ކުރު ވާހަކަ: ރާނިޔާ

ހެނދުނު އޮފީހަށް ދާ ގަޑި ގާތްވަމުން ދިޔަ ވަރަކަށް މާލޭގެ މަގުތަކަށް ހަލަބޮލިކަން ވެރިވަމުން ދިޔައެވެ. މުޅިން ވެސް، ދިރިއުޅުމުގެ ރޭހުގައި ކުރި ހޯދަން ގަދަ އަޅާ މަސައްކަތް ކުރަމުންދިޔަ މަސައްކަތްތެރިންނެވެ. ތަޢުލީމަށް ޓަކައި އުއްމީދުގެ ފައިތިލަތައް ސާބިތުކުރަމުން ދިޔަ ކިޔަވާ ކުދިންނެވެ. ފަގީރުކަމުގެ ވޭނުން ނިކުމެ މާދަމާގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި މާލެ ފައިބައިގެން އުޅޭ ބިދޭސީންނެވެ.


"ތަންކޮޅެއް އަވަހަށް ނިދާ ހޭލެވޭތޯ ބަލަން ވެއްޖެ އެއްނު މިހާރު!.. ދެ މީހުން އެއްގަޑިއަކަށް އޮފީހަށް ދާއިރު މަދީހާގެ ތަތްކަމާ ހެދި މަ މިޖެހެނީ ކޮންމެ ދުވަހަކު ގަޑިޖެހިގެންދާން!.." ސައިކަލަށް އަރައި، ސައިކަލު ސްޓާޓް ކޮށްލަމުން އަތީކު ކުދި ކިޔައިގަތެވެ. ރައްދުގައި ބުނަން ބޭނުން ކިތައްމެ އެއްޗެއް ހުއްޓަސް ހިމޭނުން ހުރެ ސައިކަލު ފަހަތަށް އަހަރެން އެރީމެވެ.

"މަށަށް މިހާރު ހީވާން ފަށައިފި މަށަކީ މީ މަދީހާގެ ޑްރައިވަރޭ ވެސް.. ކިތައް ފަހަރު ބުނެވިއްޖެ ސައިކަލު ދުއްވަން ދަސްކުރަން އުޅޭށޭ!" އަހަރެން ހީކުރި ގޮތަށް އަތީކުގެ ޝަކުވާތަކަކަށް ނިމުމެއް ނައެވެ.

އަތީކުގެ އެ ޝަކުވާތައް އަޑުއެހުމަށް އަހަރެންގެ ދެ ކަންފަތް ހުރީ އާދަވެފަ އެވެ. ދެ މީހުންގެ ކާވެންޏަށް ދިހަ އަހަރު ވެގެން ދިޔައިރު، އަހަރެމެންގެ ޖަވާޒީ ޙަޔާތުގެ ތާޒާ ކަމާއި އާރޯކަން ކެނޑި ވީރާނާކަމެއް ދިރިއުޅުމަށް އަންނަމުން ދިޔަ ކަމުގެ އިހްސާސް އަހަންނަށް ދިޔައީ ކުރެވެމުންނެވެ. ކާވެނި ރޫޅާ ނުލިޔަސް އެ ކާވެނިން ފޫހިކަމާއި ހިތްދަތިކަން ނޫން އެއްޗެއް އަހަންނަކަށް ނުލިބުނެވެ.

މީގެ ދިހަ އަހަރު ކުރިން އަހަންނާއި އަތީކުގެ ކާވެނި ވެސް ކުރެވުނީ އުފާވެރި ދިރިއުޅުމަށް ކުރެވުނު ފޮނި އުންމީދުތަކަކާ އެކުގަ އެވެ. ލޯބިވެރިންގެ ގޮތުގައި ތިބެ ކުރެވުނު ވަޢުދާއި ހުވާތަކަކީ ދިރިއުޅުމުގެ ބިންގާ ކަމަށް ދެކިގެންނެވެ. އޭރު އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދެކެވީ ލޯތްބަށް ފޫހިކަމާއި ނަފްރަތުގެ ހިޔަނި އެހާ އަވަހަށް އެޅިދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އެހެނަސް ކަންވީ އަހަރެން އުންމީދު ކުރިގޮތަކަށް ނޫނެވެ. ކާވެންޏަށް ފަހު އެކުގައި ހޭދަވި ދިހަ އަހަރުގެ ތެރޭގައި ތުއްތު ދެ ކުދިންގެ މައިންބަފައިންނަށް އަހަރެމެން ވިއެވެ. އެ ހިސާބުން ދިރިއުޅުމުގެ ޚަރަދުތައް ފޫބައްދަން ގޭގެ އޮޅިގަނޑު ގިރާކޮށް ވަޒިފާގެ ބާޒާރަށް އަހަރެން ވެސް ނިކުންނަން ޖެހުނެވެ. އަތީކު އަހަރެމެންގެ މައްޗަށް އަދާކޮށްދޭންޖެހޭ ޙައްޤުގެ އެއްބައިގައި ހިފުނު ކަމުގެ ހިތްހަމަ ޖެހުމާއެކުގަ އެވެ. ގޭގެ ޚަރަދަކީ ހަމައެކަނި ފިރިހެންމީހާގެ ކޮނޑުގައި އަޅުވަންޖެހޭ ޒިންމާއެއް ކަމަށް އަހަންނަށް ނުދެކެވޭތީ އެވެ.

ނަމަވެސް ވަޒީފާ އަށް ނުކުންނަން ފެށިފަހުން އަހަންނާއި އަތީކުގެ ދިރިއުޅުން ވެސް ދެކަފިވަމުން ދިޔަ ކަހަލަ އެވެ. ދަތުރު އެއް މިސްރާބަކަށް ބެހެއްޓުނަސް މަންޒިލް ތަފާތު ވާން ފެށި އެވެ. އަހަރެން ނޫން ސޫރައެއް އޭނާގެ ދެ ލޮލުގެ ކުރިމަތީ ތަސްވީރުވަމުން ދިޔަ ކަން އަހަންނަށް އެނގެ އެވެ.

އަހަރެންގެ ވިސްނުންތައް އެ ހިސާބަށް ދިޔުމާ އެކު، އަތީކް އޭނާގެ އޮފީހުގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލައިފި އެވެ. ދަރިންގެ ޚިދުމަތުގައި ރޭގަނޑު ހަމަނިދިން މަހުރޫމުވެ އޮފީހަށްދާން އަހަންނަށް ލަހުން ހޭލެވޭ ދުވަސް ދުވަހުގެ އަދަބަކީ އެއީ އެވެ. އޭނާގެ އޮފީހާ ހަމައިން އަހަރެންގެ އޮފީހާ ހަމައަށް އަހަރެން ހިނގާފައި ދިއުމެވެ. އެ ވަގުތު އެ އޮފީހަށް ވަންނަން ދިޔަ ޒުވާން ރީތި އަންހެން ކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަތީކުގެ ނަޒަރުތައް ހުރަހެއްނެތި އަމާޒުވެފައި ހުރީ އެ އަންހެން ކުއްޖާއަށެވެ. އެއީ ރާނިޔާ އެވެ. އަތީކުމެން އޮފީހުގެ ރާނީ އެވެ. ފަހަރުގައި އަތީކުގެ ހިތުގައި ރަނިކަން ކުރަމުން އެ ދާ ރާނީއަކީ އެއީ ނޫން ކަމެއް ވެސް ނޭނގެ އެވެ.

"ތިއީ އެއްނު މިހާރު ނުވެފަ އޮތްކަމަކީ!..." އެ ވަގުތު އަހަރެންގެ އެތެރެހަށީގައި ހީވީ ހުޅުފެޅިހެންނެވެ.

ތިމާގެ ހަލާލު ފިރިމީހާ ހިލޭ އަންހެނަކަށް އެ ގޮތަށް ބެލުމަށް ރުހިގެން ހުންނާނީ ކޮން އަންހެނެއް ހެއްޔެވެ؟ އެވަގުތު އައި ރުޅިން އަޑަށްލެވުނީ ކިހާ ބާރެއްކަން ބެލުމެއްނެތި އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. އޮފީހުގެ ތެރެއަށް ވަންނަމުން ވެސް ސިހިފައި ރާނިޔާ ފަސް އެނބުރި ބަލައިލި އެވެ. އަތީކު ލަދުގަތްވަރު އޭނާގެ މޫނު މަތިން ފެންނަން ހުއްޓެވެ.

"ކިހާ ދެރަކަމެއްތަ؟ ޒުވާބު ފަށަން ވަކި ތަނެއް ވެސް ނޯވެއޭ ދޯ؟!.." ރާނިޔާ އޮފީހަށް ވަދެ ގެއްލެންދެން އެއްޗެއް ނުބުނެ އިނުމަށްފަހު ހަރުކަށިކަމާ އެކު އަތީކް ބުނެލި އެވެ. ރުޅި އާއި ނަފްރަތުން ހިތް ފުރައިގެންހުރެ އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

"މަށަށް ހީވަނީ އަތީކު އުޅެނީ އެ ކުއްޖާއާ ރައްޓެހި ވެގެންހެން.." އަހަންނާއި އަލީމާ ތިބީ އޮފީހުގެ ސައި ކޮޓަރީގަ އެވެ.

ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ފޮހެމުން އަހަރެންގެ ހިތުގެ ހާލަތު އެކުވެރިޔާ އަށް އިއްވަ ދެވޭތޯ އަހަރެން ބެލީމެވެ. އަހަރެންގެ ދިރިއުޅުމުގެ ހިތްދަތިކަމާއި އަތީކުގެ ބޭވަފާތެރިކަން ބުނެދީގެން އެކުވެރިޔާގެ ފުރިހަމަ ހަމްދަރުދީ އަހަންނަށް ލިބުނުނެވެ. ނުލިބުނީ އިތުރަށް އެ ދިރިއުޅުމައިގެން އަހަރެން ކުރިއަށް ދާންޖެހޭ ކަމުގެ ހެޔޮ ނަސޭހަތެކެވެ. ޝައްކާއި ވަސްވާސްތައް ޔަގީނަށް ބަދަލުކުރަމުން އަހަރެންގެ މުޅި ސިކުނޑި ތަޣައްޔަރު ކުރަމުން އަހަރެން ދިޔައީމެވެ.

"ކީއްކުރަން ތިކަހަލަ ފިރިހެނަކާ އެކު ތިވަރަކުން ތިއުޅެނީ... މަ ނަމަ މިހާރު ހުރީހީ ވަރިވެގެން... ދުނިޔެއިން ފިރިހެނުން ހުސްވުމުގެ ކޮޅުމައްޗެއް ނޫނެއްނު މިއީކީ، ބަތްތަށީގެ އެއްފަޅިން ކާލަ ކާލަ ތިބޭކަށް!.. މަދީހާ ވެސް މާ ލޮނު މަޑު ވީމަ ތިހެން ތިވަނީ.. ތިވެސް ވަޒީފާ އަދާ ކޮށްގެން އަމިއްލައަށް ޚަރަދުކޮށްގެން އުޅޭ އަންހެނެއް ވިއްޔަ.. ގައިމު ވެސް މަ މިބުނީ މަނަމަ ނޫޅޭނަން އެކަހަލަ މީހަކާ އެއްކޮށެއް!" އަލީމާގެ އަޑުގައި ހުރީ ޔަގީންކަމެވެ. އެއީ އަހަރެންގެ ނުކެރުމުގެ މައްޗަށް އޭނާ ކޮށްލި މަލާމަތެއް ފަދަ އެވެ.

ޒާހިދާ ސައި ކޮޓަރީގެ ތެރެއަށް ވަދެގެން އައީ އެ ވަގުތު އެވެ. އަލީމާ ބުނި ވާހަކަތައް އަޑު އިވުމުން ނޫން ގޮތަކަށް އަހަންނަށް ބަލަން ހުރުމަށް ފަހު އަހަންނާ ޖެހިގެން އިން ގޮނޑީގައި އޭނާ އިށީންދެއްޖެ އެވެ.

"ކާކުގެ ވާހަކައެއް ތި ދައްކަނީ؟!.." ޒާހިދާއަކީ އަބަދުވެސް އަހަންނަށް ހެޔޮއެދޭ ގާތް އެކުވެރި އެވެ. އަހަރެންގެ ދިރިއުޅުން ނުބައި މިސްރާބަކާ ދިމާއަށް ދަތުރު ފެށުމުން ރަނގަޅު މިސްރާބަކަށް މަގުދައްކަ ދޭން ހުންނަ ހަމައެކަނި ރަހުމަތްތެރިޔާ އަކީ ވެސް އެއީ އެވެ. ވީގޮތް އަހަރެން ބުނެދިނީމެވެ. ލޮލުން ކަރުނަ އޮހޮރުވަމުންނެވެ.

"ކަމެއް ވާއިރަށް ކާވެނި ރޫޅާ ލުމަކީ ހައްލެއްނޫން.. އެކަހަލަ ކަންކަން ބޮލަށް ވައްދައިގެން ނުރަނގަޅު ފިޔަވަޅެއް ނާޅާތި! ދިރިއުޅުމުގަ ދިމާވާ ކަންކަން ހައްލު ކުރާނީ ދެ މީހުން ވާހަކަ ދައްކައިގެން!" ވަރީގެ ވިސްނުން އަހަރެންގެ ސިކުނޑި އަށް އަންނަ ކޮންމެ ފަހަރަކު ޒާހިދާ އެކަހަލަ ކޮންމެވެސް އެއްޗެއް އަހަންނަށް ވިސްނަދީގެން އަހަރެންގެ ނަފްސު ހަމައަކަށް އަޅުވައިދެއެވެ. ދެ ދަރިންގެ މުސްތަޤުބަލާ މެދު ފުންކޮށް ވިސްނުމަށް އޭނަ އަހަންނަށް ހަނދާންކޮށްދެއެވެ. ހަތިޔާރު ބަހައްޓައި އަމާންކަމުގެ ހުދު ދިދަ އެހާ ހިސާބުން އަހަރެން ނަގަމެވެ.

އެ ދުވަހު ޒާހިދާއާ އެކު ގެއަށް ދިޔަ މަގުމަތީގައި އިއްތިފާގުން ރާނިޔާ އާ ދިމާވި އެވެ. އަހަރެން ފެނުމުން އޭނަ އިސްޖަހާލި އެވެ. ފަހަރުގައި އަހަރެންގެ ޒީލަގަނޑު ފެނިފައި ހުރުމުން އަހަރެން ދެކެ އޭނަ ބިރުގަތީ އެވެ. އަތީކު އަޅައިގަނެގެން އުޅޭ އަންހެން ކުއްޖާ އަކީ އެއީ ކަމުގައި އަހަރެން ބުނީމެވެ. އެ ވަގުތު ޒާހިދާ ހީނލިތަން އަހަރެން ދުށީމެވެ.

އަހަރެން ގެއަށް ދިޔަ އިރު އަތީކު ގޭގައި އުޅެއެވެ. އަތީކުއަކީ ދަރިންނަށް ވަރަށް ހެޔޮ ބައްޕައެކެވެ. އަހަންނަށްޓަކައި ވަގުތެއް ހުސްކޮށް ނުދެވުނަސް ދަރިންނަށް ދޭންޖެހޭ ވަގުތު ބަރާބަރަށް އޭނަ ދަރިންނަށް ދެއެވެ.

"މިއަދު އެ ރާނިޔާ މާއަވަހަށް ގެއަށް ދިޔައީމަދޯ ތިހާ އަވަހަށް ގެއަށް ތިއާދެވުނީ؟!" ޝަކުވާ ނުކުރަން ހިތަށް އަރުވައިގެން ހުއްޓަސް އަތީކު ފެނުމާއެކު އަހަރެން ހަނދާންވީ ރާނިޔާގެ މަތިންނެވެ.

އަހަރެންގެ ސުވާލާ އެކު އަތީކު ޗޮކެއް ކަނޑާލިއެވެ. އެހިސާބުން އަހަރެމެން ދެ މީހުން ދެމެދު ޖެހިފައިވާ މައްސަލަގަނޑު ބޮޑުވެ، ޒުވާބު ފެށުނެވެ. އެ ޒުވާބު ނިމުނުއިރު ވަރީގެ ތާރީޚް ކަނޑައަޅައި ނިމިއްޖެ އެވެ. މާދަމާ އަކީ ވަރިއަށް އެދި އަހަރެން ކޯޓަށް ސިޓީ ލާނެ ދުވަހެވެ. އެ ވަގުތު ޒާހިދާގެ ފޯނު ކޯލެއް ލިބުނެވެ. މި ރެއަކީ އޭނާ އަށް ވަރަށް ޚާއްސަ ރެއަކަށްވާތީ، މި ރޭ އޮންނަ ކުޑަ ހަފްލާއަކަށް އެ ގެއަށް އައިސް ދިނުމުގެ ދައުވަތު އަހަރެމެން ދެމަފިރިންނަށް އޭނަ ދިނެވެ. އަތީކުއާ އެކު ދާން ބޭނުންނުވިޔަސް، ޒާހިދާއަށްޓަކައި އެ ހަފްލާ އަށް ދިއުމަށް އަހަރެމެން ނިންމީމެވެ.

ރޭގަނޑު އަށެއް ޖެހުމަކާ ގާތްވަނީ އެވެ. ވަރަށް ގިނަ ދުވަސްތަކަކަށްފަހު، އެރޭ އަހަރެން ރީތި ހެދުމެއް ލީމެވެ. އަހަރެންގެ ބައްޓަމާއި އުމުރާ ގުޅޭ އެ ހުދުމުގައި އަހަރެން ފެންނަކެއް ރީތިކަން އަހަންނަށް އެނގުނީ އެތައް އަހަރަކަށްފަހު އެރޭ އަތީކު ފުރިހަމަ ބެލުމަކުން އަހަންނާ ދިމާއަށް ބަލައިލީތީ އެވެ. އޭނާގެ ތަޢުރީފަކަށް ހިތް އެދުނަސް އޭނަ އެއްވެސް އެއްޗެއް ނުބުނެ ތިރިއަށް ދިޔަ އެވެ.

އެރޭގެ ހަފްލާ އޮތްތަނަށް ދެވުނު އިރު ގަޑިން އައްގަޑި ފަނަރަ ވެއްޖެ އެވެ. ޕާޓީ އަށް އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ވަދެގެން ގޮސް ހުހަށްހުރި މޭޒެއްގެ ދަށުގައި އަހަރެމެން އިށީންދެއްޖައީމެވެ. އިރު ކޮޅަކުން އަހަރެމެން ތިބި މޭޒާ ދިމާއަށް ރާނިޔާ ހިނގާފައި އަންނާތީ ދުށީމެވެ. ވަގުތުން އަހަންނަށް ތެދުވެވުނެވެ. އަތީކު އެއިން ގޮތަށް އިނެވެ. ރާނިޔާއަށްވުރެ ބޮޑަށް މިހާރު އޭނާގެ ނަޒަރު ހުއްޓިފައި އެހުރީ އަހަންނަށެވެ. ހޫނުވަމުން ދިޔަ ލެއާއެކު މިރޭ މިއެއްމެންގެ ތެރޭ ރާނިޔާ ލަދުގަންނަވާލަން އަހަރެންގެ ހިތްއެދުނެވެ. ނަމަވެސް އިތުރު އެއްޗެއް ބުނުމުގެ ކުރިން ޒާހިދާ އައިސް އަހަރެމެން ތިބި މޭޒު ދޮށަށް ހުއްޓިއްޖެ އެވެ.

"އޭނާ ކީކުރަނީތަ މިތަނުގަ؟!" ފޫހިވެފައި ހުއްޓަސް ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ.

އެވަގުތު ރާނިޔާ އަށް ބަލައިލުމަށްފަހު ޒާހިދާ ހިނިތުންވެލި އެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލަމުން އަހަރެމެންތިބި މޭޒު ދޮށުގައި އޭނަ އިށީނދެއްޖެ އެވެ. ދެން ރާނިޔާ އަށް ހަނާއަޅާލަމުން އެތަނަށް އައުމުގެ ދަޢުވަތު ދިނެވެ. ރީތި ހިނިތުންވުމެއް ރައްދުކުރަމުން ރާނިޔާ އައިސް ޒާހިދާގެ ގާތަށް ހުއްޓުނެވެ.

"މީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރާނިޔާ... އެހެރީ ރާނިޔާގެ ފިރިމީހާ.." ރާނިޔާގެ ގައިގައި އަތް ޖައްސާލަމުން ޒާހިދާ އެހެން ބުނެލިއަޑަށް އަހަރެންގެ މުޅި ނަފްސަށް ވެސް ހިމޭންކަން ވެރިވި ކަހަލަ އެވެ. ލަސްލަހުން ދުރުގައި ހުރި ޒުވާން ފިރިހެން ކުއްޖާ އަށް ބަލައިލުމަށްފަހު އަތީކުގެ މޫނަށް ބަލައިލެވުނެވެ. އެއިރު ނިތް އަރުވާލައިގެން ހެވިފައި އަހަރެންގެ މޫނަށް ބަލަހައްޓައިގެން އަތީކު އިނެވެ.

"ރާނިޔާގެ ދެމަފިރިންނަކީ ވަރަށް ލޯބިން އުޅޭ ދެމަފިރިން..." ޒާހިދާ އެހެން ބުނެލުމާ އެކު އަހަންނަށް ލަދުވެތިކަން އިހްސާސް ކުރެވުނެވެ.

ހިތަށް އެރި އެވެ. އަހަރެމެންގެ ހިތަށް އަރާ ކޮންމެ އެއްޗަކީ ތެދަކަށް ހަދަން ވެއްޖިއްޔާ މިއަށްވުރެ ބޮޑެތި ލަދުގައި ވެސް ބެދުނީހެވެ. ޝައްކާ ވަހުމުގައި ދިރިއުޅުން އޮޔާލަނީ އަހަރެމެންކަހަލަ ކިތައް މީހުން ހެއްޔެވެ؟ ވަސްވާސްތަކުން ހިތް ފުރުމުގެ ކުރިން ދެ މީހުން ވާހަކަ ދައްކައިގެން މައްސަލަތަކުގެ ހައްލު ހޯދުމަކީ ކިހާ މުހިއްމު ކަމެއް ހެއްޔެވެ؟ އެކުގައި އުޅުމަށް ދިހަ އަހަރަކީ މަދު ދުވަހެއް ނޫނެވެ. ކާވެންޏަކީ ޢުމުރު ދުވަހުގެ ދަތުރެކެވެ. އުންމީދުތަކާ ހަމައަށް ވާސިލްވެވޭނީ ދެ މީހުން އެއްވަރަކަށް އެ އުއްމީދުތައް ހާސިލް ކުރުމުގައި ބައިވެރިވެގެން ނޫންހެއްޔެވެ؟ އެ ދުވަހަށްފަހު ކޫސަނި މައްސަލަތަކުން އަހަރެމެންގެ ދިރިއުޅުން ސަލާމަތްކުރުމުގެ ދަތުރު އަހަރެމެން ފެށީމެވެ.

(ނިމުނީ)