ކުރު ވާހަކަ: ސިއްރު

ފުރާޅުމައްޗަށް ވެހެމުންދިޔަ ވާރޭގެ އަޑު އަހަން އޮވެވުނެވެ. ވާރޭ ހުއްޓާލާނެ އިރެއްގެ އިންތިޒާރުގަ އެވެ. ވިއްސާރަވިލާތަކުގެ ސަބަބުން ފަތިސްވިހެން ހިއެއް ނުވެ އެވެ. ދުނިޔެމަތި އޮތީ އަނދިރި ވެފަ އެވެ. އެކަމަކު ފަތިސްވެއްޖެކަން އަހަންނަށް ޔަގީނެވެ.


މިއީ ނަކަތް ލައިގެން ވެހޭ ކެރިކަން އަހަންނަށް އެނގެ އެވެ. ހުއްޓާލާނެކަމުގެ އުއްމީދެއް ނެތެވެ. އެނދުގައި ދެ ފަރާތަށް ފުރޮޅެން އޮތަސް އަހަރެންގެ ލޮލަށް ނިންޖެއް ނާންނާނެ އެވެ. އަހަރެންގެ މަސައްކަތް ފަށަންވީ ވަގުތަކީ މިއީ އެވެ. އެނދުން ތެދުވެފައި އަހަރެން ބަލައިލީ ގޭތެރެއަށެވެ. ކަނިވަމުން ދިޔަ ފުޅިބައްތީގެ އަލިކަން ފަނޑެވެ. ގޭތެރޭގައި ކުނަލެއް ފަތުރައިގެން ދެ ފިރިހެންކުދިން ނިދާފައި ތިއްބެވެ. ފިނިވެގެން ކުރުގެޅިގެން އެ ކުދިން ތިބިތަން ފެނި އެ ނޫންގޮތެއް ހޯދައިދެވޭނެ ނަމައޭ އަހަރެންގެ ހިތަށް އެރި އެވެ. މެދުއަށީގައި ސަންފަ އާއި ނަޖުމާ ތިއްބެވެ.

ގެއިން ނިކުތްއިރު ވާރޭ ތުނިކޮށްލައިފި އެވެ. މުންޑު ހެޔޮވަރުކޮށްލާފައި ބަދިގެއަށް ވަދެ އަހަރެން ދެ ގޯނި ނެގީމެވެ. ގިފިލިބިތުގައި ހަރުކޮށްފައި ހުރި ބަރޮލަށް ބަލާލިއިރު ފުރޮޅުގައި ވައި ހުރީ ކިރިޔަކިރިޔާ އެވެ. އަދި އެވަރުން ދެ ބަސްތާ ކާށި ހޮވައިގެން އާދެވޭނެއޭ ހިތަށް އެރި އެވެ. ފަތިހުގެ އަނދިރި ކަމަށް ވުރެ އަހަރެންގެ ހިތުގައި އުފެދުނީ އެހެން ބިރުވެރި ކަމެކެވެ. އަހަންނަށް ވުރެ ކުރިން ބަޔަކު ވަލަށް ވަދެ ހުރިހާ ކާށިކޮޅެއް ނަގައިފާނެ ކަމުގެ ބިރެވެ.

ވަލާ ދިމާލަށް ދަނިކޮށް މިސްކިތުން ފައިބައިގެން އާދަނު ދާތީ ދުށީމެވެ. އެއީ ބޮޑު މިސްކިތުގެ މުދިމެވެ. މިސްރުން ކިޔަވައިގެން މި ފަސްގަނޑުގައި ހުރި ހަމައެކަނި ދަރިއަކީ އެއީ އެވެ. އެއީ އަހަރެންގެ އެއްބަފާ ބޭބެ އެވެ. ބައްޕަ ކުރި ހުރިހާ މަސައްކަތެއް ހުސްކުރީ އެ ދަރިއަށް ކިޔަވައިދޭށެވެ. އަހަރެމެންނަށް ނަސީބު ލިބުނީ ހަމައެކަނި އެދުރުގެއިން އަލިތަކުރު ކިޔަވައިދޭ އެއްޗެއް އުނގެނިގެން ހުންނާށެވެ. ޅަ އުމުރުގައި މަހަށް ފޮނުވި އެވެ. ރުކަށް އެރުވި އެވެ. ހުރިހާ މަސައްކަތެއް ޖެއްސި އެވެ. އޭނަ އަށް ވުރެ ގިނަ މަސައްކަތް ދަސްވީ އަހަންނަށެވެ. އަހަންނަށް މީހަކާ އިނދެ ކުދިން ލިބުނުއިރު ކިރިޔާ އާދަނު ކިޔަވައި ނިމުނީ އެވެ. އެންމެންގެ ގަދަރާއި ލޯބި ލިބުނީ އޭނާއަށެވެ.

ވަލާ ހަމަޔަށް ދެވުނީ އެކަހަލަ ޚިޔާލުތަކެއްގައި ހުރެ އެވެ. ވިއްސާރަ އަލިވުމުގެ ކޮޅުމަތި ދައްކާލައިފި އެވެ. ވިލާތަކުގެ ކުލަ އަލިވެގެންދާތަން ފެންނަން ފެށި އެވެ. މުޅި ވާ އޮތީ ފެންބޮޑު ވެފަ އެވެ. މަގުތަކުގައި ކިސަޑު ހެދިފަ އެވެ. މުންޑު އަރުވާޖަހައިގެން އަހަރެން ކުރިއަށް ދިޔައީމެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ ދެ ބަސްތާ ފުރާލެވުނެވެ. އަދިވެސް މަސައްކަތްކޮށްފިއްޔާ ދެތިންބަސްތާ ލިބޭނެއޭ ހިތަށް އެރި އެވެ. ގެއަށް ހުސްކުރުމުގެ ބަދަލުގައި ދާންވީ ބައްޕަގެ ގެއަށެވެ. އެ ގެއަށް ހުސްކޮށްލާފައި އެނބުރި އަންނަންވީއޭ ހިތަށް އެރި އެވެ.

ބައްޕަގެ ގޯއްޗަށް ވަންއިރު ބަނބުކެޔޮގަހުން ދޮންވެގެން ކޭލެއް ވެއްޓިފައި އޮތެވެ. އެތެރެއަށް ވަންނަމުން ގަހަށް ބަލައިލިއިރު ކެޔޮތައް ހުރީ ހަރުވެފަ އެވެ. ކެޔޮ ތެލުލަން ސަންފަ ވަރަށް ފަރިތަވާނެ އެވެ. އޭނަ އަށް ބުރަ ނަމަ ކެޔޮކޮޅު ވިއްކާލިއަސް ރަނގަޅު އެއްޗެއް ލިބޭނެ އެވެ. މިއަދު ވަގުތެއް ހޯދައިގެން އައިސް ކެޔޮކޮޅު ކަނޑާނީއޭ ހިތަށް އެރި އެވެ. ބަރޮލުގައި ހުރި ކާށިތައް ގޯތިތެރެއަށް ހުސްކުރަން ހުއްޓާ ކަންފަތުގައި ޖެހުނީ އަންހެންކުއްޖެއްގެ އަޑެވެ.

ވަށައިގެން ބަލާލިއިރު ފެނުނީ ހުސްކަމާއި ފަޅުކަމެވެ. ގޭގެ ދޮރު ހުރީ ލައްޕައިފަ އެވެ. މި ގޭގައި އުޅެނީ އާދަނު އެކަންޏެވެ. ބައްޕަ މަހަށް ގޮސް އުޅެނިކޮށް ވެއްޓުނުފަހުން އޮންނަނީ ނުހިނގިފަ އެވެ. ބައްޕަ އަހަރެންގެ ގޭގައި އޮންނަތާ ހަ މަސްވެއްޖެ އެވެ. މި ގޭގައި އިތުރު މީހަކު ނުވެސް އުޅޭނެ އެވެ. ދެވަނަ ފަހަރަށް އެ އަޑު ޖެހުމުން އަހަރެންގެ ހިތް ނުތަނަވަސްވެއްޖެ އެވެ. ގެއާ ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލާލެވުނެވެ.

ކުރިއަށް ނެގި ކޮންމެ ފިޔަވަޅެއް އަހަރެން އެޅީ ނީވޭނެހާ ސިއްރުންނެވެ. ތެޅިގަލުން ރާނާފައި އީޓު ޖަހާފައި ހުރި ގޭގެ ދޮރުގަނޑު ހުރީ އާދައިގެ ގޮތަކަށެވެ. އެތެރެއިން ތަންޑު އެޅިއަސް ދޮރުގެ ދޭތެރެއިން އަތްބާނާފައި ފަސޭހައިން ހުޅުވޭ ގޮތަށެވެ. ގޭތެރެ އޮތީ އަނދިރިކޮށްކަން ފާހަގަވި އެވެ. ކުކުރުމުގެ އަޑު އެއީ ހީވި ހީވުމެއް ނޫންކަން ޔަގީންވީ ދޮރުގެ ދޭތެރެއިން ސިއްރުން ބަލާލީމަ އެވެ. ފުރަގަސްދީގެން ހުރި އާދަނު ފެނިފައި އަހަރެން މޭގަނޑު އަނގަޔަށް އައި ކަހަލަ އެވެ.

މާނޭވާލަމުން ދިޔައިރު އޭނާގެ ނޭވާ ހީވަނީ އުފުރިގެން އަންނަހެންނެވެ. ފޭރާމެއް ނެތް އޭނާގެ ހަށިގަނޑުން އަހަންނާ ދިމާލަށް ހުރީ ފުރަގަހެވެ. އޭނާ ކުރަނީ ކީއްކަން އަހަންނަށް ނަގައިގަނެވުނެވެ. ދޮރުފަތުގައި ހިފާ ދަމައިގަނެވުނެވެ. އެތެރެއަށް ވަދެވުނުއިރު އަހަންނަށް ހީވީ ދެފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ގޭގެ ބޮޑު އަށީގައި އުންޑުން އޮތީ ޔާސިރާ އެވެ. އެ ފަކީރުގެ ހަށިގަނޑުގައި ވެސް ފޭރާމެއް ނެތެވެ. އަހަރެން ވަތް އަޑަށް އާދަނު ސިހިފައި އެނބުރުނެވެ. އެނދުމަތީ އޮތް މުންޑު ނަގައި ނިވާވެލި އެވެ. އަހަރެންގެ ނަޒަރު ވަކިނުވީ ޔާސިރާގެ މޫނަށެވެ.

އެއީ އަހަރެންގެ ނަޖުމާއާ އެކުގައި ކުޅެން އުޅޭ ކުޑަކުއްޖެކެވެ. އެންމެ ދިހަ އަހަރުގެ ކުއްޖެކެވެ. ބޮޑުވިހެން ވެސް އަދި ހީނުވެ އެވެ. އެ ކުއްޖާ އޮތް ހާލުން އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔަ އެވެ. އުންޑުން އޮތްއިރު ދެ އަތް އޮތީ ފުރަގަހަށް ގެންގޮސް ބަނދެފަ އެވެ. އަނގަމަތީގައި ވެސް ފޮތިގަނޑެއް އައްސާފައި އޮތެވެ. ނިތްކުރި އޮތީ ނޫފައިގެންފަ އެވެ. ހީވަނީ އާދަނު ހިތްފުރޭވަރު ކުރަން ވެގެން އެ ކުއްޖާ ގަދަކަމުން ގެނައީހެންނެވެ.

** ** **

"އެބައުޅޭ ޔާސިރާ ގެއްލިގެން. ދެންމެ ޒަހުރާ މި ގެއަށް އައިސް އެހި މިއަދު އައިހޭ. އަހަރެން ބުނިން މިއަދު ނަޖުމާ ހޯދާކަށް ނާދޭ،" އަހަރެން ގެއަށް ވަނުމާ އެކު ސަންފަ އަނެއްކާ ވެސް ހަނދާންކޮށްދިނީ އެކަންތަކެވެ. ޔާސިރާ ފެނުނުތޯ އަހަންނަށް އަހައިލެވުނެވެ. ސަންފަ ބުނީ އަދި ނުފެންނަ ކަމަށެވެ.

އިޝާ ނަމާދަށް ގޮވިއިރު ރަށުތެރެއިން އިވެނީ ރުއިމުގެ އަޑެވެ. ސައްތާރާއި ޒަހުރާގެ ހާލު ވަކިން ގޯހެވެ. އެއީ އެ މީހުންގެ ފަސް ކުދިންގެ ތެރެއިން ހުރި ހަމައެކަނި އަންހެންކުއްޖާ އެވެ. އެ ދެމަފިރިންގެ ހިތުގައި ރިހޭނެވަރު ހިތަށް ގެންނަން ވެސް އުދަނގުލެވެ. ސައްތާރު ވެސް ހުރީ ދެމިފަ އެވެ. ޔާސިރާ ހިނަވައި ހުރިހާ ކަމެއްގައި އިސްކޮށް އުޅުނީ ރަށުގެ ހަރު މީހުންނެވެ. އޭގެތެރެއިން އެކަކީ އާދަނެވެ.

ކަންދެއްކުމާއި މަކަރުވެރި ކަމުގެ އިންތިހާ އެވެ. މޫނުމަތިން ކުރެވުނު ކަމަށް ލަދުގެންފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެންމެންގެ ތެރޭގައި އޭނާގެ ގަދަރު ބޮޑުވެފައި ޝައްކުގެ ނަޒަރަކުން ބަލާނެ މީހަކު ނެތެވެ. ޔާސިރާ ހިނަވައި ނިމި މޫނުދައްކަން ފެށއިރު މުޅިމަގުގައި ހިފާފައި ވަނީ މީހުންގެ ރުއިމުގެ އަޑެވެ. ބޮޑެތި އަންހެނުންނަށް ވެސް އެ ކުއްޖާގެ މޫނުދެކިލަން ވަންނަން ނުކެރިގެން އުޅެ އެވެ. ސިފަ ވަކިނުވާ ވަރަށް މޫނު ޗިސްކޮށްލާފައޭ ވެސް އިސްކޮށް އުޅުނު މީހަކު ބުނި އަޑު އަހަރެން އެހީމެވެ.

އޭނާގެ ހިތް ހާދަ ޖަނަވާރޭ އަހަރެން ހިތަށް އަރަ އެވެ. މީހަކާއި އިނދެގެން ދިރިއުޅުމެއް ނުފަށާ ހުރީ މިކަހަލަ ވިޔާނުދާ ކަންތަކުން ހިތްހަމަޖައްސާލެވެތީއޭ ހިތަށް އަރަ އެވެ. މީގެކުރިން އަހަންނަށް ވެސް އޭނާގެ ނުބައިކަމެއް ނޭނގުނެވެ. އަދި އެހެން މީހުންނަށް ވަކި އެނގޭނެ ހެއްޔެވެ؟

ސަންފަ ގެއަށް ނިދަން އައިއިރު އަހަރެން އޮތީ ބިތްދޮށަށް އެނބުރިގެންނެވެ. ނިދި ކަމަށް ހެދިގެންނެވެ. ނޫނީ އޭނާ އެ ކުއްޖާގެ ވާހަކަ ދައްކަން ފަށާފާނެ އެވެ. އަހަރެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫނެވެ. އެކަން ހަނދާންކުރާކަށް ބޭނުމެއް ނޫނެވެ. ނިދަން ބޭނުމެވެ. އެކަމަކު އަހަންނަކަށް ނުނިދެ އެވެ. އެނދުގައި ބުރަކަށި ޖެހުމާ އެކު ސަންފަ ގުގުރިދަމަން ފެށި އަޑު އަހަންނަށް އިވުނެވެ.

ނުނިދި ދެ ފަރާތަށް ފުރޮޅެން އޮތީމެވެ. ދަންވަރުގެ ހިމޭންކަމުގެ ތެރެއިން ދޭތެރެއަކުން އިވެނީ ކޮންމެވެސް ކުއްޖެއްގެ ގުގުރީގެ އަޑެވެ.

އަހަރެންގެ ނަމުން މީހަކު ގޮވާލިހެން ހީވެ އެނބުރިފައި ބަލާލީމެވެ. ގޭ ދޮރުމަތީ ސައްތާރު ހުއްޓެވެ. ރޮވިފަ އެވެ.

"ދުށިންތަ އަހަރެންގެ ޔާސިރާ،" ސައްތާރު އަހާލިއެވެ. ސީދާ އެ ސުވާލު ކުރަން މިގެއަށް އެއައީ ސައްތާރުއަށް ކަމެއް އެނގިގެންބާއޭ ހިތަށް އެރިއެވެ.

"އަލީ ދުށީމެއްނު. ބުނެބަލަ ފެނުނުތަ؟" ސައްތާރު އެތެރެއަށް ވަންނަމުން އަހާލި އެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަންނަކީ ދޮގު ހަދަން އާދަވެފައި ހުރި މީހެއް ނޫނެވެ. އެކަމަކު ތެދަށް ބުނާކަށް މިފަހަރަކު ނުކެރޭނެ އެވެ. ފަޟީހަތް ވާނީ އަހަރެންގެ އާއިލާ އެވެ. ރައްޔިތުން ނިކުމެ ހަވަރަށް ލާނީ މަގޭ ގޯތި އާދަނެވެ.

"އޭނައަކަށް ނުފެންނާނެ އެއްތަނެއް ވެސް." އަހަރެން ސިހުނީ ދޮރުން ވަންނަމުން ޒަހުރާ އެހެން ބުނީމަ އެވެ. ސައްތާރު އެއްފަރާތްވެލައި އަހަންނަށް ދައްކައިލީ ދޮރުމަތީގައި ހުރި ޒަހުރާ އެވެ. އަހަންނަށް ހީވީ މޭފަޅާލާފައި ހިތްދަމައިގެންހެންނެވެ. ޒަހުރާގެ އަތްމަތީ ދެމިފައި އޮތް ޔާސިރާ ފެނިފަ އެވެ. އެއީ ހިނަވައި ވަޅުލި ކުއްޖާ ނޫން ހެއްޔެވެ؟

"ކަލެއަށް އެއްވެސް ތަނެއް ނުފެނޭ. ނުވެސް ފެންނާނެމެ. ބަލާބަލަ މި ކުއްޖާ އަށް ކޮށްފައި އޮތް އަނިޔާ. ކަލެއަކަށް އެއްވެސް ކަމެއް ނުފެނުނެއްނު،" ޒަހުރާ ހަރުކަށި ރާގަކަށް ބުނެލި އެވެ.

ގޭތެރެއަށް ވަންނަން ފެށުމުން އަހަރެން ބަލައިލީ ނިދިފައި އޮތް ސަންފައަށެވެ. އޭނާ ހޭލައިތޯ އަހަން ގޮވީމެވެ. ސަންފަ އޮތީ ގަދަ ނިދީގަ އެވެ. އޭރު އެ މީހުން ހިނގާފައި އަހަންނާ ކައިރިވަނީ އެވެ. އަހަންނަށް އެ ދިމާލަށް ބަލާކަށް ނުކެރުނެވެ. ދެލޯ މަރާލީމެވެ. ހަޅޭއްލަވައިގަނެވުނެވެ.

"ކިހިނެއްވީތަ؟" ސަންފަގެ އަޑަށް އަހަންނަށް ލޯ ހުޅުވައިލެވުނެވެ. "ހުވަފެނެއް ފެނުނީތަ؟" ސަންފަ އަނެއްކާ ވެސް އަހައިލި އެވެ. އަހަރެން ތެދުވެ އެނދުގައި އިށީދެ ގޭތެރެއަށް ބަލަން ފެށީމެވެ. މުޅި ގޭތެރެ އަނދިރިވެފައި އޮތީ ކީއްވެބާއޭ ހިތަށް އެރި އެވެ.

"ބައްތި ނިއްވައިލީތަ؟" އަހަރެން އަހައިލީމެވެ.

"ނުނިއްވަން." ސަންފަ ބުނެލި އެވެ.

އެހެން ބުންޏަސް އަހަރެން ޤަބޫލެއް ނުކުރަމެވެ. ގޭތެރެ ކަނު އަނދިރިކޮށް އޮއްވާ އެވާހަކަ އެއީ ތެދުކަން ގަބޫލުކުރެވޭނެ ހެއްޔެވެ؟ އަހަރެން ތެދުވީމެވެ. ބައްތި ބަހައްޓާފައި ހުރީ ކޮންތާކުކަން އަހަންނަށް އެނގެ އެވެ. އަހަރެން ގޮސް ބައްތި ކައިރީ ހުއްޓުނީމެވެ. ބައްތީގެ ބޭރުގައި އަތް ޖައްސާލީމެވެ. އަލިފާނުގެ އާވި އަހަރެންގެ އަތުގައި ޖެހުނެވެ. މަޑުމަޑުން އެއް އިނގިލި ބައްތިތެރެއަށް ލީމެވެ. ހުޅުކޮޅުގައި އަހަރެންގެ އިނގިލިޖެހުނެވެ. ޝައްކު ޔަގީނަށް ބަދަލުވި އެވެ. ބައްތި ހުރީ ދިއްލާފަ އެވެ. އަހަންނަށް އެއްވެސް އަލިކަމެއް ނުފެންނަނީ ކީއްވެހެއްޔެވެ؟ ހިތްބިރުގެންވަރުން ރޮވުނެވެ.

"މިރޭ ކިހިނެއް ވެގެންތަ ތިއުޅެނީ؟" ސަންފަ އެހި އަޑު އިވުނެވެ. އަހަރެން ދެ ލޮލުގެ ފެނުން ގެންދެވީއޭ ބުނަން ބޭނުންވި އެވެ. އަރުތެރެ ބެނދި ހިކިގެން ގޮސް ވާހަކައެއް ނުދެއްކުނެވެ.

ވިލުނު އައްޔާ އެކު ގޯތިތެރެ ފުރައިލީ ހެޔޮއެދޭ މީހުންނާއި އާއިލާ މީހުން އައިހެވެ. ކުއްލިއަކަށް އަހަރެން ދެ ލޮލުގެ ފެނުން ދިޔަ ވާހަކަ އެންމެން އެހީ އަޖައިބުވެ ހުރެ އެވެ.

އެއަށްފަހު އަހަރެން ގިނަ ވަގުތު ހޭދަކުރީ ހެއްދެވި ފަރާތަށް ދެންނެވުމުގަ އެވެ. އަހަރެންގެ ޒިންމާގެ ދަށުގައި ފަސް މީހުން އެބަތިއްބެވެ. ބަލި އެނދުގައި ބައްޕަ އެބައޮތެވެ. އަހަރެންގެ ފެނުމާއި އެ މީހުންގެ މުސްތަގުބަލް ވަނީ ގުޅިފަ އެވެ. މިވަރުގެ ސަޒާ އަށް ނުދިނުމަށް އެދި އާދޭސްކުރީމެވެ. އޭގެ ދެތިން ދުވަސް ފަހުން އަނެއްކާވެސް ހުވަފެނެއް ފެނުނެވެ. މަތީގައި އެލުވާފައި ހުރި ދަންމަޅިއެއް ކައިރީ ބޯނިވާކޮށްފައި އާދަނު ހުރެ އެވެ. އޭނާގެ ދެއަތް ފަހަތަށް ބަނދެ ތައްޔާރުކޮށްފައި ވަނީ ދަންޖައްސާށެވެ. އެކަމުގެ އިންތިޒާރުގައި ރައްޔިތުން ތިއްބެވެ.

ހޭލެވުމާ އެކު އަހަރެން ވިސްނީމެވެ. ކުށެއް ކޮށްފިނަމަ އަދަބު ލިބެން ޖެހޭނެ އެވެ. ކޮންމެ މަގާމެއްގައި ހުރި މީހަކު ނަމަވެސް ހެވެވެ. ރައްޔިތުން އާދަނުގެ ދިފާއުގައި ނިކުންނާނެހެން ހިއެއް ނުވެއެވެ. ހުވަފެނަށްފަހު އަހަރެންނަށް ހިތްވަރު ލިބުނެވެ. ހިތަށް އެރި އެވެ. ވާނެގޮތެއް ވާންވީ އެވެ. ވަކީލު ކުރަނީ ހެއްދެވި ފަރާތަށެވެ.

ޖެހިގެން އައި ދުވަހު ސަންފަ ފޮނުވައިގެން ކަތީބު ގެއަށް ގެނައީމެވެ. ދައްކަން އުޅޭ ވާހަކައަކީ ކޮބައިކަން ސަންފައަކަށް ނުވެސް އެނގޭނެ އެވެ. އެ ވާހަކަ ކަތީބާ ހިއްސާކުރުމުން އޭނަ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ދެރައީ މޫނުމައްޗަށް އަރާ އަސަރުތައް އަހަންނަށް ފެނުމުގެ ކުޅަދާނަކަން ނެތީމަ އެވެ. އަހަރެން ދޮގު ނުހަދާނެކަމުގެ ޔަގީންކަން ކަތީބަށް އޮތެވެ.

ސައްތާރާ ހަމަޔަށް ޚަބަރު ދިޔައީ ކަތީބުގެ ފަރާތުންނެވެ. އެއާ އެކު ހީވީ ރަށުތެރޭގައި އަލިފާން ޖެހިހެންނެވެ. ކުއްލިއަކަށް އަހަރެންގެ ނިތްކުރީގައި ބޮޑު ގަލަކުން މީހަކު ޖެހި އެވެ. ވީތަދާ އެކު ބޮލުގައި އަތް އަޅައިގެން ތިރިވަނިކޮށް އިވުނީ ސައްތާރުގެ އަޑެވެ. އާދަނުގެ ކިބައިން ޔާސިރާ ސަލާމަތް ނުކުރެވޭ ވަރަށް އަހަރެން ބަލިކަށިނުވާނެ ކަމަށް ސައްތާރު ބުންޏެވެ. އެބުނީ ތެދެކެވެ. އެ ދުވަހު އަހަންނަށް އެ ފުރުސަތު އޮތެވެ. ޔާސިރާގެ ފުރާނަ އުފުރާލުމުގެ ކުރިން އެ ކުއްޖާ އެ ގެއިން ނެރެވުނީހެވެ. އެކަމަކު ބިރުގެންވަރުން އަހަރެންގެ ސިކުނޑި އަށް އެއްވެސް ކަމެއް ނައީއެވެ.

އާދަނު ފަޟީހަވެދާނެތީ ޔާސިރާ އަށް އެހެން ހަދާނެކަން ވެސް އަހަންނަށް އެނގެ އެވެ. އަހަރެންގެ ހުރި ނުބައި ކަމެވެ. އެއްވެފައި ތިބި މީހުންގެ ހަޅޭކުގެ އަޑު ގަދަވި އެވެ. ދެބެން އެކުގައި ހަވަރަށް ލާނީއޭ ވެސް ގޮވަމުން ދިޔަ އެވެ. ގޭތެރެއިން ދުވެފައި ސަންފަ ނިކުމެ އަހަންނަށްޓަކައި އާދޭސްކުރި އެވެ. އެ މީހުންގެ ރުޅިގަނޑު އޭރު ފަޅައިގެން ހިނގައްޖެ އެވެ. ދެވަނަ މީހަކަށް ކުށެއް ފޮރުވަން ނުކެރޭނީ މިއަދު އަދަބު ދެވިގެންނޭ އެއްބަޔަކު ގޮވަ އެވެ. އަހަރެންގެ ހަށިގަނޑުގެ އެކި ދިމާލަށް ހަމަލާތައް ލިބެމުން ދިޔަ އެވެ. ލަކުނޑިތަކާއި ދަނޑިބުރިތަކުންނެވެ. އޮށްގަލާއި އެ މީހަކު އަތުޖެހުނު އެއްޗަކުންނެވެ. އާދަނު އަށް ކޮށްލާނެވަރެއް ނޭނގެ އެވެ. އަހަރެން ހޭވެރިކަން ކުޑަވަމުން ދިޔަ އެވެ. ކަނު އަނދިރިކަން ނޫން ތަނެއް އަހަންނަކަށް ނުފެނެ އެވެ. އަޑުތައް މަޑުވެ ހިނދެމުން ދިޔަ އެވެ. ނޭފަތް ތެރެ ލެއިން ފުރިގެން އަންނަކަން އެނގެ އެވެ. އަރުތެރޭގައި ލޭރަހަ ލި އެވެ. ދެން ވީގޮތެއް ނޭނގުނެވެ.

(ނިމުނީ)