ކުރު ވާހަކަ: ނަފްރަތުވުމުން

ބޮޑު ދޮރާށިން ވަދެވުނުއިރު ހާމައަށް ފެންނަން ހުރި ފުރިހަމަ ގެއަށް ޒާރާ ބަލައިލި އެވެ. ދިހަ ބުރީގެ އެ ގެއަކީ ބޭރުފުށުން ވަރަށް ޒަމާނީ ތަނެކެވެ. ޕޯޓިކޯ އަށް އެރިއިރު ދޮރުގައި ހަރުކޮށްފައި ހުރި ސީސީކެމެރާ ފެނިފައި ޒާރަ މެއަށް ފިނިވި އެވެ. ދޮރުގެ ދެ އަރިމަތީގައި ހައްދާފައި ހުރި މާގަސްތަކުގައި ފަރިވެ ފޮޅިފައިވާ އެކި ކުލައިގެ މާތަކުން ގޭގެ ހައިބަތު އިތުރުކޮށްދެއެވެ. ދޮރުގެ ދާރައިގައި ހުރި ރަނގަބީލަށް ފިއްތާލުމުން ދޮރުހުޅުވައިދިނީ ގޭގައި ގެންގުޅޭ މީހެކެވެ.


"އަވަހަށް އާދޭ،" ޔޫއާންގެ އަޑު އިވުނީ ޒާރާ ދޮރުމައްޗަށް އެރިތަނާ އެވެ. ގަޔަށް ޖެހިފައި ހުރި ޓީޝާޓަކާއި ފަޓްލޫނުގައި ހުރި ޔޫއާން އަކީ ރީތި ޒުވާނެކެވެ. ޔޫއާންގެ ފަހަތުން ޒާރާ އެރީ ސިޓިންރޫމްގެ އެއްފަރާތުގައި ހުރި ސިޑިންނެވެ. އެއްކަޅިން މުޅި ގޭތެރެއަށް ސިއްރުން ބަލާލެވުނެވެ. އޮމާންކޮށްފައި ފާރުތަކުގެ ފަޅުކަން ފިލުވައިދީފައި ވަނީ އެކި މުނާސަބަތުގައި ނަގާފައިވާ ފޮޓޯތަކުންނެވެ. ޔޫއާން އާއި އޭނާގެ މައިންބަފައިން ކޮންމެ ތަސްވީރެއްގައި ހިނިތުންވެލައިގެން ތިބިއިރު އެއީ އާއިލާގެ މެދުގައި އޮތް ގަދަރާއި އިންތިހާ ލޯބިކަން ހެކިދެ އެވެ.

ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަދެ ޔޫއާން ހުއްޓުނެވެ.

"މިއީ އަހަރެންގެ މަންމަ. މިއަދުން ފެށިގެން ޒާރާ އަކީ މަންމަގެ ޕާސަނަލް ނާސް. މޭޒުމަތީގައި އޮތް ފައިލުގައި މަންމަގެ ހުރިހާ މައުލޫމާތެއް ހުންނާނެ. ޒާރާ އިރުޝާދު ނަގާނީ ޑޮކްޓަރު އަފްޒަންގެ ކައިރިން. ޒާރަގެ މަސައްކަތް މޮނިޓާ ކުރުމަށް އަފްޒަން އަންނާނެ ދުވާލަކު އެއްފަހަރު،" ޔޫއާން ދެމުން ދިޔަ އިރުޝާދުތައް ޒާރަގެ ކަންފަތަށް ފޯރީ ކިރިޔަކިރިޔަ އެވެ. އޭނާގެ ސަމާލުކަން ހުއްޓުނީ އެނދުގައި އޮތް ޔޫއާންގެ މަންމައަށެވެ.

ފުން ނިދީފައި އޮތް އެ އަންހެންމީހާގެ އުމުރަކީ 60 އަހަރެވެ. ބޮލުގެ އިސްތަށިތައް ވަނީ ނުރައަށް ވެފަ އެވެ. ހަންގަނޑުގެ ތާޒާކަން ގެއްލި ރޫޖެހިފަ އެވެ. ހިތުގައި ވިންދު ހުއްޓަސް އެއީ މާކުރިން މަރުވެފައިވާ މީހެއް ފަދަ އެވެ. ސިކުނޑީގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެ އެވެ.

ޒާރާ ފައިލު ރަނގަޅަށް ކިޔާލި އެވެ. އޭނާގެ ހުރިހާ ކަމެއް އޮޅުން ނާރާނެ ވަރަށް ދަސްކުރި އެވެ. މީގެ ހަތަރު އަހަރުކުރިން ހާޓްއެޓޭކެއް ޖެހުނެވެ. ހިތުގެ އޮޕަރޭޝަން ކުރުމުގެ ތެރޭގައި ވި އިހްމާލަކުން އެއްފަޅި ޕެރަލައިޒްވި އެވެ. ސިކުނޑި މަރުވީ އެވެ. ފުރާނަ ހުރީތީ އޮންނަ ކަމެވެ. ކުރިމަތީގައި ހުއްޓެނީ ކާކުކަމެއް ނޭނގެ އެވެ. ގޮވާލުމުން އަނގައަކުން ނުބުނެވެ އެވެ. ބައެއް ފަހަރު އެހެން އޮވެފައި އަޑެއް ލައްވަ އެވެ. ކާއެއްޗެހި ހޮޅިން އަޅާތީ ގޮހޮރަށް ދާކަމެވެ. ދެކަމު ދެވޭއިރު ވެސް ނޭނގެ އެވެ.

ޔޫއާން އަކީ ފިރިހެން ދަރިއެކެވެ. މަންމަ ތާހިރުކުރުމަށް ނޯކަރުން ގެންނަން ޖެހުނީ އެހެންވެ އެވެ. ހޮސްޕިޓަލުގައި ދެވޭ ފަރުވާތައް ގެއިން ލިބޭނެ ފެންވަރަށް ޚާއްސަ ތަނެއް ހެދި އެވެ. ޑޮކްޓަރުންނާއި ނަރުހުން ގަތީ އެވެ. ޒާރައަކީ މަންމަގެ ޚިދުމަތުގައި ހުންނަ ނަރުހެވެ.

ޒާރާ އެ ގެއަށް އައީ ވަކި މަގުސަދެއްގަ އެވެ. ފައިލު ބާއްވާފައި އޭނާ ހުޅުވީ ގެނައި ދަބަހެވެ. އޭގެން އިންޖެކްޝަނެއް ނެގި އެވެ. ޔޫއާން ކައިރީ ބޭރަށް ދާށޭ ބުނެލި އެވެ.

"ތިއީ ކޯއްޗެއް؟" ޔޫއާން ސުވާލުކުރި އެވެ. އޭނާއަށް ނޭނގި މަންމަގެ ގަޔަށް އެއްވެސް އެއްޗެއް ޖަހާކަށް ބޭނުމެއް ނޫނެވެ.

"މިއީ ޑރ. އަފްޒަން ދެއްވި އެއްޗެއް. މަސްގަނޑަށް ޖަހާ އެއްޗެއް. އެހެންނަމަ އަޅުގަނޑު ނުބުނާނަން ޔޫއާން ކައިރީ ބޭރަށް ނިކުންނާކަށް،" ޒާރާ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. ޔޫއާން ބޭރަށް ހިނގައިގަތެވެ. ޒާރަ އަށް އެކަނި ކޮޓަރި ލިބުމެވެ.

އަނީސާގެ މޫނަށް ޒާރާ ބަލައިލި އެވެ. އިންޖެކްޝަން ޖެހީ އެ މޫނަށް ބަލަން ހުރެ އަތުގެ ނާރަކަށެވެ. އަނީސާ ސިހުނެވެ. އަޑެއް ލައްވާލުމުގެ ކުރިން ޒާރަ އަތް އެޅީ އަނީސާގެ އަނގަމަތީގަ އެވެ. ޒާރާ ހީނލީ އޭނާ ކުރި ކަންތައް ކާމިޔާބުވީމަ އެވެ.

"އަހަރެން ބޭނުމީ ކަލޭގެ މަރު އަހަންނަށް ފެންނަން،" ޒާރާ ހިތާހިތުން ބުނެލި އެވެ.

އަނީސާ އަށް ނުރައްކާވާ އެތައް ބޭހެއްގެ ނަން ފައިލުގައި ހުއްޓެވެ. ޒާރާ އިންޖެކްޝަންގެ ސިފައިގައި މިޖެހީ އެ ލިސްޓުން އެއްޗެކެވެ. އެއީ އަފްޒަން ފޮނުވި އެއްޗެއް ނޫނެވެ. މި ގެއަށް އަންނަމުން ބޭސްފިހާރައަކުން އަމިއްލަ އަށް ގެނައި އެއްޗެކެވެ.

ޔޫއާން ބޭރުގައި ހުންނަތާ ވިހި މިނެޓް ފަހުން ދޮރުގައި ޓަކިދިނެވެ. ޒާރާ ދޮރުހުޅުވާފައި ޔޫއާން އަށް ބަލައިލީ ލުއި ހިނިތުންވުމަކާ އެކުގަ އެވެ. މި ގަޑީގައި އަނީސާ އަށް އޮތީ ނިދިފައި ކަމަށާއި ހަތަރުގަޑިއިރު ފަހުން އަންނާނެ ކަމަށް ބުނެ ޒާރާ އެދުނީ އޭނާ ދިއުމުގެ ހުއްދައަށެވެ.

އަނީސާގެ މޫނު ޔޫއާން އަށް ފެނުނީ ދުރުންނެވެ. ފުންނިދީގައި އޮތް މީހެއްހެން ލޯމަރައިގެން އަނީސާ އޮތެވެ. ޒާރާ އަށް ދެވޭނެގޮތް ހަމަޖައްސައިދީފައި ޔޫއާން އޭނާގެ ކޮޓަރިއަށް ވަނެވެ. އެނބުރި އައީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. އަނީސާ އާ ކައިރިވީ އިރު ތަފާތުކަން އޭނާ އަށް ނަގައިގަނެވުނެވެ. ހަންގަނޑު ހުދުވެ ތުންފަތް ކަޅުވަމުންދާހެން ހީވި އެވެ. އަނީސާގެ ނިތްކުރީގައި އަތް ޖައްސާލާފައި ޔޫއާން ނިކަން އަވަހަށް އަތް ދުރަށް ލެވުނެވެ. ފިނިކަމުން އެހަށިގަނޑު ހީވަނީ ގަނޑުވެދާނެހެންނެވެ.

އަފްޒަން އަށް ޔޫއާން ގުޅީ ކަންބޮޑުވުމާ އެކުގަ އެވެ. ދިހަ މިނެޓް ވީއިރު އަފްޒަން ހުރީ އެ ގޭގަ އެވެ. ޔޫއާން އަށް އަފްޒަންގެ ފަރާތުން ލިބުނީ އަހަން އެންމެ އުނދަގޫ ޚަބަރެވެ. އަނީސާގެ ހަށިގަނޑުގައި ފުރާނަ ނެތްކަން ޔޫއާން އަށް އެނގުމުން ގަބޫލު ނުކުރެވިފައި އަނީސާގެ ކޮނޑުގައި ދެ އަތުން ހިފާލާ ތަޅުވާލެވުނެވެ. އެއާ އެކު އަނީސާގެ އަނގައިން ހުދުފޮނު ކަހަލަ އެއްޗެއް އެއް މިޔަނުން ފޭބިތަން ފެނިފައި އަފްޒަން އަށް އެމަރާ މެދު ޝައްކު އުފެދުނެވެ.

ރަޖާ ނަގައި އެ ހަށިގަނޑު ރަނގަޅަށް ޗެކްކުރިއިރު ވިހައިގެ އަސަރުން ހަށިގަނޑުގެ ތަންތަން ވަނީ ނޫފައިގެންފަ އެވެ. ޒާރާ އާ މެދު ޝައްކު އުފެދުނީ ދެނެވެ. އަފްޒަންގެ އަތުގައި އަބަދުވެސް އަނީސާގެ ކޮންމެ ޑޮކިއުމެންޓެއްގެ ކޮޕީ ހުރެ އެވެ. ޒާރާ އަށް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނެވެ. ފަރުވާކުޑަ އަމަލެއް ޒާރާގެ ފަރާތުން ފެންނަންވީ ކީއްވެހެއްޔެވެ؟

އަނީސާގެ ހަށިގަނޑު ބޭއްވީ މޯޗަރީގަ އެވެ. ފުލުހުންނަށް ގުޅައި މަރު ރިޕޯޓްކޮށް އަފްޒަން ބޭނުންވީ ކަމުގެ ހަގީގަތް އެނގޭށެވެ. ދެރައީ ޒާރާ ފޮނުވުނީ އޭނާ އަށް ކަމަށް ވާތީ އެވެ. ޒާރާ އަކީ މީގެ ދެ މަސްކުރިން އޭނާގެ ކުލިނިކަށް ޖޮއިންކުރި އާ ކުއްޖެކެވެ. ފަރުވާ ކުޑަކަމެއް ދުވަހަކު ވެސް ނުފެންނަ ކުއްޖެކެވެ.

ޒާރާ ފިލާކަށް ނޫޅެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރަން ދިޔައިރު އޮތީ ގޭގަ އެވެ. ޒާރާގެ ފަރާތުން އާދަޔާ ޚިލާފް ކަމަކަށް ހަމައެކަނި ފާހަގަވީ ޑިއުޓީން އިން އައިގޮތަށް މިއަދު ރޯން އޮތްކަމެވެ. ކާއެއްޗެއް ވެސް ނުކައެވެ. އެއީ ކުދިން ބަހައްޓައިދޭ ތަނެކެވެ. ޒާރާ އާ އެކު އުޅޭ ރައްޓެހިކުއްޖަކު އެކަން ކިޔައިދިނީ އަފްޒަން ސުވާލުކުރުމުންނެވެ.

ޔޫއާން ހުރީ ހަމަބުއްދި ފިލައިގެންދާހާ ރުޅި އައިހެވެ. ޒާރާ ފެނިއްޖެ ނަމަ އޭނާ އަށް ގޯހެއް ވެސް ހެދިދާނެ އެވެ. އެކަން ވިސްނިގެން އަފްޒަން ވިސްނައިދިނީ ހަގީގަތް އެނގެންދެން ކެތްތެރިވުމަށެވެ.

ޒާރާ އާ ތަފާތު ސުވާލު އެކި ފަހަރުމަތިން ސުވާލުކުރެވުނެވެ. އެއީ އޮޅުމަކުން ކުރެވުނުކަމެއްތޯ ފުލުހުން އެހި އެވެ. އެއީ އަމިއްލަ އިޚްތިޔާރުގައި އެނގި ހުރެ ކުރިކަމެއް ކަމުގައި ޒާރާ ބުންޏެވެ. ދެން ސުވާލު ކުރެވުނީ އެއީ ވަކި މީހަކު ބުނެގެން ފައިސާ އަށް ކުރި ކަމެއްތޯ އެވެ. މި ފަހަރު ވެސް ޒާރާގެ ޖަވާބަކަށްވީ އެއް ޖަވާބެކެވެ. އެއްވެސް ފަރާތެއްގެ ނުފޫޒެއް އޭނާގެ މައްޗަކަށް ނެތެވެ.

ބަލި އެނދުގައި އޮތް މުސްކުޅި އަންހެނެއްގެ ފުރާނަ ދުއްވާލުމުން ޒާރާ އަށް ލިބުނީ ކޮންފައިދާއެއްތޯ ސުވާލު ކުރުމުން ޒާރާ ހިމޭނުން އިރުކޮޅަކު އިނެވެ.

"ހިތްހަމަޖެހުން ލިބިއްޖެ،" މިއީ ޒާރާގެ ޖަވާބަށް ވެދާނެ ކަމަށް އެއްވެސް މީހަކު އުއްމީދެއް ނުކުރެއެވެ. އަނީސާ އާއި ޒާރާ އޮތީ ކޮން ދުޝްމިނު ކަމެއް ބާއޭ ޔޫއާން އެނގެން ބޭނުންވި އެވެ. ފުލުހުން އެ ސުވާލު ޒާރާއާ ކުރިމެއެވެ. އެއްކޮޓަރީގައި ޒާރާ އާއި ސުވާލުކުރަމުން ދިޔައިރު ޖެހިގެންހުރި ކޮޓަރީގައި ރިކޯޑަރުން އަޑުއަހަން ޔޫއާން ހުއްޓެވެ. ވަކީލާ އެކު ޔޫއާން ދިޔައީ ޒާރާ އާ ބައްދަލުކުރާށެވެ. ފުލުހުން އެދުނީ ތަހްގީގުކޮށް ނިމެންދެން އިހަށް މަޑުކުރުމަށެވެ.

"އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާފައި އެ އަންހެންމީހާ އުފަލުގައި ވާކަށް އަހަރެން ނޭދެން. އެއީ އެ ހަށިގަނޑުން އަހަރެން މި ދުނިޔެ އަށް އުފަންކުރި މަންމަ. އަހަރެންގެ އުމުރުން އަށް އަހަރުގައި ބައްޕަގެ ކައިރިން ވަރިވެ މާލެ މީހަކާ އިންނަންވެގެން ރަށުން ފުރައިގެން އައީ މުސްކުޅި މާމަގެ އަތަށް އަހަރެން ހަވާލުކޮށްފައި، މާމަ އާއި ދޮންކާފަ އަށް ބެލުނު ކޮންމެ ގޮތަކަށް އަހަރެން ބެލުމަށް ޖަހާފައި. މުއްސަނދި ދިރިއުޅުމާއި އަރާމުގައި ދުވަސްތައް ހޭދަކުރިއިރު އަހަރެން އުޅުނީ ހާލުގައި." ޒާރާ ވާހަކަ ދައްކަމުން ގެންދިޔަ އެވެ.

"ދޮންކާފަގެ ޖިންސީ އަނިޔާތަކުން އަހަރެން ދިޔައީ ކުދިކުދިވަމުން.، އެނގިހުރެމެ މާމައަށް އެއްވެސް ކަމެއް ކޮށްނުދެވުނު. ބައްޕަ އަކީ އަހަންނަށް އަޅާލި މީހެއް ނޫން. އަހަރެން އުއްމީދުކުރީ މަންމަގެ ލޯތްބަށް، އަހަރެން ފުރާވަރަށް އެރިއިރު ދޮންކާފަގެ ފަރާތުން ލިބޭ އަނިޔާ ދިޔައީ ބޮޑުވަމުން. އެއިން ކޮންމެ ފަހަރަކު މަންމަގެ ހިމާޔަތަށް އެދި އަހަރެން ރޮން. ސްކޫލު ނިމި އިތުރަށް ކިޔަވަން ބޭނުންވިއަސް މާމަ އަކީ އެއްޗެއް ލިބޭ މީހެއް ނޫން. ރައްޓެއްސެއްގެ ފަރާތުން ކިޔަވާ ކުދިންނަށް ހުރި ލޯނުތަކުގެ ޚަބަރު އެނގުމުން ލޯނަކަށް ހުށައެޅިން. އަދި ސްޕޮންސާ ލިބޭތޯ އެތައް ބަޔަކަށް ސިޓީ ފޮނުވިން،. ނަސީބު ރަނގަޅުކަމުން ކޯހަށް ހޮވުނުއިރު ހުރީ ހުރިހާ ކަމެއް ހަމަޖެހިފައި."

"ނަރުސްކަން ކިޔެވިއިރު މަންމަގެ މައުލޫމާތު އަހަރެން ހޯދިން. އެއްދުވަހު މަންމަ އާ ބައްދަލުކުރަން އަހަރެން އައިން. އަހަރެން ހީކުރީ އަހަރެން ފެނުމުން މަންމަ އުފާވާނެ ކަމަށް. އެކަމަކު މަންމަގެ ދިރިއުޅުމުގައި އަހަންނަށް އެއްވެސް މަގާމެއް ނެތްކަމަށް މަންމަ ބުނި. މަންމަގެ އުފާވެރިކަމަށް އެޅޭ ހިޔަންޏަކަށް ނުވެ މިތަން ދޫކޮށް ރަށަށް ދާށޭ ބުނި. އެ ދުވަހު އަހަރެން މި ގެއިން ނިކުތީ ރޮމުން. ވީދެރައިން އަހަރެން ބޭނުންވީ އަހަންނަށް ނުދެވުނު އުފާ އެހެން ދަރިއަކަށް އެ މަންމައަށް ނުދެވުން. ކޯސް ނިމި ވަޒީފާ އަށް ނުކުމެވުނު އިރު އަނެއްކާވެސް މަންމަ އެކްސިޑެންޓްގެ ޚަބަރު އެނގުން. ބަލި އެނދުގައި އޮންނަކަން އެނގުނު. މި ގެއަށް އަންނަން ފުރުސަތު ލިބުނީ ހީވެސް ނުކޮށް ހުއްޓާ. އަފްޒަން ދެއްކި ފައިލުން އެއީ މަންމަކަން ޔަގީންވުމުން އަހަރެންގެ ހިތުގައި ވަކި ކުލުނެއް ނެތް،" ޒާރާގެ ބަޔާން އިވުމުން ޔޫއާން އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެންމެ ފަހަރަކު ނަމަވެސް ޒާރާ އާ ބައްދަލުކޮށްދިނުމަށް ޔޫއާން އެދުނެވެ.

ޒާރާ އިން ކޮޓަރި އަށް ޔޫއާން ވަނެވެ. ޒާރާ އިނީ އިސްއުފުލަން ނުކެރިފަ އެވެ. މަންމަ އާއި އޭނާއާ ދެމެދުގައި އޮތް ނަފްރަތުގެ ފާރުގެ ސަބަބުން ހިތާމަ އެހެން މީހަކަށް ކުރަން ޖެހުނީތީ އެވެ. ޔޫއާން އަކީ އޭނާގެ ކޮއްކޮ އެވެ. އެހެންވިއަސް ޔޫއާން އަށް ޓަކައި ހަމްދަރުދީއެއް ނުވެއެވެ. ޔޫއާންގެ ފަރާތުން އިވުނީ ޒާރާ ހިތަށް ވެސް ނުގެންނަ ހަގީގަތެކެވެ.

"އަހަރެން އަބަދުވެސް ބޭނުންވި ދައްތަ އާއި ބައްދަލުކުރަން. ދައްތައެއް ހުންނަކަން މަންމަގެ ފަރާތުން އެނގުނު، އެކަމަކު ފޮޓޯއަކުން ވިއަސް ނުދެކެން. މަންމަ އަބަދުވެސް ދައްތަގެ މަތިން ހަނދާންކޮށް ރޮއި ހަދާ. ބައްޕަ ކައިރީ އާދޭސްކުރި ދައްތައާ ވަކިނުކުރުމަށް. ހުރިހާ ގޯހަކީ އަހަރެންގެ ބައްޕަ. ދައްތަ ފެނުމުން މަންމަ އަށް އެހާ ހަރުކަށިކޮށް ކަންތައް ކުރަންޖެހުނީ އެހެންވެ. މަންމަ ބޭނުންވިއަސް މަންމައާ އެކު އުޅުމުގެ ހުއްދަ މަންމަ އަށް ނެތީމަ،" ޔޫއާން އަޑުގައިވީ މަޑުމައިތިރިކަމެވެ. ކުރިން އުފެދުނު ރުޅިވެރިކަމެއް ނެތެވެ.

މަންމަގެ ގާތިލަކަށް މަންމަގެ ހަށިގަނޑުން އުފަންވި ދަރިއަކު ވެދާނެ ކަމަށް މަންމަ އުއްމީދެއް ނުކުރެއެވެ. މަންމަގެ ކުށަކީ ޒާރާ ބަލަން ދެކޮޅު ހެދި މީހާ ބަދަލުވެދާނެކަމުގެ އުއްމީދުގައި ކައިވެނި ކުރުމެވެ. މަރުދުވަހާ ހަމަޔަށް ވެސް ޔޫއާންގެ ބައްޕަ ބަދަލުނުވުމެވެ. ޒާރާ ހިތަށް ލިބުނު ހިތާމަ ނަފްރަތަށް ބަދަލުވެގެން ދިއުމަކީ ވަރަށް ދެރަ ކަމެކެވެ. މަންމަ މަރާލުމުން ޒާރާ އަށް ލިބުނު އުފަލެއް ނެތެވެ. ވޭތުކުރަން އޮތީ ޖަލެވެ. އެއީ އެއްވެސް ހިތްހަމަޖެހުމެއް ނެތް ތަނެކެވެ.

ވިސްނާނުލައި ކުރާ ކަމަކުން މުޅި ދިރިއުޅުން ބަދަލުވެދާނެ އެވެ. ޒާރާ އަށް މިވީ އެހެންނެވެ. މިއަދު މާމަ ހުރީ މުސްކުޅިވެ އޭނާގެ އެހީތެރިކަން ބޭނުންވާ ހާލުގަ އެވެ. މަންމަ އެހެން ކަންތައް ކުރިގޮތް އޮޅުންފިލުވަން މަސައްކަތްކޮށް ހިތްތިރި ކުއްޖަކަށް ވެވުނު ނަމަ މިހެން ދިމާނުވީހެވެ.

(ނިމުނީ)