ކުރު ވާހަކަ: ހިމާޔަތުގެ އަތް

މީހަކު މަރުވެގެން ދާއިރު ފުރަތަމަ ހުއްޓެނީ އަތްފައިގެ ހަރަކާތެވެ. ދެން ނޭވާ އެވެ. އޭރު އަދި ވިންދު ހުރެ އެވެ. ހަށިގަނޑުގެ އެހެން ހުރިހާ ހިސާބަކުން ވިންދު ޖެހުން ހުއްޓޭއިރު އެންމެފަހުން ވިންދު ހުންނަނީ ކަރުގެ ވަކި ހިސާބެއްގަ އެވެ. އެ ވިންދު ވެސް ހުއްޓުމާ އެކު ދެން މީހާ ފިނިވާން ފަށަ އެވެ. ހަރުކަށިވާން ފަށަ އެވެ.


އާނިސް މަރުވެގެން ދިޔައީ މާޝާގެ ކުރިމަތީގަ އެވެ. އާނިސްގެ ހަށިގަނޑުގެ ހަރަކާތްތައް މަދުވަމުން ގޮސް ހުއްޓުނުތަން އޭނަ ދުށްޓެވެ. އެލޮލުން ދިރުމުގެ އަސަރު ކެނޑިގެން ދިޔައިރު މާޝާ އިނީ ހަތަރުކަޅި ހަމަކޮށްލައިގެންނެވެ. ވެއްޓިފައި އޮތް އާނިޝްގެ ބޮލުން ފޭބި ލޭތައް ގަނޑުވެފައި ހުރީ އެ ދިމާ މުށިގަނޑުމަތީގަ އެވެ. ކޮޓަރިތެރޭ ހިފާފައި ހުރީ އެ ލޭގެ ވަހެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑީގެ ކަށި ހިނގާ އަޑާއި، މަޑުމަޑުން ޖައްސާފައި ހުރި އޭސީގެ އަޑު ނޫން އަޑެއް އެތާކު ނުވެ އެވެ.

ކޮޓަރި ދޮރުން ފުރަތަމަ ވަނީ 15 އަހަރުގެ ދަރިފުޅު މާހިން ކަމެއް ނޫނީ އެކުވެރިޔާ ރިޒްމާ ކަމެއް މާޝާގެ ހަނދާނަކަށް ނާދެ އެވެ. ފުލުހުންގެ އޮފީހުގައި ހުރި ކުޑަ ކޮޓަރިގަނޑެއްގައި އިނދެގެން މާޝާ ހަނދާންކުރަން މަސައްކަތް ކުރީ އެކަން ވީ ގޮތެވެ. ފުލުސް އޮފީހަށް އާދެވުނު ގޮތެއް ވެސް އޭނައަކަށް ނޭނގެ އެވެ. މާހިން އަށް އާނިސް އޮތް ގޮތް ފެނިގެން ވީ ކިހިނެއް ބާވަ އެވެ؟ ކުރީ ކޮންކަހަލަ އަސަރެއް ބާވަ އެވެ؟ މާޝާ އޮޅުންފިލުވަން ބޭނުންވީ އެ ސުވާލުތަކުގެ ޖަވާބެވެ.

ކޮޓަރީގެ ދޮރު ހުޅުވާލައިފައި ކޮންމެވެސް މީހަކު ކައިރި އަށް އަންނަ އަޑު އިވުނެވެ. މޭޒުގެ އަނެއްފަރާތުގައި ހުހަށް ހުރި ގޮނޑި ދަމާލައިފައި އެ މީހަކު އިށީނދެއްޖެ އެވެ. މާޝާގެ ނަޒަރު ހުރީ މޭޒުގެ މެދާކަށް ހިސާބުގައި އެޅިފައިވާ ކޫރަކަށެވެ. އެއީ އެތަނަށް އައި ކުށްވެރިއަކު ދޫކޮށްފައިވާ ނިޝާނެއް ބާވައޭ ހިތަށް އެރި އެވެ.

"މާޝާ! އަހަންނަށް ކިޔަނީ ހުސްނާ." ކުރިމަތީ އިން ފުލުސްކުއްޖާ ތައާރަފްވި އެވެ.

މާޝާގެ ސަމާލުކަން ދަމައިގަތީ އެ އަޑެވެ. އޭނަ ހީކުރި ގޮތާ ޚިލާފަށް އަންހެނަކު އޭނަގެ ކުރިމައްޗަށް އައީމަ އެވެ.

އިސް އުފުލާލިއިރު އޭނަގެ ލޮލަށް ހުއްޓާލެވިފައި ހުރި ކަޅު ދެ ލޮލުގައި ހަމްދަރްދީވި އެވެ. ނޫނީ އެއީ ހުސްނާ ދައްކަން ބޭނުންވި ކުލަވަރެވެ. ކޮންމެ ގޮތެއް ވިއަސް މާޝާގެ މައްސަލައެއް ނެތެވެ. އޭނަ ހުރީ ކުށަށް އިއުތިރާފްވާން ތައްޔާރުގަ އެވެ. ކުރިކަމެއް ނުކުރާ ކަމަށް ބުނެ ދޮގު ހަދަންވީ ކީއްކުރަން ހެއްޔެވެ؟

"މާޝާ އާއި އާނިސްގެ ވާހަކަ ކިޔައިދޭންވީނު." ހުސްނާގެ ވާހަކަ ހުރީ މާޝާ އުންމީދުނުކުރާ ފަދަ މޭރުމަކުންނެވެ.

އޭނަ ފަށާނެ އިރެއްގެ އިންތިޒާރުގައި ބަލަން އިންގޮތުން ހީވީ ދެކެފަރިތަ އެކުވެރިއަކު މާ ފައްކާ ވާހަކައެއް ކިޔައިދޭން އުޅޭތީ އަހަން ކެތްމަދުވެފައި އިން ހެންނެވެ. މާޝާ ނުތަނަވަސްވީ އެ ހިސާބުންނެވެ. ދޫ ނެރެލާފައި ހިކިފައިވާ ތުންފަތުގައި ކާއްތައިލި އެވެ. ދުރު ބައިލީ އޭނަ ދައްކަން އުޅޭ ވާހަކަ ހަނދާނަށް ގެންނަން މަސައްކަތްކުރާ ފަދަ ގޮތަކަށެވެ.

އާނިސް އަކީ މާޝާގެ އަލަތު ލޯތްބެވެ. މުޅި ދުނިޔެއިން ވެސް މާޝާ އެންމެ ބޭނުންވި މީހާ އެވެ. އެކަމަކު އާނިސްގެ ލޯތްބަށް އެދިއެދި އެތަކެއް ކުދިން ތިއްބެވެ. ކަން އެހެން ހުއްޓަސް އާނިސްގެ އަންބެއްގެ މަގާމު ލިބުނީ މާޝާ އަށެވެ. ދެ މީހުން ކައިވެނި ކުރީ ދެ އާއިލާގެ ވެސް ރުހުމުގަ އެވެ. މާމުއި ހަނދުގެ ދުވަސްވަރު ނިމިގެން ދިޔައިރު މާޝާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ. ބަލިވުމުން ކުރިއެކޭ އެއްގޮތަށް ހަރަކާތްތެރިވެ އުޅެން މާޝާ އަށް އުނދަގޫވި އެވެ. އާނިސް އޮފީހުގައި އުޅެފައި އަންނައިރު ކެއުން ތައްޔާރުނުވެ ހުރެދާނެ އެވެ. ބައެއްފަހަރު މާޝާ އަށް ބޯ ހިއްލާނުލެވިގެން އާނިސް އަމިއްލަ އަށް އަންނައުނު އިސްތިރި ކުރަން ޖެހެ އެވެ.

އޮފީހުގައި މައްސަލައެއް ޖެހިގެން އެގޮތަށް އައި ދުވަހެކެވެ. ބަނޑުހައިވެފައި ހުރުމުން އެ ރުޅި ހުރީ އޭގެ ދެ ގުނައަށް އިތުރުވެފަ އެވެ. ގެއަށް ވަންއިރު ކާއެއްޗެއް ކެއްކިފައެއް ނެތެވެ. އާނިސް ރުޅި އައިސްގެން މާޝާ ވަރިކޮށްލާފައި ގެއިން ބޭރުކޮށްލީ އެއް މަސްނުވާ ތުއްތު ދަރިފުޅާ އެކުގަ އެވެ. މަންމަ ގޭގައި އުޅެފައި ދަރިފުޅުގެ ތަންމަތި ބަލާ މީހަކު ފޮނުވުމުން ނުދިނެވެ. ރުޅި މަޑުވެގެން ބަލާދިއުމުން އަނެއްކާ ވެސް މާޝާ އައިސް ވަނީ އެ ގެއަށެވެ. މާޝާ އަށް ގޯސް ހެދުނީ އެފަހަރަކު ނޫނެވެ. އެއާ ޖެހުނު ފަހަރެވެ.

ލާރިތަކެއްގެ މައްސަލާގައި ވަޒީފާއިން ވަކިކޮށްލުމުން ދެން މަސައްކަތް ލިބުނީ ކޮންސްޓަރަކްޝަން މަސައްކަތްކުރާ ސައިޓަކުންނެވެ. ދިރިއުޅުމުގެ ޚަރަދުތައް ބަލަންޖެހޭތީ މަސައްކަތެއް ނުކޮށް ވާކަށް ނެތެވެ. މުޅި ދުވަހު ބޭރުގައި އުޅެ ވަރުބަލިވެގެން އަންނައިރު ގޭތެރެ ހަޑިކޮށް އޮވެއްޖެ ނަމަ އާނިސްގެ ބާރުގަދަކަން ދައްކައިލަނީ މާޝާގެ ހަށިގަނޑަށް ދޫކޮށްލާ އަނިޔާވެރި ހަމަލާތަކެއްގެ ސިފަ އެވެ. އޭގެ ނިޝާން އެތައް ދުވަހެއް ވަންދެން ހަށިގަނޑުގައި ހުރެއެވެ. އާނިސް އަށް ހީވަނީ މުޅި ދުވަހު މާޝާ ގޭގައި އަރާމުގައި އޮންނަނީ ކަމަށެވެ. ތުއްތު ދަރިއަކު ބެލުމަކީ ކިހާވަރެއްގެ ކަމެއްކަން އެފަދަ ފިރިހެނުންނަކަށް ނުވިސްނޭނެ އެވެ.

މުޅި ރޭ ދަރިފުޅު ކުކުރާތީ މާޝާ ހޭލާ ހުންނައިރު އެހެން ކޮޓަރިއެއްގައި އާނިސް އޮންނާނީ ގުގުރި ދަމާށެވެ.

ސިއްރުކޮށްގެން ހުއްޓާ ވެސް އާނިސްގެ އަނިޔާވެރިކަން އެކުވެރިންނަށް ފަޅާ އެރި އެވެ. ވަރިވާން އެ މީހުން އެދުނަސް މާހިންއާ ދޭތެރޭ ވިސްނާލައިފައި ފަސްޖެހެވުނީ އެވެ. ބައްޕަގެ ހިމާޔަތުގެ އަތެއް ނެތި އެ ދަރިފުޅުގެ މުސްތަގުބަލު އަނދިރިވެދާނެތީ ކެތްކޮށްލަނީ އެވެ. ބައެއް މީހުން ބުނެ އެވެ. އެއީ ދިރިއުޅުމެއް ހެއްޔެވެ؟ ދަރިން ލިބުމުން އެދަރިންގެ އުފާތައް އިސްކުރުމަކީ ވެސް އޮންނަ ކަމެކެވެ. އެކަމަކު އެހެނޭކިޔާފައި މައިމީހާ އުމުރު ދުވަހު އަނިޔާ އަށް ކެތްކުރުން ލާޒިމެއް ނޫނެވެ. އެކަމަކު އެކަން ވެސް ނޭނގޭ މީހާ ދުރުގައި ހުރެ އިނގިލި ދިއްކުރާނެ އެވެ. އަމިއްލަ އެދުމަށްޓަކައި ބައްޕަގެ ލޯބިން ދަރިފުޅު މަހުރޫމުކޮށްލި މަންމައެއްގެ ލަގަބު ދޭނެ އެވެ.

މޮޅު ތަންކޮޅަކީ އާނިސްގެ އާއިލާ އަށް އޭނަގެ ކުށެއް ނުފެންނަ ކަމެވެ. އާނިސް ރުޅި އަންނަން ޖެހެނީ މާޝާގެ އަމަލުތައް ހުންނަގޮތުން ކަމަށް ބުނެ އާނިސްއާ އެއްކޮޅަށް އަރާ ކަމެވެ. އެއީ އާނިސް އަށް އިތުރު ހިތްވަރެއް ލިބުނު ކަމަކަށްވި އެވެ. އޭނަގެ އަމަލުތަކުގައި ގޯހެއް ވާކަމުގައި ގަބޫލު ކުރެވޭނީ ވެސް އެހެންނަމަ ނޫން ހެއްޔެވެ؟ އޭނަ އަށް ވިސްނަދޭން ތިބި މީހުން ތިބީ އޭނަގެ އަނިޔާވެރިކަމަށް ކަނުލޯތަކެއް ދިއްކޮށްލައިގެންނެވެ.

ވަރިވެގެން މާޝާ ގޮސް ވަންނާނެ ތަނެއް ނެތެވެ. ގެ ހުރީ އެންމެ ދޮށްޓަށް ހުރި ބޭބެ އަށް ދީފަ އެވެ. މަންމަ އޮތީ ދާނުގަ އެވެ. ބޭބެމެން ތިބީ މާޝާ އެނބުރި އައިސް، ބަލަން ޖެހިދާނެތީ ކަންބޮޑުވެފަ އެވެ.

އެހެން އުޅެނިކޮށް ދެވަނަ ފަހަރަށް ވެސް ވަރިކުރި އެވެ. ދެވަނަ ދަރިއަކަށް ބަލިވެއިންކަން އެނގުނީ ވަކިވާން ނިންމައިގެން ހުއްޓަ އެވެ. އެކަން އެނގުމާއެކު މާޝާގެ ހިޔާލު ބަދަލުވި އެވެ. ދުރުވާން ލިބުނު ފުރުސަތު ބޮލާލައި ޖަހާފައި އަނެއްކާ ވެސް ގޮސް ވަނީ އެ އަނިޔާވެރިޔާގެ ގެއަށެވެ.

ވަރިކޮށްފައި ރުޅިމަޑުވާ ދުވަސްކޮޅު އާނިސް ވަރަށް ރަނގަޅުވާނެ އެވެ. އަމިއްލަ ކުށް ގަބޫލުކުރެވިގެން އުޅޭ މީހަކު ހެން ހީވާނެ އެވެ. ފިރިމީހާ ބަދަލުވެދާނެ ކަމުގައި މާޝާ އަށް ދޮގު އުންމީދުތަކެއް ދައްކާނެ އެވެ. އެކަމަކު އާނިސް ވާނީ އާނިސް އަށް ނޫން ހެއްޔެވެ؟ ބަޅެއްގެ ނަގޫ ސަންޕާ އޮނަކަށް ލިއަސް ތެދެއް ނުވާނޭ ކިޔަނީ ކަމެއް ވީމަ ނޫން ހެއްޔެވެ؟

އަނިޔާ ލިބި ލިބި އެ އަނިޔާ އަށް މާޝާ ހޭނުނެވެ. ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އައިސް ދޮށީ ދަރިފުޅު ވެސް އޭރު ފުރާވަރަށް އަރައިފި އެވެ. އާނިސްގެ ރުޅީގެ ސަބަބަކަށް ދެން ވާން ފެށީ މާހިންގެ އުޅުމެވެ. ގޭތެރޭގެ މާހައުލުން ނިކުންނަން މާހިން ދަނީ ބޭރަށެވެ. ރަށުތެރޭ މީހަކު ވާހަކައެއް ދައްކާލިއަސް އާނިސް ރުޅި އައިސްގެން އެބޮނޑި މާޝާ އަށް ބާލަ އެވެ. ހަގު ދަރިފުޅު މަލާކް ވެސް ހުންނަނީ ބައްޕަ ދެކެ ބިރުން ސިހިސިހި އެވެ.

ބައްޕަ ނުރުހިދާނެތީ ބައްޕަ ގެންގުޅޭ އެއްޗެއްގައި ވެސް އެ ކުދިން އަތެއްނުލަ އެވެ. ބަލިހާލެއް ޖެހުނަސް ނޫނީ ކަމަކަށް ބޭނުންވިއަސް ހޯދަނީ މަންމަ އެވެ. އެ ކުދިންނަށް ކަމެއްކޮށްދޭން ޖެހިއްޖެ ނަމަ އާނިސް އަށް ވަނީ ބޮޑު މުސީބާތަކަށެވެ. އޭނަ ހިތުން ހަތަރުދަމު މަސައްކަތްކޮށް ގުދު ބިންދައިގެން ކާއެތިކޮޅު ހޯދަނީ އޭނަ އެވެ. ދެން ތިބޭ މީހުންނަކީ އެ އެތިކޮޅު ކާން އަނގަ ހުޅުވައިގެން އަތް އުރާލައިގެން ތިބޭ ބައެކެވެ. ދަރިންނަށް ކިޔަވައިދޭން މާޝާ ކުރާ މަސައްކަތާއި ވާ ގުރުބާނީގެ ހަބަރު ވެސް އާނިސްއަކަށް ނުވެ އެވެ. ކުޑަމިނުން ދަރިން އުޅެނީ ކޮން ގްރޭޑެއްގައިތޯ އަހާލައިފި ނަމަވެސް ދޭނެ ޖަވާބެއް ނޭނގެ އެވެ.

އާނިސް މަރުވި ދުވަހު މަސައްކަތުގައި އުޅެފައި ގެއަށް އައީ ބޭރުތެރެއިން އިވުނު ހަބަރެއް އިވި ހޫނުވެގެންނެވެ. ރަށުތެރޭ ފެތުރެމުންދާ މަސްތުވާތަކެތީގެ މައްސަލައިގައި މާހިން ވެސް ބައިވެރިވާ ކަމުގައި މީހަކު ބުނި އެއްޗެއް އަހައިގެންނެވެ. އައި ގޮތަށް ފުރަތަމަ ވެސް މާހިން މޫނަށް ހޫނު އެތިފަހަރެއް ދޫކޮށްލި އެވެ. އެއީ އޭނަ ދިން ތަރުބިއްޔަތެއް ނޫންކަމަށް ބުނެ އެފަދަ ވިޔާނުދާ ކުއްޖަކު ދިރިހުރުމަށްވުރެ މަރާލުން ހެޔޮކަމުގައި ބުންޏެވެ. ދެން ހިފީ މާހިންގެ ކަރުގަ އެވެ.

އަމިއްލަ ހަށިގަނޑަށް ކިތަންމެ އަނިޔާއެއް ދިނަސް މާޝާ ކެތްކޮށްފާނެ އެވެ. އެކަމަކު ދަރިފުޅަށް އަނިޔާ ކުރާތަން ބަލާކަށް ނުހުންނާނެ އެވެ. ދަރިފުޅު ނޭވާ ނުލެވިގެން ތެޅިފޮޅުނުއިރު އޭނަ ލެވި ހަޅޭކާއި ކުރި އާދޭހުގެ އަޑު އާނިސް އަށް އިވުނު ކަމަކަށްނުވި އެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ދެކޮޅު ހޯދާލައިފައި އެންމެ ކައިރިން ފެނުނު މާ ޓުކުރި އަތަށް ހިފާލުމަށްފަހު ޖެހީ އާނިސްގެ ބޮލުގެ ފުށްކިބައިގަ އެވެ.

ދަރިފުޅު ރޯން ފެށުމުން އެތަނުން ފޮނުވާލައިފައި ބުދެއްހެން އެ މަންޒަރު ބަލަން މާޝާ އަށް އިނދެވުނީ އެވެ. ކުރެވުނީ ކިހާ ބޮޑުކަމެއްކަން އިހްސާސްވީ އާނިސްގެ ފުރާނަ ވަކިވެގެން ދިޔައީމަ އެވެ. ދަރިފުޅުގެ ބޯމަތިން ބައްޕަގެ ހިމާޔަތުގެ އަތް ނެތިގެން ހިނގައިދާނެތީ އޭނާ ވީ ގުރުބާނީ ވައިގެ ތެރެއަށް އަރައިގެން ދިޔައީ އެވެ. ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި އަނިޔާ އަށް ކެތްކޮށްގެން ހުރުމުގެ ނަތީޖާއަކަށް މިވީ މިއަދު އެ ދަރިފުޅުގެ ބޯމަތިން މަންމަގެ ހިމާޔަތުގެ އަތް ވެސް އުފުލިގެން ދިޔަ ކަމެވެ. ކުށަށް އަދަބު ހޯދަން އޭނަ ޖެހޭނީ އެކުދިން ދޫކޮށްލާފައި ދާށެވެ.

ނިމުނީ