ރޯދަ މަހު ރަސްމީ މަސައްކަތު ގަޑިއަކީ 10 އިން 2 އަށް

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވިޔަސް ގޭގައި ތިބެގެން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މަސައްކަތު ގަޑިތައް ސަރުކާރުން ކަނޑައަޅައިފި އެވެ.


ރައީސް އޮފީހުން ބުނި ގޮތުގައި ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިިދިޔަ އަހަރުގެ ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ މަހު ވަނީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފަ އެވެ. ނަމަވެސް ކޮންމެހެން މުހިންމު މަސައްކަތްތަކަށް މަދު އަދަަދަކަށް މުވައްޒަފުން ބައެއް އޮފީސްތަކުން ނެރެ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މުޅި މާލެ ލޮކްޑައުން ކޮށްފައިވާއިރު ސަރުކާރުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ގޭގަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ގުޅިގެން ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ވިޔަފާރިތަކުގެ ވެސް މަސައްކަތު ވަގުތަށް ބަދަލު ގެނެ އެވެ.