މެންދުރު · 12:01

ބަދުރު ހަނގުރާމަ: ސިއްރަކީ އީމާނާއި ޢަމަލު

އިސްލާމީ ތާރީޚުގައި ރަމަޟާންމަހު ހިނގާފައިވާ ކަންކަމަށް ނަޒަރު ހިންގާލާއިރު، އެއް މަރުހަލާއިން އަނެއް މަރުހަލާއަށް އަދި ނިކަމެތި ކަމުން ވަރުގަދަކަމަށް މުސްލިމުން ބަދަލުވެގެން ދިޔަ ގޮތް ތަސައްވުރު ކުރެވޭނެ އެވެ. އަދި މިވަރުގަދަކަން ލިބުމުގައި ވަރަށް މުހިންމު ދައުރެއް ކުޅުނު އެއް ކަންތައް ކަމުގައިވާ ޖިހާދަކީ ރަމަޟާން މަހާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން އެނގިގެންދާނެ އެވެ. ކީރިތި ޤުރުއާނުގައި ރަމަޟާން މަހުގެ ރޯދަޔާ ގުޅުން ހުރި އާޔަތްތަކެއް (އަލްބަޤަރާ 183-187) ބާވާލައްވާފައި އޭގެ ފަހުން ދެ އާޔަތަށް ފަހު ޖިހާދުގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. (އަލްބަޤަރާ 190-193). ޖިހާދަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގާބިލުކަން ބޭނުންވާ ކަމެކެވެ. އީމާންކަމާއި ގަދައަޅައި މަސައްކަތް ކުރުން ބޭނުންވާ ކަމެކެވެ.


ރަމަޟާން މަހަކީ ޖިހާދުގެ މަހެއް

ރަމަޟާން މަހަކީ ޖިހާދަށް އިންސާނާ ތައްޔާރު ކުރުމަށް ލިބޭ ވަރުގަދަ ތަމްރީނެކެވެ. ތާރީޚަށް ބަލާއިރު ރަމަޟާން މަހަކީ މުސްލިމުން ގިނަ ޖިހާދުތަކެއްކޮށް ކާމިޔާބީ ތަކެއް ހޯދާފައިވާ މަހެއްކަން ފާހަގަ ކުރެވޭނެ އެވެ. މިގޮތުން ރޯދަ ފަރުޟު ކުރެވުމުގެ ކުރިން ހިޖުރައިން 1 ވަނަ އަހަރުގެ ރަމަޟާން މަހު މުސްލިމުން އަދުއްވުންނާ ކުރިމަތިލުމަށް ނުކުތެވެ. އެއީ ޙަމްޒަތު ބިން ޢަބްދުލް މުއްޠަލިބުގެ ސަރިއްޔާގަ އެވެ. ސަރިއްޔާ އަކީ، ހަނގުރާމައިގެ ލަޝްކަރުގެ ތެރެއިން ވަކި ބަޔަކު ސިއްރިއްޔާތުގައި (އާންމުކޮށް ރޭނގަޑުގެ ވަގުތުގައި) ފޮނުވައި އަދުއްވުންނާ ކުރިމަތި ލުމެވެ. މި ސަރިއްޔާގައި ގަތުލެއް ނުހިނގި ނަމަވެސް މިއީ ހައްގުތައް ދިފާއު ކުރުމަށްޓަކައި މުސްލިމުން އެންމެ ފުރަތަމަ ކަނޑި އުފުލި ފަހަރެވެ. އޭގެ އެއް އަހަރު ފަހުން، އާދެ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހު އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު ހާދިސާ އެއް ހިނގި އެވެ. އެ މަހުގެ 17 ވަނަ ދުވަހު މުސްލިމުންނާ މުޝްރިކުންނާ ދެމެދު ހިނގި ބަދުރު ހަނގުރާމަ އެވެ. މުސްލިމުން ކުރި ހަގީގީ ފުރަތަމަ ހަނގުރާމައަކީ މި ހަނގުރާމަ އެވެ. މައްކާ ފަތަޙަ ކުރުމާއި، ޙިއްޠީނު ހަނގުރާމަކޮށް ބައިތުލްމަޤްދިސް އަނބުރާ ގެނައުމާއި، ތަތާރުންގެ މައްޗަށް ޢައިނުޖާލޫތުގައި ކާމިޔާބު ހޯދުމާއި، މިނޫންވެސް އެތައް ކާމިޔާބެއް މުސްލިމުން ރަމަޟާންމަހުގައި ހޯދާފައި ވެއެވެ.

ބަދުރު ހަނގުރާމައިން ތާރީޚުގެ މިސްރާބު ބަދަލުކޮށްލި

ޢަރަބި ޖަޒީރާގައި ކުފުރުގެ ދިދަ އުފުލަމުން ގެންދިޔަ ޤުރައިޝުންގެ މުޝްރިކުންގެ މައްޗަށް މުސްލިމުން ވަރަށް ވަރުގަދަ ކާމިޔާބެއް ބަދުރު ހަނގުރާމައިގައި ހޯދި އެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނާގައި ވަނީ، “ތިޔަބައި މީހުން ނިކަމެތީން ކަމުގައި ވަނިކޮށް، ބަދުރު ހަނގުރާމައިގައި، ﷲ ތިޔަބައި މީހުންނަށް ނަޞްރު ދެއްވި އެވެ.” (އާލްޢިމްރާން 123). މިއިން އެނގެނީ މުސްލިމުންނަށް ވަރަށް ބޮޑު ބަދަލެއް މިހިސާބުން އަތުވެއްޖެ ކަމެވެ. މިގޮތުން ކުރިން ނިކަމެތި ހާލަތެއްގައި ތިއްބަސް ބަދުރުގެ ފަހުން ޝާނާއި ޝައުކަތު ލިބިގެންވާ ވަރުގަދަ ދައުލަތެއް ކަމުގައި މުސްލިމުންވި އެވެ. މުޅިން އެހެން މަރުހަލާއަކަށް މުސްލިމުންނަށް ދަތުރު ކުރެވުނެވެ. މުޅި ދުނިޔެ މުސްލިމުންގެ މިވަރުގަދަ ދައުލަތާ ބެހޭ ގޮތުން އަޑު އެހިއެވެ. ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. މުޝްރިކުންނަށް ނާކާމިޔާބު ލިބުނެވެ. މުނާފިގުންތައް ހުނިޖެހި ފާޅުވާން ފެށިއެވެ. މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައި ބަދުރު ހަނގުރާމަ އަކީ އާދައިގެ ހަނގުރާމައެއް ނޫނެވެ. އެހެނީ އެ ހަނގުރާމަ، ތާރީޚުގެ މިސްރާބު މުޅިން ބަދަލުކޮށްލި އެވެ. މިސަބަބަށްޓަކައި ބަދުރު ހަނގުރާމަ ހިނގި ދުވަހަށް ﷲ ދެއްވާފައިވ ވަނީ ވެސް "ފުރުޤާނުގެ ދުވަސް" ގެ ނަމެވެ. ހެވާއި ނުބައި، ހައްގާއި ބާތިލު، ނިކަމެތިކަމާއި ވަރުގަދަކަން ފަދަ ކަންކަން އެއްކަމާ އަނެއްކަމާ ވަކިކުރެވުނު ދުވަހެއް ކަމުގައި ބަދުރު ހަނގުރާމައިގެ ދުވަސް ވި އެވެ. މިވަރުގަދަ ބަދަލު މި އައީ ބަރަކާތްތެރި ރަމަޟާން މަހެއްގަ އެވެ. ބަދުރު ހަނގުރާމައިގެ ހަނދާންތައް ރަމަޟާން މަހުގައި އަދި ވަކިން ޚާއްޞަކޮށް އެ މަހުގެ 17 ވަނަ ދުވަހު އައުވަނީ މިހެންވެ އެވެ.

ބަދުރު ހަނގުރާމަ އިން މުހިންމު ގަވައިދުތަކެއް ދަސްކޮށްދިން

ބަދުރު ހަނގުރާމައިން އިސްލާމީ އުންމަތަށް ވަރަށް މުހިންމު ގަވައިދުތަކެއް ދަސްކޮށްދިނެވެ. މިގޮތުން ފުރަތަމަ ގަވައިދަކީ، ނަޞްރު ލިބުން ވަނީ ﷲ ގެ ހަޒުރަތުންކަން މުސްލިމުން ދެނެގަތުމެވެ. ހަނގުރާމައިގައި ބައިވެރިވާ މީހުންގެ ގިނަކަމާއި ހަތިޔާރުގެ ވަރުގަދަކަން ކިތަންމެ މަތީ ދަރަޖައެއްގައި އޮތަސް ﷲ ނަޞްރު ނުދެއްވާ ނަމަ އެބަޔަކަށް ނަޞްރެއް ނުލިބޭނެ އެވެ. އަލްއަންފާލު ސޫރަތުގެ 01 ވަނަ އާޔަތުގައި ﷲ ވަނީ މިކަން ބަޔާން ކުރައްވައިފަ އެވެ. އެދުވަހު އެންމެ 313 މީހުން، ހަމައެކަނި ދަތުރުމަތީގެ ހަތިޔާރާއި އެންމެ ދެ އަހާއި 70 ޖަމަލު ހިފައިގެން ގޮސް، 100 އަހާއި 700 ޖަމަލާ އެކު 1،000 ހަނގުރާމަވެރިންގެ ލަޝްކަރެއް، ﷲ ގެ މަދަދާއި ނަޞްރާ ނުލައި، ބަލިކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ﷲ ގެ ހަޒްރަތުން އައި ނަސްރެކެވެ. މުސްލިމުންނަށް އެ ދުވަހު ކާމިޔާބު ލިބުނީ އެތައް ކަންތައްތަކެއްގެ އެހީގަ އެވެ. ވާރެޔާއި، ނިދިޖެހުމާއި، ކާފިރުންގެ ހިތްތަކަށް ވަތް ބިރުވެރިކަމެވެ. ހަނގުރާމައާ ގުޅޭ ނިންމުންތައް ނިންމުމުގައި މުސްލިމުންނަށް ލިބުނު ހެޔޮ ތައުފީގާއި ކާފިރުންނަށް މިފަދަ ތައުފީގެއް ނުލިބުމެވެ. އަދި މިކަންކަމުގެ އިތުރުން ސީދާ ހަނގުރާމައިގެ މައިދާނުގައި މަލާއިކަތްބޭކަލުން ބައިވެރިވެ ވަޑައިގަތުމެވެ. މިކަންކަން ވެގެން ދިޔައީ ކާފިރުންނަށް ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ ފަދަ ވަރުގަދަ "ހަތިޔާރު" ތަކަކަށެވެ.

މިހުރިހާ ކަމަކީ ﷲ މެދުވެރި ކުރެއްވެވި ކަންތަކެވެ. އެހެންވެ އެކަލާނގެ ވަޙީ ކުރައްވަނީ ނަސްރު ލިބުންވަނީ ހަމައެކަނި އަކަލާނގެ ހަޒުރަތުން ކަމަށެވެ. އަދި މުސްލިމުން މުޝްރިކުން ގަތުލު ކުރި ހިނދު އެއުރެން ގަތުލު ކުރެއްވީ އެކަލާނގެ ކަމާއި، މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހިލަމުށެއް އުއްކަވާލެއްވި ހިނދު އެ އުއްކަވާލެއްވީ ވެސް އެކަލާނގެ ކަން ބަޔާން ކުރައްވާފައި ވެއެވެ. (އަންފާލު 17) މިއީ މުސްލިމުންގެ ހިތްތަކުގައި އުންމީދު އާވެއާލާވެ ހުންނާނެ ކަމެކެވެ. ﷲ އަށް އިންސާނާ ނަސްރުދޭހާ ހިނދަކު އެކަލާނގެ ނަސްރު ދެއްވާނެ ކަމުގެ ވަރުގަދަ އުންމީދާއި އަޒުމުގައި މަސައްކަތް ކުރުމަށް މުސްލިމުންނަށް ހިތްވަރު ލިބޭ ކަމެކެވެ.

އެދުވަހު އެންމެ 313 މީހުން، ހަމައެކަނި ދަތުރުމަތީގެ ހަތިޔާރާއި އެންމެ ދެ އަހާއި 70 ޖަމަލު ހިފައިގެން ގޮސް، 100 އަހާއި 700 ޖަމަލާ އެކު 1،000 ހަނގުރާމަވެރިންގެ ލަޝްކަރެއް، ﷲ ގެ މަދަދާއި ނަޞްރާ ނުލައި، ބަލިކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ﷲ ގެ ހަޒްރަތުން އައި ނަސްރެކެވެ.

ދެވަނަ ގަވައިދަކީ، ﷲ ގެ ހަޒްރަތުން ނަސްރާއި ކާމިޔާބު ހޯދަން ބޭނުންވާނަމަ މުސްލިމުންގެ ސަފުތައް ވަރުގަދަ ކުރަންޖެހޭނެ ކަމެވެ. އެކަލާނގެ އަންގަވަނީ “...އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! (ދެބަސްވެ އަރާރުން ވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ނެތި ހިނގައިދާނެ އެވެ.” (އަލްއަންފާލު 46). ބަދުރުގައި ކާމިޔާބު ލިބުނީ މުސްލިމުންގެ މަދު މީސްކޮޅުގެ ސަފުތައް ވަރުގަދަވީމައެވެ. ދެބަސްވުމެއް ނެތީމަ އެވެ. އަރާރުން ވުމެއް ނެތީމައެވެ.

ބަދުރު ހަނގުރާމައިން ދަސްވާ ތިންވަނަ ގަވައިދަކީ، ނަސްރު ލިބުމަށްޓަކައި ގުރުބާންތަކެއް ވާން ޖެހޭނެ ކަމެވެ. ނަފްސާއި، މުދަލާއި، ވަގުތާއި، މަސައްކަތުން ގުރުބާންތަކެއް ނުވެ ﷲ ގެ ނަސްރެއް ނުލިބޭނެ ކަމެވެ. ހަތަރުވަނަ ގަވައިދަކީ، އަދުއްވުންނާ ކުރިމަތިލުމަށްޓަކައިވީ ވަރަކުން ތައްޔާރުވާން ޖެހޭނެ ކަމެވެ. ﷲ އަންގަވަނީ، އެއުރެންނާ ދެކޮޅަށް ކުޅަދާނަވީހާ ބާރެއް ތައްޔާރު ކުރުމަށެވެ. އަދި އަސްތައް ވެސް ބަނދެ ތައްޔާރު ކުރުމަށެވެ. އެއީ އެކަމުން ﷲ ގެ އަދުއްވުންނާއި، މުސްލިމުންގެ އަދުއްވުންނާއި އެނޫން އެހެން ބަޔަކު ވިއަސް ބިރުގެންނެވުމަށެވެ. (އަލްއަންފާލު 60). ފަސްވަނަ ގަވައިދަކީ، ކޮންމެ ކަމެއްގައިވެސް ކީރިތި ރަސޫލާގެ އަމުރުފުޅަށް ކިޔަމަންވާން ޖެހޭނެ ކަމެވެ. ﷲ އަންގަވަނީ އެކަމަކުން ދިރުންދޭ ކޮންމެ ކަމަކަށް ރަސޫލާ ގޮވާލައްވާ ހިނދު ﷲ އަށާއި ރަސޫލާ އަށް އިޖާބަ ދިނުމަށެވެ. (އަލްއަންފާލު 24).

ދަސްވި ފިލާވަޅުތަކާ އެއްގޮތަށް ޢަމަލު ކުރުން

ބަދުރު ހަނގުރާމައިގެ ޒިކުރާ އާ ކުރާއިރު މި ބަޔާންކުރި ގަވައިދުތައް ވެސް ހަނދާންކޮށް އެއަށް ތަބާވާން ޖެހެ އެވެ. މިގޮތުން އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހި ކޮށް އެކުވެރިކަން އާލާ ކުރަން ޖެހެ އެވެ. ނަފުސާއި މުދަލާއި ވަގުތާއި މަސައްކަތުން ގުރުބާންވާން ޖެހެ އެވެ. ހަށިގަނޑުގެ ސިއްހަތާއި ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރަން ޖެހެ އެވެ. ކެތްތެރިކަން ވަރުގަދަ ކުރަން ޖެހެ އެވެ. ޖިހާދަށްޓަކައި ނަފުސު ތައްޔާރު ކުރަން ޖެހެ އެވެ. އަދި ޖިހާދު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރަން ޖެހެ އެވެ. ﷲ އާ ރަސޫލާގެ އަމުރުތަކަށް ކިޔަމަންވާން ދަސްކުރަން ޖެހެ އެވެ. ﷲ ގެ ހަޒުރަތުން ނަސްރު ލިބޭނީ އޭރުންނެވެ.