ކީރިތި ނަބިއްޔާގެ ނަމޫނާ: ކުޑަކުދިންނަށް އެހާ އޯގާތެރި

ކުޑަކުދިންނަށް އޯގާތެރިވެވަޑައިގަތުމަކީ ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚުލްޤުފުޅުގެ ތެރެއިން ހިމެނޭ ކަމެކެވެ. ބޮޑެތި މީހުންނަށް އިޙުތިރާމު ކުރުމާއި ކުޑަކުދިންނަށް އޯގާތެރިވުމަށް އެކަލޭގެފާނު އިރުޝާދު ދެއްވަނީ އެ ދެ ކަންތަކުން ކަމެއް ދޫކޮށްލާ މީހާ އަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށް ބަޔާން ކުރައްވަމުންނެވެ. ކުޑަކުދިންނަށް އޯގާތެރިވުމުގައި އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ނަމުނާ ދައްކަވައިދެއްވައިފަ އެވެ.


މިގޮތުން ކުޑަކުދިން އުޅޭ ތަނަކަށް ވަޑައިގެންފި ނަމަ އެތަނެއްގައި ތިބޭ ކުޑަކުދިންނަށް އިސްވެ ސަލާމް ކުރައްވަ އެވެ. އެކުދިންނާ އެކު ބައެއް ފަހަރު އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އެކަލޭގެފާނުގެ ކާފަދަރިދަރިކަލުންނަށް ބޮސްދެއްވަ އެވެ. މިކަން އައުރާބީންގެ ބަޔަކަށް ފެނުމުން އަޖައިބުވެ އެއީ އެކަލޭގެފާނު ކުރައްވާ ކަމެއްތޯ ސުވާލުކޮށް، ތިމަންމެން ދުވަހަކު ވެސް އެކަން ނުކުރާކަމަށް ބުނުމުން ރަސޫލާ ޙަދީޘްކުރެއްވި އެވެ. ''ތިޔަބައި މީހުންގެ ކިބައިން، ﷲ ރަޙްމަތް ނިގުޅުއްވައިގެންފި ނަމަ ތިމަންކަލޭގެފާނަށް ކުރެއްވޭނީ ކޮން ކަމެއް ހެއްޔެވެ؟''

ހަމައެގޮތަށް އަޤްރަޢް ބިން ޙާބިސް އަށް ކީރިތިރަސޫލާ ޙަސަންގެފާނަށް ބޮސްދެއްވާތަން ފެނިވަޑައިގަތުމުން ވިދާޅުވީ އޭނާގެ ދިހަ ކުދިން ތިބޭއިރު ވެސް އެއްވެސް ކުއްޖަކަށް ބޮސް ނުދެއްވާ ކަމަށެވެ. މީގެ ރައްދުގައި އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ: ''ހަމަކަށަވަރުން ރަޙުމް ނުބަހައްޓާ މީހަކަށް، ﷲ ރަޙުމް ނުލައްވާނެ އެވެ.''

ރަސޫލާގެ އަންހެން ދަރިކަނބަލުން ޒައިނަބްގެ ދަރިކަނބަލުން އުމާމާ އުފުއްލަވައިގެން ހުންނަވައިގެން، ކީރިތި ރަސޫލާ ނަމާދު ކުރެއްވި އެވެ. ބައެއް ފަހަރު އެކަލޭގެފާނު ސަޖިދައިގައި އޮންނަވާ އިރު ޙަސަންގެފާނާއި ޙުސައިންގެފާނު ބުރަކަށިފުޅު މައްޗަށް އަރުއްވަ އެވެ. އެފަދަ ހާލަތްތަކުގައި އެއިން ބޭފުޅަކަށް އަނިޔާއެއް ވެދާނެތީ އެބޭފުޅުން އަމިއްލަ އަށް ބުރަކަށިފުޅުން ފައިބައިވަޑައިގަންނަވަންދެން ސަޖިދައިގައި އޮންނަވަ އެވެ. އެއް ދުވަހަކު އެކަލޭގެފާނު މިންބަރުގައި ހުންނަވަނިކޮށް ކާފަ ދެ ދަރިކަލުން ވެއްޓިވަޑައިގަތުމުން ޚުޠުބާ ނުނިންމަވައި ވަޑައިގެން އެ ދޭ ބުފުޅުން އުފުއްލަވައި ގެންނެވި އެވެ.

އަނަސްގެފާނު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ އަށް ވުރެ ބޮޑަށް ކުޑަކުދިންނަށް އޯގާތެރިވެވަޑައިގަންނަވާ އެކަކު ވެސް ދެކެވަޑައެއްނުގަންނަވަ އެވެ. އެކަލޭގެފާނު ކުޑަކުދިންނާ ސަމާސާ ކުރައްވާ ހައްދަވަ އެވެ. މިގޮތުން އަބޫ ޢުމައިރު ކިޔާ ކުއްޖަކު ގެންގުޅޭ ކުޑަ ދޫންޏަކާ ބެހޭ ގޮތުން އެކަލޭގެފާނު ސުވާލުކުރައްވައި ސަމާސާ ކުރެއްވި އެވެ. މީގެ އިތުރުން އެކަލޭގެފާނު ބައެއް ފަހަރު ނަމާދު އަވަސްކޮށް ކުރައްވާއިރު ނުވަތަ އެގޮތަށް އަވަސްކުރެއްވުމަށް އެހެން ބޭފުޅުންނަށް އިރުޝާދު ދެއްވާއިރު އޭގެ ސަބަބުތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ކުޑަކުދިންނަށް އޯގާތެރިވުން ހިމެނެ އެވެ.

މިކަންކަން މިގޮތަށް ހުރުމާ އެކު އަޅުގަނޑުމެން ވެސް މި ނަމޫނާއާ އެއްގޮތަށް ކުޑަކުދިންނަށް އޯގާތެރިވާން ސަމާލުވާން ޖެހޭނެ އެވެ.