ބާރަ މިލިއަން

ގުޅަން ޖެހޭ މީހާއާ ގުޅައިފި އެވެ. ދައްކަން ބޭނުންވި ވާހަކަތައް ދައްކައިފި އެވެ.


ބޮޑު ސިޓިން ރޫމުގެ ބޮޑު ގޮނޑީގައި އިށީދެ، ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި އޮތް ޗެކް ފޮތް އޭނާ ނެގި އެވެ. މިއީ އޭނާގެ ބޭނުމަށް ޗެކެއްގައި ސޮއިކުރާ ފުރަތަމަ ފަހަރެވެ. އަދަދެއްގެ ގޮތުގައި އޭނާ ޖެހީ ބާރަ މިލިއަން ރުފިޔާ އެވެ.

ބާރަ މިލިއަން ރުފިޔާގެ ޗެކެކެވެ.

ފިރިމީހާ

ރަހުމާ މުހައްމަދުގެ ހިތުގައި އޮތީ ލޯތްބެވެ. މީހަކަށް، ބަޔަކަށް ހިތާމަވެރި ކަމެއް ދިމާވެއްޖެ ނަމަ، އޭނާއަށް ރޮވެ އެވެ. އެއީ ތިމާގެ މީހެއްތޯ، ދުރު މީހެއްތޯ، އެހެން ގައުމެއްގެ މީހެއްތޯ، ތަފާތެއް ނެތެވެ. އޭނާގެ ހިތުގެ އިހުސާސްތައް އުތުރިއަރަނީ އިންސާނިއްޔަތަށްޓަކަ އެވެ.

ކައިވެންޏަކީ ވެސް އޭގެ ބައެކެވެ. އެކަމަކު ކައިވެނިކުރީ އޭނާ ހިތުންރުހުމުން ބޭނުންވެގެންނެވެ. މަޖުބޫރުކުރުމެއް ނެތެވެ. އޭގެ ފަހަތުގައި އޮތީ، ކެންސަރު ބަލީގައި މަރުވި ބައްޕައަށްޓަކައި އެހީތެރިވި މީހެއްގެ ހުށައެޅުން ކަމަށް ވިޔަސް، އެ ހުށައެޅުން ގަބޫލުކުރީ، މާލީ ހޭދައެއްގެ ބަދަލަކަށް އޭނާގެ ހަށިގަނޑު ދިނުން ކަމަށް ބަލައިގެންނެއް ނޫނެވެ.

ދުނިޔޭގައި އުޅެންޏާ ސަބަބުތައް ކުރިމަތިވާނެ އެވެ. އޭގެ ތެރެއިން ތިމާގެ ހަޔާތަށް ގެއްލުމެއް ނެތް، އެހެން މީހަކަށް ވެސް ގެއްލުމެއް ނެތް، ސަބަބެއް ކަމަށް ވަންޏާ، އޭގައި ހިފުން ބުއްދިވެރި އެވެ.

ރަހުމާ ވިސްނަނީ އެގޮތަށެވެ.

ފިރިމީހާ ނަސްރުﷲ އިސްމާއިލް އަކީ އާދައިގެ މީހެއް ނޫނެވެ. ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއެކެވެ. ރަހުމާއާ ބައްދަލުވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް އޭނާގެ މުއްސަނދިކަން ދިޔައީ މައްޗަށެވެ. ވިޔަފާރި އައީ ފުޅާވަމުން، ގިނަވަމުންނެވެ. އެތައް ބަޔަކާ އެކު އާ އެތައް އިންވެސްޓެއްކުރެ އެވެ.

ނަސްރު ކައިރިއަށް ރަހުމާ ދިޔައީ، ނަސްރުގެ ގާތް ރައްޓެއްސަކާ އެކު އެވެ. އެއީ މީގެ 20 އަހަރު ކުރި އެވެ. ބައްޕަ ހޮސްޕިޓަލްގަ އެވެ. ބޭރަށް ގެންދެވެން އޮތީ ބޭސްފަރުވާއަށް ބޭނުންވާ ވަރަށް ލާރި ލިބިގެންނެވެ. ހަފުތާއެއްހާ ދުވަސް ރަހުމާ ހިނގީ އެކި އޮފީސްތަކަށާއި އެކި ވިޔަފާރިވެރިންގެ ކައިރިއަށެވެ. ލަދުގަތަސް، ބައްޕައަށްޓަކައި، އެ ލަދު ފޮރުވައިގެންނެވެ. މީހަކު ކޮންމެ އެއްޗެކޭ ހިތަށްއެރިޔަސް، ހާލަތު އޮތީ، އޭނާ ފަދަ އާއިލާތަކަށް ފަސޭހައިން ރާއްޖެއިން ބޭރަށް ގޮސް ކެންސަރަށް ފަރުވާއެއް ހޯދޭ ފަދަ ގޮތަކަށެއް ނޫނެވެ.

ދީލަތި މީހުން ދިއްކޮށްލާ އެހީގެ އަތުގައި ހިފުން، ދިރިހުރުމަށްޓަކައި އޭރު މަޖުބޫރެވެ. ހިތުން ރުހުމުން އެހީއެއް ދޭން ބޭނުން ނުވާ އެތައް ބައެއް ކައިރިއަށް ވެސް ދެވުނެވެ.

ނަސްރަކީ އޭނާ އެންމެ ފަހުން ބައްދަލުކުރި މަހުޖަނެވެ. އެދުވަހު ނަސްރު އޭނާއާ ވާހަކަ ދެއްކީ ވަރަށް ހިތްހެޔޮކަމާއި ހަމްދަރުދީއާ އެކު އެވެ. ބައްޕަގެ ބޭހަށް ބޭނުންވާ ގާތްގަނޑަކަށް މުޅި ހަރަދު ކަހަލަ ގޮތަކަށް، ނަސްރުގެ އެހީން ހަމަޖެހުނެވެ.

އެކަމަކު ނަސީބުގައި ނެތީ ބައްޕަގެ އުމުރެވެ. އެ ހުރިހާ ހޭދައަކާ އެކު ވެސް، ބައްޕަގެ ހަށިގަނޑަށް ކެންސަރުގެ ވަކިތަކުން ސަލާމަތެއް ނުވެވުނެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި، އިންޑިއާގެ ބެންގަލޫރުގައި، ބައްޕަ މަރުވި އެވެ.

ނަސްރުގެ އަންބަކާއި ތިން ކުދިން ތިބެ އެވެ. ރަހުމާ ހުރީ، އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނު ގޮތަށް މީހަކާ ނީދެ އެވެ. ކުއްޖަކު ވެސް ނެތެވެ. އެހެންކަމުން ކައިވެނި ކުރަން ބޭނުން ވާހަކަ ނަސްރު ބުނުމުން އޭނާ އެކަން ގަބޫލުކުރި އެވެ. އޭރު އޭނާގެ ދިރިއުޅުން ހަމަޔަކަށް އަޅުވައި، ހިތާމަތައް ފިލުވާލަން ރަނގަޅު ފިރިއެއްގެ އެހީތެރިކަން އޮތީ ބޭނުންވެފަ އެވެ.

ދޮށީ އަނބިމީހާގެ މައްސަލައެއް އޮތްތޯ، ނަސްރުއާ އޭނާ ސުވާލުކުރި އެވެ. އޭގެ ޖަވާބު ދިނީ، ނަސްރުގެ ބަދަލުގައި އޭނާގެ އަނބިމީހާ އެވެ. އެހެންކަމުން ނަސްރުއާ ރަހުމާ ކައިވެނިކުރީ، އެހެން މީހެއްގެ ހިތްބަރުކަމެއް ނެތި، ހަސަދަވެރިކަމާ ވެސް ކުރިމަތިވުމަކާ ނުލައި، ހިތްހަމަޖެހިގެން ހުރެ އެވެ.

ފިރިމީހާ އޭނާއަށް ވަރަށް ރަނގަޅެވެ. އެހާމެ ލޯބިވެތި އެވެ. ދެ ޖިންސްގެ ދެ ކުދިން ލިބުނެވެ. ދެބެން މިހާރު ކިޔަވަމުން ގެންދަނީ ޖަރުމަނުގަ އެވެ.

ހިތުގައި އުތުރިއަރާ ލޯބި

ދިރިއުޅުމަކީ، ރަހުމާ ގަބޫލުކުރާ ގޮތުގައި، ހަމައެކަނި ތިމާ އާއި ތިމާގެ އާއިލާގެ އުފާތަކަށް ބެލުމެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެ ލޯބި ފެތުރިގެންވެ އެވެ. ތިމާގެ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި އަވަށްޓެރިންނާއި، މުޖުތަމައުގެ އެކި ފަންތީގެ މީހުންނާއި މުޅި ގައުމެވެ.

އެކަމަކު ފިރިމީހާގެ ހިޔާލު ތަފާތެވެ. ދެ މީހުންގެ މެދުގައި ޒުވާބު އުފެދެނީ އެކަމާ ހެދި އެވެ. ނަސްރުގެ މުއްސަނދިކަމާ އަޅާބަލާ އިރު ދީލަތިކަން، އެއްގޮތަކަށް ވެސް ނެތޭ ބުނާހާ ކުޑަ އެވެ. އެހެންކަމުން މީގެ 20 އަހަރު ކުރިން ރަހުމާއަށް އޭރުގެ ނިސްބަތުން އެ ބޮޑު އެހީތެރިކަންވީ، ދީލަތިކަމަކަށް ވުރެ، ރަހުމާގެ އަންހެންވަންތަކަމަށް ހިތް ލެނބިގެންކަން އޭނާއަަށް ޔަގީންވެ އެވެ.

އެކަމަކު އެއީ ކައިވެންޏަށް ފަހު ދައްކަން ރަނގަޅު ވާހަކަތަކެއް ނޫނެވެ. އެހެންކަމުން، އެ ތަޖުރިބާގެ ހަނދާންތައް އާކުރުމަށް ވުރެ ބޮޑަށް، ރަހުމާ ވިސްނައިދޭން އުޅެނީ، ފައިސާ ގިނަވުމަކީ މި ދުނިޔޭގެ ހަމައެކަނި އެދުމަށް ނުހެދުމަށެވެ. އެކަމަކު ނަސްރުގެ ނަޒަރުގައި އޭނާގެ މަސައްކަތުން ހޯދާ އެއްޗެއް އެހެން ބަޔަކަށް ދޭކަށް ނުޖެހެ އެވެ. ކޮންމެ މީހަކު ވެސް މަސައްކަތްކޮށްގެން ލާރި ހޯދަންވީ އެވެ.

އެއީ ރަހުމާ އެންމެ ރުޅިއަންނަ ވާހަކަ އެވެ. ދުނިޔޭގައި މުއްސަނދިންނާއި ފަގީރުން ލައްވާފައި ވަނީ ސަބަބުތަކެއް އޮވެގެންނެވެ. ދުނިޔޭގައި އެކި މީހުންނަށް ހިތްދަތި އަދި ބަދުނަސީބު ކަންކަން ދިމާވަނީ ސަބަބުތަކެއް އޮވެގެންނެވެ. އެއީ މުއްސަނދިން، އެ ސަބަބުތަކުގެ ތެރެއަށް ވަންނަ ހިސާބެވެ. އެމީހުންގެ ގިނަވެފައި ހުރި ފައިސާ ހޭދަކުރަން ޖެހޭ ވަގުތު ގުޅިފައި އޮންނަނީ އެހެން އިންސާނުންގެ ހަޔާތުގެ ބަދުނަސީބާ އެވެ.

އެކަމަކު އެފައިސާ ހޭދަނުކުރާ ނަމަ، މުޅި މުޖުތަމައު ހަލާކުވެދެ އެވެ. ބަދުނަސީބުވެރިންގެ ހާލު ދުވަހަކަށް ވުރެ ދުވަހެއްގައި ދަށަށް ދެ އެވެ. އެތައް ގެއެއް ކަރުނައިން ފޯވެ އެވެ. އެތައް ކުދިންނެއް ރޮއިރޮއި ހިނދެ އެވެ. ބޮޑެތި ފިރިހެނުން ހަދާނެ ގޮތެއް ނެތި، ކޮސް ގޮވާ ހިސާބަށް ދެ އެވެ. މުޅި ދުވަހު ކުރާ މަސައްކަތުން ދުވަހުގެ ހަރަދުތައް ނުބެލެހެއްޓޭ ވަރަށް އެ މީހުން ނިކަމެތިވީ ކީއްވެތޯ ސުވާލުކޮށް، ޝަކުވާކުރަން ބޭނުން ނުވިޔަސް، އެ ބަސްތައް ބޭރުވެ އެވެ.

ކޮރޯނާވައިރަސް ދުނިޔެއަށް ފާވެފައި މިހާރު އޮތީ، ނިކަމެތިން އިތުރަށް ނިކަމެތިވެ، ކުރިން ރަނގަޅު އާމްދަނީއެއް ލިބެމުން އައި މީހުން ފަގީރުވެ، ހަމައެކަނި މުއްސަނދިންނަށް ސަލާމަތްވެވޭވާ އަނިޔާވެރިކޮށެވެ. އެމީހުންގެ އަތުގައި ލާރި ހުރުމުން، ކިތައްމެ އަގުބޮޑުކޮށް ވެސް އެއްޗެއް ގަނެވިދާނެ އެވެ. އެމީހުން ގެދޮރު ހުރުމުން، ކުލި ދެއްކުމުގެ ބުރައެއް ނެތެވެ. އޭގެ ބަދަލުގައި މި ވަގުތު ވެސް އެ މީހުންގެ ޖީބަށް ލާރި ހުންނާނީ ވަދެވަދެ އެވެ.

އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. މަހު މުސާރަ ނުލިބުމަކީ ގޭގެ ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތުމެވެ. ނަސްރުގެ ކުންފުނިތަކުން ވެސް އެތައް ބަޔަކު ވަކިކޮށްފި އެވެ. ތިން މަހުގެ މުސާރައިން ދެ ބައި ކުޅަ އެއްބައި ދީފަ އެވެ. އެކަމަކު ތިން މަހު ފުލް މުސާރަ ދޭހާ ފައިސާ ވެސް ނަސްރުގެ އަތުގައި ހުންނާނެކަން އޭނާއަށް ޔަގީނެވެ.

ރަހުމާގެ ނަމުގައި ހުޅުވާފައި އޮތް އެއް އެކައުންޓަށް ނަސްރު ފައިސާ ޖަމާކުރަނީ، އަނބިމީހާއަށް ދިނުމުގެ ނިޔަތަކު ނޫނެވެ. އޭނާގެ އަމިއްލަ ސަލާމަތަށެވެ. އެކަން ރަހުމާއަށް އެނގެ އެވެ. އެ އެކައުންޓުން ދޭތެރެ ދޭތެރެއިން ނަސްރު ފައިސާ ނަގަ އެވެ. ރަހުމާއަށް އޮންނަނީ އަދަދު ޖެހުމާއި ޗެކްގައި ހަމައެކަނި ސޮއިކޮށްލުމެވެ.

މިއީ ނަސްރުމެން ކަހަލަ މީހުންނަށް މާތް ﷲ މެދުވެރިކުރެއްވި އެންމެ މާތް ވަގުތުކަން، ކިތައްމެ ފަހަރަކު ރަހުމާ ބުނެފި އެވެ. ގާތް މީހުންގެ ހާލު ބަލައި، އެހީތެރިވާން އެދެފި އެވެ. މުވައްޒަފުންނަށް އިތުރު އެހީއެއް ދޭށޭ ވެސް ބުނެވިއްޖެ އެވެ. ނުވަތަ ސަރުކާރުން ބޭނުންވަނީ ކޮން ކަމެއްތޯ އޮޅުންފިލުވާލާށޭ ކިޔައިގެން ވެސް އާދޭސްކުރެވިއްޖެ އެވެ.

ނަސްރު ހިތުގައި އެ ލޯތްބެއް ނެތެވެ. އެކަމަކު ކޮންމެ ރޯދަމަހަކާ ދިމާކޮށް، ބޭރުން ގެންނަ އަގުބޮޑު ކަދުރު، ހަދިޔާއެއްގެ ގޮތުގައި ސަރުކާރުގެ ބޮޑެތި މީހުންނަށް ފޮނުވުމަކީ ފިރިމީހާގެ އާދައެކެވެ. އެހާމެ ރީތިކޮށް ޕެކްކޮށްފައި ހުންނަ އޭގެ ކަދުރު ފޮއްޓެއް، އާދައިގެ މީހަކަށް ފެނިފައި އޮވެދާނެހެން ވެސް ހިއެއްނުވެ އެވެ. މިފަހަރު ވެސް އެ ކަދުރު ހުރީ ގެނެސްފަ އެވެ. ރަހުމާގެ ކާ މޭޒު މަތީގައި ވެސް އޭގެ ފޮއްޓެކެވެ.

ފިރިމީހާގެ ނިޔަތަކީ އަމިއްލަ އެދުމެވެ. އެކަމަކު ރަހުމާގެ އަމިއްލަ އެދުމެއް ނެތެވެ. މީޑިއާތަކުން ކޮންމެ ދުވަހަކު އެ ފަތުރާ ހިތާމަވެރި ޚަބަރުތަކުން އޭނާގެ ހިތް ރޮއްވާލައިފި އެވެ. ސަރުކާރަށް އޮބިނޯވެގެން ދާއިރު ވެސް ރަނގަޅަށް ކަންކަން ކުރެވޭތޯ އެ ކުރާ މަސައްކަތާއި، ދުވާލު ހަތަރުދަމު ގައުމަށްޓަކައި އެ އުޅޭ މީހުންނާ މެދު ވިސްނާލުމުން އޭނާގެ ގައުމީ ޖޯޝް އުތުރިއަރަން ފަށައިފި އެވެ. މިއީ އޭނާގެ ވަގުތެވެ. މިއީ އޭނާއަށް ލިބުނު ފުރުސަތެވެ. ދިވެހި ރައްޔިތުން މިއަށް ވުރެ ނިކަމެތި ހާލަތަކަށް ނުވެއްޓޭނެ އެވެ.

ޗެކްގައި ސޮއިކޮށް، ހަމަ އެދުވަހު، އެ ހަވާލުކުރަންވާ ފަރާތަށް ފޮނުވި އެވެ.

ޝުކުރުގެ ފޯން ކޯލް

ނަސްރު ގެއަށް ވަދެ ރަހުމާއަށް ގޮވާލި އެވެ. އޭނާ ބަދިގެ ތެރެއިން ނުކުތެވެ. ފިރިމީހާ އޭނާ ކައިރިއަށް އައިސް ހުއްޓުނެވެ. ރުޅިއައިސް ހުރިލެއް ބޮޑުކަމުން، އަނގަ ހުޅުވާލެވޭ ގޮތެއް ވެސް ނުވި އެވެ. އެކަމަކު އިރުކޮޅެއް ފަހުން ވާހަކަ ދައްކަން ފެށި އެވެ.

"އަހަރެންގެ ލާރި ކަލޭ ބޭނުން ބަޔަކަށް ނުދެވޭނެ. އެއީ އަހަރެން މަސައްކަތްކޮށްގެން، އަހަރެން ހޯދި ލާރި،" ހަޅޭއްލަވައި ފާޑަކަށް، ނަސްރު ބުންޏެވެ.

ދެން އިތުރު ވާހަކައެއް ނުދައްކަ އެވެ. ރަހުމާއާ ދިމާއަށް ބަލަން ހުރެފައި، ގެއިން ނުކުމެގެން ދިޔައީ އެވެ.

އޭނާއާ ދިމާއަށް "ކަލެ"އޭ ގޮވި ފުރަތަމަ ފަހަރަކީ މި އެވެ. އެވަރު ރަނގަޅެވެ. އޭނާ ހީކުރީ އެއަށް ވުރެ ބޮޑުވަރުކޮށްލާނެ ކަމަށެވެ. ނަމަވެސް ނަސްރުގެ ފަރާތުން ދިން އެހާ ބޮޑު އެހީއަކަށް ފަހު، އަނބިމީހާ ވަރިނުކުރާނެކަން އޭނާއަށް ޔަގީނެވެ. އެފަދަ ކަމެއް ކޮށްފިއްޔާ، ސަރުކާރުގެ ބޮޑުންނާއި މަހުޖަނުންގެ ތެރޭގައި އޮންނާނީ އެ ވާހަކަކަން ވެސް، ރަހުމާއަށް އެނގެ އެވެ. އެހެންކަމުން ރުޅިއައުން ނޫން އެހެން އިހުތިޔާރެއް ނަސްރަކަށް ނެތެވެ.

ފިރިމީހާ ކުއްލިއަކަށް ގެއަށް އައީ، އެ ދީލަތި އެހީއަށްޓަކައި، ރަސްމީކޮށް އޭނާއަށް ގުޅައި، ޝުކުރު އަދާކުރުމާ އެކު އެވެ. އެކަމަކު އެއީ ނަސްރަށް ލިބުނު ޝޮކެކެވެ. އޭނާގެ ފައިސާގެ ތެރެއިން، ދުނިޔެވީ އެއްވެސް ފައިދާއެއް ނުލިބި، އެއްފަހަރާ ބާރަ މިލިއަން ރުފިޔާ މަދުވުމަކީ ނަސްރުގެ ހިތަށް ވެސް އަރާނެ ކަމެއް ނޫނެވެ.

އެކަމަކު އެކަން އެ އޮތީ ވެފަ އެވެ.

ސިޓިން ރޫމްގެ މޭޒު މަތީގައި އޮތް ރަހުމާގެ ފޯނު ރިންގުވާން ފެށި އެވެ. އޭނާ ގޮސް ބަލައިލި އިރު، ނަންބަރެއް ނާރަ އެވެ. އޭނާ ނެގި އެވެ.

"ރަހުމާތޯ؟" ފިރިހެނެއްގެ އަޑެވެ.

"އާދެ!" އެއީ ކާކުކަން ރަހުމާއަށް އެނގުނެވެ. އޭނާ ކުޑަކޮށް ޖެހިލުން ވެސް ވި އެވެ.

"އަޅުގަނޑު މިއަދު ފިރިކަލުންނާ ވެސް ގުޅާ، ޝުކުރު ދެންނެވިން. ދިވެހި ވިޔަފާރިވެރިއެއްގެ ފަރާތުން އެކަހަލަ އެހީއެއް އަދި އަޅުގަނޑުމެންނަކަށް ނުލިބޭ. އަޅުގަނޑު ހިތަށްއެރީ މި އެހީ ދެއްވުމުގައި ރަހުމާއޭ އިސްނަންގަވާފައި އޮތީ،" ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ތި ވިދާޅުވީ ރާއްޖޭގެ އެއްވެސް މުއްސަންޖަކު އެހީއެއް އަދި ނުވާ ވާހަކަތޯ؟" ރަހުމާ ސުވާލުކުރި އެވެ.

"އާދެ، ތި ގޮތަކަށް އެއްވެސް އެހީއެއް ނުލިބޭ. ދެން މި ދަނޑިވަޅުގެ ގޮތުން އަޅުގަނޑުމެން އިސްނަގައިގެން ބޭނުމެއް ނުވޭ އެކަހަލަ ކަމަކަށް އެދޭކަށް ވެސް. އެކަމަކު ކިތައްމެ ކުޑަ އެހީއެއް ލިބުނަސް އަޅުގަނޑުމެން ބޭނުން. ވަރަށް ބޮޑަށް ޝުކުރިއްޔާ، އިނގޭތޯ. ބާއްޖަވެރި ދުވަހަކަށް އެދެން. ރަމަޟާން މުބާރަކް،" އެހެން ބުނެފައި ފޯނު ބޭއްވި އެވެ.

ރަހުމާއަށް ހުރެވުނެވެ. އޭނާ ހީކުރީ، އިއުލާންނުކުރިޔަސް، އެތައް ބަޔަކު މިހާރު އެކި ގޮތްގޮތުން މާލީ އެހީވާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫންތާ އެވެ. މި ހުރިހާ ދުވަހު، މިކަހަލަ ހުއްޓުމެއް ނެތި، މުއްސަނދިވި އެންމެން އެ ތިބީ، އެހެންވިއްޔާ، އެމީހުންގެ ހިތުން އެންމެ ނިކަމެތި މީހާއެކޭ އެއްފަދަ ހާލަތެއްގައިތާ އެވެ. އެކަމަކު އެމީހުންގެ އެކައުންޓްތަކާއި އަނބިންގެ އެކައުންޓްތައް ފުރިފައި ހުރީ ފައިސާއިންނެވެ.

ނަސްރުގެ ހާލަތު ރަހުމާއަށް އެނގެ އެވެ. އެހެންކަމުން ފިރިމީހާގެ މުއްސަނދިކަމުން ބާރަ މިލިއަން ރުފިޔާ މަދުވުމަކުން މާ ބޮޑު އެނގުމެއް ނުވާނެކަން އޭނާއަށް ޔަގީނެވެ.