި އެވެ.

ޝަނާޔާ އަށް އިންޓަވިއުއަކަށް ދާން އޮތުމުން ދެ މީހުން ބައްދަލުވީ އެރޭ ވަރަށް ލަސްވި ފަހުންނެވެ. ގެއަށް ވަންއިރު ޒިވިއަން އިނެވެ. ޝަނާޔާ ބަނޑުބޮޑުވީ ކިހިނެއްތޯ ޒިވިއަން އެއްސެވެ. ޒިވިއަންގެ ދަރިއަކަށް ނުވާނެކަން އޭނާ އަށް އެނގެ އެވެ. ކައިވެނި އޮތީ ނަމަކަށެވެ. ޖޭމްސް އާ އެކު ހިންގުނު އަމަލުގެ ނަތީޖާ ކަން ޝަނާޔާ އަށް އެނގެ އެވެ. އެ ވާހަކަ ދުލުން ބޭރުވިއިރު ޒިވިއަންގެ މޫނުމަތިން ފެނުނީ ޝަނާޔާ ހިތުން ނުފިލާނެ ފަދަ ރުޅިއެކެވެ. ޝަނާޔާގެ ކަރުގައި ހިފާ ފާރަށް ޖެހި އެވެ. ވީތަދާ އެކު ޝަނާޔާ ތިރިވަމުން ދަނިކޮށް ބަނޑުގައި ކޮޅުންފައިން ޖެހި އެވެ. ޒިވިއަން ހިތަށް އެރި ވަރަކަށް ތަޅާ އަނިޔާކުރި އެވެ. ކޮޅަށް ހުރެވޭވަރު ނުވެގެން ޝަނާޔާ ދެމެމުން ދަނިކޮށް އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގި އެވެ. އޭރު ނޭފަތުންނާއި ކަންފަތުން ލޭފައިބަ އެވެ.

"ކައިރިނުވާށޭ ބުނީމެއްނު،" ޒިވިއަން އެހާ ރުޅިއެއް އަންނަންވީ ކީއްވެހެއްޔެވެ؟ ޒިވިއަންގެ ފަރާތުން ޝަނާޔާ އަށް ދުވަހަކު ވެސް އުފަލެއް ނުދެވެއެވެ. ދެ މީހުންގެ ބިޒީކަމުން އެކަކު އަނެކަކަށް ވަގުތެއް ނުދެވެއެވެ.

"ޒިވިއަން އަށް މި ދަރިފުޅު ބަލާކަށް ނުޖައްސާނަން، އަތުން ލާރިއެއް ގޮސްދާނެތީނު ބިރުގަންނަނީ، އަހަރެން އަމިއްލަ އަށް ހޯދާނަން ފައިސާ." ޝަނާޔާ ބަނޑުގައި އަތް އަޅައި ގަދަކަމުން ނޭވާލަމުން ބުނެލި އެވެ.

ޝަނާޔާ އާ ދުރަށް ޖެހިފައި ޒިވިއަން ބަލަން ހުއްޓެވެ. ދެން ފެށީ ހޭށެވެ.

"ޖޭމްސް އަކީ ކާކުކަން ކަލެއަށް އެނގޭތަ؟ އެއީ އެއިޑްސް ޖެހިފައި ހުރި މީހެއް، އެހެންވެ އަހަރެން ބުނީ ކައިރިނުވާށޭ، މިހާރު ކަލޭގެ ހަށގަނޑުގައި އެ އަސަރު ހުންނާނެ، އަދި ބަނޑުގައި އޮތް ދަރީގެ ގައިގައި ވެސް ހުންނާނެ، އަމިއްލަ ހައްޓާ ވެގެން އުޅެވިގެންނު އިތުރު މީހަކު ބެލޭނީ." ޒިވިއަން ހާމަކުރި ހަގީގަތަށް ފަހު ޝަނާޔާ އަށް ހީވީ ގަދަކަމުން ލަމުން ދިޔަ ނޭވާ ވެސް ތާށިވިހެންނެވެ.

"ޒިވިއަން. އަހަރެން ސަލާމަތްކޮށްދީ." ޝަނާޔާ ޒިވިއަންގެ ފައިގައި ހިފަހައްޓާލި އެވެ. ޝަނާޔާ ހުރީ ބިރުގެންފަ އެވެ. އޭނާ މަރުވާކަށް ބޭނުމެއް ނޫނެވެ. އެފަދަ ބައްޔެއް ހުންނާކަށް ބޭނުމެއް ނޫނެވެ.

ޒިވިއަން ޝަނާޔާ އާ ދުރަށް ޖެހުނެވެ. ޝަނާޔާ ދެކެ ފޫހިވެއްޖެ ކަމަށް ބުންޏެވެ. ޝަނާޔާ މެދުވެރިކޮށް ޒިވިއަން އަށް އުމުރު ދުވަހު މަސައްކަތްނުކޮށް އުޅެވޭވަރަށް ފައިސާ ވަނީ ލިބިފަ އެވެ. މިހާރު އޭނާ ޝަނާޔާ ބޭނުމެއް ނޫނެވެ. ޝަނާޔާ ވަރިކޮށްލާފައި ޒިވިއަން ނިކުމެގެން ދިޔައީ އެވެ. އަމިއްލަ ހާލާ މެދު ރޮއިރޮއި ޝަނާޔާ ވަނީ ވަރުބަލި ވެފަ އެވެ. ދަރިފުޅުގެ ހައްގުގައި ވިއަސް ދިރިހުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުވިސްނުނެވެ. ފަތިސްވެ އަލިވާން އުޅެނިކޮށް ތެދުވީ މި ދުނިޔެއިން ވަކިވާން ނިންމައިގެންނެވެ.

** **

ޝަނާޔާގެ ހަގީގަތް ހިކިފަންގަނޑެއްގައި އަލިފާން ހިފާހާ އަވަހަށް ފެތުރުނެވެ. ނޫސްތަކާއި ޓީވީތަކުގެ ސުރުޚީތައް ފުރި އެވެ. އެންމެ ހިނދުކޮޅެއް ތެރޭ ހަތަރު ފަސް އަހަރުން ހޯދި އިހްތިރާމާއި ގަދަރު ގެއްލުނެވެ. ޓީވީތަކުން ޝަނާޔާގެ ފިލްމުތަކާއި ލަވަތައް ދެއްކުން ހުއްޓާލީ އެވެ. ބޮޑެތި މަގުތަކުގައި ހުރި އޭނާގެ ފޮޓޯޖެހި ޕޯސްޓަރުތަކާއި ބެނާތައް ވެސް ނެގީ އެވެ. ދުވަސްކޮޅެއްގެ ތެރޭ އޭނާގެ މަތިން އެންމެން ހަނދާން ނެތުނެވެ.

މަރުގެ ތުންފަތްމަތީ ދަތި ނޭވާތަކެއް ލަމުން ޝަނާޔާ އޮތެވެ. މަރުވާނެ ކަމެއް ނޫނީ ދިރިހުންނާނެ ކަމުގެ އުއްމީދު ދޭނެ ކޮޅެއް ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ. ޝަނާޔާގެ ދަރިފުޅު ވެސް ބައިގެން ދިޔައީ އެވެ. ޒިވިއަންގެ އަތެއް މިހުރިހާ ކަމެއްގެ ފަހަތުގައި ވާނޭކަން ޝަނާޔާގެ އާއިލާއިން ގަބޫލުކުރާތީ ހާދިސާ ތަހްގީގުކުރުމަށް ފުލުހުންގެ ކިބައިން އެދުނެވެ. އެމީހުން ހޯދިއިރު ޒިވިއަން ވަނީ ގައުމު ދޫކޮށް ގޮހެވެ.

(ނިމުނީ)