ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖައްސާލައިފި

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖައްސާލައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


މި އަހަރުގެ ރޯދަ މަހު އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ. ނަމަވެސް ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، އެ މިސްކިތުގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައި ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު މިއަދު ވިދާޅުވި އެވެ.

"ކޮވިޑް އާ ގުޅިގެން މިސްކިތުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައި،" އަފްރާހު ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފްތާގެ ހުކުރު ދުވަހެވެ.

ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ.

ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.

މާވެޔޮ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކޮވިޑާ ގުޅިގެން މާލެ، ވިލިމާލެ، ހުޅުމާލޭގެ އިތުރުން މާލެ ކައިރި ސަރަހައްދުގެ ބައެއް ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން މި ދުވަސްވަރު ވަނީ މެދުކަނޑާލައިފަ އެވެ.